“ނަން ބުނޭ. ކޮން ނަމެއް ކިޔަނީ؟….. އޭނ ކޮން ނަމެއްހޭ ކިޔަނީ؟” ރުޤްޔާ ކުރާމީހާ ސުވާލުކުރަމުން ދިޔައީ ތަނެއްގައި ބާއްވާފައި އޮތް އަންހެނަކާއެވެ. އަންހެން މީހާގެ މޫނުން ބޮޑުބައި ވަނީ ބުރުގާއިން ނިވާ ވެފައި ނަމަވެސް މެދުކެނޑުމެއް ނެތި ބރުވެރި އަޑަކުން ހެމުން ގެންދިޔަ އެ އަންހެންމީހާގެ އަނގައާއި ދަތްދޮޅި ފެންނަން ހުއްޓެވެ.

ބެލެވޭގޮތުން ރުޤްޔާކުރާ މީހާ ސުވާާލުކުރަމުން އެ ގެންދަނީ އަންހެންމީހާ އާއި އަވަލާފައިވާ ނުވަތަ އަންހެންމީހާގެ ހަށިގަނޑު ތެރޭގައިވާ ޖިންނި އާއެވެ.

“އަސްލު މީ ހަސަދަވެރިވާން ޖެހުނު ސަބަބު ކިޔައިދީބަލަ! ކޮން ސަބަބަކާ ހުރެ؟ ކޮން ސަބަބަކާހުރެ ހަސަދަވެރިވީ؟” އަނެއްކާވެސް ރުޤްޔާކުރާމީހާގެ ސުވާލު ތަކެކެވެ. ނަމަވެސް އަންހެންމީހާގެ އަނގައިން ބިރުވެރި ހުނުމެއްގެ އަޑު ފިޔަވައި އެހެން އަޑެއް ނުއިވެއެވެ.

“ދެން މީނަ ފިރިމީހާ މަރައިލަން ޖެހުނީ ކޮން ސަބަބަކާ ހުރެ. ކީއްވެގެން؟ އޭނަ މަރާލީ ކޮން ސަބަބަކާ ހުރެ؟ ދެމީހުން ދުރުކުރަން ހަދާފަ ހުރި ސިހުރުތަ އެއީ؟ އޭނ؟ ދުރުކުރަންތަ ސިހުރު ހެދީ؟ ކޮން ކަމެއް، ދެމީހުން މަރާލަންތަ ސިހުރު ހެދީ؟” މިފަހަރު ރުޤްޔާކުރާ މީހާގެ ސުވާލުތަކަށް އަންހެންމީހާގެ ކަރުތެރެއިން ނިކުތް ބިރުވެރި އަޑަކުން ‘އާނއެކޭ’ ބުނެ އެވެ. އެވަގުތު އަނެއްކާވެސް ރުޤްޔާކުރާމީހާ ގެ ސުވާލު ތަކުރާރު ކުރެއެވެ.

“މަރާލަންތަ ސިހުރު ހެދީ؟ ދެމީހުންވެސް؟”

“އާނ” ޖަވާބުގައި އަންހެންމީހާ ބުންޏެވެ.

“އެހެންތަ. ދެމީހުން މަރާލައިގެން ކޮން ފައިދާއެއް އޭގަ އޮތީ؟ ކަލެޔަށް ލިބޭނެ ފައިދާ އަކީ ކޮބާ؟ ކަލެއަށް އެކަމުން ޙާޞިލްވާނެ މަޤްޞަދެއް އެބައޮތްތަ؟ އެބައޮތްތަ މަޤްޞަދެއް؟ އޭނ؟ މަޤްޞަދެއް އެބައޮތްތަ؟ އަޅެ ބުނެބަލަ މަޤްޞަދެއް އެބައޮތްތަ؟ މި ދެމަފިރިންކުރެ އެކަކު މިހާރު މަރުވެ ދިޔައީ. ދެން އަންހެންމީހާ މިހާރު މީނަ އެކަނި މިހުރީ. ދެން ފިރިހެންމީހާ މަރާލާފަ އަންހެންމީހާ އެކަނި މިހިރީ. ދެން ކަލެޔަށް އޮތީ ކޮން ފައިދާއެއް؟”

ރުޤްޔާކުރާ މީހާގެ ސުވާލުތައް އަޑުއަހަން ހެވިފައި އޮތް އަންހެންމީހާ ބިރުވެރި އަޑަކުން ހޭން ފަށައެވެ.

https://www.youtube.com/watch?v=V4Hx0dG5HpA&feature=emb_title

މިއީ ޖިންނިއެއް އަވަލާފައިވާ އަންހެނަކަށް ކ. ހުރާގައި ރުޤްޔާ ފަރުވާ ދެމުން ގެންދިޔަކަމަށް ބުނާ އަސްލު ވީޑިއޯ އަކުން ފެންނަ މަންޒަރުތަކާއި އަޑުތަކުން ކޮންމެވެސް މިންވަރެކެވެ. މީސްމީޑިޔާގައި ފެތުރެމުން އަންނަ މި ވީޑިއޯ ގެ މަންޒަރު ފުސްކޮށްލައިގެން މުނިއަވަސް އިން މިވަނީ އަލުން ޕަބްލިޝް ކޮށްފައެވެ.

