ޞިއްޙަތު ބްލޮގުން ނަގާފައި
ހުންކޮށި(Spleen) ނުވަތަ ހުންކޮށްޓަކީ އިންސާނާގެ އެތެރެހަށީގައި ހިމެނޭ ގުނަވަންތަކުގެ ތެރެއިން ވަރަށް މުހިއްމު ގުނަވަނެކެވެ. މިއީ ހަށިގަނޑުގެ ދުވަސްވީ ލޭގެ ސެލްތައް ހަލާކުކޮށް ނައްތާލުމާއި، އަދި ހަށިގަނޑުގެ ލޭ ހިފަހައްޓައިދޭ ރިޒާވަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރުކަޒެއް ވެސް މެއެވެ. ދިފާޢީ ނިޒާމްގެ މުހިއްމު ބައެއް ކަމުގައިވާ “ރެޓިކިޔުލޯއިންޑޯތީލިއަލް ސިސްޓަމް” ގައި ވެސް ހުންކޮށީގެ ދައުރެއް އޮވެއެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ހުންކޮށި ހުންނަތަން
ހުންކޮށި ހުންނަނީ ހަށިގަނޑުގެ ވާތް ފަރާތުން މައިދާގެ ފުރަގަހުން އެއްއަރިމައްޗަށްވާގޮތަށް މޭމަތީގެ އަރިކަށީގެ ކަށިގަނޑުތަކުގެ ދަށުގައެވެ. ހުންކޮށީގެ ސައިޒަކީ ގާތްގަނޑަކަށް އެމީހެއްގެ އަތުގެ މުށެއް ވަރެވެ. ހުންކޮށި ހުންނަނީ މައިދާގެ ފަންޑަސް އާއި، ޑައަފްރަމް އާއި ދެމެދުގައެވެ. ހުންކޮށީގެ އެންމެ ދިގު ނާރެސް ހުންނަނީ ވާތް ފަރާތުގެ އަރިކަށިތަކުގެ ތެރެއިން 10 ވަނަ ކަށިގަނޑާއި (މޭމަތީގެ ކަށިތައް) އެއް ހަމައެއްގައެވެ. ނުވަތަ އަރިކަށީގެ ކަށިތަކުގެ ތެރެއިން 11-9 ވަނަ ކަށިގަނޑުތަކާއި އެއްހަމައެއްގައެވެ.
ހުންކޮށި އުފެދެން ފަށަނީ މާބަނޑުވުމަށް 6 ވަނަ ހަފްތާގެ ތެރޭގައެވެ. ފުރަތަމަ އުފެދެނީ ގޮށްތަކެއްގެ ސިފައިގައެވެ. އެއަށްފަހު ލޯބުތަކެއް އެކުލެވޭ ހުންކޮށްޓަކަށް ބަދަލުވެ، އޭގެ ފަހުން ފުރިހަމަ ހުންކޮށްޓެއް އުފެދެއެވެ.
ހުންކޮށީގެ ބައްޓަން
ހުންކޮށި އިންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ހުންކޮށީގެ މެދުތެރެ (ހަށިގަނޑުގެ އެތެރެ) އާ ވީ ފަރާތުގެ ނިމުން ނުވަތަ ކޮޅު ހުންނަނީ ހިމަކޮށެވެ. އަރިމަތީ (ހަށިގަނޑުގެ އަރިމައްޗަށް)ވީ ފަރާތުގެ ނިމުން ހުންނަނީ ފުޅާކޮށެވެ. ހުންކޮށީގެ މަތީ ބޯޑަރުގައި އަރިމަތީ ފަރާތުން ނިމޭ ހިސާބުގައި ގޮށެއް ލެވިފައި އިދެއެވެ. އަދި މިގޮށުގެ ސަބަބުން ހުންކޮށިން ނިކުތުމެއް(projections) އުފެދިފައި އިދެއެވެ. މިއުފުލުމަށް ނުވަތަ ނުވަތަ ނިކުމެފައިވާ ނިކުތުމަށް ކިޔަނީ ”ހުންކޮށީގެ ކަން”(Splenic angle) އެވެ. ހުންކޮށީގެ ތިރީ ބޯޑަރު ހުންނަނީ ވަށްކޮށް އަދި އޮމާންކޮށެވެ.
