ޖެހިގެންއައިދުވަހު އަރައިގެންއައި އިރާއެކީ ނަތާޝާ އަހަރެންގެ ގެއަށް ޒިޔާރާތްކުރިއެވެ. ބެލްޖެހުމުން ދޮރުހުޅުވީ އަހަންނެވެ. އަހަންނަށް އައިސްފައިވާ ބަދަލުފެނި އޭނާހުރީ އަނގަ ހުޅުވިގޮތަށް ލައްޕާލަންވެސް ހަނދާންނެތިފައެވެ. އައީ ވަރަށް އުފާވެރި ޚަބަރަކާއި އެއްކޮށޭ ބުނީ ދެޚިޔާލެއްގައިހުރެކަން ނަތާޝާގެ މޫނުމަތީގައިހުރި ކުލަވަރު ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މަޝްހޫރު ބަޠަލަކާއިއެކު އިޝްތިހާރެއްކުޅެން އަހަންނަށް ފުރުޞަތު ލިބުނުކަން ހާމަކުރުމުން ވަގުތުން އަހަރެން ދެކޮޅުހެދީމެވެ. އެއީ އިރެއްގައި އަހަރެން ދެކުނު ހުވަފެނަކަށްވިއަސް މިހާރު އެއީ އަހަރެން އުޅެން ބޭނުންވާގޮތެއްނޫނެވެ. ނަތާޝާ އިތުރަށް އެކަމަށް ބާރުއަޅާކަށް ނޫޅުނެވެ. އަހަރެންގެ ޖަވާބަށް ބަދަލެއް ނާންނާނެކަން ވިސްނުނީ ކަންނޭނގެއެވެ. ހާލު އޮޅުންފިލުވުމަށްފަހު ނިކުމެގެންދިޔައީ މުހިއްމު ކަމެއް އޮތް ވާހަކަ ބުނެފައެވެ. އެދުވަހަށްފަހު އަހަރެމެންގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ.

އެއީ އަހަރެންގެ ދިރިއުޅުމުގެ އާފެށުމެކެވެ. ދީނީ ދަރުސްތަކަށް އަހަރެން ދަނީ ދާހިތުންނެވެ. ހެޔޮލަފާ ދީންވެރި އުޚުތުންނާއި ގުޅުން ބަދަހިކޮށް އަހަރެންގެ ދިރިއުޅުން އިސްލާޙުކުރުމަކީއަހަރެންގެ އުންމީދެވެ. ބަރާބަރަށް ފަރުޟު ފަސްނަމާދުކުރުމާއި ވީވަރަކުން ސުންނަތް ނަމާދުތައްކޮށް ކީރިތި ޤުރުއާނުން ކޮންމެވެސް މިންވަރެއް ކޮންމެ ދުވަހަކު ކިޔެވުމަކީ އަހަރެންގެ އާދައަކަށް ހެދީމެވެ. އަހަރެންގެ އެކުވެރިންނަށާއި އޮފީހުގައި އެކުގައިއުޅޭ އެހެން ކުދިންނަށްވެސް ދީނީ ކަންކަން ކުރުމަށް ހިތްވަރުދީ ހަދަމެވެ. އޭގެތެރެއިން ބައެއް ކުދިންގެ އުޅުމުން ހެޔޮ ބަދަލުތައް ފެންނަންފެށުމުން އަހަރެން ވަރަށް އުފާކުރީމެވެ. ނަމަވެސް ނަތާޝާ ފިޔަވައެވެ. އޭނާވީ އަހަންނާއި ދުރެވެ. ފާޅުގައި ދެކޮޅު ނުހެދިއަސް ނަތާޝާ އަހަންނާއި އެކުގައި އުޅެން ބޭނުންނުވާކަން އޭނާގެ އުޅުމުން ފާހަގަވިއެވެ. ދެންވެސް އަހަރެން ނަތާޝާއަށް ދިނީ ހެޔޮ ނަޞޭޙަތެވެ.

