އިސްބަސް
މިއީ ޙަޤީޤީ ޙާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ޙާދިޘާ ހިނގިތަނުގެ ނަން ބޭނުންކޮށްފައެއް ނުވާނެއެވެ. މުހިއްމު ސަޚްސިއްޔަތުތަކުގެ ގޮތުގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ޙާދިޝާ ދިމާވި ފަރާތްތަކުގެ ނަންތަކެއް ނޫނެވެ.
*************
“އަހަނ، ރަފީޤުލް ޙައްޤު ކިހިނެތްވީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟” އޮފީހުގެ މޭޒު ކައިރީގައި ހުރި ކޮމްޕިއުޓަރުން އެއްޗެއް ޓައިޕްކުރަން އިނދެފައި ފިރުޝާނު ވާހަކަދެއްކީ އޮފީސްތެރެއަށް ވަދެގެން އައި މީހާއާއި އެވެ. އެއީ ފިރުޝާން މަސައްކަތްކުރަމުން އަންނަ ސިނާޢީ ރަށުގައި ސެކިއުރިޓީގައި މަސައްކަތްކުރާ ލަންކާ މީހެކެވެ. ފިރުޝާން އަކީ ލޭބަރުންގެ ކަންތައްތައް ބަލެހެއްޓުމުގެ ޒިންމާ އުފުލަމުން އަންނަ އޮފީސް މުވައްޒަފެކެވެ.
“ރޭގަ ނިއު ޗެކްޕޯސްޓްގަ ތިބެނީނު ދެމީހުން…. އެމީހުން ވަރަށް ގަދަ ހުންއަންނަނީ.” ރަފީޤު ވެގެން އުޅޭގޮތް ބުނެދޭން ފެއްޓިއެވެ.
“އެ ކިހިނެތްވީ ދެމީހުން އެކުގަ ހުން އައީ؟ ބޭސް ކައިފިތަ؟” ހައިރާންކަމާއެކު ފިރުޝާން ސުވާލުކުރިއެވެ.
“ބޭސް ކެއީ، ހުން ވައްތަރު ނުދަނީ… ވަރަށް ގަދަ ހުން އަންނަނީ … ނައިޓް ޓައިމްގަ ޗެކްޕޯސްޓް ކައިރިން ބޫތު ވައްތަރު ދެ އަންހެނުން ފެންނަނީމަ އެގޮތްވަނީ.” ކަންވީގޮތް ރަފީޤު ބުނެދިނެވެ.
ރަފީޤާއި އެކު ފިރުޝާން ލޭބަރ ކްއަރޓަރު ހިމެނޭ ސަރަޙައްދަށް ގޮސް މަޑުކޮށްލީ ސީ ބްލޮކްގެ 4 ވަނަ ކޮޓަރި ކައިރީގައެވެ. ދޮރުގައި ޓަކިޖަހާލުމެއް ނެތި ރަފީޤު އެތަނަށް ވަނެވެ. ރަފީޤްގެ ފަހަތުން ފިރުޝާންވެސް ވަދެއްޖެއެވެ. އޭރު ކޮޓަރީގެ ދެފަރާތުގައި ހުރި ދެ ބަންކު އެނދުގެ ތިރީބައިގައި ދެމީހުން ތިއްބެވެ. ދެމީހުންވެސް ތިބީ ގައިމަތީގައި ރޮނގުދެމި ބެޑްޝީޓެއް އަޅައިގެންނެވެ. ފިރުޝާނު ފެނުމާއިއެކު އެ ދެމީހުން އެނދުން ތެދުވިއެވެ. ނަމަވެސް ފިރުޝާނު އަތުގެ އިޝާރާތުން ނުތެދުވުމަށް އެންގިއެވެ.
“ރޭގަ ކިހިނެތްވީއޭތަ މި ރަފީޤް އެ ކިޔަނީ؟” އެނދު ކައިރީގައިހުރި ސަންދަރޯސް ގޮނޑިއެއްގައި އިށީންނަމުން ފިރުޝާން ސުވާލުކުރިއެވެ.