ހުންކޮށީގައި ދެކޮޅު، 3 ބޯޑަރު އަދި ދެފަރާތް ވެއެވެ. އެއީ މެދުތެރެއާވީ ކޮޅު، އަރިމައްޗާވީކޮޅު، ތިރީ ބޯޑަރު، މަތީ ބޯޑަރު،ކުރިމަތީ ބޯޑަރު، ޑައަފްރަމް އާއި ދިމާވާ ފަރާތް، އަދި އެތެރެހައްޓާ ކުރިމަތިވާ ފަރާތެވެ.
ހުންކޮށީގެ ސައިޒަށް ބަލާއިރު އޭގެ ބޯމިނުގައި 1 އިންޗި، ފުޅާ މިނުގައި 3 އިންޗި، އަދި ދިގުމިނުގައި 5 އިންޗި ހުރެއެވެ. ހުންކޮށީގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 200-150 ގްރާމް ހުރެއެވެ.
ހުންކޮއްޓާއި ވިދިފައިވާ ހަށިގަނޑުގެ ބައިތައް
ހުންކޮށީގެ ދެފަރާތް ވެއެވެ. އެއީ ޑައަފްރަމް އާއި ޖެހިފައިވާ ފަރާތާއި އަދި އެތެރެހަށީގެ ގުނަވަންތަކުގައި ޖެހޭގޮތަށް އިންނަ ފަރާތެވެ. ޑައަފްރަމްއާއި ޖެހިފައިވާ ފަރާތް ހުންނަނީ އޮމާންކޮށެވެ. މި ފަރާތް ޖެހޭނީ ޑައަފްރަމް(Daiphragm) ގައެވެ. އެހެން ކަމުން ޑައަފްރަމް އަކީ ހުންކޮށި ވާތް ފަރާތުގެ ފުއްޕާމޭ، އަރިކަށީގެ ކަށިތަކުގެ ތެރެއިން 9،10، 11 ވަނަ ކަށިގަނޑު އަދި އެކަށިތަކުގެ ދޭތެރޭގައިވާ މަސްތަކާއި ވަކިކޮށްދޭ ހުރަހެކެވެ.
އެތެރެހައްޓާއި ކުރިމަތިވާ ގޮތަށް އިންނަ ފަރާތް ހުންނަނީ ސީދާ އެތެރެހަށީގެ ގުނަވަންތަކުގައި ޖެހޭގޮތަށް އުފެދިފައެވެ. އެހެންކަމުން ހުންކޮށި ޖެހޭ ކޮންމެ ގުނަވަނަކަށް ހުންކޮށީގައި ޚާއްޞަ އަޑިކޮޅެއް ނުވަތަ ”އިމްޕްރެޝަން”(Impression) އެއް އުފެދިފައި ހުރެއެވެ. މިގޮތުން ހުންކޮށީގައި ޖެހިފައި ހުންނަ އެތެރެ ހަށީގެ ގުނަވަންތަކަކީ މައިދާ، ވާތް ފަރާތުގެ ގުރުދާ، ޗިސްމޭގެ ނިގޫކޮޅު، އަދި ފަލަ ގޮހޮރުން ހުރަހަށްވާގޮތަށް އޮންނަ ބަޔާއި، އަދި ފަލަ ގޮހޮރުން މަތިން ތިރިއަށްވާ ގޮތަށް އޮންނަ ބަޔާއި، ގުޅޭ ހިސާބުގެ ކަނެވެ. މިއިން ކޮންމެ ތަނެއް ހުންކޮށީގައި ޖެހިފައިވާ ތަނަށް ކުރިން ބުނި ”އިމްޕްރެޝަން” އުފެދިފައި ހުރެއެވެ.
ހުންކޮށި ހިފެހެއްޓިފައި ހުންނަނީ އެތެރެހަށީގެ އެހެން ގުނަވަންތަކާއި ފާލަން އަޅައިދޭ އެއްސުން ތަކެއްގެ ސަބަބުންނެވެ. މިގޮތުން ހުންކޮށްޓާއި، ގުރުދާ ގުޅުވައިދިނުމަށް އުފެދިފައިވާ އެއްސުމަށް ކިޔަނީ ”ލިއެނޯ ރީނަލް ލިގަމެންޓް”(Lienorenal ligament) އެވެ. އަދި ހުންކޮށްޓާއި، މައިދާ ގުޅުވައިދޭ އެއްސުމަށް ކިޔަނީ ”ގެސްޓްރޯ ސްޕްލެނިކް ލިގަމެންޓް”(Gastrosplenic ligament) އެވެ.
