އުމުރުން 82 އަހަރުގެ ‘މަސާފުމީ ނަގަސާކީ’ އަކީ ޖަޕާނުގެ އޮކިނާވާ ސަރަޙައްދުގައި އޮންނަ ސޮތޮބަނަރީ ފަޅު ރަށަށް އަމިއްލައަށް އަރުވާލެވިގެން ގާތްގަނޑަކަށް ތިން ދަހަރު (ތިން ޑިކޭޑްސް) އިންސާނުންނާ ދުރުގައި އެކަނިމާއެކަނި ދިރިއުޅެމުން ދަނިކޮށް އިންސާނީ ޙަޟާރާތަށް އަނބުރާ ގެނެސްފައިވާ ޖަޕާނުގެ ރަށްވެއްސެކެވެ. މިއީ މަސާފުމީ ނަގަސާކީ ގެ މި އާދަޔާޚިލާފު ދިރިއުޅުމާމެދު ‘ނެކްސްޓް ޝާކް’ ގައި ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ.

ފަޅުރަށަކަށް އަމިއްލައަށް ބަދަލުވެ އެންމެ ގިނަދުވަސް ވާންދެން އެކަނި ފަޅުރަށެއްގައި މިހާތަނަށް ދިރިއުޅުނު މީހެއްގެ ގޮތުގައި ބެލެވޭ މީހަކީ ނަގަސާކީ އެވެ. އޭނާ ދިރިއުޅުނު ފަޅުރަށް ސޮތޮބަނަރީ އަށް ދިޔައީ މީގެ 29 އަހަރި ކުރިން ކަމަށް ސްޕެއިންގެ އެކްސްޕްލޯރާ އަލްވާރޯ ސެރެޒޯ “ޑޮކާސްޓްއަވޭ” ގައި ބުނެެއެވެ.

ޑޮކާސްޓްއަވޭ ޔޫޓިއުޞް ވީޑިއޯ އިން ނަގާފައި

ބެހިގެން ރަށްރަށަށް ގޮސް އުޅޭ މީހުންގެ މައުލޫމާތު ލިޔެ އެއްކުރަމުން އަންނަ ސެރެޒޯ ވަނީ 2014 ވަނަ އަހަރު ނަގަސާކީ އާއެކު ފަސް ދުވަސް ހޭދަކޮށްފަ އެވެ. އުމުރުން ދުވަސްވެފައިވާ ނަގަސާކީ އެކަނިމާއެކަނި އިންސާނުންނާއި ދުރުގައި ދިރިއުޅެމުން ދިޔަގޮތް ސެރެޒޯ ތަޖުރިބާކުރި އެވެ. އެކަނިމާއެކަނި ނަގަސާކީ އެރަށުގައި ދިރިއުޅުމުގެ އިތުރުން އޭނާ ވަނީ ‘ސަރވައިވަލް ސިސްޓަމެއް’ (ރައްކާތެރިކަމާއެކު ދިރިހުރުމުގެ ނިޒާމެއް) ގާއިމުކޮށްފައެވެ. އެއީ އޭނާގެ އިތުރުން އެރަށަށް މީހަކު އަރައިފިނަމަ އެމީހަކުވެސް އެއަށް އަމަލުކުރާން ޖެހޭ ޤަވާއިދު ތަކެކެވެ.

ސެރެޒޯ ވަނީ ނަގަސާކީ އާއި އެކުގައި ހޭދަކުރެވުނު ދުވަސްކޮޅުގައި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ. ނަގަސާކީ އެރަށުގައި ދިރިއުޅެމުންދިޔައީ ބަރަހަނާ ހާލުގައި ކަމުން ނަގަސާކީ އަށް ‘އޮރިޔާން ކަކުނި ހައް ބަރަވެލި’ ގެ މާނަ ދޭހަވާ ނަމަކުން މުޚާޠަބު ކުރެވެން ފެށިއެވެ.

ޑޮކާސްޓްއަވޭ ޔޫޓިއުޞް ވީޑިއޯ އިން ނަގާފައި

ނަގަސާކީ އާއި އެކުގައި ސެރެޒޯ ފަސްދުވަހު ދިރިއުޅުނުއިރު އެއަށް ބޯލަނބަންޖެހުނު ހަރުކަށި ފަސް ޤަވާޢިދެއް އޮތްކަން ސެރެޒޯ ފާހަގަކުރި އެވެ.

“ކަލޭގެ ޓެންޓަށް ވަނުމުގެ ކުރިން ޓެންޓަން ވަންނަ ދޮރުކައިރީގައި އަހަރެން ބަހައްޓާފައި ހުންނަ އުނބުގަނޑުގައި ހުންނަ ފެނުން ޖެހޭނެ ފައި ދޮންނަން. މި ރަށުގަ ހުންނާނީ އެންމެ ދެ ހަނޑަސްބުރި (ފާޚާނާ). އެއް ހަނޑަސްބުރި އޮންނާނީ މިދިމާގައި އޮންނަ ފަންނު (ބީޗް) ނިމޭ ހިސާބުގައި. އެކަމަކު ހަނޑަސްބުރި ބޭނުންކުރުމުގެ ކުރިން އެންމެ ފުރަތަމަ ބަލަން ޖެހޭނެ އޮއެވަރު ހުރީ ކޮން ދިމާއަކަށް ކަން. ދާން ޖެހޭނީ އޮއިވަރު ރަނގަޅަށް ހުންނަ ހަނޑަސްބުރިއަށް. އޭރުން ނަޖިސްތައް އޮއިވަރާއެކުގައި ދާނީ.” ޤަވާއިދު ތައް ސެރެޒޯ އަށް ކިޔައިދެމުން ނަގަސާކީ ބުންޏެވެ.

