ދިވެހިންނަކީ ފުޓްބޯޅައަށް ވަރަށް ފޯރި ހުންނަ ބައެކެވެ. ޚާއްސަކޮށް ދުނިޔޭގެ ތަށްޓަށް ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށެވެ. ދިވެހިން ފުޓްބޯޅައަށް ކުރާ ލޯބި ދައްކައިލުމަށް ދިވެއްސެއް މިވަނީ މިހާރު ރަޝިޔާ ގައި ކުރިޔަށްދާ ވޯރލްޑް ކަޕް ކުޅޭ މައިދާނުގައި ދިވެހި ދިދަ ވިހުރުވާލާފަ އެވެ.

“2018 ފީފާ ވޯލްޑް ކަޕް ރަޝިޔާ” ގެ މެޗްތައް ބެލުމަށް ޓިކެޓް ގަނެފައިވާ ދިވެހިރާއްޖޭގެ ޑޮކްޓަރެއް ކަމަށްވާ ފަތުޙުﷲ ސަޢީދު ދިވެހި ދިދަ ހިފައިގެން ރަޝިޔާގެ މޮސްކޯ ގެ ފުޓްބޯޅަ ދަނޑެއްކަމަށްވާ ‘ވޮލްގަގްރެދް އެރީނާ’ ގައި ބޮޑު ދިވެހި ދިދައެއް ހިފައިގެން ހުރެ ވަނީ ފޮޓޯވެސް ނަގާފައެވެ. މީގެ ކުރިން އައިޖީއެމްއެޗް ހޮސްޕިޓަލާއި ބައެއް އަމިއްލަ ކްލިނިކް ތަކުގައި މަސައްކަތް ކުރުމަށްފަހު، ދަތުގެ ޑޮކްޓަރ ފަތުޙުﷲ ސަޢީދު މިވަގުތު ރަޝިޔާގައި ހުރީ ‘އޯރަލް މެކްސިލޯފޭޝަލް ސަރޖަރީ އިން ޕޯސްޓް ގްރެއޭޓް’ ވުމަށް ކިޔެވުމަށެވެ.

“ޓިކެޓް ގަތީ މިދިޔަ އަހަރު ސެޕްޓެމްބަރ ގަ، އެންމެ ފުރަތަމަ ބުރުގަ.” ވޯލްޑް ކަޕް މެޗްތައް ބެލުމަށް ޓިކެޓް ގަތް ގޮތާބެހޭގޮތުން ސުވާލުކޮށްލުމުން ރަޝިޔާގައި ހުރެ މުނިއަވަސް އަށް މަޢުލޫމާތު ދެމުން ފަތުޙުﷲ ބުންޏެވެ.

ޑޮކްޓަރ ފަތުޙުﷲ ސަޢީދު މެޗް ބެލުމަށް ނެގި ޓިކެޓް – ފޮޓޯ: ފަތުހުﷲ

“ޓިކެޓްގެ އަގުތައް އުޅެނީ ކެޓަގަރީ ވައިސް ކޮސް. އޮލްމޮސްޓް ހަންޑްރެޑް ޔޫއެސް ޑޮލަރަށް. އަހަރެން ގަތީ ކޮންމެ ޓިކެޓެއް ދެވަނަ ކެޓަގަރީއަށް. ފުރަތަ ކެޓަގަރީއަށް އުޅޭ 50 ޑޮލަރަށްވެސް. އެކަމަކު އެއީ އެންމެ ކަނުން.” ޓިކެޓްގެ އަގުތަކާބެހޭގޮތުން އޭނާ ބުންޏެވެ.

ފަތުޙުﷲ އިތުރަށް ބުނީ މިއީ ހުވަފެނެއް ހަޤީޤަތަށް ވުންކަމަށެވެ.

“ދެން އެނގޭނެ ދިވެހިންގެ ފުޓްބޯޅަ ފޯރި. އެހެންވީމަ ވޯލްޑް ކަޕް މީ ހަމަ ޑްރީމް އެއް. ދެން ޚާއްޞަކޮށް އިންގްލިޝް ޕްރިމިއަރ ލީގްގައި ކުޅޭ އާއްމުކޮށް ދަންނަ ކުޅުންތެރިންގެ ކުޅުން ލައިވް ކޮށް ބަލައިލެވުމުން ވަރަށް ހިތްހަމަ ޖެހުނު.” މިމަހުގެ 18 ވަނަ ދުވަހު އިނގިރޭސިވިލާތާއި ޓިއުނީޝިޔާ ބައްދަލުކުރި މެޗް ‘ވޮލްގަގްރެދް އެރީނާ’ ގެ ބްލޮކް231 ގެ 10 ވަނަ ގޮނޑީގައި އިނދެ މެޗް ބެލުމަށްފަހު ފަތުޙުﷲ އަށް ކުރެވުނު ތަޖްރިބާ ހަމައެކަނި މުނިއަވަސް އާއި ހިއްސާ ކުރަމުން ބުންޏެވެ.