ހުންކޮށްޓަށް ލޭފޯރުކޮށްދިނުން
ހުންކޮށްޓަށް ލޭފޯރުވައިދެނީ ސްޕްލީނިކް އާޓަރީ އަދި ސްޕްލީނިކް ވެއިން އިންނެވެ. ސްޕްލީނިކް އާޓަރީ އަކީ އެއޯޓާ އިން އުފެދިފައިވާ ”ސިލިއެކް ޓްރަންކް”(Celiac trunk) އިން ނިކުމެފައިވާ އެންމެ ބޮޑު ލޭހޮޅި އެވެ. ހުންކޮށީގެ ތެރޭގައި ސްޕްލީނިކް އާޓަރީ ކުދިކުދި ލޭހޮޅިތަކަށް ބައިވެ، ކަފިވެގެން ގޮސްފައި ވެއެވެ.
ހުންކޮށި އަދާކޮށްދޭ ވަޒީފާ
ހ- ހަށިގަނޑު ބަލިތަކުން ދިފާޢުކުރުން : ހަށިގަނޑު ތަފާތު ބަލިތަކުން ދިފާޢު ކުރުމުގައި ހުންކޮށި މުހިއްމު ދައުރެއް އަދާކުރެއެވެ. މިގޮތުން ބަލިތަކާއި ދެކޮޅަށް ހަނގުރާމަ ކުރާނެ ވަރަށް ގިނަ ބާވަތްތަކުގެ ސެލްތައް ހުންކޮށީގެ ތެރޭގައި އުފެދެއެވެ. މިގޮތުން ހުންކޮށިން އުފައްދާ ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވާ ސެލްތަކުގެ ތެރޭގައި ”މެކްރަފޭޖް”، ”ޕްލާޒްމާ ސެލް”، ”ލިމްފަސައިޓް”، ފަދަ ސެލްތައް ހިމެނެއެވެ. އެހެންކަމުން ހުންކޮށި ނަގާފައިވާނަމަ ބެކްޓީރިޔާ ފަދަ ޖަރާސީމް ތަކުން ޖެހޭ ބަލިތަކަށް ފަސޭހައިން ހުށަހެޅި ހަށިގަނޑަށް ނުރައްކާ ކުރުވައެވެ.
ށ- ލޭގެ ސެލްތައް އުފެއްދުން : ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ލޭގެ ހުދު ސެލްތަކާއި ރަތް ސެލްތައް ވެސް އުފައްދައެވެ. ނަމަވެސް އުފަންވުމަށްފަހު ލޭގެ ރަތް ސެލްތައް އުފެއްދުމުގެ ގާބިލިއްޔަތު ހުންކޮށްޓަކު ނުހުރެއެވެ. އޭގެ ބަދަލުގައި ލޭގެ ރަތްސެލްތައް އުފައްދަނީ ކަށީގެ މަދުންނެވެ. .. ހުންކޮށީގެ ތެރޭގައި ލޭގެ ބައެއް ވައްތަރުގެ ސެލްތައް އުފައްދައެވެ. މިގޮތުން ކުޑަކުދިންގެ ހަށިގަނޑުގައި ހުންކޮށީގެ ތެރޭގައި ލޭގެ ރަތްސެލް އުފައްދާއިރު، ބޮޑެތި މީހުންގެ ހަށިގަނޑުގައި ލޭގެ ހުދުސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް އުފައްދައެވެ. މީގެ އިތުރުން ބޮޑެތި މީހުންގެ ހަށިގަނޑުގައި ކަށީގެ މަދު ފިޔަވައި ލޭގެ ސެލްތައް އުފައްދާ މައިގަނޑު ތަނަކީ ވެސް ހުންކޮށި އެވެ.
ނ- ދުވަސްވީ ލޭގެ ސެލްތައް ނައްތާލުން : ލޭގެ ތެރޭގައި ހުންނަ ދުވަސްވީ ލޭގެ ސެލްތައް ހުންކޮށީގައި ހުންނަ ބައެއް ވައްތަރުގެ ސެލްތަކުން ހަލާކުކޮށް ނައްތައިލައެވެ. ހުންކޮށީގެ މަސައްކަތް ހަލުވިވެ، ހުންކޮށިން މާގިނައިން ޕްލޭޓްލިޓް ތައް ހަލާކު ކުރަން ފަށައިފިނަމަ ލޭހިލުމުގެ ބައްޔެއް ކަމަށްވާ ”ތްރަމްބަސައިޓިކް ޕާޕިއުރާ” ފެންމަތި ކުރުވައެވެ. ލޭގެ ރަތް ސެލްތައް ދިރި ހުންނަނީ ގާތްގަނޑަކަށް 120 ދުވަހުގެ މުއްދަތަށެވެ. މިމުއްދަތު ހަމަވުމުން ހުންކޮށީގެ ތެރޭގައި އެ ސެލްތައް ހަލާކުވެ ނެތިދެއެވެ.
