ދިޝާގެ މޫނުމަތިން ދާތިކިތައް ފާއްދާލީ ދިޝާއަށް ހާސްވެވުނު ވަރުންނެވެ. އަފްޒަލްގެ ވިހަ ބެލުންތައް އަހްސަން އަށް އަމާޒުވެފައިވާއިރު ކޮލެޖް މީހުންގެ ކުރިމަތީގައި އަގު ވެއްޓިދާނެތީ ދިޝާގެ ހިތް ބިރުގަންނަނީއެވެ.
ދިޝާ މަޑުމަޑުން އަފްޒަލްގެ އަތުގައި ހިފާލިއެވެ. އެވަގުތު އަފްޒަލް ދެލޯ ބޮޑުކޮށްލަމުން ދިޝާއާއި ދިމާއަށް މޫނު އަނބުރާލިއެވެ.
ދިޝާ ލޮލުގެ އިޝާރާތުން އެއްވެސް އެއްޗެއް ނުބުނުމަށް އެދުނެވެ. އާދޭސްކުރާފަދަ ގޮތަކަށެވެ.
ކޮން އެއްޗެއް ވިސްނިގެން ކަމެއް ނޭނގެއެވެ. އަފްޒަލް ދިޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދިޝާ ފިނި ނޭވާއެއް ލަމުން ހިތްހަމަ ޖައްސާާލިއެވެ. އަފްޒަލް އޭނާގެ ގޮތްގަނޑު ދައްކާނުލާ ހިނގައިގަތުމުން ދިޝާގެ ހިތަށް ފިނިކަމެއް ލިބުނު ފަދައެވެ.

ގޭގެ ދޮރު މައްޗަށް ސައިކަލް މަޑުކޮށްލުމާއެކު އަފްޒަލް ދިޝާއަށް ވުރެ ކުރިން ސައިކަލުން ފޭބިއެވެ. ދިޝާވެސް އުޅުނީ ސައިކަލުން ފައިބާށެވެ. ނަމަވެސް ދިޝާ ސިހުނީ އަފްޒަލްގެ އަތަށް ދިޝާގެ އިސްތަށިގަނޑު އޮޅާލުމާއެކުގައެވެ. ވީތަދުން ދިޝާއަށް ހަޅޭއްލަވައިގަނެވުނެވެ.
ނަމަވެސް އަފްޒަލްގެ ފަރުވާލެއްނެތެވެ. ގަދަކަމުން ދިޝާ ދަމާފައި ކޮޓަރިއަށް ގެންދިޔައިރު ދިޝާ ރޮމުންވެސް ވަށައި ހޯދައި ބަލަމުންދެއެވެ. އަފްޒަލްގެ މަންމަމެންގެ ހިލަމެއްވެސް ވޭތޯއެވެ. ގޭގައި ނޫޅެނީ ކަންނޭނގެއެވެ. އެހެން ނޫނީ ދިޝާ ރޯއަޑަށް އެމީހުން ނިކުންނާނެއެވެ.
އަފްޒަލް ކޮޓަރިއަށް ވަން ގޮތަށް ދިޝާ އެނދާއި ދިމާއަށް ކޮށްޕާލިއެވެ.
“އަފޫ. ކިހިނެއްވެގެންތަ ތިއުޅެނީ އަޅެ. އަހަރެންނަށް ކޮން ކަމެއްތަ ކުރެވުނީ.” އަފްޒަލް ކޮށްޕާލުމުން ދިޝާ ވެއްޓުނީ ޓައިލްސް މައްޗަށެވެ. ތަދުވި ނަމަވެސް ދިޝާ ރޮމުން އަފްޒަލްއަަށް ބަލާލިއެވެ.
“ދިޝާއަށް އެބައެނގޭތަ ތި އުޅެވޭ ގޮތް. ބަލަ ހިލޭ ފިރިހެނުންނާއި ސަކަރާތް ޖަހާއިރު ނޭނގޭތަ ތީ މީހެއްގެ އަތްބެއްކަމެއް. އިރެއްގައި ބޭނުން ގޮތަކަށް އުޅުނަސް މިހާރަކު އެހެން ނޫޅެވޭނެ.” އަފްޒަލް ދިޝާގެ މޫނާއި ދިމާއަަށް އިނގިލި ދިއްކޮށްލަމުން ހަޅޭލަވައިގަތެވެ. ދިޝާއަށް ކުރެވުނުހާވެސް ކަމަކީ ދެލޯ މަރައިގެން އިނދެ ރުއިމެވެ. އަފްޒަލްގެ މިޒާޖު ހުންނަގޮތުން ދިޝާ އިތުރަށް އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކިޔަސް އަންނާނީ ރުޅިއެވެ. ބައެއް ފަހަރު ދިޝާގެ ހިތަށް އަރައެވެ. އަފްޒަލް ކައިރިން ދުރުވާންވީއެވެ. އަފްޒަލް ދިޝާ ދެކެ އެވާ ކަހަލަ ލޯބިދެކެ ދިޝާ ބިރުގަނެއެވެ. އިންތިހާއަށެވެ.
