މައްސަރުކަންތައް ނުޖެހު(Amennorrhea)މަކީ ޙައިޟު ނުވުމެވެ. މާނައަކީ އެންމެ ފަހަރަކު ނުވަތަ އެއަށްވުރެ ގިނައިން މައްސަރު ކަންތައް ނުޖެހުމެވެ. ބާލިޣުވުމަށްފަހު، ޖެހިޖެހިގެން 3 ފަހަރު މައްސަރު ކަންތައްތައް ނުޖެހުން ކުރިމަތިވުން، ނުވަތަ އުމުރުން 16-15 އަހަރުވުމަށްފަހު، މައްސަރު ކަންތައް އެއްގޮތަކަށް ވެސް ނުޖެހޭނަމަ (ބާލިޣުނުވާނަމަ) އެއީ މައްސަރު ކަންތައް ނުޖެހުން ނުވަތަ ޙައިޟުނުވުން ކަމުގައި ބެލެވިދާނެ އެވެ.

މައްސަރު ކަންތައް ނުޖެހުން ދެބަޔަކަށް ބަހާލެވިދާނެ އެވެ.

ޕްރައިމަރީ އެމެނަރީއާ(primary amenorrhea): މީގެ މާނައަކީ އުމުރުން 16 އަހަރުވެ ދިޔައިރު ، ޒުވާން އަންހެނެއްގެ ފުށުން ، ޖިންސީގޮތުން ފުރާފުރިހަމަވި ނަމަވެސް(އަންހެން ވަންތަ ސިފަތައް ފާޅުވި ނަމަވެސް)، މައްސަރުކަންތައް ޖެހެން ނުފެށުމެވެ. ނުވަތަ ހައިޟުގެ ލޭނުފެނުމެވެ. އެހެންގޮތަކަށް ބުނާނަމަ، ފުރާވަރުގެ އަންހެންކުއްޖަކު، އުމުރުން 14 އަހަރުވިއިރު، އަންހެންވަންތަ ސިފަތައް ފާޅުވާން ނުފެށުމާއި، އަދި މައްސަރުކަންތައް ޖެހެން ނުފެށުމެވެ. ނުވަތަ ބާލިޣުނުވުމެވެ.

ސެކަންޑަރީ އެމެނަރީއާ (secondary amenorrhea): މީގެ މާނައަކީ އަންހެންކުއްޖަކު ބާލިޣުވުމަށްފަހު، ޖެހިޖެހިގެން 3 ފަހަރު މައްސަރު ކަންތައް ނުޖެހި ދިއުމެވެ. ނުވަތަ ބަލިވެއިނުން، ގާތުންދިނުން، ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުން، އިއްދައިންކެނޑުން ފަދަ ހާލަތެއްނެތި، 6-3 މަސްވަންދެން މައްސަރު ކަންތައް ނުޖެހި ހުރުމެވެ.

މައްސަރުކަންތައް ޖެހުމަށްޓަކައި ސިކުނޑީގައިވާ ހައިޕޯތަލަމަސް، ޕިޓޫއިޓަރީ ގްލޭންޑް، އަދި ނަސްލު އުފައްދާ ނިޒާމުގައި ހިމެނޭ ބިސް އުފައްދާ ތަނާއި، ރަހިމު ބަރާބަރަށް މަސައްކަތްކުރަންޖެހެއެވެ. ހައިޕޯތަލަމަސް، ޕިޓޫއިޓަރީ ގްލޭންޑް އިން ފޮލިކިޔުލަރ ސްޓިމިއުލޭޓިންގ ހޯރމޯން އަދި ލޫޓީއިނައިޒިންގ ހޯރމޯން ދޫކުރުމަށް ބާރުއަޅައެވެ. ބިސްއުފައްދާތަނުން އެސްޓްރަޖަން، އަދި ޕްރޯޖެސްޓީރޯން އުފައްދަނީ ކުރިން މިބުނި ދެހޯރމޯންގެ ސަބަބުންނެވެ. ފަހުން މިބުނި ދެހޯރމޯން އަކީ ރަހިމުގެ ބަތާނަ ފަށަށް އަންނަ ބަދަލުތަކަށް (މައްސަރުކަންތައް ހިމެނޭގޮތަށް) ޒިންމާވާ ދެހޯރމޯން އެވެ. މީގެ އިތުރުން ހައިޟުގެ ލޭ ބޭރުވުމަށްޓަކައި ނަސްލު އުފައްދާ ނިޒާމުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފުކަމެއް ނެތުމަކީ މުހިއްމު ކަމެކެވެ.