ސެރެޒޯ އަށް ކުރެވުނު ތަޖުރިބާތަކުގައި އެންމެ ޝައުޤުވެރިވި އެއްކަމަކީ ޖަޕާނު މީހުން ވަގުތަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދައަށް އަދިވެސް ނަގަސާކީ ބޯލަނބަމުން އަންނަ ކަމެވެ. ސެރެޒޯ އެރަށުގައި ހޭދަކުރި ދެވަނަ ދުވަހު ކޭމްޕަށް (ނަގަސާކީ ގެ ޓެންޓްތައް ހުންނަ ސަރަހައްދަށް) ދެވުނުލެތް ފަސް މިނެޓް ލަސްވުމުން ނަގަސާކީ ހުރީ ފުދޭވަރަކަށް ރުޅިއައިސްފަ އެވެ.

ޑޮކާސްޓްއަވޭ ޔޫޓިއުޞް ވީޑިއޯ އިން ނަގާފައި

ނަގަސާކީ ގެ އަމަލުތަކުން ސެރެޒޯ އަށް އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އަނެއް ހަޤީޤަތަކީ ގޮނޑުދޮށަށް ލައްގާ ކުނިބުންޏެއް ވެއްޖެއްޔާ ކެނޑިނޭޅި ނަގަސާކީ ސާފުކުރަމުންދިޔަ ކަމެވެ. އެގޮތުން މުރަކަ ގަލާއި ލަކުޑި އާއި އަދިވެސް ގޮނޑުދޮށަށް ލައްގާ ކުނިބުނީގެ ބާވަތްތައް ނަގައި ގޮނޑުދޮށް ސާފުކޮށް ބާއްވައެވެ. ސެރެޒޯ އެއްބަސްވާގޮތުން ނަގަސާކީ ގެ ރަށަކީ ރިޒޯޓްތަކަށްވުރެންވެސް ސާފުތާހިރުކަން ބޮޑު ރަށެކެވެ.

ނަގަސާކީ އެންމެ ފުރަތަމަ އެރަށަށް ދިޔައީ އޭނާގެ އުމުރުން 53 އަހަރުގައި 1989 ވަނަ އަހަރު އެވެ. ނަގަސާކީ އަކީ އެރަށަށް ބެހިގެން ދެވުނު މީހެއްކަން ނުވަތަ ނޫންކަމެއް ސާފެއްނޫނެވެ. އެރަށަށް އޭނާއަށް ދެވުނުގޮތް އޮޅުންފިލުވުމަށް ސެރެޒޯ ސުވާލުކުރުމުން އެކަމުގެ ތަފްސީލަށް ނަގަސާކީ ނުދެއެވެ. ސެރެޒޯ ކުރާ ސުވާލު އަޑެއްވެސް ނާހައެވެ. އެއީ އޭނާ ދައްކަން ބޭނުންނޫން ވާހަކައަކަށް ވަނީކަމަށްވެސް ވެދާނެ އެވެ.

ޑޮކާސްޓްއަވޭ ޔޫޓިއުޞް ވީޑިއޯ އިން ނަގާފައި

އެހެންނަމަވެސް، ގަބޫލުކުރެވޭގޮތުން ނަގަސާކީ އަކީ ކުރިން ފޮޓޯގްރާފަރެކެވެ. އޭނާގެ އަންބަކާއި ދެ ދަރިންވެސް ތިބެއެވެ. ފޮޓޯގްރާފަރެއްގެ އިތުރުން، ޖަޕާނުގެ އޮސާކާ ގެ ފެކްޓަރީއެއްގެ ވަޒީފާ އާއި ސިޒުއޮކާ ގެ ހޮޓަލެއްގެ ވަޒީފާ އާއި އޮސާކާގެ ހޮސްޓެސް ކްލަބުގެ ބާރމަން އެއްގެ ވަޒީފާވެސް އޭނާ އަދާކުރި އެވެ.

ނަގަސާކީ އެރަށަށް ދިޔައީ އުނުފޭރާމާއި އެކުގައެވެ. ނަމަވެސް އަހަރެއްހައި ދުވަސް ފަހުން އޭނާ ލައިގެންހުރި ފޭރާން އޮޔާ ދިޔައީ އެ ސަރަހައްދަށް ކުރިމަތިވި ގަދަ ވިއްސާރައިގެ ތޫފާނެއްގައެވެ.