އިސްލާމީ މަރުކަޒުގައި އޮތް ދަރުސަކަށް ދިޔަ ރެއެކެވެ. ދަރުސް ނިމުމުން އަހަންނަށް އަލަށް ލިބުނު ރަޙްމަތްތެރިންނާއި ވާހަކަދައްކާލަން މަޑުކޮށްލީމެވެ. ވަރަށް އުފާވެފައި އެތަނުން އެއްކުއްޖަކު އޭނާ މޫނުބުރުގާ އަޅަން އުޅޭ ޚަބަރު ދިނެވެ. އެންމެންވެސް އެކަމަށް ތަރުޚީބުދީ އޭނައަށް ހިތްވަރުދިނެވެ. އަދި ދެންތިބި ދެކުދިންވެސް ވަރަށް އަވަހަށް މޫނު އަޅާނެ ވާހަކަ އަޑުއިވުމުން އަހަރެންވެސް އެކަމަށް ޝައުޤުވެރިކަން އުފެދުނެވެ. އެދުވަހު ގެއަށް އައުމަށްފަހު އަހަރެން ވަރަށް ވިސްނީމެވެ. މޫނު ބުރުގާ އެޅުމަށްފަހު އަހަރެން މިހާރު މި އަދާކުރާ ވަޒީފާ ގެއްލޭނެއެވެ. މުސްކުޅި މާމައާއި ކާފަ ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއެކެވެ. ގޭގެ ހުރިހާ ޚަރަދުތަކެއް ބެލެހެއްޓުމަށް ފައިސާ ހޯދާނެމަގެއް ހޯދާފައި މެނުވީ އެފަދަ ފިޔަވަޅެއް އެޅޭކަށްނެތެވެ. އަހަރެން ވިސްނުމަކަށް ގެއްލިފައި އިންދާ މާމަ އައިސް އަހަރެންގެ ހާލާއިމެދު ސުވާލުކުރިއެވެ. އަހަރެން ފަސްޖެހުމެއްނެތި އަހަރެން ބޭނުންވާގޮތް ހާމަކުރީމެވެ. އަހަރެން ހީކުރިގޮތަށް މިކަމުގައި މާމަގެ ތާއީދުލިބުނެވެ. އަދި ކޮންމެވެސް އަލިމަގެއް ފެންނާނެކަމަށް ބުނެ ހިތްވަރުދިނެވެ.

ޖެހިގެންއައި ދުވަހަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ އުފާވެރި އެއްދުވަހެވެ. ފަތިސް ނަމާދުން ފައިބައިގެން ކާފަ އައީ އަހަންނަށްޓަކައި އުފާވެރި ޚަބަރެއް ހިފައިގެންނެވެ. އަހަރެންގެ ކައިވެންޏަށް އެދި ހެޔޮލަފާ ދީންވެރި ފިރިހެން ކުއްޖަކު ހުށައެޅީއެވެ. ދެ އާއިލާގެ ބައްދަލުވުމަކަށްފަހު ހަމަ އެރޭ ކައިވެނި ހަމަޖެހިގެންދިޔައެވެ. އޭގެ ހަފްތާއެއް ފަހުން އަހަރެންގެ ކައިވެނީގެ ޙަފްލާ ބޭއްވުނީ އަހަރެން ބޭނުންވިގޮތަށް މޫނު ނިވާކޮށްފައިވާ އަންހެނުންގެ ލިސްޓުގައި އަހަރެންގެ ނަން ހިމެނިގެންނެވެ. ޝާހިދުފަދަ އޯގާތެރި ފިރިއެއް ދެއްވީތީ އަހަރެން الله އަށް ޙަމްދުކުރީމެވެ.

