ޢީދުގެ ރޫހް ދިރުވައި އާލާކުރުމަށް އަހަރެމެން ކުރަނީ ކޮންކަމެއް ހެއްޔެވެ؟

އެއްވެސް ޝައްކެއް ނެތް ގޮތުގައި ޅައިރުގެ ހަނދާންތަކަކީ އަބަދުވެސް ސިކުނޑީގައި ހަރުލާފައި ހުންނާނެ ހަނދާންތަކެކެވެ. ޢީދު ދުވަހެއްގައި މުސްލިމު ކުޑަކުދިންނަށް ހަމައެކަނި ފެންނަ ތަފާތަކީ ނަލަހެދިގެން މިސްކިތަށް ގޮސް ޢީދު ނަމާދުކޮށްލުމާއި ހެނދުނުގެ ޚާއްޞަ ނާސްތާއާއި މެންދުރުގެ ކެއުމުގެ އިތުރުން ތިމާގެ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށްލުން ކަމަށްވާނަމަ، އެއްވެސް ޝައްކެއް ނެތްގޮތުގައި އަޅުގަނޑުމެން މައިންބަފައިގެ ފަރާތުން އެކުދިންނަށް މި ދައްކައިދެނީ އިސްލާމީީ މި ރިވެތި ޘަޤާފަތާއި އެކުދިން ދުރުހެލިކޮށްދޭނެ މަގެކެވެ.

އެއްފަހަރު ޢީދު ދުވަހެއްގައި ޢާއިޝާ رضي الله عنها ގެ އަރިހުގައި ދެ ޖާރިޔާއެއް (ބާލިޣު ނުވާ ފުރަައިގެ ދެ އަންހެން ކުދިން ތާރަ ހިފައިގެން) ޅެން ކިޔަން ތިއްބާ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެކޮޅަށް ވަދެވަޑައިގެން ދާންކޮޅުގައި އެކުދިންނަށް ފުރަގަސްދެއްވަައިގެން އޮށޯވެވަޑައިގެން އޮންނަވަނިކޮށް އަބޫ ބަކުރު ވަޑައިގެން އެކުދިންނަށް ވަދާޅުވިއެވެ: “مزمار الشيطان عند رسول الله صلى الله عليه وسلم !”. “ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ޝައިޠާނާގެ ދުންމާރި (ގެންގުޅެނީ ހެއްޔެވެ)!”. އެހިނދު އެކަލޭގެފާނާ ދިމާލަށް ﷲ ގެ ރަސޫލާ صلى الله عليه وسلم އެނބުރިވަޑައިގެން ޙަދީޘްފުޅު ކުރެއްވިއެވެ: “دعْهما”. “އެ ދެ ކުދިން ދޫކޮށްލާށެވެ”. البخاري 950، المسلم892. (ޙަދީޘް ނެގީ: http://dhisalafiyyah.net/article/30356)

މި ޙަދީޘް ގެ އަލީގައި އަހަރެމެންނަށް ފާހަގަކުރެވޭ ރިވެތި މިސާލަށް ވިސްނާލަމާ ހިންގަވާށެވެ. މި ޙަދީޘުން އެނގެނީ ޢީދު ދުވަހުގެ އުފާ ލިބިގަތުމުގެ ފުރުޞަތު އެކުދިންނަށް ދިނުމުގެ މުހިންމުކަމެވެ. ޢީދުގެ އުފާވެރިކަން ހެޔޮގޮތުގައި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ދިނުމުގެ މުހިންމު ކަމެވެ.

މިކަމުން އެނގެނީ ޢީދުގެ ރޫހް ދިރުވައި އާލާކުރުމަށް ގޭގެއާއި ޖަމާޢަތުގެ ތެރެއިން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެވެ. އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ތިބެގެން ޢީދުގެ އުފާ ފާޅުކުރަން ޖެހޭކަމެވެ.

އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ. މިކަންކަމަކީ އަހަރެމެންގެ ދިވެހިރާއްޖެއާއި ބީރައްޓެހި ބައެއް ކަންކަން ނަމަވެސް މިފަދަ އާދަތައް ތަޢާރަފުކޮށް ދިރުވައި އާލާކުރުމަކީ މުހިންމު ކަންކަމެވެ.

1- ގޭތެރެއާއި ގޯތިތެރޭ ޒީނަތްތެރިކުރާށެވެ. ފުއްޕާހަން އެލުވައި ކުލަބޮކި ލުން ފަދަ ކަންތައްތައް ވެސް ކުރެވިދާނެއެވެ.

2- ކުދިންނަށް ސަޕްރައިޒެއް ދިނުމަށްޓަކައި އެކުދިންނަށް ބައިވަރު ހަދިޔާބަދިޔާ ގަނެދޭށެވެ.

3- ޢީދު ނަމާދަށް ދިއުމުގެ ކުރިން އަހަރެމެން ޢީދު ފާހަގަކުރަނީ ކީއްވެގެން ކަން ކުދިންނަށް އޮޅުންފިލުވައިދޭށެވެ.

4- ޢީދު ނަމާދު ނިމިގެން ހަދިޔާބަދިޔާ ބަދަލުކުރުވާށެވެ. އެގޮތުން ދޭދޭކުދިންނާއި ތިމާގެ ކުދިންގެ މެދުގައި ހަދިޔާ ބަދަލުކުރެވިދާނެ އެވެ.

5- އާއްމުކޮށް ތައްޔާރުނުކުރާ މީރު ހެދިކާ އާއި ކާނާ ތައްޔާރުކުރާށެވެ.

6- ކުދިންނާއި އެކަށީގެންވާ ޕާޓީ ގޭމްތައް ރާވައި ހިންގާށެވެ. އެގޮތުން ޕާރސިންގ ޕާރސަލް ކުޅޭއިރު ރީތި މަދަހަ ޖެހިދާނެއެވެ. ކުޑަކުދިންގެ ހަވީރާއި އާއިލީ ހަވީރުތައް އިންތިޒާމުކުރާށެވެ.

7- ކުދިން ޝައުޤުވެރިވާ ކަހަލަ ގޭމްތައް ރާވައި ހިންގާށެވެ.

މަދަހަ މުބާރާތްފަދަ ކަންތައްތައްވެސް ޢީދުގެ މުނާސަބާގައި ރާވައި ހިންގިދާނެއެވެ. ދިވެހިން އެންމެ އިހުއްސުރެން ކުރަމުން އަންނަ ދީނާއި ފުށުނާރައި ކަންތައްތައް ކުރާށެވެ. ޢީދުކޮށި އެޅުންފަދަ ޘަޤާފީ ކަންތައްތައް ވެސް އުވިދިޔަ ނުދީ ކުރަމުން ގެންދާށެވެ.

ޢީދުގެ ރޫހް އާލާކޮށް ދިރުވުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. އަހަރަކު ދެފަހަރު އަންނަ ދެ ޢީދަކީ ކުދިންނަށް އުފާވެރިކަން ގެނެސްދޭ ދެ ޢީދަކަށް ހަދަމާ ހިންގަވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.