“ހަނދާންކުރައްޗޭ. އެ އަޙްސަން ހުރި ތަނަކަށް ދިޔަޔަސް…” އަފްޒަލް ބުނަމުން ދިޔަ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލަމުން ކޮޓަރީގެ ދޮރު ބަންލާފައި ލައްޕާފައި ނިކުމެގެން ދިޔައީއެވެ.
ދިޝާގެ ބަނޑިފަޅައިގެން ދިޔައެވެ. ދިޝާގެ ނިކަމެތި ހިތަށް ކެތްނުވީއެވެ. އުޅެންވީ ގޮތެއް ކުރަންވީ ކަމެއް ދިޝާއަކަށް ނޭނގުނެވެ. މީހުންގެ ތެރެއަށް ނުނިކުމެ ދިޝާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ ރައްޓެހިން ތިބުމަކީ މައްސަލައެއް ހެއްޔެވެ؟ އެއްވެސް މީހަކާއި ވާހަކަ ނުދައްކައި އުޅޭނީ ކިހިނެއް ހެއްޔެވެ؟
ހިތްދަތިވެފައިވާ ހާލު ދިޝާ ޓައިލްސް މަތިން ތެދުވެ އެނދުގައި އިށީނދެލިއެވެ. އެވަގުތު އަނެއްކާވެސް އެނުދަންނަ ޒުވާނާގެ ރީތި ސޫރަ ލޯމަތީގައި ކުރެހިގެން ދިޔައެވެ.
ދިޝާ ތެޅިގެންފައި ދެފަރާތަށް ބޯ ހޫރާލިއެވެ. ދިޝާއަކަށް އެޒުވާނާގެ ހަނދާން ކުރުމުގެ ހުއްދައެއް ނެތެވެ. އެޚިޔާާލުތައް ސިކުނޑިއަށް އައުމަކީވެސް ފާފައެކެވެ. އަމިއްލަ ހާލަތު އިޙްސާސްވުމާއެކު އަނެއްކާވެސް ދިޝާގެ ދެލޯ ފުރިގެން ބަންޑުންވެއްޖެއެވެ.

“އަފްޒަލް. ހާދަ ފުއްޕާފަ ތިހުރީ. ގުޅާ ގުޅާ ބަލިވިއިރުވެސް ފޯނެއްވެސް ނެނގީކީނޫން.” އަފްޒަލް އޮފީހަށް ވަނުމާއެކު އިނާޒު އަފްޒަލް އަށް ގޮވާލިއެވެ. އަފްޒަލް އެއްވެސް ޖަވާބެއް ނުދީ ގޮސްވަނީ މީޓިން ރޫމްގެ ތެރެއަށެވެ.
ފަހަތުން އިނާޒުވެސް އެތަނަށް ވަނީ އަފްޒަލްގެ ސަކަރާތް ވެފައިވާ މޫޑް ފެނި ވީގޮތް އޮޅުންފިލުވުމަށްޓަކައެވެ.
“ކަމެއް ގޯސްވީތަ އަނެއްކާ. ބޮލަށް ލުއި ވާނީ ހިއްސާކޮށްލީމަ.” އަފްޒަލް އިށީނުމާއެކު ޖެހިގެން އިން ގޮޑީގައި އިނާޒު އިށީނދެލިއެވެ.
“ދިޝާގެ ފަހަތުން އޭނަގެ ކޮލެޖް ކުއްޖެއް އުޅޭތީ އެކަމާއި އޯފްވެފަ މިހުންނަނީ.” އަފްޒަލް ދޫކޮށްލީ ފުން ނޭވާއެކެވެ.
“އެވަރު ކަމަކާ. އަފްޒަލް އަށް މައްސަލައަކަށް ވާން ވާނީ ދިޝާ އުޅޭނަމަ ދޯ. އެހެން މީހުން ކިތަންމެ ވަރަކަށް އުޅުނަސް ދިޝާ ކުރާނެކަމެއް ނީންނާނެ ދޯ އޭގަ.” އަފްޒަލްގެ ޖަވާބު އަހާފައި އިނާޒުގެ ގާތަށް އައީ ހިންޏެވެ.