“ރޭގަ ޗެކްޕޯސްޓް ކައިރިން ޖިންނި ވައްތަރު އަންހެންމީހާއާ ކުޑަ ބައްޗާ ފެންނަނީމަ އަޅުގަނޑުމެން ވަރަށް ބިރުގަންނަނީ. ދެން ހެނދުނުވިއިރު މިވައްތަރު ގަދަ ހުން އަންނަނީ.” ކަރުދޮށުގައި އަތްޖައްސާލަމުން ދެ ގާޑުންކުރެން އެއްމެ ދޮއްޓަށްހުރި ބަންގްލާދޭޝް މީހާ ބުންޏެވެ. ފިރުޝާން އެމީހާގެ ކަރުދޮށުގައި އަތް ޖައްސާލިއެވެ. ހަމަ އެއާއެކު ކުއްލިއަކަށް އަތް ދަމައިގަތެވެ. ބަންގްލާދޭޝް މީހާ އައިސްފައިވާ ހުންގަދަ ކަމުންނެވެ.
“ތިވާނީ މިތާ ކައިރީ އޮތް ރަށުން އެހިސާބަށް ގޮސްގެން އުޅުނު ބަޔަކަށް!” ފިރުޝާން މިހެންބުނީ އެމީހުން ހަމަޖެއްސުމަށްޓަކައެވެ.
“ނޫން ބޮސް، އެމީހުން ހުންނަނީ ކަޅުކަޅުކޮށް. އެ ބޮޑު ގަސް ކައިރިން ނުކުންނަނީ. ދެން ބައްޗާ އަތުގަ ހިފައިގެން ބާރަށް އަންނަނީ ޗެކްޕޯސްޓް ސައިޑަށް. އެ އިންސާނުން ވައްތަރު ނެތީ.” އަނެއް ގާޑުވެސް ކުކުރަމުން އިތުރަށް ތަފްޞީލް ދޭން ފެށިއެވެ.
*********
ދުވަހުގެ އިރު އަރައިގެން ދިޔައީ އެ ރަށު ޗެކްޕޯސްޓް ކައިރިން ރޭގައި ޖިންނިއެއް ނުވަތަ ހަންޑިއެއް ފެނުނު ވާހަކައާއި އެކުގައެވެ. މެސްރޫމް ތެރޭގައި ތިބެ ދިވެހި މަސައްކަތު މީހުންވެސް އެނޫން ވާހަކައެއް ނުދައްކައެވެ. ޕާޓޭންގެ އުނދަގުލުން ސަލާމަތްވުމަށް އެ ޗެކްޕޯސްޓް ބެހެއްޓީ އިއްޔެއެވެ. އެތަނުގައި ރޭގައި ޑިއުޓީއަށް ތިބި ދެމީހުންނަށް ޖިންނި ފެނި މިއަދު ތިބީ ގަދަ ހުމެއް އައިސްފައިކަމަށް ވާހަކަ ދެކެވެމުން ދިޔައެވެ.
*********
ނުވަގަޑި ބައި ކަންހާއިރު ފިރުޝާނު އިނީ އޮފީސްތެރޭގައި ދެ ލަންކާ މީހުންނާއި އެކުގައެވެ. މިރޭ ދަންވަރު ޑިއުޓީގައި ތިބުމަށް އެ ދެމީހުން އެއްބަސްވީ ވަރަށް ފޮނިކަނޑާފައެވެ. އެފަދަ ކަންކަމާ އެއްވެސް ބިރެއް ނުގަންނަކަމަށް ވަރަކަށް ކިޔާފައެވެ.
*********
ޖެހިގެން އައިރޭގެ މެންދަމުގެ ވަގުތެވެ. ޓިނުން ހަދާފައިވާ ކުޑަކުޑަ ޗެކްޕޯސްޓް ތެރޭގައި ލަންކާއަށް ނިސްބަތްވާ ދެ ގާޑުން ތިއްބެވެ. އެމީހުން ތިބީ ރޭޑިއޯއަކުން ލަންކާ ޗެނަލްއަކަށް އަޅުވައިގެން ލަވަ ޕްރޮގްރާމެއް އަޑުއަހާށެވެ. ޗެކްޕޯސްޓްގެ ބޭރުގައި ބޮތްބާއި މީދާކޭ އުނބުން އަލިފާންގަނޑެއް ޖަހާފައި ހުއްޓެވެ. އެހިސާބުގައި މަދިރި ގިނަކަމުން ދުން އެރުވުމަށެވެ.