ރ- ލޭ ގުދަންކުރުން : ހުންކޮއްޓާމެދު ބެލެވެނީ ލޭ އުފުލައިދޭ ރިޒާވަރެއްގެ ގޮތުގައެވެ. ސަބަބަކީ ހުންކޮށީގައިވާ ކުދިކުދި ހޮޅިތަކުގެ ތެރޭގައި ލޭ ގިނައަދަދަކަށް ޖަމާކޮށް ރައްކާކޮށްދޭތީ އެވެ. ލޭހިލުން ކުރިމަތިވުން ފަދަ ޙާލަތްތަކުގައި ހުންކޮއްޓަށް ބާރުފޯރުވާ ނާރު ހީވާގިވުމުން ހުންކޮށީގެ ހޮޅި ނުވަތަ މަޑުމަސްތައް ކުރުގެޅި، ފިތި، މިދެންނެވި ކުދިކުދި ހޮޅިތަކުގައި ހުރި ލޭތައް ލޭގެ އާރުގެ ތެރެއަށް ފޮނުވާލައެވެ. ނަމަވެސް މިއީ އިންސާނުންނަށް މާބޭނުންތެރި ކަމަކަށް ނުވެއެވެ. އެއީ އިންސާނެއްގެ ހުންކޮށީގެ ގިނަވެގެން އެއްފަހަރާ ރައްކާކުރެވޭނީ ގާތްގަނޑަކަށް އެންމެ 200 ނުވަތަ 236.5 މިލިލީޓަރުގެ ލޭކަމަށްވާތީ އެވެ. އަދި ހުންކޮށީގެ ކެޕްސޫލް ކޮންޓްރެކްޓްވަނީ ވަރަށް ކުޑަކޮށް ވަރަށް މަޑުމަޑުން ކަމަށްވާތީ އެވެ.
ބ- ލޭފުރާނައި ސާފުކޮށްދިނުން : ހުންކޮށްޓަކީ ފުރޭންޏެއް ފަދައިން މަސައްކަތްކުރާ ގުނަވަނެކެވެ. އެގޮތުން ލޭގެތެރޭގައި ދައުރުވާ ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމް ތަކާއި އެހެނިހެން ހަށިގަނޑަށް ގެއްލުންދެނިވި ތަކެތި، ހުންކޮށްޓަށް ދިއުމުން، ހުންކޮށީގެ ތެރޭގައި ހުންނަ ލޭގެ ހުދުސެލްތައް އެފަދަ ޖަރާސީމްތަކަށް ހަމަލާދީ މަރައި ނައްތާލަ އެވެ. މިކަމުގެ ސަބަބުން ލޭ ސާފުކަންމަތީގައި ދެމިހުރެ، ތަފާތު އިންފެކްޝަންތަކުން ދުރުކޮށްދެއެވެ.
ހުންކޮށީގެ ބަލިތައް
ހުންކޮށި ބޮޑުވުން (Spleenomegaly): ހުންކޮށި ބޮޑުވުމަކީ ބައެއް ކަހަލަ ބަލިތަކާއި ގުޅިގެން ދިމާވެދާނެ ޞިއްޙީ މައްސަލަ އެކެވެ. އާންމުގޮތެއްގައި ހުންކޮށި ބޮޑުވާން ދިމާވަނީ ހުންކޮށީގެ ވޯރކްލޯޑް މަތިވުމުންނެވެ. ލޭމަދުވުމުގެ ބައެއް ވައްތަރުތަކުގެ ސަބަބުން ހުންކޮށީގެ މަސައްކަތަށް ބާރުބޮޑުވެ، ހުންކޮށި ބޮޑުވުމަކީ ވެދާނެ ގޮތެކެވެ. ހުންކޮށި ބޮޑުވުމުން ދިމާވެދާނެ އުދަގޫ ތަކުގެ ތެރޭގައި، ބަނޑުގައި ރިހުން، މޭގައި ރިހުން، ބުރަކަށީގައި ރިހުން، އަދި ލޭމަދުވުމުން ފެންނަ އުދަގޫތައް ފެންނަށް ފެށުން ހިމެނެއެވެ.