ސަބަބުތައް

ވަރަށް ގިނަ ސަބަބުތަކާހުރެ ހައިޟުނުވުމަކީ ވެދާނެ ގޮތެކެވެ. އެންމެ އާންމުކޮށް ޙައިޟުނުވަނީ މާބަނޑުވުމުގެ ސަބަބުންނެވެ. މައްސަރު ކަންތައް ނުޖެހެން ދިމާވާ ބައެއް ކަންތައްތަކީ އަންހެނެއްގެ ދިރިއުޅުމުގައި ތަބީޢީ ގޮތުން ކުރިމަތިވާ ކަންތައްތަކަށް ވެދާނެ އެވެ. ބޭނުންކުރެވޭ ބޭހެއްގެ ސަބަބުން ވެސް މައްސަރު ކަންތައް ނުޖެހުމަކީ ވެދާނެ ގޮތެކެވެ. ނޫނީ ބައްޔެއްގެ ސަބަބުން ޙައިޟުނުވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ތަބީޢީގޮތުން ދިމާވާ ސަބަބުތައް

  • ބަލިވެއިނުން
  • ގާތުން ދިނުން
  • އިއްދައިން ކެނޑުން

އެހެނިހެން ސަބަބުތައް

  • ދޭތެރެ ދުރުކުރާ ބޭސްތައް ބޭނުންކުރުން : ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރާ ބައެއް އަންހެނުންނަށް މައްސަރު ކަންތައް ނުޖެހުމަކީ ވެދާނެ ގޮތެކެވެ. އަދި ދޭތެރެ ދުރުކުރާ ބޭސް ބޭނުންކޮށްފައި، ހުއްޓާލި ނަމަވެސް، މައްސަރު ކަންތައް ނުޖެހިދާނެ އެވެ. ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމަށްފަހު، ހުއްޓާލުމުން، ގަވާއިދުން މައްސަރު ކަންތައް ޖެހެން ފެށުމަށް ދުވަސްކޮޅެއް ހޭދަވުމަކީ ވެދާނެ ގޮތެކެވެ. ދޭތެރެދުރުކުރުމަށް ރަހިމަށް ލައްވާ އެތިކޮޅު، އިމްޕްލާންޓް، އަދި އިންޖެކްޝަން ފަދަ ތަކެތީގެ ސަބަބުން ވެސް ޙައިޟުނުވުމަކީ ވެދާނެ ގޮތެކެވެ.

  • ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މައްސަރުކަންތައް ނުޖެހުން ކުރިމަތިކޮށްފާނެ ބޭސްތަކުގެ ތެރޭގައި:-

o އެންޓިސައިކޮޓިކްސް

o ކީމޯތެރަޕީގެ ފަރުވާގައި ބޭނުންކުރެވޭ ބޭސްތައް

o އެންޓިޑިޕްރެސެންޓްސް

o ލޭމައްޗަށްދާތީ ބޭނުންކުރާ ބޭސްތައް

o  އެލާރޖީ ވުމުން ދީއުޅޭ ބޭސްތައް

  • ދިރިއުޅުމުގައި ވައްޓަފާޅީގައި ހުންނަ ކަންތައްތައް

o ބަރުދަން މާބޮޑަށް ލުއިވުން : ބަރުދަން މާބޮޑަށް ލުއިވުމަކީ ހަށިގަނޑުގައި ހިމެނޭ ހޯރމޯންތަކުގެ މަސައްކަތަށް ބުރޫއަރުވާ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބިސްދޫކުރުން، ހުއްޓުމަކަށް އާދެއެވެ. ކެއުމުގައި މައްސަލަތައް ހުންނަ މީހުން މިސާލަކަށް ކާހިތްނުވާ މީހުންނަށް ވެސް މައްސަރު ކަންތައް ނުޖެހުމަކީ ވެދާނެގޮތެކެވެ. އެއީ ހޯރމޯން އަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

o މާގަދަޔަށް (މާގިނައިން) ކަސްރަތުކުރުން : މާގިނައިން ކަސްރަތުކުރުމާއި، މާގަދަޔަށް ކަސްރަތުކުރުން ފަދަ ކަންކަމަކީ ވެސް މައްސަރުކަންތައް ޖެހުމަށް ހުރަސްއަޅައިފާނެ ކަންކަމެވެ. އާންމުކޮށް ދުވެހަދައި އުޅޭ އެތްލީޓުންނަށް މައްސަރު ކަންތައް މެދުވެރިނުވާ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުގެ ފެޓްގެ ނިސްބަތް މަދުވުން، ހަށިގަނޑުން މާގިނައިން ހަކަތަ އެންދުން، އަދި ހާސްވެ ފިކުރުބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

