“ފަސްބައިވެރީންގެ ތޯ؟ ނުވަތަ ފަސް ބައިވެރީންގެ ތޯ؟” މި ސުވާލުގެ ޖަވާބާއި މެދު މާބޮޑު ބަހުސެއް ނެތް ދޮގެއްތޯއެވެ. ނަމަވެސް އަޅުގަނޑަށް މި ލިޔުންކޮޅު ލޮލުގައި އަޅައިގަތީ ވަރަށް މުހިންމު ސަބަބެއް އޮވެގެންނެވެ.

“ސަލާމް! ވަސީމް!..
ފަސްބައިވެރީންގެ ހުނަރު”ދައްކުވައިދީފައި” އެއް ނޫން.
ފަސް ބައިވެރީންގެ ހުނަރު”ދައްކައި ދީފައި” މިހެން ވިދާޅުވޭ!”

މަތީގައި އެވަނީ ނިމިދިޔަ މޯލްޑިވިއަން އައިޑަލް ޝޯގެ ކޮޮންމެވެސް އެޕިސޯޑެއްގައި ޝޯ ގެ އެއް ޕްރެޒެންޓަރ މޫސާ ވަސީމް އަށް ބޭނުންކޮށްލެވުނު ކުށް ޖުމްލައެއް ރަނގަޅަށް ބޭނުންކުރަންވީ ގޮތް، ދިވެހި ބަހުގެ އުސްތާޒެއްގެ ފަރާތުން ބުނެދެއްވާފައި އޮތް ބުނެދެއްވުމެކެވެ. އާދެ، ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ ގެ ކުޑަކުޑަ ދަރުސެކެވެ.

ފޭސްބްކް މެދުވެރިކޮށް މޫސާ ވަސީމަށް އަމާޒުކުރައްވައި އަޝްރަފް ދެއްވި މެސެޖަކީ ދިވެހިބަހުގެ އަހުލުވެރީންނަށް އާއްމުކުރައްވައި ދެއްވި މެސެޖެކެވެ. އަޅުގަނޑުގެ ލޮލުގައި މިކަން އަޅައިގަތީ ރާއްޖޭގެ ބައެއް ޓީވީ ޕްރެޒެންޓަރުން މި ޕޯސްޓަށް ދީފައިވާ ރައްދު ޖަވާބު ގެ ސަބަބުންނެވެ.

ދީފައިވާ ޖަވާބުތަކުން ފެނިގެންދަނީ އުސްތާޒުންނަށް ޤަދަރުކުރުމުގެ ރީތި ސިފައާއި އޭގެ އިދިކޮޅެވެ. ގޯހެއް ހެދުނުކަން އަނެކާ ބުނެދިނުމުން އެކަން ޤަބޫލުކުރުމުގެ ރިވެތި ސިފައާއި އޭގެ އިދިކޮޅެވެ. ޕްރޮގްރާމް ހުށައެޅުމުގައި ކޮންމެ ގޮތަކަށް ދިވެހިބަސް ބޭނުންކުރުމާއި ނުކުރުމުގެ މުހިންމުކަން އެކިއެކި ފަރުދުންނަށް މުހިންމު ވާ މިންވަރާއި މުހިންމު ނުވާ މިންވަރެވެ.

އެގޮތުން އެއް ޕެރެޒެންޓަރަކު ބުނެފައިވަނީ “ބެލުންތެރިންނަށް ގެޓް ވެއްޖެ މޫސާ ވަސީމް މުޙައްމަދު އެބުނި އެއްޗެއް. އެހެންވީމާ އެ ނިމުނީ 

އެއަށް ރައްދެއް ދެއްވަމުން އަޝްރަފް ޢަލީ ވިދާޅުވަނީ އެއްޗެއް ފަހުމުވުމާ އެ އެއްޗެއް ބުނަންވާ ގޮތަށް ބުނުމުން ފަހުމުވާ ފަހުމުވުމާ ހުރޭ ވަރަށް ބޮޑު ތަފާތެއް.

އެހެން ބޭފުޅަކު ރުންކުރު ރައްދެއް ދީފައިވާ ޕްރެސެންޓަރަށް ރައްދު ޖަވާބެއްގެ ގޮތުން ބުނެފައިވަނީ “އިންގްލިޝް އިން އެއްޗެއް ބުނަން ވީމާ ކުށެއް ކީދާނެތީ ކޮންމެ މީހަކު ހުންނާނީ އެކަމާ ވިސްނަ ވިސްނާ، އެކަަމަކު ދިވެހި ބަހުން އެއްޗެއް ބުނަން ވީމާ، ކުށެއް ކީދާނެ ކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ.” މިހެންނެވެ.

އަނެއްކާވެސް އެހެން ޕްރެޒެންޓަރެއް ދީފައިވާ ރައްދެކެވެ. “ތި އާލާތްވަރުގެ ހުނަރު ދައްކުވައިދީފި އޭ ބުންޏަސް ބެލުންތެރިންނަށް ފަހުމުވާނެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން. ރަނގަޅު ގޮތަށް ބުނުން އެއީ އެންމެ ރަނގަޅު ގޮތް.”

އުސްތާޒު އަޝްރަފް ޢަލީ ކުރެއްވި ޕޯސްޓް ސީދާ އަމާޒުވި ޕްރެޒެންޓަރު މޫސާ ވަސީމް ގެ ރައްދު ޖަވާބު ފެނިފައި ހަމަ ގައިމުވެސް އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

“އާދެ، ދެން ފަހަރަކުން އަޝްރަފް ސަރ” މިއީ ކުރިން އަޅުގަނޑު މި ދެންނެވި ފަދައިން ކުށެއް ކިޔުމުން އެ ކިޔުނީ ކުށެއްކަން ޤަބޫލުކުރުމުގެ ނަމޫނާ ސިފަ ދައްކުވައިދިން ކުރުކުރު ޖުމްލައެކެވެ. އުސްތާޒުންނަށް އަދަބު އިޙްތިރާމު ކުރުމުގެ މިސާލީ ނަމޫނާއެކެވެ. ވަޒީފާގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދިން ރީތި އަދާއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.