“ބޮޑު ނުވާ ތަނުން މީހުންނާއި އިނީމަ ވާނީ ތިހެން. ތި ކަހަލަ ކުދިކުދި ކަންތައްތަކާއި އަޅާލާ އެއްޗެއް ނޫން.” އިނާޒުއަކީ އަފްޒަލްއަށް އަބަދުވެސް ހެޔޮއެދޭ ގާތް ރައްޓެއްސެކެވެ. އިނާޒު އެތަނުން ނިކުތީ އަފްޒަލްއަށް ވަރަށް ނަސޭޙަތްތެރިވެފައެވެ.
އަފްޒަލް މޭޒުމަތީގައި ބޯއަޅާލީ ދިޝާއާާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތް ހިތަށް އަރާފައެވެ. ދެރަކަމަކީ އަފްޒަލްއަށް ކޮންމެ ފަހަރަކުވެސް ވިސްނެނީ ކަންތައްތައްވެ ނިމުނީމައެވެ. ކަމެއް ކުރުމުގެ ކުރިން އެއްފަހަރުވެސް އަފްޒަލް ވިސްނައެއް ނުލައެވެ.

އަނދިރިކަން ރަސްކަން ކުރަމުންދާ ކޮޓަރި ތެރޭގައި ދިޝާ އިންނަތާ އެތައް އިރެކެވެ. އިރުއޮއްސުނުއިރުވެސް ދިޝާއަށް ރޭކާނުލައެވެ. ރޮއެރޮއެ ދިޝާގެ ބޮޑު ދެލޯ ވަނީ ކުޑަވެފައެވެ. އެ ރީތި ދެލޮލުގައި އެއްވެސް އުޖާލާކަމެއްނެތެވެ.
އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި އަފްޒަލް އެތެރެއަށްވަދެ ކޮޓަރީގެ ބޮކި ޖައްސާލިއެވެ.
ދިޝާ އިން ހާލު ފެނިފައި އަފްޒަލްއަށް އިސްޖަހާލެވުނެވެ. ކުށްވެރިއެއް ފަދައިންނެވެ.
“ސޮރީ.” އަފްޒަލް އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ދިޝާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ހަޤީޤަތުގައިވެސް ދިޝާ އަފްޒަލްދެކެ ވަރަށް ފޫހިވެއްޖެއެވެ.
ދިޝާ ބޭނުންވަނީ އަފްޒަލްގެ ހަޔާތުންވެސް ދުރަށްދާށެވެ.
ދިޝާގެ ނުރުހުން ފެނިފަައި އަފްޒަލްއަކަށް ނުހުރެވުނެވެ. ބާރު ހިނގުމެއްގައި ގޮސް ދިޝާގެ ކުރިމަތީގައި އިށީނދެ ކުޑަ ކަކޫ ޖަހާލިއެވެ.
“ޕްލީސް. ފޮގިވް މީ.” އަފްޒަލް ދިޝާގެ ދެފައިތިލައިގައި ހިފަހައްޓާލީ އާދޭސް ކުރާފަދަ ގޮތަކަށެވެ.
“މީހުން މާފަށް އެދެނީ އޮޅިގެން ކުރާ ކަންތައްތަކަށް އެކަނި. ގަސްތުގައި ކުރާ ކަންތައްތަކަށް މާފަކަށް ނޭދޭނެ.” ދިޝާ އަފްޒަލްގެ އަތް ދުރަށް ޖައްސާލިއެވެ.
“ދިޝާ ދެކެ މާބޮޑަށް ލޯބިވެވުނީމަ ވާގޮތް. ކީއްކުރާނީ. އެކަމަކު ދެން އެހެން ނުވާނެ.” އަފްޒަލް އޭނާގެ ފެންކަޅިވެފައިވާ ދެލޯ ދިޝާގެ ލޮލާއި ސީދާ ކޮށްލިއެވެ.
ދިޝާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ދިޝާއަށް އިނދެވުނީ އަފްޒަލްގެ އުދާސްވެފައިވާ މޫނަށް ބަލާށެވެ.
ހަނދާނެގޮތް ހުސްވެފައިވާ ކަހަލަ ގޮތަކަށެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަފްޒަލް ދެރަވެފައި ހުންނަތަން ފެނުމުން ދިޝާވެސް ދެރަވެއެވެ. ނަމަވެސް އަބަދު އަނިޔާއަށް ކެތްކުރާާނެހާ ހިތްވަރެއް ދިޝާގެ ނެތެވެ.
