މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، އެކްޓް ކުރާ ފިލްމް ‘ލީނާ’ ރިލީޒް ކުރާނެ ތާރީޚެއް ވޯރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފަހުން ހާމަކުރާނެކަމަށް މުއާ ބުނެފިއެވެ.

ރޭ ރާއްޖެޓީވީ އިން ގެނެސްދިން ‘ޗުކުޗުކު’ ޕްރޮގްރާމްގައި މުއާ ބުނީ ވޯރލްކަޕް ގެ ފަހުން ޑޭޓެއް އިއުލާނުކުރާނެ ކަމަށެވެ.

ފިލްމްގެ ނަން ދެވިފައިވާ ‘ލީނާ’ ގެ ކެރެކްޓަރ އިން ފެންނާނީ ޒުވާން ބަތަލާ މަރިޔަމް އައްޒަ އެވެ. އަޒްލީނާގެ މަރުގެ ޤާތިލް ޒުހައިރްގެ ކެރެކްޓަރ ކުޅެނީ ޢަބްދުﷲ މުއާޒެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ނިމާލް، ނުޒުހަތު ޝުއައިބް (ނުޒޫ)، އަލީ އާޒިމް (ދޮންއައްޔަ)، އަދި އަހުމަދު ސައީދު ހިމެނެ އެވެ.

އަބްދުﷲ މުއާޒު (މުއާ) އާއި ސައްހާޔް އައްބާސް ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމު ޝޫޓްކޮށްފައިވަނީ އއ. އުކުޅަހުގައެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހުމަދު ޒަރީރު އެވެ.

މިއީ އެކްޓިން އާއި ދުރުގައި ދެ އަހަރެއްހައި ދުވަހު މުއާ ހުރުމަށްފަހު ފެނިގެންދާނެ ފިލްމެކެވެ.

މިމަހުގެ 14 އިން ޖުލައި މަހުގެ 15 އަށް ކުރިއަށްދާ ވޯރލްކަޕް ފުޓްބޯޅަ މުބާރާތަށްފަހުން ފިލްމު އަޅުވާނެ ތާރީޚެއް މުއާ އިޢުލާނުކުރަން ބުނިނަމަވެސް، ޖުލައި މަހު މި ފިލްމު ސްކްރީނަށް އަތުވެދާނެކަމަށް ނުފެނެއެވެ. ސަބަބަކީ ޖުލައި 26 ގެ ޚަރަދުތަކާއި ފޯރިއާއި ދިމާވާ ދުވަސްވަރެއްގައި ދިވެހި ފިލްމު ސިނަމާތަކަށް ގެނައުމަކީ މީގެކުރިން ފިލްމު އުފައްދާ ފަރާތްތަކުން ކޮށްނޫޅޭ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.