އަލްއަޢުރާފް ސޫރަތުގެ 180ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا މާނައީ: “އަދި އެންމެ ރިވެތި އިސްމުފުޅުތައް ލިބިވޮޑިގެންވަނީ الله އަށެވެ. ފަހެ ތިޔަބައިމީހުން އެ އިސްމުފުޅުތަކުން އެ ކަލާނގެއަށް ދުޢާކުރާށެވެ.”

މާތް ﷲގެ އިސްމުފުޅުތަކުން އެކަލާނގެއަށް ދެންނެވުމަށް ޤުރުއާނުގައި ވަޙީކުރައްވާފައިވާ އިރު، އެކަން އެ ގޮތަށް ކުރެވެނީ ވަރަށް މަދު ބަޔަކަށެވެ. މިހެން މި ދިމާވާނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަށް އެ އިސްމުފުޅުތަކުގެ މާނަ ނޭނގޭތީއެވެ. މި ލިޔުމުގައި އަލިއަޅުވައިލެވިފައި ވާނީ މާތް ﷲ ގެ ބައެއް އިސްމުފުޅުތަކަށާއި އެ އިސްމުފުޅުތަކުން އެ ކަލާނގެ ކިބައިން ވާތްގަށް އެދެވިދާނެ ގޮތްތަކަށެވެ.

މި ގޮތުން މި ލޔުމުގައި ގެނެސްދީފައިވާ އިސްމުފުޅުތައް ގިންތިކޮށްފައިވާނީ އެއް މަފްހޫމެއް ދޭހަވާ އިސްމުފުޅުތައް އެކުއެކީގައެވެ.

އެކަލާނގެ ތަނަވަސް ރަޙްމަތަށް ދަލާލަތުކޮށްދޭ އިސްމުފުޅުތައް

الرحمن: އަކީ އެންމެހައި މަޚްލޫޤުންގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސް ވެގެންވާ ފަރާތެވެ.

الرحيم: މި އިސްމު ފުޅު ނިސްބަތްވަނީ، އެ އިލާހު އިރާދަ ކުރައްވާ އަޅަކަށް ލައްވާ ރަޙުމަތަށެވެ. އެއީ މުއުމިނުންނަށް އާޚިރަތް ދުވަހުން ﷲ سبحانه وتعالى ލައްވާ ޚާއްޞަ ރަޙްމަތެވެ. އެ ކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ وَإِلَيْهِ تُقْلَبُونَ މާނައީ: “އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رحمة ލައްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) އެނބުރިދާހުށީ އެކަލާނގެ حضرة އަށެވެ.” (سورة العنكبوت، 21) އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا މާނައީ: “އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.” (سورة الأحزاب، 34)

أرحم الراحمين

فَاللَّـهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ (64) މާނައީ: “ފަހެ، اللَّه އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ.” (ސޫރަތު ޔޫސުފު، 64)

ورحمتي وسعت كل شيء (الأعراف، 156) މާނައީ: “އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސްވެގެން ވެއެވެ.”

وَهُوَ الْغَفُورُ الْوَدُودُ (14) މާނައީ: “އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.”

ޢުމަރުގެފާނު ރިވާކުރައްވައިފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ: “އެއްފަހަރަކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އަސީރުންތަކެއް ގެނެވުނެވެ. އެ އަސީރުންތަކުގެ ތެރޭގައި ދަރިޔެއް ގެއްލިގެން ހޯދާ އަންހެނަކު ވިއެވެ. އެ އަންހެނާގެ ތުއްތު ދަރިފުޅު އަސީރުންތަކުގެ ތެރެއިން ފެނުނުއިރަށް އޮޅުލައިގަނެ، އެ ދަރިފުޅަށް ކިރުދޭންފެށިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އަހަރެމެންނާއި މުޚާތަބުކޮށް ޙަދީޘްކުރެއްވިއެވެ. އެ އަންހެނާ އޭނާގެ ތުއްތު ދަރިފުޅު އަލިފާނަށް އެއްލާލާނެކަމަށް ތިބޭކަލުން ހީކުރައްވަމުހެއްޔެވެ؟ ތިމަންމެން ބުނީމެވެ. ނޫނެކެވެ. އެ އަންހެނާއަށް ކުޅަދާނަވެގެންވާ ޙާލުގައި ކުޑަދަރިފުޅު އަލިފާނަކަށް އެއްލައެއްނުލާނެއެވެ. ދެން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން މާތްﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް، އެ އަންހެނާ ކުޑަ ދަރިފުޅަށް އޯގާތެރިވާ ވަރަށް ވުރެ ބޮޑަށް އޯގާވަންތަވެވޮޑިގެން ވެއެވެ.”

އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑާނުލާ، އެކަލާނގެ ތިބާއާ މެދު ރަނގަޅަށް ކަންތައްތައް ކުރައްވާނެކަމުގައި ޔަޤީންކުރުމެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ (87) މާނައީ: “އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.”

އިންސާނާ ކުރާ ކޮންމެ ހެޔޮކަމަކަށް ދިހައަކުން ފެށިގެން ހަތް ސަތޭކަ ގުނައާ ހަމައަށް އެކަލާނގެ ޖަޒާ ދެއްވަ އެވެ. އެކަމަކު ނުބައި ކަމަކަށް އެ ކަމެއްގެ މިންވަރުން މެނުވީ ޖަޒާ ނުދެއްވަ އެވެ. އަދި ކިއެއްތަ! އެއްގޮތަކަށް ވެސް ޖަޒާ ނުދެއްވައި އަފޫ ކުރައްވަ އެވެ. އިންސާނަކު އެކަލާނގެއާ ގާތްވާން މަސައްކަތް ކުރާނަމަ އިންސާނާ ގާތްވާ މިންވަރަށް ވުރެ ބޮޑަށް އެކަލާނގެ އިންސާނާއާ ގާތްވެވޮޑިގަންނަވަ އެވެ. މުއުމިނުންގެ މަންހަޖަކީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުއްމީދުކުރާ ޙާލު އެކަލާނގެ ޢަޒާބަށް ބިރުވެތިވުމެވެ.

އީމާންވާ މީހަކު ގަބޫލުކުރާ ގޮތުގައި މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ތަދުބީރު ކުރައްވަނީ އެންމެހާ މަޚްލޫޤުތަކުންގެ ވެރި ރައްބެވެ. އެކަލާނގެ އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެއެވެ. އެކަލާނގެ ރަޙުމަތަކީ އޭގައި މިންވަރެއް މިނެއް ނެތް ރަޙުމަތެކެވެ.

ވުމާއެކު، ތިމާގެ އުޚުރަވީ އަދި ދުނިޔަވީ ޙަޔާތުގެ ބޭނުންތައް ފުއްދަވައިދެއްވުން އެދި އެންމެ އޯގާވަންތަ އިލާހަށް ފަރިޔާދުކުރުމުގައި އިސްވެ މިދެންނެވުނު އިސްމުފުޅުތައް ބޭނުންކުރައްވާށެވެ.

އެހީއާއި މަދަދު ދެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވާ ކަން ދަލާލަތުކޮށްދޭ އިސްމުފުޅުތައް

އެހީއާއި މަދަދުދެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވާ ކަން އަންގައިދޭ ބައެއް ސިފަފުޅުތަކުގެ ތެރޭގައި المولى، النصير، المجيب، النافع އަދި الفتاح ހިމެނެއެވެ.

المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ ކަލާނގެއެވެ. النَّصِيرُ ގެ މާނައަކީ ނަޞްރުދެއްވާ ކަލާނގެއެވެ. المجيب ގެ މާނައަކީ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ.

وَاعْتَصِمُوا بِاللهِ هُوَ مَوْلاكُمْ فَنِعْمَ المَوْلَى وَنِعْمَ النَّصِيرُ (الحج، 78) މާނައީ: “އަދި ތިޔަބައިމީހުން اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނަށް نصر ދެއްވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި نصر ދެއްވާކަލާނގެ މޮޅުކަމާއެވެ!”

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ (ސޫރަތުލް ޣާފިރު 60) މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ”.

أمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاء الْأَرْضِ أَإِلَهٌ مَّعَ اللَّهِ قَلِيلاً مَّا تَذَكَّرُونَ (النمل، 62) މާނައީ: “ނުވަތަ ދަތި އުނދަގޫ ޙާލެއް ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”

وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (ސޫރަތުލް އަންޢާމް، 17) މާނައީ: “އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”

الفَتَّاح އަކީ އަޅުގަނޑުމެން ދަތި އުނދަގޫކަމާއި ހިތްދަތިކަމުން ސަލާމަތްވުމުގެ ދޮރު ހުޅުވައިދެއްވާ ފަރާތެވެ. އެ އިލާހުއީ، އެ އިލާހުގެ ނިޢުމަތްތަކާއި ރަޙުމަތަށް މަގުހުޅުއްވައިދެއްވާ ފަރާތެވެ. الفَتَّاح އަކީ ހިތްތައް ހުޅުއްވައިދެއްވާ ފަރާތްވެސްމެއެވެ. އަދި الفَتَّاح ގެ އިސްމުފުޅުން، ތިބާގެ ހިތް ހިދާޔަތުގެ ތެދުމަގަށް ހުޅުއްވައިދެއްވުމަށް އެދި ދުޢާކުރާށެވެ! الفَتَّاح އަކީ ޢިލްމަށް ދޮރު ހުޅުއްވައިދެއްވާ ފަރާތްވެސްމެއެވެ.