ހުންކޮށި ފަޅައިގެންދިއުން (Spleen rupture): ހުންކޮށި ފަޅައިގެން ދިއުމަކީ ވަގުތުން އަވަސްފަރުވާ ބޭނުންވާނެ، ޞިއްޙީ ޙާލަތެކެވެ. ހުންކޮށި ފަޅައިގެންދިއުން އާންމުކޮށް މެދުވެރިވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގައި ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުންނެވެ. ހުންކޮށި ފަޅައިގެން ދިއުމަކީ އެކަމުގެ ސަބަބުން އެތެރެހަށްޓަށް ލޭއެޅި، ޝޮކުޖެހުމުގެ ފުރުޞަތު އޮންނަ ކަމެކެވެ. އަދި މިއީ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމެކެވެ. ހުންކޮށި ފަޅައިގެން ދިއުމުން ދިމާވެދާނެ އުދަގޫތަކުގެ ތެރޭގައި، ބަނޑުގައި ރިހުން، ވާތް ފަރާތު ކޮނޑުގައި ރިހުން، ލޭގެ ޕްރެޝަރު ދަށްވުން، އަދި ހިތުގެ ވިންދު އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ފަރުވާގެ ގޮތުގައި އޮޕަރޭޝަންކޮށްގެން ހުންކޮށި ނަގަންޖެހޭ ފަހަރު ވެސް އާދެއެވެ.
ހުންކޮށި ނުހުރުން (Asplenia): ހުންކޮށި ނުހުރުން ނުވަތަ ހުންކޮށި ނެތުމަކީ މަދުން ނަމަވެސް ބައެއް މީހުންނަށް ކުރިމަތިވާ ޞިއްޙީ ޙާލަތެކެވެ. ބައެއް ފަހަރު އުފެދުމުގައި ހުންކޮށި ނުހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. އަނެއްބައި ފަަހަރު އޮޕަރޭޝަންކޮށްގެން ހުންކޮށި ނަގަންޖެހޭ ފަހަރު ވެސް އާދެއެވެ. ހުންކޮށި ހަށިގަނޑުގައި ނެތް ޙާލަތުގައި، ނުވަތަ އޮޕަރޭޝަންކޮށްގެން ހުންކޮށި ނަގައިފިނަމަ، ހަށިގަނޑަށް ބޭނުންވާ ވަކި ޚާއްޞަ ވެކްސިންތަކެއް ހުރެއެވެ. މިބުނި ވެކްސިން ތަކަކީ ފުއްޕާމެޔާއި، ސިކުނޑިއާއި އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތައް އަށަގަތުމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ވެކްސިން ތަކެކެވެ.
ހުންކޮށިން ބައެއް މަރުވުން (Splenic infarction): ހުންކޮށިން ބައެއް މަރުވުމުގެ މާނައަކީ އެކަށޭނަ ވަރަށް އޮކްސިޖަން ފޯރުކޮށް ނުދެވުމުގެ ސަބަބުން ހުންކޮށީގެ ވަކި ހިސާބެއްގެ މަސައްކަތް، ނުވަތަ މުޅި ހުންކޮށީގެ މަސައްކަތް ހުއްޓުމަކަށް އައުމެވެ. އާންމު ގޮެތެއްގައި މިބީދައިން ހުންކޮށިން ބައެއް މަރުވުން މެދުވެރިވަނީ ހުންކޮށްޓަށް ލޭފޯރުކޮށްދޭ ލޭހޮޅި، (ގަނޑު ލޭކޮޅެއް އުފެދުމުގެ ސަބަބުން) ބެދި، ހުންކޮށްޓަށް ލޭފޯރުކޮށްދިނުމަށް ހުރަސް އެޅިއްޖެނަމަ އެވެ. ބައެއް ފަހަރު މިކަން ކުރިމަތިވި ނަމަވެސް އެއްވެސް އަލާމާތެއް ނުވަތަ އުދަނގުލެއް ފާހަގަނުވެ ހިގައިދާނެ އެވެ. އެންމެ އާންމުކޮށް ފާހަގަކުރެވޭނެ ކަމަކީ ބަނޑުގެ ވާތްފަރާތުން މަތީގައި ތަދު ހުރުމާއެކު، ބައެއް ފަހަރު އެތަދު ވާތް ފަރާތުގެ ކޮނޑުމަށްޗަށް ފޯރުމެވެ.