ޕެރޭރާއާއި ކްރިޝްނާކާންތަކީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ކިބައިން ސަލާމަތްވުމުގެ ނިޔަތުގައި ރާއްޖެއަށް ލޭބަރުންގެ ގޮތުގައި އައިސް އުޅޭ ދެމީހުންނެވެ. އެމީހުންނަށް އެތައް ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައިވުމުން ތިބީ ބިރު ކެނޑިފައެވެ. އެހެންނޫނަސް ޖިންނިއާއި ބޫތަކީ އެމީހުން އެހައި ބޮޑަށް ޤަބޫލުކުރާ އެއްޗެއްސެއްވެސް ނޫނެވެ.
********
ޗެކްޕޯސްޓުން ބޭރަށް ޕެރޭރާ ނުކުތީ އަލިފާންގަޑަށް ބޮނބި އަޅާށެވެ. އޭރު ކްރިޝްނާކާންތު އިނީ ތަރުމޯޒަކުން ދެ ޖޯޑަށް ސައި އަޅާށެވެ. އެއީ އެމީހުން ޑިއުޓީއަށް އަންނަމުން ތައްޔާރުކޮށްފައިވާ ޚާއްޞަ ސައެކެވެ. ސަޔާއިއެކު ކެއުމަށްޓަކައި ކައިރީގައިހުރި ނެސްޕްރޭ ކިރު ހުސްކުރި ދަޅަކުން ދެޖޯޑު ފާރޮށިނަގައި ބޭއްވިއެވެ. އެވަގުތު ތެޅެމުން ފޮޅެމުން އައިސް އެތަނަށްވަނީ ޕެރޭރާއެވެ. އޭނާ އަނދެގެން ހުރި މުންޑުގަނޑު ދޮރުފަތުގެ ތަންޑުގައި އަޅައިގަނެފައި ވީދައިގެން ދިޔަ އަޑުވެސް އިވުނެވެ.
“ކިހިނެތްވީ ކިހިނެތްވީ އަނެއްކާ؟” ކްރިޝްނާ ސުވާލުކުރީ އެމީހުންގެ އަމިއްލަ ބަސްކަމުގައިވާ ސިންގަޅަބަހުންނެވެ. ދެލޯ ބޮޑުވެ މާނޭވާލަމުންދިޔަ ޕެރޭރާއަށް އެއްވެސް ބަހެއް ބުނެވޭވަރެއް ނުވިއެވެ. އޭނާގެ އިނގިލިން ބޭރަށް އިޝާރާތްކުރަމުން ދިޔައެވެ. ޗެކްޕޯސްޓާއި ދިމާ މަގުގެ އަނެއްފަރާތުގައި ހުރި ބޮޑު ކިނބި ގަހާއި ދިމާއަށެވެ. ކްރިޝްނާ އެ ދިމާއަށް ބަލައިލިއެވެ. އޭނާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެ ގަސްދޮށުގައި ހުއްޓިލައިގެންހުރީ އަންހެނެކެވެ. ކަޅުކަޅު އަންހެނެކެވެ. ލައިގެންހުރި ހެދުންވެސް ހުރީ ކަޅުކުލައަށެވެ. އޭނާ އަތުގައި ހިފާލައިގެން ހުރީ ދިހަވަރަކަށް އަހަރަށްދާވަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާވެސް ހަމަ އެހާ ކަޅެވެ. އެކުއްޖާވެސް ލައިގެންހުރީ އަނދިރި ކުލައެއްގެ ހެދުމެކެވެ. ދެމީހުންގެ ގައިގެ ހަންގަނޑާއި ހެދުމުގެ ބޭރުން ހުރީ ރެނދަންލާފައެވެ. ހީވަނީ އެމީހުންގެ ހަންގަނޑުގެ ބޭރު ފަށަލައިން ކޮންމެވެސްކަހަލަ އަލިކަމެއް ނިކުމެފައި ހުރިހެންނެވެ.
