ކެމެރާ ކުރިމަތިން ރާއްޖޭގެ އެންމެ މަޤްބޫލު އެކްޓްރެސް ނިޢުމާ މުޙައްމަދު ނިވައިވުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭ ޚާއްޞަ ފިލްމު، ‘ނިވައިރޯޅި’ ގެ ޝޫޓިން މިއަދު ރ. އަތޮޅު އިނގުރައިދޫ ގައި ފަށާއިފި އެވެ.

ބޮޑު ކާސްޓަކާއި އެކީ ފިލްމުގެ ޝޫޓިންނަށް އިއްޔެ ގިނަ ތަރިންތަކެއް ރ. އިނގުރައިދޫއަށް ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އިނގުރައިދޫގެ އިތުރުން ރ. އަތޮޅުގެ އުނގޫފާރުގައި ވެސް އެ ފިލްމުގެ ބައެއް މަންޒަރުތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ފިލްމުގެ ލީޑްވެސް ކުޅޭ ނިޢުމާ މުޙައްމަދު ބުނީ މިއަދު ޝޫޓިން ފަށާފައިވާކަމަށާއި ޝޫޓިން ވަރަށް ބަރާބަރަށް ކުރިއަށްދާކަމަށެވެ.

މިއީ ކާމިޔާބު ފިލްމު ‘ހެޕީ ބާތު ޑޭ’ ގެ ގެ ޑައިރެކްޓަރ މޫމިން ފުއާދުގެ ޑައިރެކްޝަނަކަށް އުފައްދާ ފިލްކެވެ.

ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނީ ކިހާ ދުވަހަކުންތޯ މުނިއަވަސް އިން ސުވާލުކޮށްލުމުން ނިޢުމާ މުޙައްމަދު މިރޭ ބުނީ 25 ވަރަކަށް ދުވަހުން ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ 25 ދުވަހުން. ހުރިހާ އިންޑޯ މަންޒަރުތަކެއް އިނގުރައިދޫގައި ނަގާގޮތަށް އޮތީ. އުނގޫފާރުގައި ވެސް މަންޒަރެއް ނަގާގޮތަށް. މާލޭގައި އައުޓްޑޯ މަންޒަރުތައް،“ނިއުމާ ބުންޏެވެ.

ގިނަ ތަރިންތަކެއް ހިމެނޭ ‘ނިވައިރޯޅި’ ގެ ފައިނަލް ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

މި ފިލްމުގެ ލީޑަށް މުޅިން އާ ފިރިހެން ތަރިއެއް ނަގާނެކަމަށް މީގެ ކުރިން ނިޢުމާ ބުނެފައިވިޔަސް މިހާރު ވަނީ އާތަރިއެއް ނުނަގާގޮތަށް ނިންމާފައިކަމަށް ނިޢުމާ މުނިއަވަސް އަށް ބުންޏެވެ. މި ފިލްމުގެ ކާސްޓް އިއުލާނު ކުރުމަށް ބޭއްވި ހަފުލާގައި ނިޢުމާ ބުނީ ‘ނިވައިރޯޅި’ އަކީ އޭނާގެ ފަހު މަސައްކަތް ކަމަށްވާތީ ބެލުންތެރިންނާއި ހަމައަށް ވަރަށް ޕާފެކްޓް އެއްޗެއް ގެނެސްދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

‘ނިވައިރޯޅި’ އަކީ މޫމިން ފުއާދުގެ ސްކްރިޕްޓެއްގެ މައްޗަށް ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި ނިޢުމާ ފެންނަން ޖެހެނީ ފަލަކޮށް ހުއްޓާކަމަށް ވާތީ ނިޢުމާ ވަނީ ފިލްމަށްޓަކައި ފަލަވެފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.