އަހަރެން މޫނު ނިވާކުރީ އެއީ ދިވެހި މުޖުތަމަޢުގެ ގިނަ މީހުން ބަލައިގަންނަ ކަމަކަށް ނުވާކަން އެނގިހުރެއެވެ. އެހެންކަމުން ކުރިމަތިވީ ގޮންޖެހުންތަކަށް ކެތްތެރިވަމުން ދިޔައީމެވެ. ނަމަވެސް ބައެއް ފަހަރު މީހުންގެ ވިހަގަދަ ބަސްތަކުގެ ސަބަބުން ހިތުގައި ޖެހެއެވެ. އާއެކެވެ! ބައެއް މީހުން ދެކެނީ ކޮންމެ މޫނުބުރުގާއެއްގެ ފަހަތުގައިވަނީ ހައްދުފަހަނައަޅާފައިވާ މީހެއްކަމުގައެވެ. އެއްބަޔަކު ވާލޭ މުޚާތަބުކޮށް ވާހަކަ ދައްކާއިރު އަނެއްބަޔަކު ފޮތިމާލި ކިޔައެވެ. ހައްތަހާވެސް މަލާމާތުގެ ބަސްތަކެވެ. ކުޑަކުދިންގެ ކައިރީގައި އެހެރަ އަންނަނީ ބައޯކަލޯ ކާލާށޭ ބުނެ އަހަރެމެންނަށް އިޝާރާތްކުރާއިރު އެތުއްތު ތުއްތު ކުދިންގެ ލޮލުން ފެންނަ ބިރުވެރިކަން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލައެވެ. ފިހާރައަކަށް ވަދެފިނަމަ ސޭޓުން ސިއްރުސިއްރުން އެއީ ވަގެކޭ ބުނެ ފާރައަށް ތިބުމަށް ގެންގުޅޭ ބިދޭސީމީހާގެ ކައިރީގައި ބުނާއިރު މޫނުއަޅައިގެން ހުންނަ ކޮންމެ މީހަކީ ވަގެއްނޫނޭ ބުނަން ބޭނުންވާ ކިތަންމެ ފަހަރެއް އާދެއެވެ. ނަމަވެސް ކެތްތެރިވަމެވެ. އެންމެ ހައިރާންވެ ދެރަވަނީ ގާތް އެކުވެރިންނާއި ތިމާގެ މީހުންގެ ފަރާތުންވެސް އެކަހަލަ ބަސްތައް ރައްދުވާތީއެވެ.

އެއީވެސް އެފަދަ ދުވަހެކެވެ. އަހަރެން ދިޔައީ މާމަ ވަރުބަލިވާ ވާހަކަ ބުނުމުން ޑޮކްޓަރަށް ދައްކާލާށެވެ. ހޮސްޕިޓަލްގެ ކައިރީގައި ޓެކްސީ މަޑުކޮށްލުމުން ފައިސާ ދެއްކުމަށްފަހު މާމަ ގޮވައިގެން ފޭބީމެވެ. އެވަގުތު މީހެއްގެ ގައިގާ ޖެހުމުން ސޮރީއޭ ބުނެ އެނބުރިލިއިރު ނަތާޝާ ފުސްމޫނު ހަދައިގެން ހުއްޓެވެ. ދުވަސްގަނޑަކަށްފަހު ފެނުމުން ނަތާޝާއަށް ގޮވާލުމުން އޭނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ކައިރީގައިހުރި ކުއްޖާ ކޮންމެވެސް އެއްޗެއް ބުނުމުން ބުނި ދެތިން ލަފްޒު އަހަރެންގެ ހިތް ތޮރުފާލިކަހައެވެ. “އަހަރެންގެ ފްރެންޑްސް ނުތިބޭނެ ޑޮޓުންނެއް. ތަނެއްދޮރެއް ނުބަލާނެ. ފޮތި ފޭއްޔެއް އޮޅެނިކޮށްހެޔޮ އެމީހުނަށް”. ޑޮޓުންނަކީ އަހަރެމެން ކުރިންވެސް މޫނުބުރުގާއެޅި މީހުންނަށް މުޚާތަބު ކުރި ނަމެކެވެ. އެއީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް އަހަންނަށްވެސް އޭރު ޤަބޫލުކުރެވުނީއެވެ. ނަމަވެސް ނަތާޝާ އެހެން އެބުނީ އަހަރެންކަން އެނގިހުރެބާއެވެ! އެއްއިރެއްގައި އެންމެ ގާތް އެކުވެރިޔާ މިހާރު ރަޙްމަތްތެރިކަމުންވެސް ވަކިވީއެވެ. ހިތަށް އެރިއެވެ. މޫނު ނިވާކުރުމަކީ ކުށެއްގެ ގޮތުގައި މި މުޖުތަމަޢު ދެކެނީ ކީއްވެބާއެވެ؟ އެއީ އަހަރެމެންގެ ދީން ބާރުއަޅާ ކަމެއްކަމާއި އަންހެނާއަށް ލިބޭ ރައްކާތެރިކަމެއްކަން އަދި ފާފަތަކުން އެއްކިބާވުމަށް ކޮށޭ މަގެއްކަން އެފަދަ މީހުންނަށް ވިސްނޭނެ ނަމައެވެ. އެހެން ކަންތައްކުރުމުންވެސް ނަތާޝާއަށް ހެޔޮ ވިސްނުން ދެއްވުމަށް އަހަންނަށް އެދެވުނެވެ.