o ހާސްވެ ފިކުރުބޮޑުވުން : ނަފްސާނީ ފިއްތުންތަކުގެ ސަބަބުން ވަގުތީގޮތުން ސިކުނޑީގައިވާ ހައިޕޯތަލަމަސްގެ މަސައްކަތަށް ބުރޫއަރުވައެވެ. ހައިޕޯތަލަމަސް އަކީ ސިކުނޑީގައި އިންނަ ބައެކެވެ. މިއީ މައްސަރު ކަންތައް އިންތިޒާމުކޮށްދޭ ހޯރމޯންތައް ކޮންޓްރޯލްކުރާ ބައެވެ. މިބައިގެ މަސައްކަތަށް ބުރޫއެރުމުގެ ނަތީޖާއެއްގެ ގޮތުން ބިސްދޫކުރުން ހުއްޓި، މައްސަރުކަންތައް ނުޖެހުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ހާސްވެ ފިކުރުބޮޑުވުން ކުރިމަތިވި ކަމެއް ފިލައިދިއުމުން މައްސަރު ކަންތައް ގަވާއިދުން ޖެހެން ފަށާނެ އެވެ.

  • ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލުން : ވަރަށް ގިނަ ޞިއްޙީ މައްސަލަތަކާ، ހާލަތްތަކުގެ ސަބަބުން ހޯރމޯންތަކުގެ މިންގަނޑަށް ބަދަލުއައިސް، އޭގެ ހަމަހަމަކަން ގެއްލުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި :-

o ބިސްރަވައިގައި ވައިކޮތަޅު އުފެދުން : މިކަމުގެ ސަބަބުން އާދަޔާ ޚިލާފަށް މަތީ މިންވަރަކަށް ހޯރމޯންތައް ހުންނަގޮތް ވެއެވެ.

o ތައިރޮއިޑް ގްލޭންޑް ރަގަޅަށް މަސައްކަތް ނުކުރުން : ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް މާބޮޑަށް މަތިވުން، އަދި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް މާބޮޑަށް ދަށްވުމަކީ ވެސް މައްސަރު ކަންތައް ޖެހުމަށް ބުރޫއަރާ ކަމެކެވެ. އެގޮތުން މިފަދަ މައްސަލަތަކުގެ ސަބަބުން މައްސަރު ކަންތައް ނުޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ.

o ޕިޓޫއިޓަރީ ގްލޭންޑްގައި ޓިއުމަރ ހެދުން : ޕިޓޫއިޓަރީ ގްލޭންޑްގައި ބިނައިން ޓިއުމަރ އުފެދުމަކީ މައްސަރު ކަންތައް ކޮންޓްރޯލްކޮށްދޭ ހޯރމޯންތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ބުރޫއަރާނެ ކަމެކެވެ.

o މާއަވަހަށް އިއްދައިން ކެނޑުން : އާންމު ގޮތެއްގައި އިއްދައިން ކެނޑެނީ އުމުރުން 50 އަހަރުހާ ތާގައެވެ. ނަމަވެސް ބައެއް މީހުންނަށް އުމުރުން 40 ހުގެ އަހަރުތަކުގެ ކުރީކޮޅު ނުވަތަ ފަހުކޮޅުގައި އިއްދައިން ކެނޑި މައްސަރު ކަންތައް ހުއްޓުމަކީ ވެދާނެ ކަމެކެވެ.

  • އުފެދުމުގައި (ޖިސްމާނީގޮތުން) ހުންނަ މައްސަލަތައް :ދަރިމައިވުމާ ގުޅުންހުރި ގުނަވަންތަކުގައި ހުންނަ ޖިސްމާނީ މައްސަލަތަކުގެ ސަބަބުން މައްސަރު ކަންތައް ނުޖެހިދާނެ އެވެ. އެގޮތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި:-

o ރަހިމުގައި ލަކުނުލުން : ވިހެއުމަށް އޮޕަރޭޝަން ކުރުން، ފައިބްރޮއިޑް ނެގުމަށް އޮޕަރޭޝަން ކުރުން، ނުވަތަ ބަނޑުދޮވުމަށްފަހު ބައެއް ފަހަރު ރަހިމުގައި ލަކުނު ލުމަކީ ވެދާނެ ގޮތެކެވެ. ރަހިމުގައި ލަކުނު ލުމަކީ ތަބީއީގޮތުން ރަހިމުގެ ބަތާނަ ފަށް އުފެދި، ނެތިގެންދިއުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މާނައަކީ މައްސަރު ކަންތައް ޖެހުމަށް ހުރަސްއަޅާނެ ކަމެކެވެ.