ޑޮކްޓަރ ފަތުޙުﷲ ސަޢީދު ވޮލްގްރެޑް އެރީނާ ސަރަހައްދުން ނަގާފައިވާ ބައެއް ފޮޓޯތައް – ފޮޓޯ: ފަތުހުﷲ

އެންމެ ކުޑައިރުއްސުރެވެސް ފުޓްބޯޅައަށް ފޯރި ހުންނަ ޑޮކްޓަރ ފަތުޙުﷲ ސަޢީދު ހަމަ އެކަނި މެޗް ބަލައިލަން ‘ވޮލްގަގްރެދް އެރީނާ’ އަށް ދިޔައީކީ ނޫނެވެ. ވޯލްޑްކަޕް ގެ ފުޓްބޯޅަ މެޗް ކުޅެމުންދިޔަ ދަނޑުގައި ހުރެގެން ދިވެހިންގެ ޝަރަފުވެރި ޤައުމީ ދިދަ އެ ދަނޑުގައި ވަނީ ވިހުރުވާފަ އެވެ. ދިވެހި ދިދައެއް ހިފައިގެން ދަނޑަށްގޮސް ދިދަ ހިފައިގެން ހުރެ ފޮޓޯނަގަން ނިންމީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ފަތުޙުﷲ ބުނީ ދިވެހިންނަކީ ކިތަންމެ ކުޑަ ޤައުމެއް ވިޔަސް ފުޓްބޯޅައަށް ލޯބިކުރާ ބައެއް އުޅޭ ތަނެއްކަން ދައްކައިލަދިނުމަށް ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖެ ވޯލްޑް ކަޕަށް ކޮލިފައި ނުވިޔަސް ޤައުމީ ލޯބި ދައްކައިލުމަށް ކަމަށެވެ.

“ދެން އަނެއްކާ މަދުފަހަރަކު މިކަހަލަ ޗާންސެއް ލިބޭނީ. ދިރިއުޅޭ ޤައުމެއްގައި ވޯލްޑް ކަޕް ބާއްވާނީ މަދުފަހަރަކު.” ފަތުޙުﷲ އިތުރަށް ބުންޏެވެ.

ފަތުޙުﷲ ބުނީ ޓިކެޓް ހޯދުމާއި ޓިކެޓް ނެގުމަކީ ހީކުރިހާ އުނދަގޫ ކަމެއް ނޫންކަމަށެވެ.

“އަސްލު ހީކުރިހާ ކޮމްޕްލިކޭޓެޑެއް ނޫން ވޯލްޑް ކަޕް ގެ ކަންތައްތައް. ވަރަށް ފަސޭހަކޮށް އޮންނަނީ. ޓިކެޓް ނެގުމަށްފަހު ވަރަށް ހިތްހަމަޖެހިގެން ހުރެ އެއް މެޗް ބަލައި މި ނިންމާލީ. ވަރަށް ތަފާތު މާހައުލެއް އެއީ. އެހާ ގިނަމީހުން ޖަމާވެ ސަޕޯޓް ކުރާތީ ވަރަށް ސަޅި. އަޑު ނުވެސް ކެނޑޭ. ޓިކެޓް ނެގުންވެސް ހަމަ ވަރަށް ފަސޭހަ. ފޭން އައިޑީ ލިބުނީމަ ޓްރެވެލިންގ އޮންނަނީ ފްރީކޮށް.”

ޑޮކްޓަރ ފަތުޙުﷲ ސަޢީދު ވޮލްގްރެޑް އެރީނާ ސަރަހައްދުން ނަގާފައިވާ ބައެއް ފޮޓޯތައް – ފޮޓޯ: ފަތުހުﷲ

ފަތުޙުﷲ ބުނީ މެޗްތައް ކުޅޭ ސިޓީއެއްގައި މެޗްކުޅޭ ދުވަސް އޮންނަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައިވެސް ތިބެންޖެހެނީ ހަމައެކަނި އޮންކޯލް ގައި ތިބޭ ޑޮކްޓަރުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޑޮކްޓަރ ފަތުޙުﷲ ސަޢީދު ނަގާފައިވާ ޓިކެޓްތަކާއި ‘ފޭން އައިޑީ’ ގެ ފޮޓޯއެއް – ފޮޓޯ: ފަތުހުﷲ

ޑޮކްޓަރ ފަތުޙުﷲ ސަޢީދު ވަނީ ކުރިއަށް އޮތް 4 މެޗަށްވެސް ޓިކެޓް ނަގާފައެވެ. އެއީ ފަތުޙުﷲ ސަޢީދު މިވަގުތު ހުރި ވޮލްގަގްރެދް ސިޓީގެ ‘ވޮލްގަގްރެދް އެރީނާ’ ގައި އޮންނަ ހަތަރު މެޗްގެ ޓިކެޓްކަމަށް ފަތުޙުﷲ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.