ޖިންނި އަވަލުމަކީ ޙަޤީޤަތެކެވެ. ސިހުރަކީވެސް ޙަޤީޤަތެކެވެ. މި ވީޑިއޯ އަޕްލޯޑްކޮށްފައި ކެޕްޝަން ގައި ލިޔެފައިވާ މެސެޖުން އެނގިގެންދަނީ މިއީ ސިހުރެއް ހަދައި މީހަކު މަރާލަން ޖިންނިއެއްގެ ބޭނުންކުރި ގޮތުގެ ވާހަކަ ކަމެކެވެ.

‘ހަސަދަވެރި އަނިޔާވެރިޔަކު ހެދި ސިހުރެއްގެ ސަބަބުން މި ދެމަފިރިން (ވީޑިއޯގައި ފެންނަ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ) ކުރެ އެކަކު (ފިރިމީހާ) ވަނީ ނިޔާވެފައި. ފިރިމީހާ މަރާލިކަމަށް ޖިންނި އެއްބަސްވޭ! ސުބްޙާނަﷲ، ސިހުރުގެ ނުބައިކަން ނިކަން ދެކިބަލަ – ކ. ހުރާ'” ކެޕްޝަން ގައި ލިޔެފައިވަނީ މިހެންނެވެ.

ޝައްކެއްވެސް ނެތް ގޮތުގައި އިންސާނާއަށް ޖިސްމާނީ އެތައް ބަލިތަކެއް މެދުވެރިވެއެވެ. ނަމަވެސް އިންސާނާއަށް ދިމާވާ ކޮންމެ ބައްޔަކީ ޖިސްމާނީ ބައްޔެއް ނޫނެވެ. ޖިސްމާނީ ބަލިތަކުގެ އިތުރުން އެތައް ނަފްސާނީ ބައްޔެއް އިންސާނާއަށް ކުރިމަތިވެއެވެ. އަދި ރޫޙާނީ (ޖިންނި އަވަލުމާއި ސިހުރާއި، އެސްފީނާ ފަދަ) ބަލިތައްވެސް މެއެވެ.

ޖިންނި މޮޔަވުން ނުވަތަ އަވަލުން އަދި ސިހުރުވެރިންގެ ނުބައި އަމަލުތަކުން ރައްކާތެރިވާން އަޅުގަނޑުމެން މަސައްކަތްކުރާން ޖެހެއެވެ. މިކަންކަމުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެކަންތަކެއް ހުރެއެވެ. އެގޮތުން ބައެއް ކަންކަމަށް ބަލައިލާނަމެވެ.

* ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއްދިނުން

* ދުއާކިޔުން

* ރަގަނޅު އާދަތައް ހަށިގަނޑުގެ ހަރުލެއްވުން

* ބަޤަރާ ސޫރަތްކިޔެވުން

* ރޭގަނޑުގަޑު ޖިންނިޝައިތާނުންގެ ކިބައިން ރައްކާތެރިވުމަށް އިރުއޮއްސޭވަގުތު ކުޑަކުދިން ބޭރަށް ނުނެރުމާއި، ނިދުމުގެ ކުރިން އާޔަތުލް ކުރުސުކިޔުމާއި ނިދުމުގެ ކުރިން ވުޟޫކުރުން

* ޤުރުއާން ކިޔެވުން

*ރަގަނޅު މުސްލިމަކަށްވުން

މާތްﷲ އަށް ފުރިހަމައަށް އީމާންވެ، އެކަނލާގެ އަންގަވާފައި ގޮތަށް އަމަލުކުރަންވާނެއެވެ. ދެއްކުންތެރިކަމެއް ނެތި އިހްލާސްތެރިކަމާއެކުއެވެ. އަދި މާތް ނަބިއްޔާ ދެއްކެވި ރިވެތި ނަމޫނާގައި ހިފާށެވެ. މާތްﷲ ގެ އިރާދަފުޅުން، ނުބައި ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރި ކުރައްވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.