“މަރުވާން ތަނެއް ހޯދުމަކީ ކުރާންޖެހޭ މުހިންމު ކަމެއް، އަދި އަހަރެން މިހުންނަނީ ނިންމައިގެން އަހަރެން މަރުވާން ހުންނާނެ ތަނަކީ މިތަން ކަމަށް.” 2012 ވަނަ އަހަރު އޭނާގެ ވާހަކަތައް އެންމެ ފުރަތަމަ ފަހަރަށް އާއްމުކުރަމުން މަޝްހޫރު ޓީވީ ޗެނަލް ރޮއިޓަރސް އަށް ބުންޏެވެ.

“މަރުވާން ހުންނާނެ ތަނެއް ހޯދުމަކީ އެހާ މުހިންމު ކަމެއް ކަމަށް ކުރިން އަހަންނަކަށް ވިސްނިފައެއް ނެތް، މިސާލަކަށް ހޮސްޕިޓަލުގަތޯ ނޫނީ އާއިލާ މީހުން ކައިރީގަ ގޭގަތޯ؟ އެކަމަކު ޤުދުރަތީ މި މާހައުލުގައި އޮވެ މަރުވުމަަށްވުރެން ފައްކާ އެހެން ގޮތެއް އަޅެ އޮންނާނެތަ؟” ނަގަސާކީ ގެ އިންޓަވިއުގައި އިތުރަށް ބުންޏެވެ.

އެހެން ނަމަވެސް ނަގަސާކީގެ އެ އުއްމީދު ވަނީ ޙާޞިލްވާގޮތް ނުވެފައެވެ. 2018 ވަނަ އަހަރު އޭޕްރީލް މަސްތެރޭގައި ބަޔަކަށް ނަގަސާކީ ފެނިގެން ކަމާބެހޭ ފަރާތްތަކަށް އަނގައިގެން އޭނާ ދިރިއުޅުނު ފަޅުރަށުން މީހުން ދިރިއުޅޭ ސަރަހައްދަކަށް ވަނީ ގެންގޮސްފަ އެވެ.

“އޭނަ އެރަށުން ބޭރުކޮށްލީ، ކޮންމެވެސް މީހަކަށް އޭނާ އެރަށުގައި އުޅެނިކޮށް ފެނުނީ. ހީވާގޮތުން އޭރު އޭނާ ހުރީ ބަލިވެ.” އޮސްޓްރޭލިޔާގެ އޮންލައިން ނޫހެއް ކަމަށްވާ ނިއުސް ޑޮޓް އޭޔޫ އަށް ސެރެޒޯ ބުންޏެވެ. އެމީހުން ފުލުހުންނަށް ގުޅީ. ފުލުހުން ގޮސް ނަގަސާކީ ގެންދިޔައީ މީހުން ދިރިއުޅޭ ސަރަހައްދަށް. އޭނާ ބަލިވެ ހުރިވަރުން ގަދައެއްވެސް ނެހެދުނު. އޭނާ އެނބުރި އެރަށަށް ދިއުމުގެ ހުއްދައެއްވެސް އެމީހުން ނުދިން.”

ނަސީބު ރަނގަޅުކަމުން އޭނާ މިހާރު ދިރިއުޅެމުންދަނީ އިޝިގަކީ ގައި ސަރުކާރުން ހިންގަމުން އަންނަ މީހުން ބަލަހައްޓާ ގެއެއްގައެވެ. އެ ގެއަކީ އޭނާ ދިރިއުޅުނު ރަށާއި 60 ކިލޯ މީޓަރު ދުރުގައި ހުންނަ ގެއެކެވެ.

“އޭނާގެ ސިއްޙަތު ރަނގަޅު. ފަހަރެއްގައި ވެދާނެ އޭނާއަށް ބައްޔެއް ނުވަތަ ހުމެއް ޖެހިފައި ހުރީކަމަށްވެސް އޭނާ އުޅުނު ރަށުން އުފުރާލިއިރު. އެކަމަކު އެމީހުން އޭނާ އެރަށަށް ދިޔަކަނުދިން. އޭނާއަށް އެރަކަށް ދެން ނުދެވޭނެ. އެކަންތައް އެ ނިމުނީ.” އިތުރަށް ސެރެޒޯ ބުންޏެވެ.

ނަގަސާކީ ފަޅުރަށުގައި ހޭދަކުރި ދުވަސްވަރު އެކި ފަރާތްތަކުން އެރަށަށް ގޮސް ހަދާފައިވާ ވީޑިއޯ ޑޮކިއުމެންޓަރީތައް ބައެއް ވެބްސައިޓް ތަކާއި ޔޫޓިއުބްގައި އާއްމުކޮށްފައި އެބަހުއްޓެވެ. ނަމަވެސް ނަގަސާކީ ގެ މަންޒަރުތައް ފެންނަނީ ބަރަހަނާ ހާލުގައި (ޖިންސީ ގުނަން ހިމެނޭ ސަރަހައްދު ފުސްކޮށްފައި) ހުންނަގޮތަށެވެ. އެހެން ހުރި ވީޑިއޯތަކުން އެންމެ ރަނގަޅަށް ސެންސަރުކޮށްފައި ހުރި އެއް ވީޑިއޯ ހިމަނާލާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.