އޮޕަރޭޝަންކޮށްގެން ހުންކޮށި ނެގުން
އޮޕަރޭޝަންކޮށްގެން ހުންކޮށި ނެގުމަކީ ހުންކޮށީގެ ބައެއް ބަލިތަކުގައި ފަރުވާއެއްގެ ގޮތުގައި ކުރެވޭ ކަމެކެވެ. ހުންކޮށިން ބައެއް ނަގައިފިނަމަ، އެބައި އަލުން އުފެދުމަކީ ވެދާނެ ކަމެކެވެ. ހުންކޮށި އެއްކޮށް ނަގައިފިނަމަ އަލުން އަނބުރާ ހުންކޮށްޓެއް ނުއުފެދޭނެ އެވެ. މިޙާލަތުގައި ހުންކޮށިން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް އެހެން ބައެއް ގުނަވަންތަކުން ކުރަން ފަށާނެ އެވެ. އޮޕަރޭޝަންކޮށްގެން ހުންކޮށި ނެގުމަކީ ބެކްޓީރިޔާގެ ސަބަބުންޖެހޭ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރުވާ ކަމެކެވެ. އަދި މިގޮތުން ބެކްޓީރިޔާ ފަދަ ޖަރާސީމްތަކުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ވެސް އޮވެއެވެ.
އޮޕަރޭޝަންކޮށްގެން ހުންކޮށި ނެގުމުން ދޭންޖެހޭ ބައެއް ވެކްސިންތައް ހުރެއެވެ. އޭގެ ތެރޭގައި “ނިއުމޯކޯކަލް ޕޮލިސެކަރައިޑް ވެކްސިން”، “މެނިންގޯކޯކަލް ޕޮލިސެކަރައިޑް ވެކްސިން” އަދި “ހިބް ވެކްސިން” ހިމެނެއެވެ. މިއީ ސިކުނޑިއާއި ފުއްޕާމެޔާއި، ކަންފަތް ފަދަ ގުނަވަންތަކަށް ބެކްޓީރިޔާގެ ސަބަބުން ބަލިތައް ޖެހުން ދުރުކޮށްދޭނެ ވެކްސިން ތަކެކެވެ. ކުޑަކުދިން ހުންކޮށި ނެގުމަށްފަހު ކޮންމެ ދުވަހަކު އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހިދާނެ އެވެ. އަދި ބޮޑެތި މީހުން ވެސް ބައެއް ފަހަރު ރޯގާ ޖެހުމުން އެންޓިބަޔޮޓިކް ނަގަން ޖެހިދާނެ އެވެ.
ހުންކޮށި ނަގަންޖެހޭ ބައެއް ޙާލަތްތައް
- ހުންކޮށި ފަޅައިގެން ދިއުން
- އުފެދުމުގައި ޖެހިފައިހުރި ހިމަލިޓިކް އެނީމިޔާ
- އެހެން އޮޕަރޭޝަނެއްގެ ތެރޭގައި ހުންކޮށި ނެގުން
- ހުންކޮށީގައި ސިސްޓް ނުވަތަ އެބްސެސް އުފެދުން
- ހުންކޮށްޓަށް ކެންސަރު ޖެހުން
ހުންކޮށި ނެގުމަށްފަހު ކުރިމަތިވެދާނެ ބައެއް ކަންތައްތައް
- އޮޕަރޭޝަނަށްފަހު ހުންއައުން
- ހޮނޑުލުން އަދި އުކުޑި ކޮއްޓުން
- ޑައަފްރަމްގެ ދަށުގައި ލޭޖަމާވުން
- އިންފެކްޝަން އަށަގަތުން
- އޮޕަރޭޝަންގެ ތެރޭގައި އެތެރެހަށީގެ އެހެން ގުނަވަނަކަށް ގެއްލުންވުން
މައުލޫމާތު:
http://www.healthhype.com/spleen-location-anatomy-and-function.html
http://www.webmd.com/digestive-disorders/picture-of-the-spleen
http://www.microbiologybytes.com/iandi/2b.html
http://emedicine.medscape.com/article/1948863-overview#showall
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