އަންހެނަކު ބޮޑު ތުނބުޅިއެއް ލާފައި ހުރުމަކީ ވަރަށް އާދަޔާޚިލާފު ކަމެއް ދޯއެވެ. އެހެން ތިބޭ އަންހެނުންނަށް މީހުންގެ މަލާމާތާއި ހަނގާކުރުން ކުރިމަތިވަނީ މަދެއްކޮށެއް ނޫނެވެ. ނަަމަވެސް އެ މަލާމާތާއި ފުރައްސާރަކުރުމާއި ހަނގާކުރުން ރައްދުވަނީ އިންސާނުން ހެއްދެވި ފަރާތަށްކަން، އެކަން ކުރާ ބަޔަކަށް ނޭނގެނީބާވައެވެ؟

ހަރްނާމް ކައުރްގެ އުމުރުން 25 އަހަރުގައި އޭނާގެ ނަންވަނީ ދުނިޔޭގެ ރިކޯޑް ފޮތަށް އަރާފައެވެ. ހަރްނާމް ގެ ނަން ވޯލްޑް ރިކޯޑް ފޮތަށް  އަރާފައިވަނީ ދުނިޔޭގައި ހުރި އެންމެ ދިގު ތުނބުޅިލީ އަންހެން މީހާގެ ގޮތުގައެވެ. ދުނިޔޭގެ ރެކޯޑެއް ޤާއިމު ކުރެވުނަސް، އެތަކެއް އަހަރެއް ވާންދެން އޭނާ އަށް ވަނީ މީހުންގެ މަލާމާތާއި ހަނގާކުރުމާއި ކުރިމަތިލާން ޖެހިފައެވެ. އެހެން ނަމަވެސް މިއަދު ހަރްނާމް ކައުރް އަކީ މީސްމީޑިޔާ މަންސަ (ސޯޝަލް މީޑިއާ ޕްލެޓްފޯމް) އެއްކަމަށްވާ ‘އިންސްޓަގްރާމް’ ގެ ތަރިއެކެވެ.

އަހަރެމެން އިށީންދެގެން ތިބި މޭޒު ފަހަނައަޅައި ޒުވާން ފިރިހެނެއް ދިޔައިރުވެސް ހަރްނާމް ކައުރް ހުއްޓައިލުމެއް ނެތި ދިޔައީ އަނގަތަޅަމުންނެވެ. “އެއީ ސަޅި ގޮލައެއް!” ބުނެވުނު ޖުމްލަ އެ ޒުވާނާއަށް އަޑުއިވުނުހެން ހީވެގެން ކައުރް އޭނާގެ އަނގަމަތީގައި އަތްއެޅުމުގެ ކުރިން އެއް މިޔަކަނުން ހީނލިއެވެ. “އަސްތާ، އޭނައަށް އަަހަރެން އެހެން ބުނިއަޑުވެސް އިވިއްޖެ!” ހަރްނާމް ކައުރް ގެ އެ އަދާ އަކީ ހަމަސީދާ އަންހެންވަންތަ އަދާއެކެވެ. ނަަވެސް އޭނާގެ އަނގަމަތީގައި އަތްއެޅިއިރު އެޅުނީ މަޑުމަޑު، ކަޅުކުލައިގެ ތުނބުޅިއާއި މަތިމަހުގައެވެ.

އަންހެނަކަސް، ކައުރް ގެ އުމުރުން 16 އަހަރުން ފެށިގެން އޭނާގެ ތުނބުޅިއާއި މަތިމަސް ހުންނަނީ ދިގުކޮށް ބަހައްޓާފައެވެ. އެއީ އޭނާއަށް ކުރިމަތިވެފައިވާ ‘ޕޮލިސިސްޓިކް އޯވަރީސް’ (Polycystic ovary syndrome (PCOS) ގެ ސަބަބުން ފެންނަ އަލާމާތެކެވެ. މިއީީ އަންހެނުންގެ ހޯމޯން ހުންނަ މިންވަރަށް އަސަރު ފޯރުވައިދޭ ހާލަތެކެވެ. އޭނާގެ ބޮލުގައި އަޅާފައި އޮންނަ ކަރަންޓު-ނޫކުލައިގެ ފަގުޑި އާއި ލޮލުގެ ވަށައިގެން އަޅާފައިވާ އަނދުނުގެ އިތުރުން މިއަދު ކައުރަށް ދިމާވެފައިވާ ސިއްޙީ މައްސަލައިގެ ސަބަބުން އޭނާ ގެ މޫނުގައި ބޯކޮށް ފަޅާފައިވާ އޮފުކަންގަދަ ތުނބުޅި އާއި މަތިމަހަކީ އޭނާގެ ސިފައާއިމެދު މީހުން އަޅައިގަންނަގޮތް މެދުވެރިވެފައިވާ ކަމެކެވެ. މިހުރިހައި ކަމެއް އެކުވުމުން ހީވަނީ މޮގަލް އެމްޕެރަރ ގެ ކުރެހުމަކަށް ފުރާނަ އެޅިގެން އަހަރެމެންގެ ލޮލަށް ފެންނަހެންނެވެ. ދަނބުކުލައިގެ ލިޕްސްޓިކްގެ ކުލައާއި އެއާއިގުޅުވައިގެން ނިޔަފަތީގައި ކުލަޖައްސާފައި ހުންނަ ކައުރު ފެންނަނީ އެހާވެސް ހައިބަވަންތަކަން ބޮޑު ގޮތަކަށެވެ.

