ރާއްޖޭގައި ދިވެހި ޒުވާން އެކްޓަރުން މަދޭ ބުނަނީ ކޮންބައެއް ހެއްޔެވެ؟ ހުނަރުވެރި ކުދިން ނެތޭ ބުނަނީ ކޮން ބައެއް ހެއްޔެވެ؟ އެހެން އެ ބުނާ ބަޔަކު ނިކަން ‘މިއުޒިކަލީ’ އަށް ވަދެ ބަލައިލަބަލާށެވެ. ދިވެހި ޒުވާން އެކްޓަރުން ކޯދުލާފައި ފެންނާނެ އެވެ. ޓެކްނޮލޮޖީއާއި އަބަދުވެސް އެންމެ ރައްޓެހި ދިވެހިން އަންނަނީ މިއުޒިކަލީ ގެ ބޭނުން ވަރަށް ބޮޑަށް ހިފަމުންނެވެ. މިއުޒިކަލީ އެޕް ފޯނަށް އަޅައިގެން އެ ބަލައިލުމުން އެކަން އެނގޭނެއެވެ. މިއުޒިކަލީ އަކީ މިވަގުތު މީސްމީޑިއާގައި އެންމެ ވައިގައި ހިފާފައިވާ އެޕް ކަމަށް ބުނުން އެއީ ގޯހެއް ކަމަށް ނުވާނެކަން ޔަޤީންވަނީ އެޕްގެ މަޝްހޫރުކަން ބޮޑުކަމުންނެވެ.

މިއުޒިކަލީ އެޕަކީ ޑަބްކުރާ އެޕެކެވެ. މި އެޕަކީ ދިވެހި ޒުވާނުންގެ އެކްޓިންގ ހުނަރު މުޅި ދުނިޔެއަށް ދައްކައިދޭ މަންސަ އަކަށް (ޕްލެޓްފޯމަކަށް) މިއަދު މިވަނީވެފައެވެ. މިއީ 2014 ވަނަ އަހަރު ޗައިނާ ބަޔަކު އުފެއްދި އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަންގެ ބޭނުމަކީ ލައިވް ވީޑިއޯ އަދި ކުރު ވީޑިއޯ އުފެއްދުމެވެ. 15 ސިކުންތާއި 1 މިނިޓްގެ ވީޑިއޯ އުފެއްދޭ އެ އެޕްލިކޭޝަނަކީ ބޭނުން އޯޑިއޯއެއް ލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެޕެކެވެ. މިއީ މީގެ ދުވަސްތަކެއް ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރުވި ‘ޑަބްސްމެޝް’ އާ ދާދި އެއްގޮތް، އެހެން ނަމަވެސް ގިނަ ފީޗާތަކެއް އެކުލެވޭ އެޕެކެވެ.

މީގެ އިތުރުން މިއެޕް މެދުވެރިކޮށް ޓައިމް ލެޕްސްއާއި، ސްލޯމޯ، އަދި ޑުއެޓް ލަވަތަކަށް ޑަބްކުރުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. މިހާރު ވައިގައި ހިފާ ‘ޖިފް’ ތަކަށް އިތުރު ބާރަކަށް ވެފައިވާ މި އެޕްގައި 14 ޕްރީ ސެޓް ފިލްޓަރ ހުންނައިރު ތަފާތު ހޭޝްޓެގްތަށް ބޭނުންކުރުމުގެ ފުރުސަތު މި އެޕުން މިއަދު މިވަނީ ހުޅުވާލައިފައެވެ.

މިއުޒިކަލީ ބޭނުންކޮށްގެން ދިވެހި ޒުވާނުން އަންނަނީ މަޝްހޫރުކަން ހޯދަމުން

ދުވާލެއްގެ މައްޗަށް އެތަކެއް ބައިވަރު ވިޑީއޯ މިއުޒިކަލީ މެދުވެރިކޮށް އާންމުކުރާ ދިވެހިންވެސް މަދެއް ނޫނެވެ. މި އެޕް މެދުވެރިކޮށް، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި ހުރި ތަފާތު ލަވަތަކާއި ޑައިލޮގްތަކަށް ޒުވާނުން އެކްޓްކޮށްލާފައި ހުންނައިރު ހޮލީވުޑާއި ބޮލީވުޑްގެ ހިޓް ލަވަތަކާއި ޑައިލޮގްތަށް ޑަބްކޮށްފައި ހުންނަ މަންޒަރަކީ ކޮންމެ މީހެއްގެ މޫނުމައްޗަށްވެސް ހިނިތުންވުން ގެނުވާފަދަ ތަފާތު ހުށަހެޅުންތަކެކެވެ.

ރާއްޖޭގެ މީޑިއާ އިން ފެންނަ ބައެއް މަޝްހޫރު ޕްރެޒެންޓަރުންނާއި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންވެސް މިއުޒިކަލީ ބޭނުންކުރޭ

މީގެ އިތުރުން އެއް އިރެއްގައި މަޝްހޫރުވި ފަތިސް ހަނދުވަރުގެ ‘ޒޫނާ ޑައިލޮގާއި’ ހާޖަރާ އަބްދުލްކަރީމްގެ މަޝްހޫރު ‘އޭ ބަލަ ލަތީފާ’ ޑައިލޮގާއި ސިއްތިފުޅުގެ ‘ހަނާ’ ޑައިލޮގާއި އޭނާގެ މަޖާ އެހެން ޑައިލޮގްތަކަށް ވީޑިއޯ ހަދާފައި ހުންނަތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މީގެ އިތުރުން ކޮންމެ ރަމަޟާން މަހަކު ޓީވީއެމްއިން ގެނެސްދޭ ‘މުހައްމަދު ރަސޫލުﷲ’ ޕްރޮގްރާމްގައި އުޅޭ ‘ހާމާނު ކެރެކްޓާ’ ގެ އަޑަށްވެސް އެޕްން އެކްޓްކުރާ ޒުވާނުން އެކްޓްކޮށްފައި ހުރީ ހަމަ އެހާ މޮޅަށެވެ. އެހެންކަމުން ދިވެހި ޒުވާން އެކްޓަރުން ހޯދުމަށް ބޭނުންވާ، ފިލްމު އުފައްދާ ފަރާތްތަކަށް އެންމެ ފަސޭހައިން ހުނަރުވެރި އެކްޓަރުން އަތުޖެހޭނެ މަންސައަކީ ‘މިއުޒިކަލީ އެޕް’ ކަމަށް ޤަބޫލުކުރެވެއެވެ.


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއުޒިކަލީ ބޭނުން ކުރަމުންދާ މީހުންގެ އަދަދު 200 މިލިއަނަށް ވުރެ ގިނައެވެ. އަދި މި އެޕަށް ކޮންމެ ދުވަހަކު 12 މިލިއަން ވީޑިއޯ އަޅާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.