ދިވެހި ފިިލްމީ ދާއިރެ ކެމެރާގެ ފުރަގަހުގައި ހަރަކާތްތެރިވާނެ ބިނާ ކުރުމުގެ މަޝްރޫއެއް ޑާކް ރެއިން އެންޓަޓައިންމަންޓުން ފަށަން ތައްޔާރުވެއްޖެ އެވެ. ދިވެހި ފިލްމީ މަސައްކަތުގައި މިވަގުތު އެންމެު ކުރީސަފުގައި ހަރަކާތްތެރިވަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓުން ފަށާ މި މަޝްރޫއަކީ “ޕްރޮޖްކެޓް ޖަމްޕް” ގެ ނަމުގައި ފަށާ ތަމްރީނު ޕްރޮގްރާމެކެވެ.
ޑާކްރެއިން އިން ބުނީ “ޕްރޮޖްކެޓް ޖަމްޕް” ގެ ދަށުން ކެމެރާގެ ފުރަގަހުގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ މީހުންނަށް ތަމްރީނު ދީ، ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެމެރާމަނުންނާއި އެޑިޓަރުންނާއި ޑައިރެކްޓަރުންނާއި ސްކްރީން ރައިޓިން ފަދަ ދާއިރާތައް ވަނީ ހިމަނާފައެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނީ “ޕްރޮޖްކެޓް ޖަމްޕް” ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް، ޝައުގުވެރިކަން ފާޅު ކުރެވޭނެ އެވެ. މޮގާ ބުނީ ރަސްމީކޮށް މަސައްކަތް ފަށައި ގަންނާނީ މިކަމަށް ބޭނުންވާ ފަންޑްގެ ކަންކަން ހަމަޖެހުމުން ކަމަށެވެ.
“އެ މަސައްކަތް އެބަދޭ ކުރިއަށް. މި ޕްރޮޖެކްޓްގެ ދަށުން މުޅިން އާ ބަޔަކަށް ޓްރޭނިންތަކެއް ދީ، ފިލްމީ ދާއިރާ އަށް އާ ބަޔަކު ނެރެން އަހަރެމެން ބޭނުން ވަނީ. އެގޮތުން ފިލްމް މޭކިންގެ ތިއަރީ ބައިތަކާ އެކު ޕްރެކްޓިކަލްތައް ބައިތައް ކުރިއަށް ގެންދެވޭނެ،” މިހާރު އޮންލައިން އަށް މަޢުލުމާތު ދެމުން މޮގާ ބުންޏެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަޤުޞަދު ފާހަގަ ކުރަމުން މޮގާ ބުނީ މިއީ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ފުރުސަތުތަކެއް ފަހިކޮށްދީ، ދީ މުސްތަގުބަލުގައި މި ދާއިރާގައި މަސައްކަތް ކުރާނެ ބަޔަކު އުފެއްދުމަށް ކުރިޔަށް ގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.
“ފިލްމް މޭކިން ކިޔެވޭނެ އިންސްޓިޓިއުޝަނެއް ރާއްޖެއަކު ނެތް. އެހެންވެ އަހަރެމެންގެ އެކްސްޕީރިއަންސާއި ދަސްވެފައި ހުރި ނޮލެޖެއް އެހެން ބަޔަކަށް ކިޔައި ދީގެން މި ދާއިރާ ކުރިއަރުވަން މަސައްކަތެއްކޮށް ދިނުން ޕްރޮޖެކްޓް ޖަމްޕްގެ އެންމެ ބޮޑު މަގުސަދަކީ،” މި އަހަރު 12 އަހަރު ފުރޭ ޑާކް ރެއިން އާއި ބެހޭ ގޮތުން މިހާރު އޮންލައިން އަށް މޮގާ ބުންޏެވެ. “މިކަހަލަ ކަމެއް ރާއްޖޭގައި އެހެން ބަޔަކު ވެސް ކުރަމުން ނުދާތީ މުހިއްމު ކަމެއް ކަމަށް ފެނިގެން މިކަން މި ފަށައި ގަންނަނީ.”
އިތުރު ތަފްސީލު ދެމުން އޭނާ ބުނި ގޮތުގައި ޑާކް ރެއިނުން މިހާރު ވެސް ފިލްމްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން ދިއުމުގެ އިތުރަށް އިއުލާންކޮށްފައި ހުރި ޕްރޮޖެކްޓްތަކެއް ވެސް ހުރުމާ އެކު، ޕްރޮޖެކްޓް ޖަމްޕަށް ކުރިމަތިލާ މީހުންނަށް އެ ފިލްމްތަކުގެ މަސައްކަތްތައް ތަޖުރިބާކޮށްލަން ލިބޭނެ އެވެ.
“މިސާލަކަށް ޑައިރެކްޝަނަށް ޝައުގުވެރިވާ ކުއްޖެއް ނަމަ، އަހަރެމެންގެ އޮންގޮއިން ޕްރޮޖެކްޓެއްގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްލަން ލިބޭނެ. ވާހަކަ ލިޔަން ޝައުގުވެރިވާ އަދި ވާހަކަ ސްކްރީންޕްލޭއަކަށް ބަދަލުކޮށްލަން ޝައުގުވެރިވާ ކުދިންނަށް އެކަން ކުރާނެ ގޮތް ވެސް މީގެ ތެރެއިން ދަސްވެގެން ދާނެ،” މޮގާ ބުންޏެވެ. “ރާއްޖޭގައި އެބަތިބި ވަރަށް ޓެލެންޓެޑް ކުދިން. ބޭނުން ވަނީ އެ މީހުންގެ ޓެލެންޓް ދައްކާލަން ފުރުސަތު ހުޅުވާލަދީ، ކުރިއަށް ދާނެ ދޮރުތަކެއް ހުޅުވައި ދިނުން. އަދި ހަމައެއާ އެކު އާ ބަޔަކާ އެކު އަހަރެމެން ވެސް ބޭނުންވޭ މަސައްކަތްތައް ކުރަން. ގަބޫލު ކުރެވޭ މީގެ ސަބަބުން ކޮމާޝަލީ ސަކްސެސްފުލް ބަޔަކު މި ފީލްޑަށް ނެރެވޭނެ ކަމަށް.”
ޚަބަރުގެ މައިގަނޑު މަސްދަރަކީ: މިހާރު އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!