އިނގިރޭސިވިލާތުގެ ކުންފުންޏަކުން މިވަނީ ފެން ހިންދައިދޭ ނުވަތަ ފެން ދަމައިގަތުގެ ޤާބިލުކަން ލިބިފައިވާ ކޮންކްރީޓެއް އުފައްދާފަ އެވެ. މި ޚާއްޞަ ކޮންކްރީޓްގެ ކޮންމެ ކޮޑިމީޓަރަކުން ހަމަ އެންމެ މިނެޓެއްގެ ތެރޭގައި 1000 ލިޓަރުގެ ފެން ދަމައިގަނެއެވެ.

ވާރޭފޮދެއް ވެހިލާއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަކީ ރާއްޖޭގެ ސަރުކާރުތަކަށް ހައްލުނުވެ އޮތް ބޮޑު އެއް މައްސަލައެވެ. މާލޭގެ އިތުރުން ރާއްޖޭގައި ރަނގަޅު ފެންވަރަށް މަގުހަދާފައިވާ ބައެއް ރަށްރަށުގެވެސް ހާލަކީ މިއީ އެވެ. އެހެންކަމުން މިމައްސަލަ ހައްލުކުރުމަށް އެންމެ އެކަށީގެންވާ ހައްލެއް މިއޮތީ ހޯދާފައެވެ. ކުރިމަގުގައި އެފަދަ ކޮންކްރީޓުގެ މަގުތައް ރާއްޖޭގައިވެސް އޮތުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ހާލަތު މިހެން އޮތް އިރު، ތޫފާން ތަކާއި ފެންބޮޑުވުމުގެ އެކިއެކި ކާރިސާ ތަކުން ބޭރު ގައުމުތަކަށް ލިބޭ ގެއްލުންތައް އަދި މާބޮޑެވެ. އިނގިރޭސިވިލާތުގެ ކުންފުންޏަކުން އަލަށް އުފައްދާފައިވާ ކޮންކްރީޓެއް މިވަނީ މިކަމަށް ހައްލެއް ގެނެސްދީފައެވެ. ‘ޓޮޕްމިކްސް ޕަރމިއޭބަލް’، އަކީ އޭގެ ތެރެއަށް ވަރަށް އަވަހަށް ފެން ހިންދައިދޭ ކޮންކްރީޓެކެވެ. ކުރިންވެސް ބުނިފަދައިން ހަމަ އެންމެ މިނެޓެއްގެ ތެރޭގައި 01 ކޮޑިމީޓަރު ކޮންކްރީޓްގެ ތެރެއަށް 1000 ލިޓަރުގެ ފެން ދަމައިގަނެއެވެ. ޓޮޕްމިކްސް ޕަރމިއޭބަލް އުފެއްދި ކުންފުނި ‘ޓަރމެކް’ އިން ދާދިފަހުން ވަނީ މި ކޮންކްރީޓްގެ މޮޅުކަން ދައްކައިލުމަށް ވީޑިއޯއެއް ނެރެފައެވެ. ވީޑިއޯ އިން ފެނިގެންދަނީ ޓޮޕްމިކްސް ޕަރމިއޭބަލް ބޭނުންކޮށްގެން ހަދާފައިވާ ވެހިކަލް ޕާކުކުރާ ސަރަހައްދަކަށް 4000 ލީޓަރުގެ ފެން ލޮރީއެއް އޮއްސާލާ މަންޒަރެވެ. ފެން އޮއްސާލުމާއެކު ފެނިގެންދަނީ ހުރިހައި ފެނެއް ހިނދިގެން ދިޔަތަނެވެ. ޓޮޕްމިކްސް ޕަރމިއޭބަލް ކޮންކްރީޓްގައި ފޮރުވިފައި ހުންނަ ލޯވަޅުތަކުގެ ތެރެއަށް ފެންތައް ދަމައިގަތްތަނެވެ.

“އަހަރުމެން ޤަބޫލުކުރާގޮތުން މެދުކެނޑުމެއް ނެތި ވަރަށް ބޯކޮށް ވާރޭވެހުނަސް މީގެ ކޮންކްރީޓުން ހަދާފައި ހުންނަ މަގުތަކުގައި ފެންބޮޑެއް ނުވާނެ.” ‘ޓޮޕްމިކްސް ޕަރމިއޭބަލް’ ކޮންކްރީޓާއި ބެހޭގޮތުން ޓަރމެކް ގެ ކޮމަރޝަލް ޑިރެކްޓަރ ރިޗަރޑް ސްޓެއަރސް ބުންޏެވެ. އޭނާ އިތުރަށް ބުނީ ‘ޓޮޕްމިކްސް ޕަރމިއޭބަލް’ ކޮންކްރީޓްގެ އަގާއި ބާޒާރުން ލިބެން ހުންނަ އާދައިގެ ކޮންކްރީޓްގެ އަގާއި އެއްވަރު ކަމަށެވެ.


މި ކޮންކްރީޓަކީ މަގުތަކާއި، ޕާކްކުރާ ސަރަހައްދުތަކާއި، ދުވާރު ފަދަ ތަންތަން ހެދުމަށްވެސް ބޭނުންކުރެވޭނެ ކޮންކްރީޓެކެވެ. ނަމަވެސް ޓޮޕްމިކްސް ޕަރމިއޭބަލް އަކީ ދުއްވާއެއްޗެހީގެ ކާރޫބާރުބޮޑު ސަރަހައްދުތަކަށް އެހާ ރަނގަޅު ކޮންކްރީޓެއް ނޫނެވެ. މީގެ މައިގަނޑު ސަބަބަކީ ބަރު ވެހިކަލްތައް މި ކޮންކްރީޓްގެ މަތިން އާއްމުކޮށް ދުއްވަން ފެށުމުން ކޮންކްރީޓްގެ މަތީ ފަށަލަ ހަލާކުވެގެން ދިއުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.