އަފްޒަލް ހެދިހާ ގޮތެއް ހެދިގެން އުޅޭކަށް ދިޝާ ބޭނުމެއްވެސް ނޫނެވެ.
“ދިޝާ. ކޮންމެވެސް އެއްޗެއް ބުނެބަލަ. މާފެއް ނުކުރާނަންތަ؟” އަފްޒަލް ދިޝާގެ އަތުގައި ހިފާލީ ދިޝާ އޭނާއަށް މާފްކޮށްދިނުމަށް އުއްމީދުކުރަމުންނެވެ.
ދިޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން އަފްޒަލްއާއި ދުރަށް ޖެހުނެވެ.
އަދި އަވަސް އަވަހަށް ތެދުވެގެން ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.
އަފްޒަލް ދިޝާ ހުއްޓުވާކަށް ނޫޅުނެވެ. ދިޝާ މާފްކުރުމުން އޭނާގެ ހިތް ހަމަޖެހިއްޖެއެވެ.

އަފްޒަލް ސިޓިންގް ރޫމްގައި ސޯފާގައި އޮށޯވެލައިގެން އޮތީ ދިޝާ ފާހާނާއިން ނުނިކުތީމައެވެ. އެވަގުތު ގޭގެ ދޮރު ހުޅުވުނު އަޑަށް އަފްޒަލް ބޯ ހިއްލާާލިއެވެ.
“ދަރިފުޅާ. ބަލާލަބަލަ. މިހުރީ ކާކުކަން އެނގޭތަ؟” ނާހިދު ހެވިފައި ހުރިއިރު އާސިމާ ހުރީ ނާހިދުގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
ކުރިމަތީގައި ހުރި ދެބައި އުމުރުގެ ފިރިހެނަކީ ކާކުކަން ނޭނގިފައި އަފްޒަލްއަށް ހުރެވުނީ ބަލާށެވެ.
“ކާކުތަ؟” އަފްޒަލް ނިތްކުރިއަށް ރޫތައް ގިނަކޮށްލަމުން ބައްޕަގެ މޫނަށް ބަލާލިއެވެ.
“މީ ދަރިފުޅުގެ ބޮޑުބޭބެ އާާމިރު.” މަންމަގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެ. ކުރިން ދަތުރު ކުރަން އުޅުނީމަ ނޭނގުނީ އުޅޭތަނެއްވެސް. މިއަދު ހޮސްޕިޓަލުން ދިމާވީ މި ދިހަ އަހަރު ކޮށްފަ.” އާސިމާ ހުރީ އިންތިހާއަށް އުފާވެފައެވެ. އެކަން ދޭހަކޮށްދެނީ އާސިމާގެ ލޮލުން ވިދަމުން ދިޔަ އުފާވެރިކަމުގެ ކަރުނައެވެ.
“އެހެންތަ؟” އަފްޒަލް އާމިރުއާއި ސަލާމްކުރަން އަތް ދިއްކޮށްލިއެވެ.
“ކުރިން އައިއިރު އަފްޒަލް ހުރީ ރާއްޖޭން ބޭރުގަ ކިޔަވަން ދޯ.” އާމިރު ހިނިތުންވެލަމުން އަފްޒަލްގެ އަތުގައި ހިފާލިއެވެ.
“އާން. އުމުރުން ނުވަ އަހަރު ވީތަނާ މަންމަމެންނަށް އަހަންނާއި ހެދި އުނދަގޫވެއްޖެ ވިއްޔަ.” އަފްޒަލްގެ ރާގުގައި ވަނީ ސަމާސާއެވެ.
އަފްޒަލްގެ ވާހަކަ އިވިފައި އާސިމާއާއި ނާހިދުއަށް ހެވުނެވެ.
“ބޭބެ ދެން ހުންނާނީ މިގޭގަ ދޯ.” އާސިމާ ބޭނުންވީ ހުރި ހަމައެކަނި ބޭބެ އާސިމާ އަށް ފެންނަ ހިސާބުގައި އަބަދުވެސް ހުންނާށެވެ.
“ބޭބެ ވައިފްއާއި ކުދިން ކޮބާ؟” އަފްޒަލްގެ ސުވާލުން އާމިރު ހީލިއެވެ.
“ބޭބެ އަދި އަލަށްވެސް މީހަކާއި ނުއިންނަން.” އާމިރު ހަޤީޤަތް އަފްޒަލްއަށް އޮޅުންފިލުވާދިނެވެ.
