ލިޔުނީ: ޙުސައިން ޝިނާން – ހަފްތާ އެމްވީ

ފަސް ވަނަބައި ގެ ތެރެއިން… ވަރަށް ވެސް ދެރަވެފައި އަހަރެން ފޯނު ނަގައި ގުޅައިފީމެވެ. ދެރެވެފައި ހުއްޓަސް އަހަރެން ވާހަކަ ދެއްކި ގޮތުން އަހަރެން ހުރީ ދެރަވެފައި ކަމެއް ނޭނގޭނެވެ. އެކޮޅުން ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދީ އަހަރެން ފޯނު ކަނޑާލީ އަހަންނަށް އެ ވަގުތުން ފެށިގެން ނުގުޅުމަށާއި އަދި އަހަންނާއި ބައްދަލު ކުރަން މަސައްކަތް ނުކުރުމަށް ބުނުމަށް ފަހު އެވެ.

 

އަހަރެންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް ވެސް އަހަންނަށް އިހުސާސް ވިއެވެ. އާނއެކެވެ! އަހަރެން އެންމެ ދަތި ހާލުގައި އުޅުނު އިރު އަހަންނަށް އަޅާލައި، އަހަންނަށް ކާންދީ އަހަރެން ދެކެ ލޯބިވާ ކުއްޖާ އަހަރެން ދޫކޮށްލީ އަހަރެންގެ އެމީހެއް ދެކެ ލޯބިވާ މީހާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަހަރެންނަށް އަޑުއިވޭ ވާހަކައެއް އިނދެއެވެ. ތިމާ ލޯބިވާ މީހަކަށް ވުރެ ތިމާ ދެކެ ލޯބިވާ މީހާ ހޯދާށެވެ. އެއީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް މިފަހަރުގެ ހާލަތު ތަފާތެވެ. އަހަރެން ލޯބިވާ ޒަމްމު އަހަރެން ދެކެވެސް ލޯބިވެއެވެ. އެހެންކަމުން އަހަރެން ލޯބި ނުވާ މީހަކާއި އެކު އަހަރެންގެ ދިރިއުޅުން ކުރިއަށް ނުގެންދެވޭނެވެ.

 

ޝަމްނާގެ ފަހު ކޯލަށް ފަހު އަހަރެން ޝަމްނާގެ ނަމްބަރ ބޮލޮކް ކޮށްލީމެވެ. އަދި ފޭސްބުކާއި އެހެނިހެން ތަކެތިންވެސް އޭނާ ބްލޮކް ކޮށްލުމަށް ފަހު އެ ދުވަސް ތަށް އަހަރެންގެ މާޒީން ފޮހެލީމެވެ. ހަގީގަތަށް ބުނާނަަމަ ޝަމްނާ އާއި އިތުރަށް އަހަރެން ކުރިމަތިލާން އަހަރެންނަކަށް ނުކެރެނީއެވެ. އަހަރެން ލަދު ގަންނާނެވެ.

 

ނާނު އާއި އަހަރެންނާއި ދެމީހުންގެ މަސައްކަތުން އަހަރުމެން ދިރިއުޅެން ރަނގަޅު ތަނެއް މާލެއިން ހޯދައިފީމެވެ. އަދި ވަގުތުން ކުލި ދައްކައިގެން އަހަރުމެން ދެމީހުން އެތަނަށް ބަދަަލު ވެ ތަނަށް ބޭނުންވާ ބައެއް ސާމާނު ގަނެ ހަމަޖެހިލައިފީމެވެ. ވަޒީފާ އަށް ދިޔަތާ މަހެއް ނުވުމުގެ ސަބަބުން އަހަރެންނަށް މި ފަހަރު އެއްވެސް ހަރަދެއްގައި ހިފޭނެ ގޮތެއް ނެތެވެ. ނަމަވެސް، އަހަރެންނަށް މުސާރަ ލިބުމުން ފައިސާ ދައްކާ ގޮތަށް ނާނު އާއި އެކު ވާހަކަ ދައްކައި ހުރިހާ ކަމެއް ހަމަޔަކަށް އަޅުވައިފީމެވެ.

 

އަހަރެންގެ ދިރިއުޅުން މުޅިންހެން ހަމަޔަކަށް އެޅިއްޖެއެވެ. އުފާވެރި މުސްތަގުބަލެއް ފެންނަން ފަށައިފިއެވެ. އެންމެ ލޯބިވާ މީހާ ލިބިއްޖެއެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ލިބިއްޖެއެވެ. ހާލުގައި ޖެހުނު އިރު އެހީވި ރަނގަޅު އެކުވެރިން ދެނަގަނެ ވެއްޖެއެވެ. އަހަރެންގެ ދެން އޮތީ އެންމެ ބިރެކެވެ. އެއީ އަހަރެންގެ އަތުން ޒަމްމު ބީވެދާނެ ކަމުގެ ބިރެވެ. ޒަމްމުގެ އާއިލާ އަހަރުމެން ގެ ދެމީހުންގެ ގުޅުމަށް އަނެއްކާވެސް ނުގަބޫލުވެދާނެހެން ހީވާތީ އަހަރެން މި ގުޅުމުގެ ވާހަކަ އެމީހުންނާއި ހިއްސާ ކުރުން ފަސް ކޮށްލީމެވެ. ނަމަވެސް އަހަރެންނަކީ މިހާރު މުޅިން އެހެން މީހެއް ކަމަށް އަހަރެން ގަބޫލު ކުރަމެވެ. އެހެންކަމުން ޒަމްމުގެ އާއިލާ އަހަރުމެން ދެމީހުންގެ ގުޅުމަށް އިންކާރު ކުރަންވީ ސަބަބެއްވެސް ނެތެވެ.