ރިޒްޤާ ގުޅުންހުރި އިސްމުފުޅުތައް

ރިޒްޤުދެއްވުމާ ގުޅުންހުރި ބައެއް އިސްމުފުޅުތަކުގެ ތެރޭގައި الرازق؛ الرَّزَّاقُ؛ المعطي؛ المنان؛ الوهاب؛ އަދި الباسط ހިމެނެއެވެ.

އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ. ޝޫރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ މާނައީ: “އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވައިވޮޑިގެންވާ ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ (ޚަޒާނާތަކުގެ) ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައެވެ. އަދި އިރާދަކުރެއްވި މީހަކަށް ރިޒްޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ތަވައްކަލްކުރުމާއި ގުޅުންހުރި އިސްމުފުޅުތައް

ތަވައްކަލްކުރުމަކީ ކަންކަން ޙާސިލުކުރެވެން އޮތް ސަބަބުތަކުގައި ހިފުމާއިއެކު، އެކަންކަމަށް ތިމާ ވާސިލުކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމުގައި ހިތުގެ އަޑިން ޔަޤީންކޮށް، ޢަމަލީގޮތުން އެފަދައިން މަސައްކަތްކުރުމެވެ. ކަންކަމުގައި އެކަލާނގެއަށް ތަވައްކަލްކުރަންޖެހެނީ އެކަލާނގެއީ ހުރިހާ ކަމެއް ތަދުބީރުކުރައްވާ އަދި އެންމެހާ މަޚްލޫޤުންގެ ވެރި ރަސްކަލާނގެކަމުގައިވާތީއެވެ.

القَاهِرُ

وَهُوَ الْقَاهِرُ فَوْقَ عِبَادِهِ (الأنعام، 18) މާނައީ: “އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ.”

إِنِّي تَوَكَّلْتُ عَلَى اللَّـهِ رَبِّي وَرَبِّكُم مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ (56) މާނައީ: “ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިމަންކަލޭގެފާނު وكيل ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ناصية ގައި، އެކަލާނގެ ހިއްޕަވާ حال ގައިވާ ކަމުގައި މެނުވީ ނުވެތެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ناصية އަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ناصية ގައި ހިއްޕެވުމުގެ مراد އަކީ، ހުރިހައި ބާރެއް އެކަލާނގެއަށް ملك ވެގެންވުމެވެ.”

ފާފަފުއްސެވުމާއި އަފޫކުރެއްވުމާއި ގުޅުންހުރި ސިފަފުޅުތައް

އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، ކުށްފާފަތައް ޢަފޫކުރައްވާ އަދި ޢައިބުތައް ފޮރުއްވާދެއްވާ ރަސްކަލާނގެއެވެ. އެކަލާނގެ އިސްމުފުޅުތައް ކަމުގައިވާ الغفور؛ الغفار؛ العفو؛ الستير އަދި التواب ހިމެނިގެންވަނީ މި ގިންތީގެތެރޭގައެވެ.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ (53) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.”

ނޯޓު: މި އާޔަތުގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ފާފަކުރުމަށް ބާރުއެޅުމެއްނޫނެވެ. އެއާ ޚިލާފަށް މި އާޔަތުގެ މަޤްޞަދަކީ ﷲގެ ހަޟްރަތަށް ތައުބާވެ، އިސްތިޣްފާރުކުރުމުގެ މުހިންމުކަން ބަޔާންކުރެއްވުމެވެ. މި އާޔަތުން އަންގައިދީފައިވަނީ ފާފައެއްކުރެވުނުކަމުގައި ވިޔަސް، ފާފަކުރުމުގައި ދެމިހުރުމުގެ ބަދަލުގައި، ކުށުގެ އިހްޞާޞްކުރެވި، ﷲ ގެ ހަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވާ އަޅުންނަކީ، އެބައި މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވާ ބަޔަކުކަމެވެ.

إِنَّ اللهَ عَزَّ وَجَل حَيِىٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ (رواه أبو داود) الحَيِىّ ގެ މާނައަކީ ލަދުވެތިކަމަށް ލޯބިވެވޮޑިގެންވާ އަދި ލަދުވެތިވެވޮޑިގެންވާ ރަސްކަލާނގެއެވެ.