o ނަސްލުއުފައްދަނިވި ގުނަވަންތައް ނުހުރުން : ބައެއް ފަހަރު އުފެދުމުގައި ކުރިމަތި ފަރާތް، ރަހިމުގެ ދޮރު، އަދި ރަހިމު ރަގަޅަށް އުފެދިފައި ނެތުމަކީ މަދުން ނަމަވެސް ވެދާނެ ގޮތެކެވެ. އެހެންކަމުން ރަގަޅަށް މިބައިތައް އުފެދިފައި ނެތްނަމަ، މައްސަރު ކަންތަކެއް ނުޖެހޭނެ އެވެ.

o ކުރިމަތި ފަރާތުގައި ޖިސްމާނީ ގޮތުން ހުންނަ މައްސަލަތައް : ކުރިމަތިފަރާތް (ވެޖައިނާ) ބެދިފައި ހުރި ނަމަ މައްސަރުގެ ލޭ ބޭރުނުވުމަކީ ވެދާނެ ގޮތެކެވެ.

ތަފާތު ގޮތަކަށް ބަހާލެވިފައިވާ މައްސަރު ކަންތައް ނުޖެހުން ދިމާވެދާނެ ސަބަބުތައް

މައްސަރުކަންތައް ނުޖެހެން މެދުވެރިވަނީ ހައިޕޯތަލަމަސް، ޕިޓޫއިޓަރީ ގްލޭންޑް އަދި ބިސްއުފައްދާ ތަން ގުޅިގެން މައްސަރު ކަންތައް މެދުވެރިވުމަށް ހިންގާ މަސައްކަތަށް ބުރޫއެރުން، ނަސްލުއުފައްދާ ނިޒާމުގައި މައްސަލައެއް ހުރުން، ނޫނީ އެހެން ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނެވެ.

މައްސަރުކަންތައް ނުޖެހުމަށް މެދުވެރިވެދާނެ ހައިޕޯތަލަމަސް އާއި ގުޅުންހުރި ސަބަބުތައް

  • ކްރެނިއޯފެރިންޖިއޯމާ : މިއީ ޕިޓޫއިޓަރީ ގްލޭންޑްގެ ކައިރީގައި ސިކުނޑީގައި އުފެދޭ ޓިއުމަރެކެވެ.
  • ޓެރާޓޯމާ : މިއީ ތަފާތު ޓިޝޫތައް މަސްހުނިވެގެން އުފެދޭ ޓިއުމަރެކެވެ.
  • ސާރކޮއިޑޯސިސް : މިއީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްތަކެއްގެ ސިފަޔަށް ގަނޑުތަކެއްލާ ބައްޔެކެވެ.
  • ކެލްމަން ސިންޑްރޯމް : މިއި ގޯނާޑްޓްރޮޕިން ހޯރމޯން މަދުވުމުން ޖެހޭ ބައްޔެކެވެ.
  • ކާނާ މަދުވުން ، ނޫނީ ރަނގަޅު ކާނާ ނުލިބުން
  • ހަށިގަނޑުގެ ބަރުދަން މާލުއިވުން، ނޫނީ ހެދިބޮޑުވުން ލަސްވުން

މައްސަރުކަންތައް ނުޖެހުމަށް މެދުވެރިވެދާނެ ޕިޓޫއިޓަރީ ގްލޭންޑް އާއި ގުޅުންހުރި ސަބަބުތައް

  • ލޭގައި ޕްރޯލެކްޓިން މަތިވުން : މިއީ ޕިޓޫއިޓަރީ ގްލޭންޑްގައި ޕްރޯލެކްޓިނޯމާ ކިޔާ ޓިއުމަރެއް އުފެދުމުން ވެދާނެ ގޮތެކެވެ.
  • ޕިޓޫއިޓަރީ ގްލޭންޑްގައި އެހެން ވައްތަރުގެ (ބަލިތަކާ ގުޅިގެން) ޓިއުމަރު އުފެދުން : މިސާލަކަން ކުޝިންގ ސިންޑްރޯމް ނޫނީ އެކްރޯމެގާލީ ހުރުމުގެ ސަބަބުން ޓިއުމަރު އުފެދުމެވެ.
  • އަމިއްލަ ހަށިގަނޑުގެ ދިފާޢީ ނިޒާމުން ޕިޓޫއިޓަރީ ގްލޭންޑްގެ ސެލްތަކަށް ހަމަލާދީ ހަލާކުކޮށްލުން
  • ޕިޓޫއިޓަރީ ގްލޭންޑަށް ރޭޑިއޭޝަންގެ އަސަރު ފޯރުން ނޫނީ ރޭޑިއޭޝަންގެ ފަރުވާ ނެގުން
  • ސާރކޮއިޑޯސިސް