“މަޗާ ހަމަޖެހޭ، ހަމަޖެހޭ!!” ކްރިޝްނާ މަސައްކަތްކުރީ ޕެރޭރާ ހަމަޖެއްސުމަށެވެ. ކުޑައިރުކޮޅަކުން ޕެރޭރާ ހަމައަކަށް އެޅިއްޖެއެވެ. އެވަގުތު ކްރިޝްނާ ޗެކްޕޯސްޓުން ބޭރަށް ނުކުމެއްޖެއެވެ. އޭނާ އަތުގައި އޮތް ޓޯޗް ބައްތިން ގަސްދޮށުން ފެންނަންތިބި ދެމީހުނަށް އަލިކޮށްލިއެވެ. އެ ދެމީހުން ހަމަ ތިބިގޮތަށް ތިބީއެވެ. ނުބައި ޒާތަކަށް ހިނި އައިސްފައެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ހާވާލެވިފައެވެ. ހީވަނީ ދުވަހަކު ފެންވެސް ނުވަރާތިބި ބައެއްހެންނެވެ.
ބައްތިން އަލިކޮށްގެންހުރެ ކްރިޝްނާ ހިނގަމުންދިޔައެއެވެ. މަގުގެ އަނެއް ފަރާތުގައިހުރި ކިނބިގަސްދޮށުގައި ތިބި ދެމީހުންގެ ސޫރަ ވަރަށް ސާފުކޮށް ފެންނަވަރުވެއްޖެއެވެ. މަގުގެ މެދާއި ހަމައަށް ގޮސްފައި ކްރިޝްނާ ހުއްޓުނެވެ. ބައްތިން އަލިކޮށްގެން ފެންނަންހުރި އަންހެންމީހާގެ ފައިންފެށިގެން ބޮލާއި ހަމައަށް ރަނގަޅަށް ބަލަންފެށިއެވެ. ކުއްލިއަކަށް ކްރިޝްނާގެ އަތުގައި މީހަކު ހިފަހައްޓައިފިއެވެ. ކްރިޝްނާއަށް ބިރުން ތެޅިގަނެވުނެވެ. ފަސްއެނބުރި ބަލައިލިއިރު ކައިރީގައި ހުރީ ޕެރޭރާއެވެ.
“ކަލޭ ކީއް ތިކުރީ؟ މަ ދިޔައީ ބިރުން ސިއްސައިގެނޭ. މަ ހީކުރީ…” ކްރިޝްނާ ހުރީ ކުޑަކޮށް ރުޅިގަދަވެފައެވެ.
“އަހަރެން އެކަނި ޕޯސްޓްގަ ހުންނަން ބިރުން މިއައީ!” ޕެރޭރާ ބިރުންހުރެ ޖަވާބުދިނެވެ.
“ކޮން ބިރެއް ގަންނާކަށް؟ … އެތިބީ މިވަރަށް އަލިކުރާއިރުވެސް ގުޑިވެސްނުލާ. ޔަޤީން އެއީ އަހަރުމެން ބިރުގަންނުވަން މިތަނަށް އައިސްތިބި ދެ އިންސާނުންކަން. އާދޭ މަށާއެކު!!” ކުރިއަށް ހިނގައިގަންނަމުން ޕެރޭރާގެ އަތުގައި ކްރިޝްނާ ހިފިއެވެ. ދެމީހުން އެކުގައި ގޮސް ގަސްދޮށުގައިތިބި ދެމީހުންގެ ކައިރީގައި މަޑުކޮށްލިއެވެ.