 

އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްގައި އަހަރެން ދުވަސްތައް ގުނަމުން އައިސް، އަހަރެން ކޮފީއެއްގައި އިން ވަގުތެއްގައި އަހަރެންނަށް ޒަމްމު ގުޅިއެވެ. އެއީ ފަހަކަށް އައިސް އާދައެކެވެ. މާބޮޑު ކަމެއް ކަމަށް ހީނުކޮށް އަހަރެން ފޯނު ނަގައިގެން ހަލޯ ނުބުނެވިގެން އުޅެނިކޮށް ޒަމްމު ގެ ވާހަކަ ފެށިއެވެ. އެވަގުތު އަހަރެންނަށް ވެސް ހުރެވުނީ ވާނުވާއެއްގައެވެ. ޒަމްމު ގެ ވާހަކައަށް ފަހު އަހަރެން ބުނާނެ އިތުރުއެއްޗެއް ނެތުމުން ފޯނު ބޭއްވީމެވެ.

 

އަހަރުމެން ދެމީހުންގެ ގުޅުމުގެ ވާހަކަ ޒަމްމު އަށް އޭނާގެ އާއިލާ އަށް ސިއްރުކޮށްގެން ބޭއްވޭނެ ގޮތެއްނުވިއެވެ. ޒަމްމު ގެ އާއިލާ އަށް އަހަރުމެން ދެމީހުންގެ ގުޅުމުގެ ވާހަކަ އެނގި އަނެއްކާވެސް އިންކާރު ކުރިއެވެ. އަދި ދެމީހުން ވަގުތުން ވަގުތަށް ދުރުވުމަށާއި، ނުވެއްޖެނަމަ ޒަމްމު ގެ ކިޔެވުން ހުއްޓުވުމަށް ފަހު އަނބުރާ ރަށަށް ބަދަލު ކުރާނެ ކަމަށް ޒަމްމު ގެ ބައްޕަ ބުނި ވާހަކަ ޒަމްމު އަހަރެން ކައިރީގައި ކިޔައިދިނީ ގިސްލަމުންނެވެ.

 

އަހަރެންގެ ގެ ހިތާއި ދެކޮޅަށް މިފަހަރުވެސް އަހަރެން ގޮތް ނިންމަން ވެއްޖެއެވެ. އަހަރެން ޒަމްމު ބޭނުމެވެ. އަދި އޭނާ ގެ ކިޔެވުން ކުރިއަށް ގެންދަންވެސް ބޭނުމެވެ. އާއިލާގެ ނުރުހުމާއި އެކު ކައިވެންޏަކަށް ދާން އަހަރެން ބޭނުމެއް ނުވެއެވެ. އެހެންކަމުން އަހަންނަށް އެ ވަގުތު ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އަހަރެން ޒަމްމު އާއި ދުރުވުމަށެވެ. އަދި ދެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ.

 

އަހަރެންގެ އެކުވެރިން އޭރު އަހަންނާއި ދިމާލަށް ސަމާސަ ކުރުމުގެ ގޮތުން ”ޕަނޯތީ“ (ބަދު ނަސީބުވެރިޔާ) އޭ ކިޔާ ދިމާކުރެއެވެ. އަދި އެކަމަށް އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. ދިރިއުޅުމަގައި ނަސީބު ރަނގަޅު ކަމުން ލިބުނު އެކައްޗެއްވެސް އެއިރަކު ނެތެވެ. އެހެން ކަމުން އަހަރެންވެސް ގަބޫލު ކުރީ އަހަރެންނަކީ ”ޕަނޯތީ“ އެއް ކަމަށެވެ. ނަމަވެސް މިއަދު އަހަރެން ގަބޫލު ކުރާ އެކައްޗަކީ ނަސީބަކީ ކަތީބު ދޭއެއްޗެއް ނޫން ކަމެވެ. ނަސީބު ދެރަ މީހެއް ކަމަށް ގަބޫލު ކޮށްގެން އުޅުނު އަހަރެންނަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު އެތަކެއް ކަމެއް ވެގެން ދިޔައީއެވެ. އެކަމަށް މިއަދު އަހަރެން ﷲ ހަޒްރަތުގައި ޝުކުރުވެސް ދަންނަވަމެވެ. އަދި އަހަރެންނައި ކުރިމަތިވި ދަތި ހާލަތްތަކަކީ އަހަރެންނަށް ލިބުނު ރަނގަޅު ފިލާވަޅެކެވެ. ނަމަވެސް އަހަރެން މާއާފު ނުކުރާނެ މީހަކު އެބަހުއްޓެވެ. އެއީ އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮށްލި ފަޒޫ އެވެ. އަދި އެ ކަންތައްތަކެއް ދުވަހަކުވެސް ހަނދާނުން ފޮހެވިގެންވެސް ނުދާނެވެ.

 

(ނިމުނީ)

 

ލިޔުނީ : ހުސައިން ޝިނާން

 

މިއީ ހުވަދު އަތޮޅަށް ނިސްބަތްވާ ދިވެހި ޒުވާނެއްގެ ހަޔާތުގެ މައްޗަށް ލިޔެވިފައި އޮތް ހަޤީޤީ ވަހަކައެވެ. މި ވާހަކަ ލިޔެވިފައި ވަނީ އެނާ ކިޔައިދިން ގޮތަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް އެވެ. އަދި މި ވާހަކައިގައި އަސްލު ނަން ނޫން އެހެން ނަންތަށް ބޭނުން ކޮށްފައިވަނީ އެ ޒުވާނާ ގެ އެދުމުގެ މަތިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.