މައްސަރުކަންތައް ނުޖެހުމަށް މެދުވެރިވެދާނެ ބިސްއުފައްދާ ތަނާއި ގުޅުންހުރި ސަބަބުތައް

  • ބިސްދޫނުކުރުން
  • ލޭގައި ފިރިހެން ހޯރމޯންތައް އިތުރުވުން
  • ބިސްއުފައްދާތަނުގައި ވައިކޮތަޅު އުފެދުން
  • ބިސްއުފައްދާ ތަނުގެ މަސައްކަތް މާއަވަހަށް ހުއްޓުމަށް އައުން
  • ޓާރނަރ ސިންޑްރޯމް ޖެހުން : މިއީ އުފެދުމުގައި މީހާ ކުރުކޮށް ހުރުމާއެކު، ބިސްއުފައްދާތަން ރަނގަޅަށް ނުއުފެދި، މައްސަރުކަންތައް ޖެހުން ލަސްވުމެވެ.
  • ބިސްއުފައްދާތަން ޢައިބުތަކާއެކު އުފެދިބޮޑުވުން
  • ހަށިގަނޑުގެ ދިފާޢީ ނިޒާމުން ބިސްއުފައްދާ ތަނުގެ ސެލްތައް ހަލާކުކޮށްލުން
  • ރޭޑިއޭޝަން ނޫނީ ކީމޯތެރަޕީގެ ފަރުވާ ނެގުން
  • ލޭގައި ހަކުރުގެ ވައްތަރެއް ކަމުގައިވާ “ގެލެކްޓޯޒް” މަތިވުން
  • އުފެދުމުގައި ނަސްލު އުފައްދާ ނިޒާމުގައި ހުންނަ މައްސަލަތައް
  • ރަހިމުގެ އެތެރެއިން ދެފަރާތް ތަތްވެފައި ހުރުން
  • ބިކުރުގެ ދުލިފަށުން އެއްކޮށް ކުރިމަތިފަރާތް ނިވާވެފައިވުން (ލޯވަޅެއް ދުލިފަށުގައި ނުހުރުން)
  • ކުރިމަތިފަރާތުގެ އެތެރެން ހުރަހަށްވާގޮތަށް ސެޕްޓަމް އެއް އުފެދިފައި ހުރުން
  • ރަހިމު، ރަހިމުގެ ދޮރު، ނޫނީ ކުރިމަތި ފަރާތް ރަނގަޅަށް އުފެދިފައި ނެތުން

މައްސަރުކަންތައް ނުޖެހުމަށް މެދުވެރިވެދާނެ އެހެނިހެން ސަބަބުތައް

  • ކާހިތްނުވުން
  • ދިގުދެމިދާ ބައްޔެއްހުރުން : މިސާލަކަށް ކެއްސުން ބަލިޖެހިފައިވުން
  • މާބޮޑަށް ބަރުދަން އިތުރުވެ ފަލަވުން، ނޫނީ މާބޮޑަށް ހިކި ބަރުދަން ލުއިވުން
  • ރަނގަޅުކާނާ ނުލިބުން
  • ހިތާމަކުރުމުގެ ބަލި ނޫނީ އެހެން ނަފްސާނީ ބައްޔެއްހުރުން
  • ކުޅިވަރުގެ ތެރޭގައި ވަރުޖެއްސުމަށް ބޭސް ބޭނުންކުރުން
  • ނަފްސާނީ ބަލީގެ ބޭސް ކެއުން
  • ފިކުރުބޮޑުވެ، ފިއްތުންތައް އިތުރުވުން
  • މާގަދަޔަށް ކަސްރަތުކުރުން

މަގުފަހިކުރާ ކަންތައްތައް

މައްސަރުކަންތައް ނުޖެހުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-

  • އާއިލާގެ ތެރޭގައި ޙައިޟުނުވުން ދައުރުވަމުން އައުން
  • ކާހިތްނުވުން ފަދަ މައްސަލަތައް ހުރުން
  • އެތުލެޓިކް ފަރިތަކުރުންތައް ހެދުން

އަލާމާތްތައް

މައްސަރުކަންތައް ނުޖެހުމުގެ މައިގަނޑު ނިޝާނަކީ ޙައިޟުނުވުމެވެ. މައްސަރުކަންތައް ނުޖެހެން މެދުވެރިވި ސަބަބަކާ ރިޢާޔަތްކޮށް ޙައިޟުނުވުމުގެ އިތުރުން އަންނަނިވި ކަންތައްތައް ފާހަގަކުރެވިދާނެ އެވެ.