އެކަލާނގެ އަޅާ ދުޢާކުރުމުން އެއަޅާގެ ދުޢާ އިޖާބަ ނުކުރައްވާ ހުސްއަތާ ރައްދުކުރައްވަން އެކަލާނގެ ލަދުވެތިވެ ވޮޑިގެންވެއެވެ. ދުޢާ އިޖާބަކުރައްވާ ތަފާތު ގޮތްތައް ހުރެއެވެ. މިގޮތުން ބައެއް ފަހަރު ދުޢާކުރި ކަންތައް ދުޢާގައި އަޅާ އެދުނު ފަދައިން އެކަލާނގެ ފަހިކޮށްދެއްވައެވެ. އަނެއްބައި ފަހަރު ދުޢާކުރި ކަންތައް ސީދާ އެފަދައިން އިޖާބަނުވިކަމުގައި ވިޔަސް، އެކުރި ދުޢާގެ ސަބަބުން އަޅާއަށް ޖެހެން އޮތް މުޞީބާތެއް ނުޖެހޭނެ ގޮތް ﷲ މިންވަރުކުރައްވައެވެ. އަނެއްބައި ފަހަރު ދުޢާގެ އަސަރު ދުނިޔެމަތީގައި އަޅާއަށް ނުދައްކަވާ، އެކަމުގެ ހެޔޮ ޖަޒާ ޤިޔާމަތް ދުވަހުން މާތް ﷲ ދުޢާކުރި އަޅާއަށް ދެއްވައެވެ.

السِّتِّير މި އިސްމުފުޅުގެ މާނައަކީ ޢައިބުތައް ފޮރުއްވަވާ ރަސްކަލާނގެއެވެ.

مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ (رواه مسلم) މާނައީ: “މުސްލިމެއްގެ ޢައިބު ވަންހަނާކޮށްފި މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވަވާނެއެވެ.”

އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މުސްލިމާގެ ޢައިބުގެ ވާހަކަ ދެއްކުން ހުއްދައެވެ. އެފަދަ ޙާލަތްތަކަކީ :

* އަނިޔާލިބިގެންވާމީހާ އަނިޔާވެރިވާ މީހާގެ ވާހަކަދެއްކުން

* މުންކަރާތް މަނާކުރުމަށް ކުރެވޭ މަސައްކަތުގައި މުންކަރާތަށް އަރައިގަންނަ މީހާގެ ވާހަކަދެއްކުން

* ޝަރުޢީ ފަތުވާއެއް ހޯދުމަށް ސުވާލުކުރާއިރުގައި އެކަމާއި ގުޅުންހުރި މީހެއްގެ ވާހަކަ ޒިކުރުކުރުން

* ޤަޞްދުގައި ފާޅުގައި ފާފަކުރާ މީހުންގެ ވާހަކަދެއްކުން

* މަޝްހޫރުވުމުގެ ގޮތުން ފާފަކުރާމީހާގެ ވާހަކަ ދެއްކުން

إِنَّ اللهَ وَاسِعٌ عَلِيمٌ (البقرة، 115) މާނައީ: “ހަމަކަށަވަރުން، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

މާތް ﷲ އީ ކުޅަދުންވަންތަކަމާއި، އޯގާވަންތަކަމާއި، ފާފަފުއްސުވުމާއި އަދި ވެސް އެހެން ސިފަފުޅުތަކުގައި ކޮޅު ނެތް ކޮޅަށް ތަނަވަސްވަންތަ ރަސްކަލާނގެއެވެ.

މާތް ﷲ ގެ ސިފަފުޅުތަކަކާ މެދު ވިސްނާ ފިކުރުކުރުމުން ހިތަށް ފިނިކަން ލިބި އުއްމީދުތައް އާވެގެންދެއެވެ. ކުރިމަތިވާ ގޮންޖެހުންތައް ގިރާކޮށް ކުރިޔަށް ދިޔުމަށްޓަކައި އެހީތެރިވެދޭނެ ކަށަކުޅަދުންވަންތަ އަދި އޯގާވަންތަ ފަރާތެއް ވާކަން އެނގި، މަޑުޖެހުމެއްނެތި ތިމާގެ ލަނޑުދަނޑިތަކާ ހަމައަށް ދިއުމަށް މަސައްކަތްކުރުމުގެ ހިތްވަރު އާލާވެގެންދެއެވެ. ސިފަފުޅުތައް އުނގެނުމުން އެކަލާނގެ އަޒާބަށް ބިރުވެތިވެވި، ކުށް ފާފަތަކުން ދުރުވެވެއެވެ.

ކުރު ގޮތަކަށް ދަންނަވާނަމަ، އީމާންކަމުގެ ޙަޤީޤީ ފޮނި މީރުކަން އިޙްސާސްކުރަން އެންމެ ބޮޑަށް އެހީވެދޭނެ ކަމަކީ ސިފަފުޅުތަކާ މެދު ތަދައްބަރުކުރުމެވެ.

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (ސޫރަތުލް ޙިޖުރު، 49) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ!”

وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ (ސޫރަތުލް ޙިޖުރު، 50) މާނައީ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ.”

 

* * * * *

ލިޔުންތެރިޔާގެ ފުރަމަލަ

އައްޝައިޚް މުޙައްމަދު މައޫން ޝަރީފް