ހަރްނާމް އަށް ވަނީ ޕލިސިސްޓިކް އޯވަރީސް ސިންޑްރަމް ޖެހިފައި

އެތަކެއް ދުވަހެން ވާންދެން ކައުރް އަށް ކުރިމަތިވި ހަނގާކުރުންތަކަށް ފަހު، ކައުރް ވަނީ ހިތްވަރުގަދަ ފަހުލަވާނަކަށް، މޮޑެލް އަކަށް އަދި އިންސްޓަގްރާމް ގެ ތަރިއަކަށް އޭނާގެ ނަފުސު ބަދަލުކޮށްލާފައެވެ. ކައުރް ވަނީ ކައިވެނީގެ އަރޫޝާ ދައްކުވައިދޭ ފޮޓޯ ޝޫޓެއްގައި އޭނާގެ ތުނބުޅިމަތިން އުކަމުންދިޔަ މަލުގެ ފިޔަތަކާއި އެކުގައި ފޮޓޯ ނަގާފައެވެ. މާނައަކީ އިންޑިޔާގެ އާދަކާދައިގެ މަތިން ކުރެވޭ ކައިވެނީގައި ކައިވެނިކުރާ އަންހެންކުއްޖާއާއި ދިމާއަށް މާއުކަމުންދާ މަންޒަރެއް ރަތްކުލައިގެ ކައިވެނީގެ ހެދުމުގައި ހުރެގެން ވަނީ ނަގާފައެވެ. މި ފޮޓޯގަނޑު 2016 ވަނަ އަހަރު ލަންޑަނުގައި ހުންނަ ސޮމަރސެޓް ހައުސް ގައި ބޭއްވި މައުރަޒެއްގައި ދައްކާލާފައި ވާއިރު އެ އަހަރު މާރިޗް މަހު ސެލެބްރިޓީ ޖުވެލަރ މަރިއާނާ ހަރުޓޫނިއަން ގެ ފެޝަން ޝޯއެއްގައި ކައުރް ވަނީ ބައިވެރިވެފައެވެ. މިއީ ކައުރް އަލަށް ބައިވެރިވި ފެޝަން ޝޯ އެވެ. މިއަދު ކައުރް އަކީ ތުނބުޅި މަތިމަސް ފަޅާފައިވާ އެންމެ ޒުވާން އަންހެން ކުއްޖާގެ ގޮތުގައި އޭނާގެ ނަން ‘ގިނިސް ވޯލްޑް ރިކޯޑްސް‘ އަށް އަރާފައިވާ މީހެކެވެ.

ކައިވެނީގެ ހެދުމުގައި ހަރްނާމް ކައުރް ކުރިއަށް ގެންދިޔަ ފޮޓޯ ޝޫޓްގެ ތެރެއިން

ކައުރް ގެެ ސޫރަ އާއިމެދު މިއައު އޭނާ ފަޚްރުވެރިވެއެވެ. އެގޮތުން އޭނާގެ ފޮޓޯތައް އަމިއްލަ ދަބަހުގައާއި އެކިއެކިި އެއްޗެހީގައި ޖަހައިގެން ގެންގުޅެއެވެ. ނަމަވެސް އަހަރެންގެ މި ލިޔުމަށް އޭނާގެ ފޮޓޯއެއް ނަގަން ކައިރީގައި އޮތް ޕާކަކަށް ގޮސް އުޅުނުއިރު މީހުން ގެ ބެލުންތައް އޭނާއާއި ދިމާއަށް ހުއްޓިފައިހުރީ ޚުދު އަހަންނަށްވެސް އުނދަގޫވާ ވަރަށެވެ. އޭގެ ފަހުން އަހަރެމެން ކެފޭގައި ސައިބޯން ތިބިއިރު އެތަނަށް ވަދެނުކުމެ ހެދި ކަސްޓަމަރުންގެ ބެލުންތަކުން ކައުރް އަށް އުނދަގޫވާނެ ވަރު އަންދާޒާ ކޮށްލަންވެސް ދައްޗެވެ.

ދަހަރަކަށް ވުރެން ގިނަދުވަސް ވާންދެން ތުނބުޅިއާއި މަތިމަސް ބަހައްޓައިގެން އުޅެމުން އަންނަ ކައުރް އަށް މީހުންގެ ފަރާތުން ކުރިމަތިވާ ރައްދަމަލުތައް ހިއްސާ ކުރީ އެފަދަ މީހުންގެ އެކްޓިން އާއިވެސް އެކުގައެވެ.

“އަހަރެންގެ ޚަބަރުތައް އާއްމުވިފަހުން އަހަންނަކީ ކާކުކަން މީހުންނަށް އެނގެން ފެށިނަމަވެސް އަހަންނަކީ ކާކުކަން ނޭނގޭ މީހުން ތިބެނީ ހައިރާންވެފަ. މީހުންގެ ފަރާތުން ލިބޭ ރައްދަމަލު (ރިއެކްޝަން) ތައް ވަރަށް މަޖާ. އެމީހުން އަހަރެންގެ ލޮލަށް ބަލާ…. ދެން ބަލައިލަނީ އަހަރެންގެ ބޮޑު ތުނބުޅިއަށް ….. ދެން ބަލައިލަނީ އަހަރެންގެ އުރަމައްޗަށް.”

މީގެއިތުރުން ވެސް ތަފާތު ރައްދަމަލުތައް ލިބެއެވެ. އެގޮތުން ބައެއް މީހުން ހަޅޭއްލަވާ ދިމާކުރެއެވެ. ކައިރިއަށް ގޮސް މަލާމާތުގެ ހިނިތުންވުމެއް ދެމުން ފޮޓޯ ނަގައެވެ.

ހަރްނާމް ކައުރް އަންނަނީ މޮޑެލް ކުރަމުން

ކައުރް ގެ އުމުރުން 10 އަހަރުގައި މައްސަރުކަންތަކާ ކުރިމަތިވިއެވެ. އުމުރުން 12 އަހަރުގައި އޭނާއަށް ‘ޕޮލިސިސްޓިކް އޯވަރީސް’ ޖެހިފައިވާކަން އެނގުނެވެ. (މިހާރު އޭނާ އަންނަނީ އެކަމަށް ބޭސްވެސް ކަމުންނެވެ.) ޕޮލިސިސްޓިކް އޯވަރީސް ސިންޑްރޮމް ގެ ސަބަބުން ކައުރުގެ ތުނބުޅިއާއި މަތިމަސް ބޯކޮށް ފެޅިއެވެ. އުފެދުމުގައިވެސް އޭނާ ފަލަކޮށް ހުރުމާއި ހަމުގެ ކުލަ ކަޅުވުމުން އޭނާއަށް ‘ފަލަ ކުއްޖާ’ ގެ ނަމުން ނުވަތަ ‘ޕާކީ’ ގެ ނަމުން މީހުން ވަނަން ކިޔަންފެށިއެވެ.

ނަމަވެސް އޭނާއަށް ކުރިމަތިވަމުން އައި ހަނގާކުރުންތަކަށް އޭނާ ކެތްކުރިއެވެ. “އެމީހުން އަހަންނަށް ކިޔާނެ ފިރިހެނެކޭ، ބިޔަ މީހާއޭ، ދެޔޯ އޭ ނުވަތަ ފަލަފެޓޭ.”

ކައުރް އަށް ކުރިމަތިވަމުން ދިޔަ ހަނގާކުރުންތަކުން ރައްކާތެރިކުރުމަށް ކައުރް ގެ މަންމަ އޭނާ ގޮވައިގެން ބިއުޓީ ސެލޫންއަކަށް ދިޔައެވެ. އެ ތަޖްރިބާވެސް ކައުރް އަހަމެންނާ ހިއްސާކުރިއެވެ.

“އެއީ ވަރަށް ހިތި ތަޖުރިބާއެއް.” ކައުރް ބުންޏެވެ. ‘ވެކްސް ކުރި، އިސްތަށި ފިލުވާ ކަރުދާސް ބޭނުންކޮށްގެން އިސްތަށި އުފުރި. އަހަންނަށް ވީ ތަދުން ހަޅޭއްލަވައިގަނެވުލެތް ބާރުކަމުން އަހަންނާ ޖެހިގެން ހުރި ގޮނޑީގައި އޮތް އަންހެންމީހާގެ އަތުގައި އޮތް މެގަޒިންވެސް ބުރައިގެންދިޔަ އޭނާ ސިއްސައިގެން ދިޔަދިޔައިނުން. އަހަރެންގެ ދެލޯ ދުޅަވަންދެން ރުއިން. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކަން ކުރަން ޖެހުނު އަހަރެންގެ ތުނބުޅި މަތިމަސް ފަޅާލެތް އަވަސްކަމުން. ބައެއް ފަހަރަށް ތުނބުޅި ބާލަންވެސް ބޭލިން. އަހަރެންގެ ހަންގަނޑު ފިހެންދެން އެމީހުން ވެކްސް ކުރި.”

ނަމަވެސް މިކަން ކުރަން ފެށުމުން އޭނާއަށް ކުރިމަތިވަމުންދިޔަ ހަނގާކުރުންތައް ހުއްޓުމުގެ ބަދަލުގައި ކައުރް އަށް ކުރިމަތިލާން ޖެހުނީ އިތުރު ލަދުވެތިކަމަކާއެވެ. “އެމީހުން އަހަންނަށް ނުކިޔާކަށް އެއްޗެއް ނޯވޭ. ވަޅި ދައްކައިގެން އަހަންނަށް ބިރުދައްކާ ގަލަން ކޮއްޕާވެސް ހެދި.” ކައުރް ބުންޏެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން 15 އަހަރުގައި އޭނާ ސްކޫލް ކަޓްވަން ފެށިއެވެ. އަމިއްލައަށް މަރުވާން މަސައްކަތް ކުރިއެވެ. އަމިއްލަ ނަފުސަށް އަނިޔާދޭން މަސައްކަތްކުރިއެވެ.

“އަހަރެން ބޭނުންވީ އަހަރެންގެ ހަށިގަނޑަށް އަދަބުދޭން އަހަރެން މިހެން ހުންނާތީ. އަހަރެން ބޭނުންވީ އަހަންނަށް ތަދުކުރަން.” އެގޮތުން އެއްދުވަހަކު އޭނާ އަމިއްލައަށް މަރުވުމަށް ބޭސްގުޅަތަކެއް އަތަށް އަޅައިލާ ކާން ތައްޔާރުކޮށްލި އެވެ. ނަމަވެސް އެވަގުތު ވެގެންދިޔައީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިއުމަށް މެދުވެރިވި ސަބަބަށެވެ.

“މިކަންކަމާ މެދު ވިސްނަންވީ ކީއްކުރަންހޭ އަހަރެން ހިތަށްއެރި. ހަނގާކުރާ މީހުންނަށް ދިރިއުޅުމުގެ ހައްޤު އޮންނަ އިރު އަހަންނަށް އެ ހައްޤު ވަކިން ނޯންނަންވީ ކީއްވެގެންހޭ ހިތަށްއެރި.”

އެއީ އޭނާ ޖީސީއެސްއީ އިމްތިހާނު ނިންމި ދުވަސްވަރެވެ. ހޫނު މޫސުމުގެ ދުވަސްވަރެވެ. ބިއުޓީ ޕާލާ އަށް ދިއުން ހުއްޓައިލުމަށް އޭނާ ނިންމިއެވެ. އެދުވަސްތައް އޭނާ ހޭދަކޮށްލީ އޭނާގެ ހަގަށް ހުންނަ ފިރިހެން ކޮއްކޮ އާއިއެކުގައި ޕާކްތަކަށް ގޮސް ކުޅުމުގައެވެ. އެހިސާބުން އޭނާގެ ބޮލުގައި ފަގުޑިއަޅަން ފެށިއެވެ. އޭނާ އެކަން ކުރަންފެށީ މީހުންނަށް އޮޅުވައިލުމަށް އިސްތަށިގަނޑު ފޮރުވުމަކަށް ނޫނެވެ. އޭނާ އަކީ ދީނީގޮތުން އެމީހުން (ސިކުންގެ މީހުން) ޤަބޫލުކުރާ ޤަބޫލުކުރުމަށް އިހްތިރާމުކުރާ މީހަކަށް ވެސް ވާތީ އެވެ.


ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.