  • ވަށްގަނޑުން ކިރުކުލައަކަށް ހުންނަ ދިޔައެއް އައުން
  • އިސްތަށި ފޭބުން
  • ބޮލުގައި ރިހުން
  • ލޮލުގެ ފެނުމަށް ބަދަލުއައުން
  • މޫނުމަތީގައި އިސްތަށި މާގިނައިން ފެޅުން
  • ދަށްބަނޑުގައި ރިހުން
  • އޮށާޅަ ނެގުން
  • މާބޮޑަށް ބަރުދަން އިތުރުވެ ފަލަވުން، ނޫނީ މާބޮޑަށް ހިކި، ބަރުދަންލުއިވުން
  • ހާސްވެ ފިކުރުބޮޑުވެ، ކަންބޮޑުވުން
  • ދާހިއްލުން
  • ކުރިމަތި ފަރާތް މާބޮޑަށް ހިކުން
  • ހޫނުއެރުން

ވަށްގަނޑުން ކިރުކުލައަކަށް ހުންނަ ދިޔައެއް އައުން، ބޮލުގައި ރިހުން، އަދި ލޮލުގެ ފެނުމަށް ބަދަލުއައިސް، ލޮލުގެ ފެނުން ދަށްވުމަކީ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަމުގެ ނިޝާނަކަށް ވެސް ވެދާނެ އެވެ. މޫނު މަތީގައި މާގިނައިން އިސްތަށި ފެޅުމަކީ ފިރިހެން ހޯރމޯން އިތުރުވެގެން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. ކުރިމަތި ފަރާތް މާބޮޑަށް ހިކުން، ހޫނުއެރުން، ރޭގަނޑު ދާހިއްލުން، އަދި ނިދަން އުދަނގޫވުމަކީ ބިސްއުފައްދާތަނުގައި މައްސަލައެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެ އެވެ.

ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟

އަންހެންކުއްޖެއްގެ އުމުރުން 14 އަހަރުވާއިރު، އަންހެންވަންތައް ސިފަތައް (އުރަމަތި ބޮޑުވުން، ކުރިމަތި ފަރާތުގައި އިސްތަށި ފެޅުން) ފާޅުނުވާނަމަ، ނުވަތަ އަންހެންކުއްޖެއްގެ އުމުރުން 16 އަހަރުވާއިރު ބާލިޣުނުވާނަމަ، ޞިއްޙީ  އެހީތެރިއެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ބާލިޣުވެފައިވާ އަންހެނަކު ޖެހިޖެހިގެން 3 ފަހަރު މައްސަރު ކަންތައް ނުޖެހި ހިނގައްޖެނަމަ، ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދުމަކީ މުހިއްމު ކަމެކެވެ.

ނުރައްކާތައް / މައްސަލަތައް

މައްސަރުކަންތައް ނުޖެހުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި:-

  • ދަރިމައިނުވުން : ބިސްދޫނުކުރާނަމަ، މައްސަރުކަންތައް ނުޖެހޭނަމަ، ބަލިވެއެއް ނީންނާނެ އެވެ.
  • ކަށިފީވުން : މައްސަރުކަންތައް ނުޖެހެނީ އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްވެގެންނަމަ، ކަށިތައް ތުނިވެ ފީވުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

ދެނެގަތުން

މައްސަރު ކަންތައް ނުޖެހުން ނުވަތަ ހައިޟުނުވާން ދިމާވާ ސަބަބު ހޯދުމަށްޓަކައި ޖިސްމާނީ ގޮތުން ބަލާބެލުންތަކުގައި އަންހެނާގެ ކުރިމަތި ފަރާތް ހިމެނޭ ހިސާބުގައި އެއްވެސް ކަހަލަ މައްސަލަ އެއް ހުރިތޯ ޑޮކްޓަރުން ބަލާނެއެވެ. މައްސަރުކަންތައް ނުޖެހުމަކީ ހޯރމޯންތަކުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ. އެހެންކަމުން މައްސަރުކަންތައް ނުޖެހެނީ ކީއްވެގެންކަން ހޯދައި ދެނެގަތުމަށް ވަގުތު ނަގާނެއެވެ. އަދި އެތަކެއް ޓެސްޓުތަކެއް ހަދަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ލެބޯޓަރީ ޓެސްޓުތައް : ވަރަށް ގިނަ ތަފާތު ލެބޯޓަރީ ޓެސްޓުތައް ހަދަންޖެހިދާނެއެވެ. އެގޮތުން ހަދަންޖެހިދާނެ ޓެސްޓުތަކުގެ ތެރޭގައި:-

  • ބަލިވެއިންތޯ ޓެސްޓުކުރުން : އެންމެ ފުރަތަމަ ޔަގީންކުރާނީ ބަލިވެއިންތޯ އެވެ. ސަބަބަކީ ބަލިވެއިނުމަކީ މައްސަރުކަންތައް ނުޖެހުން މެދުވެރިވާނެ އެންމެ އާންމު ސަބަބަށްވާތީ އެވެ.
  • ތައިރޮއިޑް ގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ޓެސްޓުކުރުން : މައިގަނޑު ގޮތެއްގައި ބަލާނީ ލޭގައި ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އެކުލެވޭ މިންވަރެވެ.
  • ބިސްއުފައްދާ ތަނުގެ މަސައްކަތް ހުރިނެތްގޮތް ބެލުން : މައިގަނޑު ގޮތެއްގައި ބަލާނީ ލޭގައި ފޮލިކިޔުލަރ ސްޓިމިއުލޭޓިންގ ހޯރމޯން އެކުލެވޭ މިންވަރެވެ.
  • ޕްރޯލެކްޓިން ޓެސްޓު : ޕްރޯލެކްޓިން ހޯރމޯންގެ މިންވަރު ލޭގައި މަދުވުމަކީ ޕިޓޫއިޓަރީ ގްލޭންޑްގައި ޓިއުމަރެއް އުފެދިފައިވާ ކަމުގެ ނިޝާނަކަށް ވެސް ވެދާނެ އެވެ.
  • ފިރިހެން ހޯރމޯން ހުރި މިންވަރު ބެލުން : މޫނުމަތީގައި އިސްތަށި ފަޅައި، އަޑު ބަރުނަމަ، ލޭގައި ފިރިހެން ހޯރމޯންގެ ނިސްބަތް ހުރި މިންވަރު ބަލައިފާނެއެވެ.

(ށ) – ހޯރމޯން ޗެލެންޖް ޓެސްޓު : މިޓެސްޓު ހެދުމަށް 10 ދުވަސް ވަންދެން ހޯރމޯން އެކުލެވޭ ބޭސް ކާންޖެހޭނެ އެވެ. މިޓެސްޓުގެ ނަތީޖާއިން މައްސަރު ކަންތައް ހުއްޓުނީ އެސްޓްރަޖަން ހޯރމޯން މަދުވެގެންކަން ނޫނީ ނެތިގެންކަން ދެނެގަނެވޭނެ އެވެ.

(ނ) އިމޭޖިންގ ޓެސްޓުތައް  : ލޭގެ ޓެސްޓުތަކުގެ ނަތީޖާއަށް ބަލައި، އިމޭޖިންގ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އެގޮތުން ހެދޭ ޓެސްޓުތަކުގެ ތެރޭގައި:-

  • ސްކޭންކުރުން
  • ސީޓީ ސްކޭން ހެދުން
  • އެމްއާރުއައި ހެދުން

(ރ) ހިސްޓީރޮސްކަޕީ : މިއީ ކެމެރާއެއް ލައްވައިގެން ރަހިމުގެ އެތެރެ ހުރިނެތްގޮތް ބެލުމެވެ. މިޓެސްޓުގެ އެހީގައި ރަހިމުގެ އެތެރޭގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު އުފެދުމެއް ނޫނީ ތަފާތު ކަމެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ.

ފަރުވާ

ފަރުވާ މައިގަނޑު ގޮތެއްގައި ބަރޯސާވަނީ މައްސަރު ކަންތައް ނުޖެހުން ކުރިމަތިވި ސަބަބެއްގެ މައްޗަށެވެ. ވިރާސީ ގޮތުން ނޫނީ ޖިސްމާނީ ގޮތުން ދިމާވި ކަމެއްގެ ސަބަބުން މައްސަރު ކަންތައް ނުޖެހުން ކުރިމަތިވެފައިވާނަމަ ފަހަރުގައި އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. ތައިރޮއިޑް ގްލޭންޑްގެ ނުވަތަ ޕިޓޫއިޓަރީ ގްލޭންޑްގައި ހުރި މައްސަލައެއްގެ ސަބަބުން، މައްސަރު ކަންތައް ނުޖެހުން ކުރިމަތިވެފައިވާނަމަ، ބޭސް ބޭނުންކޮށްގެން ފަރުވާ ކުރަންޖެހިދާނެ އެވެ.

މައްސަރުކަންތައް ނުޖެހެނީ ރަނގަޅުކާނާ ނުލިބިގެންނަމަ ، ނޫނީ ރަނގަޅުކާނާ އެކަށޭނަވަރަށް ނުކާތީ (މިސާލަކަށް ޑައެޓްކުރާތީ) ކަމަށްވާނަމަ، ހަށިގަނޑަށްފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރަން ފެށުމުން، މައްސަރުކަންތައް ޖެހޭގޮތް ވެއެވެ. މާނައަކީ އެފަދަ މީހުން ފައިދާހުރި ރަނގަޅުކާނާގެ ބާވަތްތައް ކެއުމުގައި ހިމަނަންޖެހޭނެ އެވެ.

މައްސަރުކަންތައް ނުޖެހެނީ މާބޮޑަށް ބަރުހެލިވެ، ފަލަވުމުން ކަމަށްވާނަމަ، ކެއުމުގައި ތެލާއި، ސަރުބީ ބޭނުންކުރުން މަދުކޮށް، ކަސްރަތުކޮށް، ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން މައްސަރުކަންތައް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މައްސަރުކަންތައް ނުޖެހެނީ މާގަދަޔަށް ކަސްރަތުކޮށްގެން (ހަފްތާއަކު 8 ގަޑިއިރަށްވުރެ ގިނައިން ގަދަޔަށްކުރެވޭ ކަސްރަތުތައް ކުރުން) ނަމަ، އާދައިގެ ވަރަކަށް ކަސްރަތުކުރަން ފެށުމުން މައްސަރުކަންތައް ޖެހުން ރަނގަޅުވެގެންދެއެވެ.

މައްސަރުކަންތައް ނުޖެހެނީ ފިކުރުބޮޑުވެ، ފިއްތުންތައް އިތުރުވެގެން ކަމުގައިވާނަމަ، ފިކުރުތަކާ ދުރުހެލިވެ، ފިއްތުންތައް ކުޑަކުރުމުން މައްސަރު ކަންތައް ޖެހުން ހަމައަކަށް އެޅިގެން ދެއެވެ. ބަނގުރާ ބުއިމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ދުރުހެލިވުމަކީ ވެސް މައްސަރު ކަންތައް ނުޖެހޭ މީހެއްގެ މައްސަރުކަންތައް ހަމައަކަށް އެޅުމަށް އެހީތެރިވެދީފާނެ ކަންކަމެވެ.

ބޭހުގެ ފަރުވާ

ބޭހުގެ ފަރުވާގެ ގޮތުގައި ދީއުޅޭ ބޭސްތަކުގެ ތެރޭގައި:-

  • ޑޮޕަމީން އެގޮނިސްޓް : މިސާލަކަށް ބްރޯމޯކްރިޕްޓީން ފަދަ ބޭސްތައް ލޭގައި ޕްރޯލެކްޓިން މަތިވުން ފަދަ ހާލަތްތަކުގައި ދެވިދާނެއެވެ.
  • ހޯރމޯންގެ ފަރުވާ : އެގޮތުން އެސްޓްރަޖަން، އަދި ޕްރޮޖެސްޓިން ހިމެނޭ ބޭސް އެސްޓްރަޖަން ހޯރމޯން އާއި ގުޅޭ މައްސަލަތަކުގައި ފަރުވާގެ ގޮތުގައި ދެވިދާނެ އެވެ.
  • މެޓްފޯރމިން : މިއީ ބިސްއުފައްދާ ތަނުގައި ވައިކޮތަޅު އުފެދުން ފަދަ ހާލަތްތަކުގައި ދީއުޅޭ ބޭހެކެވެ.
  • ދޭތެރެ ދުރުކުރާ ބޭސް : ބައެއް ހާލަތްތަކުގައި ދޭތެރެ ދުރުކުރާ ބޭސް ވެސް ފަރުވާގެ ގޮތުގައި ދެވިދާނެ އެވެ.

ރައްކާތެރިވުން

ވިރާސީގޮތުން ކުރިމަތިވާ ހާލަތްތަކެއްގެ ސަބަބުން މައްސަރުކަންތައް ނުޖެހުން ކުރިމަތިވިނަމަ އެއީ ދުރާލާ އެކަމުން ރައްކާތެރިވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިގެން، އާދަޔާ ޚިލާފަށް ބަރުދަން އިތރުވުމުން ކުރިމަތިވާ މައްސަރު ކަންތައް ނުޖެހުމުގެ މައްސަލައަށް ހައްލު ހޯދިދާނެ އެވެ.

މަސްދަރު :

 

ލިޔުމުގެ އަސްލު ނެގީ: ޞިއްޙަތު ބްލޮގުން

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.