“ކަލޭމެންތީ ކޮންބައެއް؟ މިތާނގަ މިހާ ދަންވަރު ކީއްތިކުރަނީ؟ އަހަރުން ބިރުގަންނަވަންކަމަށްދޯ ތިއުޅެނީ؟” ރުޅިގަދަވެފައިހުރި ކްރިޝްނާ ސުވާލު ގޯންޏެއް ބަންޑުންކޮށްލިކަހަލައެވެ. އެކަމަކު އެކަޅު ދެ އަންހެނުން އަނގައިވެސް ނުބުންޏެވެ. ގުޑިވެސްނުލާ އެ ތިބިގޮތަށް ތިބީއެވެ. ކްރިޝްނާ އިތުރަށް ރުޅިގަދަވަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ އަތުން އެތާހުރި އަންހެންމީހާގެ އަތުގައި ހިފެހެއްޓިއެވެ. ހަމަ އެވަގުތު އޭނާގެ އަތަށް ދިލަ ހޫނުކަމެއް އިޙްސާސްވިހެން ހީވިއެވެ. ނަމަވެސް އޭރު އެދެމައިން ފެންނާކަށްނެތެވެ. ކްރިޝްނާ އަތުގައިއޮތް ބައްތިން އެދިމާ ވަލުތެރެއަށް އަލިކޮށްބެލިއެވެ. ނިކަގަހަށް އަލިކޮށްބެލިއެވެ. މަގުގެ ދެކޮޅަށްވެސް އަލިކުރިއެވެ. އެމީހުންގެ ހިލަމެއްވެސްނުވިއެވެ. އެވަގުތު ދެމީހުންގަތީ އަމަށަކު ބިރެއްނޫނެވެ. ދެމީހުން އެކުގައި ދުއްވައިގަތީ އެމީހުން މަސައްކަތްކުރާތަނަށް ވަންނަން ހުންނަ މައި ދޮރާއްޓާއި ދިމާއަށެވެ.
އެމީހުންނަށް މައި ދޮރާށިކައިރީ ހުންނަ ޗެކްޕޯސްޓާއި ހަމައަށްދެވުނުކަން އެނގެއެވެ. ދެން ވީގޮތެއް ނޭނގެއެވެ. ހޭވެރިކަންވިއިރު ދެމީހުންވެސް ތިބީ ހުންއައިސް ރަތްވެފައެވެ. ހީކަރުވަމުންދިޔައީ ބަޔާންކުރަން އެނގޭވަރަށްވުރެންވެސް ގަދައަށެވެ. ހުންގަދަކަމުން ކްރިޝްނާ މޮޔަވެސް ގޮވަމުންދިޔައެވެ.
*********
ޖެހިގެންއައިރޭވެސް އެ ޗެކްޕޯސްޓްގައި ގާޑުން ބޭތިއްބިއެވެ. އޮފީހުގައި އުޅޭ މީހަކު ބުނެގެން ކުރުސިއާއި ފަލަޤް ނާސް އިޚްލާޞް އަދި ފާތިހާ ސޫރަތުގެ ޕްރިންޓެއްނަގައި ޗެކްޕޯސްޓްގެ ބިއްލޫރިގަނޑުގައި ތަތްކޮށްފައި ބެހެއްޓިއެވެ. އެރޭ އެހިސާބުން އެ ކަޅު ދެމީހުންނެއް ނުފެނެއެވެ. އޭގެ ފަހުންނެއްވެސް ނުފެނެއެވެ.
*********
ނޯޓް: “އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދުނިޔޭގައި އިންސާނުން ނޫނަސް ތަފާތު މަޚްލޫޤުން ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާފައި ވާކަމެވެ. ޖިންނިންނަކީ އުޅޭ އެއްޗެއްކަމެވެ. އެސޮރުމެން ފެންނަކަމެވެ. ވާބޯ ޖަންގަލި ހިމެނޭ ސަރަޙައްދުތަކުގައި އުޅޭކަމެވެ. ނަމަވެސް އެފަދަ ތަންތަނުގައި މީހުން އާބާދުވެ އުޅެންފެށުމުން އެސޮރުމެން ކޮންމެވެސް އެހެން ހިސާބަކަށް ގޮސް އުޅެންފަށަނީކަމަށް ބެލެވެއެވެ.”
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!