އޭގެ  މަސްދުވަސް ފަހުން އަހަންނަށް ލިބުނީ ނަތާޝާ އަމިއްލައަށް މަރުވި ޚަބަރެވެ. އެދުވަސްވަރު ހުރިހާ ޗެނަލްތަކަކުން އެއްވާހަކައަކަށް ދެކެވުނީ އެވާހަކައެވެ. މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ދަންޖެހިގެން މަރުވިކަމެވެ. އޭގެ މާ ގިނަދުވަހެއްނުވެ ސޯޝަލްމީޑިއާގައި އޭނާގެ ނިވާކަމެއްނެތް ފޮޓޯތަކަކާއި ފިރިހެނަކާއިއެކު ނަގާފައިވާ ވީޑިޔޯތަކެއް ދައުރުވާންފެށިއެވެ. ކުރި ތަހުޤީގުތަކުން އެނގުނީ ނަތާޝާ އަމިއްލައަށް މަރުވުމުގެ ފަހަތުގައިވަނީ އޭނާގެ ކުރީގެ ލޯބިވެރިއެއްކަމާއި އޭނާ ނަތާޝާ ބްލެކްމެއިލް ކުރަމުންދިޔަކަމެވެ. ކުފުރު މަރަކުން މަރުވެގެންދިޔައީ އެއްދުވަސްވަރެއްގައި އަހަރެންގެ އެންމެ ގާތް މިތުރެވެ. އަހަރެން އެމީހެއްގެ އުޅުން ނަކަލުކުރަމުންދިޔަ ނަމޫނާއެވެ. އަހަރެންނަށް އެދުވަހު ހެޔޮގޮތް އިޚްތިޔާރު ނުކުރެވުނުނަމަ ނަތާޝާ ފަދައިން އެފަދަ ގޮތަކަށް މިދުނިޔެ ދޫކޮށް ދާންޖެހުމަކީވެސް އެކަށީގެންވާކަމެއްކަން ގައިމެވެ. އަހަރެން އެކުވެރިޔާއަށް ދިމާވިގޮތުން ހިތާމަކުރީމެވެ. އަދި މިއަދު އަހަރެންގެ މޫނު ފަރުދާކުރެވުނީތީ އުފާކުރަމެވެ. އެފަދަ ކަޅިއެޅުންތަކުން ރައްކާތެރިކަން ދެއްވުންއެދި الله ގެ  ހަޟްރަތުގައި ދަންނަވަމެވެ. އަހަރެންގެ އެކުވެރިންނަށް ހެޔޮ ވިސްނުންދެއްވާ ދީނަށް ލޯބިކުރާ ބަޔަކުކަމުގައި އެމީހުން ލެއްވުމަކީ އަހަރެން އަބަދުވެސް ކުރާ ދުޢާއެވެ. ނަތާޝާގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ.

-ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

ސެންހީ
ކޮންމެ މީހަކީވެސް ހުނަރެއް ލިބިފައިވާ މީހެކެވެ. ޖެހޭނީ ހަމައެކަނި އެކަން އަނެކުންނަށް ސާބިތުކޮށްދޭށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް