ކިރިސްތިއަން ދީނުގެ އަޅުކަމެއް ކަމަށްވާ ބެޕްޓިޒަމް ލައިދިނުމުގެ ތެރެއިން ތުއްތުކުއްޖެއް ރުއިން ހުއްޓާނުލުމުން ކެތަލިކް ފާދިރީ އަކު ކުއްޖާގެ ކޮލުގައި ތަފާލެއް ޖަހައިފި އެވެ. މިއީ ހަމަ ގައިމުވެސް މިކަންކުރި ފާދިރީގެ ގޮތެއްނެތްކަން މުޅިދުނިޔެއަށް ހާމަވެގެންދިޔަ ލަދުވެތި އަދި އިންސާނީ ކަރާމާތާއި ޚިލާފް ޢަމަލެކެވެ.

ފަރަންސޭސިވިލާތުގެ ފާދިރީ އެއްގެ ފަރާތުން ފެނިފައިވާ މި ދަށުދަރަޖައިގެ ޢަމަލުގެ ވީޑިއޯ އިންޓަރނެޓްގައި މިހާރުވަނީ ވައިހިފާފައެވެ. ވީޑިއޯ އިން ފެންނަގޮތުން ތުއްތުކުއްޖާއަށް ބެޕްޓިޒަމް ލައިދިނުމަށް ފާދިރީ މަސައްކަތްކުރަމުން ދިޔަވަގުތު ކުއްޖާ ދިޔައީ ހުއްޓާނުލައި ރޮމުންނެވެ. ކުއްޖާ ހުއްޓާލެއްވުމަށް ފާދިރީ މަސައްކަތް ކޮށްކޮށް އެކަން ކާމިޔާބު ނުވުމުން ކުއްޖާ ގެ ކަނާތު ކޯތާފަތް މަތީގައި ފާދިރީ ކަލޭގެ ބާރަށް ތަފާލެއް ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އާއިލާ މީހުން ފާދިރީގެ އަތުން ކުއްޖާ އަތުލުމަށް މަޖުބޫރުވެ އެކަން ކުރެއެވެ.

ވީޑިއޯ އިން ފެންނަގޮތުން އެކުއްޖާގެ މަންމަ އާއި ބައްޕަ ކަމަށް ބެލެވޭ ދެމީހުންނަށް ފާދިރީގެ އެ އަމަލުން ބޮޑު ޝޮކެއް ލިބި ފާދިރީ ކަލޭގެ އަތުން ކުއްޖާ ޖަހައިގަނެއެވެ.

މި ވީޑިއޯ ނަގާފައިވަނީ ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމާއި ކޮން ފައްޅިއެއްގައިކަން އެނގިފައި ނުވިޔަސް ވީޑިއޯ އާއްމުވެފައި ވަނީ 21 ޖޫން 2018 އިން ފެށިގެންނެވެ.

ވައިގައި ހިފާފާވާ މި ވީޑިއޯ ފެށިގެން އަންނައިރު ފެންނަނީ ކުއްޖާގެ މަންމަކަމަށް ބެލެވޭ މީހެއް ކުއްޖާ އުރާލައިގެން ހުއްޓައެވެ. އެތާންގައި ހުދުހެދުމެއް ލައިގެން ހުންނަ ފާދިރީ އެއް ބެޕްޓިޒަމް ލައިދިނުމުގެ ރަސްމިއްޔާތު ފަށައެވެ. ނަމަވެސް ބެޕްޓިޒަމް ލައިދިނުމުގެ ކަންތައްތަކާއި ކުއްޖާ ގަޔާނުވެ ހަޅޭއްލަވާ ބާރަށް ރޮމުންދާތަން ފެނިގެންދެއެވެ.

ކުއްޖާގެ އަމަލުތަކާއި އަޑުގަދަކުރުމުން ފާދިރީކަލޭގެއަށް އުނދަގޫވެ ކުއްޖާއާ ދިމާއަށް ބާރަށް އަޑުލައި ހަޅޭއްލަވާ މަންޒާއި އަޑުވެސް ވީޑިއޯގައި ހުއްޓެވެ. ފާދިރީ ކަލޭގެ ކުއްޖާ އާދިމާއަށް ބަވަމުންދިޔަތަން ވެސް ފެނެއެވެ. އެހެންނަމަވެސް ފާދިރީއަށް ކުރާ އިހްތިރާމުގެ ސަބަބުން ކުއްޖާގެ މައިންބަފައިން އެއް މިޔަކަނުން ނަމަވެސް ހީނލައިގެން ތިބެއެެވެ. ކުއްޖާ އަށް އެއްޗެހިގޮވަމުން ފާދިރީގެ ބޮލާއި ދިމާއަށް ކުއްޖާގެ ބޮލުގައި ހިފާފައި ކައިރިކޮށްލަ އެވެ. ނަމަވެސް ކުއްޖާ ނުސިޔާނުވެ އެތާ ހުރި އަންހެންމީހާ (މަންމަ) އާއި ދިމާއަށް ކުއްޖާގެ އަތް ހޫރާލައެވެ.

ކުއްޖާ ހުއްޓާނުލައި ރޮމުން ދިޔައިރު ފާދިރީ ކިޔަމުން ދިޔައީ: ‘ހުއްޓާލާ، ހުއްޓާލާ، ހަމަ މިހާރު ހުއްޓާލާ” މިހެންނެވެ.

މިހިސާބުން ފާދިރީ ވަރަށްބޮޑަށް ރުޅިގަދަވެފައި ހުންނަކަން ވީޑިއޯއިން ރަނގަޅަށް ފެނެއެވެ. ދެން ކުއްޖާގެ މޫނުގައި ފާދިރީގެ ދެއަތުން ހިފަހައްޓައެވެ. ކުއްޖާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ފާދިރީގެ ވާތުން ކުއްޖާގެ ކޮލުގައި ތަފާއްޔެއް ވިހެލައެވެ. ފާދިރީގެ މި އަމަލުން ކުއްޖާގެ ރުއިން ހައްތަހާވީ އިތުރެވެ. ކުއްޖާގެ މައިންބަފައިންނަށް ލިބުނީ ބޮޑު ޝޮކެކެވެ. އެމީހުން ހަމަޖެއްސުމަށް އެހެން އަންހެނެއް ކައިރިވެ ފާދިރީގެ މޭމަތީގައި އަތް ޖައްސާލައި ފަހަތަށް ޖެހުމަށް ބުނެއެވެ.

މި މަންޒަރު ބަލަންތިބި މީހުންވެސް ހައިރާންވެގެން ހަޅޭއްލަވާ އަޑު އިވެއެވެ. އެމީހުން ކިޔަމުންދިޔައީ: “ތިހިރީ ފާދިރީގެ ހުރި ވަރަކީ. އެއްމެ ފުރަތަމަ ފާދިރީ އެއްނު މައިތިރިވާންވީ، ނިކަން ބަލާބަލަ، ނިކަން ބަލާބަލަ.”

ކުއްޖާގެ ބައްޕަ ކަމަށް ބެލޭވޭ މީހެއް ކުރިއަށް ޖެހިލައި ފާދިރީގެ އަތުން ގަދަކަމުން ކުއްޖާ ޖަހައިގަނެއެވެ.

ފާދިރީގެ މި ނާތަހުޒީބު އަދި ލާއިންސާނީ އަމަލާއިމެދު ފަރަންސޭސި ނޫހެއް ކަމަށްވާ ފްރާންސްއިންފޯ އިން ސުވާލުކޮށްލުމުން އުމުރުން 89 އަހަރުގެ ކެތޮލިކް ފާދިރީ ބުނީ ކުއްޖާގެ ކޮލުގައި އޭނާ ނުޖަހާ ކަމަށެވެ. ވީޑިއޯ އާއި އަޑުން ލިބެން އޮތް ކާފީ ހެއްކަށް ފާދިރީ ދެކޮޅުހެދިޔަސް ކުރިކަމެއް ނުކުރާ ކަމަކަށް ނުހެދޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.