“ނުވާނެ އެހެނެއް. ސަމާސާއެއް ދޯ؟” އަފްޒަލްއަކަށް އާާމިރުގެ ވާހަކަ ޤަބޫލެއްނުކުރެވުނެވެ.
“އަސްލުވެސް ދަރިފުޅާ. ބޮޑު ބޭބެ އެބުނީ ތެދެއް. ބޮޑު ބޭބެ އަދި އަލަށްވެސް މީހަކާއި ނުއިނދެ.” އަފްޒަލްގެ ސުވާލަށް ޖަވާބުދިނީ އާސިމާއެވެ.
“އަފްޒަލް މިހާރު މީހަކާއިވެސް އިނދެފި.” ނާހިދު އާސިމާގެ ވާހަކައާއި ގުޅުވައިގެން އާމިރުއަށް ބުނެލިއެވެ.
“މިޒަމާނުގެ ކުދިން ތިބެނީ އަށާރަ އަހަރު ނުވެގެންވިއްޔަ.” އާމިރުގެ ގާތަށް ހިނިއައެވެ.
“ކޮބާތަ ދިޝާ؟” އާސިމާ ގޭތެރެއަށް ނަޒަރު ހިންގާލީ ފެންނަ ހިސާބެއްގައި ދިޝާ ހުރިތޯއެވެ.
އަފްޒަލް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ދިޝާ ގޮވައިގެން ބޮޑުބޭބެ އަށް ދައްކާލަން ގެންނާށެވެ.

އަފްޒަލް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދިޝާ އަށް އޮތީ ނިދިފައެވެ. އަފްޒަލް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. މަޑުހިނގުމެއްގައި އަފްޒަލް ގޮސް ދިޝާގެ ކައިރީގައި އޮށޯވެލިއެވެ.
ދިޝާގެ މައުސޫމް މޫނަށް އަފްޒަލް އަށް އެތައް އިރަކު ބަލަން އޮވެވުނެވެ. މާގިނައިރުތަކެއް ނުވެ ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް އަފްޒަލް ގެބިގެންދިޔައެވެ.

ނިދިފައި އޮތް ދިޝާގެ ލޯ ހުޅުވުނީ އަފްޒަލްގެ އަތް ދިޝާާގެ މޫނުގައި ޖެހުމުންނެވެ. ސިހިފައި ދިޝާއަށް ތެދުވެވުނެވެ. އަވަސް އަވަހަަށް ބާލީސް ދަށުގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. ހަތެއް ޖަހާ ބޮޑުވެގެންދާތަން ފެނިފައި ދިޝާ އަވަސްވެގަތީ ކޮލެޖަށް ދިއުމަށް ތައްޔާރުވާށެވެ. ނަމަވެސް ހަމައެހިނދުކޮޅުގައި އިއްޔެގެ ހާދިސާ ދިޝާގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. ވަގުތުން ދިޝާގެ ދެލޯ ފެންކަޅިވިއެވެ. ކުޑައިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ދިޝާ ނިންމީ ކޮލެޖުން ވަކިވާށެވެ. ބައެއް ހުވަފެންތަކަކީ ކުލަ ޖެހޭނެ ހުވަފެންތަކެއް ނޫނެވެ. އެންމެ ފަހު ސެމެސްޓަރ އާާއި ހަމައަށް ދިއުމަށް ދިޝާ ކުރިހާ ބުރަ މަސައްކަތްތަކާއި މެދުވެސް ދިޝާ އަކަށް ވިސްނައެއް ނުލެވުނެވެ. އެޔަށްވުރެ ބޮޑަށް އަފްޒަލްދެކެ ދިޝާ ބިރުގަނެއެވެ.
ފުން ވިސްނުމެއްގައި ހުރެގެން ދިޝާ ކޮޓަރިން ނިކުމެ ކާާގެޔާއި ދިމާއަށް މިސްރާބުޖެހީ ފެން ބޮވައިގަނެގެންނެވެ.
“އަހާން. މިއޮތީ އަނެއްކާވެސް ދިމާވެފައެއްނު.” ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު ދިޝާ ދިޔައީ ސިއްސައިގެންނެވެ. ކަންފަތަށް އިވުނު އަޑަކީ ކުށްހީއެއް ކަމަށް ހީކޮށް ދިޝާ އަޑުއައި ދިމާއަށް އެނބުރިލިއެވެ.
އެވަގުތު ދިޝާއަށް ފަހަތަށް ޖެހެވުނީ ބޭއިޚްތިޔާރުގައެވެ. އާއެކެވެ. އެއީ ހަމަ އޭނާ އެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް