މިއުޒިކަލީ އަކީ މިއަދު ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ އެޕެކެވެ. މިއުޒިކަލީ އިން އެތަކެއް ޒުވާނުންނެއް އެމީހުންގެ ހުނަރުވެރިކަން އަންނަނީ ދައްކަމުންނެވެ. މިއުޒަރސް ގެ ތެރެއިން ފާހަގަކޮށްލެވޭ ފަންނުވެރިންގެ ފޮލޯވަރސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ‘މުނިއަވަސް ގެ ކަޅި‘ ސެގްމެންޓުން މިފަހަރު މި ގެނެސްދެނީ ރާއްޖޭގެ މިއުޒަރސް ގެ ތެރެއިން ފާހަގަކޮށްލެވޭ ފަންނާނަކާއި ކުރެވިފައިވާ ޚާއްޞަ އިންޓަވިއު އެކެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުރެގެން ޢަބްދުﷲ ޝަރީފް  މުނިއަވަސް އިން ކޮށްފައިވާ ވިއްސަކަށް ސުވާލަށް ޖަވާބުދީފައި ވެއެވެ. ޢަބްދުﷲ ޝަރީފަކީ މިވަގުތު ފޭންބޭސް ގައި 3414 އަދި 18.6K ގެ ހަރޓްސް ލިބިފައިވާ ފަންނާނެކެވެ.

ރިޒޯޓެއްގެ ވަޒީފާގައި ބުރަކޮށް އުޅެމުންވެސް ލިބޭ ހުސްވަގުތު ތަކުގައި ޝަރީފް އަންނަނީ ވީޑިއޯތައް ޕޯސްޓްކުރަމުންނެވެ.

ޢަބްދުﷲ ޝަރީފާއި ބެހޭ މަޢުލޫމާތު ކޮޅެއް ކިޔުންތެރިންނަށް ދީބަލަ؟

 އާއްމު ނަމުން ނަމަ ވަރަށް ބައިވަރު ނަން ކިޔައިއުޅޭ. އާއިލާ މީހުން ކިޔަނީ ‘އައްޅޮ’ ލޯބިން، ދެން ރައްޓެހިން ކިޔަނީ ނަމުގެ ދެވަނަޔަށް އޮންނަ ނަން ‘ޝަރީފް’. އުމުރުން މިއީ 25 އަހަރު. އުފަންވީ ވ. ފެލިދޫ އަށް. އުޅެބޮޑުވީ ވެސް ހަމަ އެރަށު. ކިޔަވާ ނިންމައިގެން މާާލެ ބަދަލުވީ 2012 ގަ. މިހާރު ވަޒީފާ އަދާކުރަނީ ރިޒޯޓެއްގަ.

އެކްޓް ކުރުމަށް ޝައުޤުވެރިކަން ހުންނާތީތަ މިއުޒިކަލީ ގަ އެކްޓްކުރަން ފެށީ؟

 ގޮތަކަށް ބުނަންޏާ އެކްޓް ކުރުމަށްވުރެން ބޮޑަށް މޮޑެލް ކުރުމަށް ޝައުޤުވެރިކަން ހުންނަނީ. ދެން އެކްޓްކުރާ ހިތްވެސް ނުވެޔެކޭ ނުބުނެވޭނެ.

މިއުޒިކަލީ ބޭނުންކުރަން ފެށީ ކިހާހިސާބެއްގަ؟

 މިއުޒިކަލީ ބޭނުންކުރަން ފެށި މީގެ 4 އަހަރު ކުރިން. އެކަމަކު އޭރު މިހާ އެކްޓިވް އެއް ނުވާނެ.

މިއުޒިކަލީ އާއި ސްނެޕް ޗެޓާއި ދޭތިން ކުރީގަ އުޅެނީ ކޮން އެޕެއް؟

 ސްނެޕް ޗެޓްހާ އަދި ޕޮޕިއުލަރ އެއް ނޫން މިއުޒިކަލީ އެއް.

މިއުޒިކަލީގަ އެކްޓްކުރާ އިރު އެންމެ މަޖާ ކަމަކީ ކޮބާ؟

 އެންމެ މަޖާ ކަމަކަށް މިއުޒިކަލީގަ އެކްޓްކުރަނިކޮށް ދިމާވަނީ ލަވައިގަ ކިޔާ އެއްޗަކާ އަނގަޔާ ދިމާނުވުން.

ކޮންކަހަލަ ވީޑިއޯއެއް އެންމެ ހަދާ ހިތްވަނީ؟ މިބުނީ ލަވަތަ؟ ޑައިލޮގް ތަ؟ ނޫނީ މަޖާ ވީޑިއޯތަ؟

 އެންމެ ބޮޑަށް ހަދާހިތްވަނީ ސޯލޯ ލަވަ. ދެން ބައެއް ފަހަރު ޑައިލޮގު ވެސް ޖައްސަން.

ބެލުންތެރިންނަށް އެންމެ ކަމުދަނީ ކޮންކަހަލަ ވީޑިއޯ އެއް ކަމަށް ޤަބޫލުކުރެވެނީ؟

 ބެލުންތެރިންނަށް ބޮޑަށް ކަމުދަނީ ޓްރާންސިޝަން ވީޑިއޯ

މިއުޒިކަލީ އިން ބޭރުން، އެކްޓިން އިން ފެނިދާނެތަ؟ މިބުނީ މިސާލަކަށް ފިލްމަކުން ނުވަތަ ވީޑިއޯ ލަވައަކުން؟

 ފަހަރުގަ ހަމަ ފެނުންވެސް އެކަށީގެންވޭ. މިބުނީ ފުރުޞަތު ލިބިއްޖެއްޔާ ކުރެވިދާނެޔޭ. އެކަމަކު މައްސަލައަކަށް ވާނީ ވަގުތު ވަޒީފާގެ ގޮތުން.

މިއުޒިކަލީ ގަ ވީޑިއޯ ޕޯސްޓުކުރަން އަލަށް ފައްޓާ ކުއްޖަކަށް ދޭން ބޭނުންވަނީ ކޮންކަހަލަ މެސެޖެއް ނުވަތަ ޓިޕްސް އެއް؟

 އަލަށް ފަށާ ކުއްޖަކަށް ބުނެލާނީ މީހުން ކިޔާއެއްޗެއްސަށް ނުވިސްނައްޗޭ. އެކަމަކު މީހުން ކިޔާ ފާޑަށް ރައްދު ދިނުމުގެ ބަދަލު އަމިއްލައަށް ގޯސްހެން ހީވާ ކަންކަން ރަނގަޅުކޮށް މިއުޒިކަލީގަ އުޅޭށޭ.

މިއުޒިކަލީ ގަ އެންމެ ކަމުދާ ކުދިންނަނީ ކޮން ބައެއް؟

 ރާއްޖެއިން ހަމަ އެންމެންނަކީވެސް ވަރަށް ކަމުދާ ކުދިން މިއުޒިކަލީގަ. އިންޑިޔާ އިން އާޝިކާ، ދެން މަންޖުލް އަދި ރީޝަބް.

ފޭނުން އެންމެ ގިނައިން އަހަނީ ކޮންކޮން ސުވާލެއް؟

 އާއްމުކޮށް އަހަނީ ކޮން ރަށެއްހޭ. އެ ސުވާލަށް ބުނަނީ ވ. ފެލިދޫ ގައޭ އުފަންވެ އުޅެ ބޮޑުވީ.

ޝަރީފަކީ މޮޑެލް ކުރުމަށް ޝައުޤުވެރިކަން ހުންނަ ހުނަރުވެރި ޒުވާނެއް – ފޮޓޯ: ޝަރީފް

އަވަސް ޖަވާބު ސުވާލު:

  •  އެންމެ ކަމުދާ ސޯޝަލް މީޑިއާ ޕްލެޓްފޯމް – އިންސްޓަގްރާމް އެންޑް މިއުޒިކަލީ
  •  އެންމެ ބިރުގަންނަނީ ކޮންކަމަކާ – ދޮގުނުހަދާ ބުނަންޏާ ބުނެވޭނީ އުދުހޭ ކުރަފި ދެކެ އޭ.
  • އެންމެ ކަމުދާ އެކްޓަރުން:
  •  ދިވެހި – ޝިރާނީ
  •  ހިންދީ – ވަރުން ދަވަން
  •  އިނގިރޭސި – ޖޭމްސް މެކްވޮއި

ބޭބީ އާރިއަލް ދަންނަންތަ؟ ފޮލޯ ކުރަންތަ؟ (ބޭބީ އާރިއަލް އަކީ މިއުޒިކަލީގައި އެމެރިކާއިން އެންމެ މަޝްހޫރު އަންހެން މިއުޒަރ އެވެ.)

 ދަންނަން. އެކަމަކު ފޮލޯއެއް ނުކުރަން.

ޝަރީފަކީ މޮޑެލް ކުރުމަށް ޝައުޤުވެރިކަން ހުންނަ ހުނަރުވެރި ޒުވާނެއް – ފޮޓޯ: ޝަރީފް

މިއުޒިކަލީ ގެ ސަޅި ކަމަކީ ކޮބާ؟

 ހުސްވަގުތު މަޖާކަމެއް ކޮށްލައިގެން އެހެން މީހުން އެންޓަރޓެއިން ކޮށްލެވޭތީ.

ފެންވަރު ރަނގަޅު މިއުޒިކަލީ ވީޑިއޯ އެއް ހެދުމަށް ކިހާ ވަގުތެއް ނަގާ؟

 އެއްގަޑިއިރުގެ ވަގުތެއް މަދުވެގެން ޝަރީފް އަށް ބޭނުންވޭ.

ވީޑިއޯ އެއް ހެދުމަށް ކިތައް ފަހަރު ޝޫޓްކުރަންތަ؟

 ޑައިލޮގެއް ނުވަތަ ސޯލޯ ލަވައެއް ވިއްޔާ 2 ފަހަރު.

ރަނގަޅު މިއުޒިކަލީ ވީޑިއޯއެއްގައި ހުންނަން ޖެހޭނީ ކޮން ސިފަތަކެއް ކަމަށް ޤަބޫލުކުރެވެނީ؟

 ވީޑިއޯ ކޮލިޓީ ރަނގަޅުވާން ޖެހޭނެ. އެކްސްޕްރެޝަން ފެންނަން ޖެހޭނެ.

މިއުޒިކަލީ ޓީޝާޓް ގައި ޝަރީފް ފޮޓޯ: ޝަރީފް

އެންމެ ކަމުދާގޮތަށް ހެދުނު ވީޑިއޯ އަކީ ކޮބާ؟

 އެންމެ ކަމުދާގޮތަށް ހެދިފަ ހުންނާނީ ޓްރާންޝިޝަން ވީޑިއޯ

އެންމެ ފެވަރިޓް މިއުސަރސް އަކީ ކޮން ބައެއް؟

  •  ރާއްޖެއިން – ޝަޒީލާ
  •  އިންޑިޔާ އިން – ރިޝަބް
  •  އިނގިރޭސި – ޑޯރިޔަން

މިއުޒިކަލީ ގެ އެހީއާއިއެކުގައި ކެރިއަރ އެއް ބިލްޑްކުރެވިދާނެ ކަމަށް ފެނޭތަ؟

 ވަރަށް ބޮޑަށް ޤަބޫލުކުރަން. އެންމެ ފުރަތަމަ މިއުޒިކަލީ އެނގުނު އިރުވެސް ހިތަށް އެރި އެއްޗެއް އެއީ.

މިއުޒިކަލީ އިން އެއްވެސް އާއްމުދަނީ އެއް ލިބޭތަ؟

 އަދި ނުލިބޭ. އެކަމަކު މިއުޒިކަލީ އަކީ ބޭނުންކުރަން އެނގިއްޖެނަމަ ފައިސާ ހޯދޭ އެޕްލިކޭޝަން އެއް.

މުނިއަވަސް އަށް މި ފުރުޞަތު ދިންކަމަށްޓަކައި ޢަބްދުﷲ ޝަރީފަށް ވަރަށް ބޮޑަށް ޝުކުރުވެރި ވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.