މުނިއަވަސް ރަހަފަތުގައި މިއަދު މިގެނެސްދެނީ ކުކުޅު ރޮށި (ޗިކަން ބްރެޑް) ތައްޔާރުކޮށްލާނެ ގޮތެވެ. ޗިކަން ބްރެޑަކީ ފުށްގަނޑެއްގެ ތެރެއަށް ޚާއްޞަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކުކުޅުމަސް އަޅައި ފުށްގަނޑު ރީތި ޑިޒައިނަކަށް ގަތާލާފައިވާ، ބަލައިލަން ރީތި އަދި އެހާ ރަހަވެސް ރަނގަޅު ކެއުމެކެވެ. މިއަށް ޗިކަން ބްރެޑް ކިޔިޔަސް މީގައި ޕާނެއް ބޭނުމެއް ނުކުރެއެވެ.

ބޭނުންވާނެ ތަކެތި:

ފުށްގަނޑު ތައްޔާރުކުރުމަށް

– 2 ޖޯޑު ގޮދަންފުށް

– 1 ½ ސައިސަމުސާ ކަމީރު (ޔީސްޓް)

– 1 ½ ސައިސަމުސާ ހަކުރު

– 1 ސައިސަމުސާ ލޮނު

– ¼ ޖޯޑު ކިރު

– 5-6 މޭޒުމަތީސަމުސާ ތެޔޮ

– 5-6 މޭޒުމަތީސަމުސާ ފެން (ނުވަތަ ބޭނުންވާ ވަރަށް ފެން)

ހަވާދުލީ ކުކުޅު ތައްޔާރުކުރުމަށް

– 2 މޭޒުމަތީސަމުސާ ބަޓަރު

– 2 މޭޒުމަތީސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި)

– ¼ ޖޯޑު ގޮދަން ފުށް

– 1 ޖޯޑު ކިރު

– ½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

– ½ ސައިސަމުސާ ލޮނު

– 1 ½ ޖޯޑު ކުކުޅު (ފެނުކައްކާ ގާނާފައި)

– 2 މޭޒުމަތީސަމުސާ ކޮތަންބިރި ފަތް

– 2 މޭޒުމަތީސަމުސާ ކެޕްސިކަމް

– 2 މޭޒުމަތީސަމުސާ ޒައިތޫނި

އެއްކުރާނެ ތަކެތި:

– 1 ކުކުޅު ބިހަށް + 1 މޭޒުމަތީ ސަމުސާ ކިރު

– ތިލެޔޮކޯޅި (ސެސަމީ ސީޑްސް) – ބޭނުން ނަމަ

ފުށްގަނޑު ތައްޔާރުކުރާނެ ގޮތް:

1- ބޯތަށްޓެއްގެ ތެރެއަށް ގޮދަން ފުށް، ކަމީރު، ހަކުރު އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ފުށްގަނޑު ތެރޭގައި ވަޅުކޮޅެއް ހެދުމަށްފަހު ކިރާއި ތެޔޮ އެއްކުރަމުން އަތުން ފުށްގަނޑު މޮޑެލާށެވެ. ބޭނުން ނަމަ ތާފަނާ ފެންފޮދެއް ޖަހައިގެން ހުރިހައި އެއްޗެއް އެއްވާންދެން ރަނގަޅަށް މޮޑޭށެވެ.

2- ފުށް ގުޅަ ނެގުމަށްފަހު ތެޔޮފޮދެއް ގުޅައިގާ ތެޔޮ ހާކައި، 1 ގަޑިއިރާއި ދޮޅުގަޑި އިރާއި ދެމެދުގެ ވަގުތެއްގައި ކުޑަކޮށް ހޫނުތަނެއްގައި ބާއްވާށެވެ. އެއަށްފަހު އަނެއްކާވެސް ފުށްގަނޑު މޮޑެލައި ބަންދުކޮށްލުމަށްފަހު 30 މިނެޓް ބާއްވާށެވެ. މިހާރު އެއޮތީ ފުށްގަނޑު ތައްޔާރުކުރެވިފައެވެ.

ހަވާދުލީ ކުކުޅު ތައްޔާރުކުރާނެ ގޮތް:

1- ލޮނާއި އަސޭމިރުސް ލައިގެން ފެންފޮދެއްގައި ކުކުޅު ކައްކާށެވެ. ކުކުޅު ކެކުމުން ކުކުޅުމަސް ގާނާފައި ބަހައްޓާށެވެ.

2- ތާހެއްގެ ތެރެއަށް ބަޓަރުކޮޅު އަޅައި އުނދުނަށް އުދާފައި ބަޓަރުކޮޅު ވިރުވާލާށެވެ. ބަޓަރުކޮޅު ވިރުމުން ފިޔާކޮޅު އަޅައި ފިޔާ ވަޅޯކޮށްލާށެވެ.

3- އުނދުން މަތީގައި ހުރި ތާހުގެ ތެރެއަށް ގޮދަން ފުށްކޮޅު އަޅައި ކުލަ ބަދަލުވާންދެން ބަހައްޓާލާށެވެ.

4- އުނދުންމަތިން ތާސް ބޭލުމަށްފަހު ތާހުގެ ތެރެއަށް ކިރު އެޅުމަށްފަހު ރަނގަޅަށް ގަށާށެވެ. ފުށްގަނޑު ގުޅަވެށުނަ ނުދޭށެވެ.

5- ތާހުގެ ތެރެއަށް ކައްކާފައި ގާނާފައިހުރި ކުކުޅުކޮޅު، ކޮތަންބިރި ފަތް، ކެޕްސިކަމް، ޒައިތޫނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މީގެ ތެރެއަށް ބޭނުން ވައްތަރެއްގެ ތަރުކާރީއެއް ކުދިކޮށް ކޮށާފައި އެޅިދާނެ އެވެ.

އެއްކޮށްލުން:

1- ރޮށިދަމާ އެއްޗަކުން ފުށްގަނޑު ހަތަރެސްކަން ބައްޓަމަށް ދަމާލާށެވެ.

2- ފުށްގަނޑުގެ މެދަށްވާގޮތަށް ތައްޔާރުކޮށްފައިވާ ހަވާދުލީ ކުކުޅު އަޅާށެވެ.

3- ފުށްގަނޑުގެ ދިގަށް އޮތް ދެއަރިމަތީގައި ވަޅިން ޅިޔައަޅާށެވެ. ފޮޓޯއިން އެ ފެންނަގޮތަށް ގަތާލާށެވެ.

4- ބޭކިންގ ޓްރޭއެއްގައި ތެޔޮފޮދެއް ހާކައި، ޗިކަން ބްރެޑް ތައް އަތުރާށެވެ. ޗިކަން ބްރެޑް މަތީގައި ގިރާފައި ހުރި ބިސްކޮޅު ހާކާލައި ޒައިތޫނިކޯޅި (ސެސަމީ ސީޑްސް) އެޅުމަށްފަހު ފިހާށެވެ. އަވަން ހުންނަންވާނީ 180 ޑިގްރީ އަށް ހޫނުކޮށްފައެވެ. 20-25 މިނެޓް ވާންދެން ފިހަން ބަހައްޓާށެވެ.

5- މިހާރު އެހެރީ ކުކުޅު ރޮށި (ޗިކަން ބްރެޑް) ފިހެވިފައެވެ. ކާން އެންމެ ރަނގަޅުވާނީ ހޫނުކޮށް ހުއްޓައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.