ބްރޭކް ގަޑީގައި ސައިތަށްޓެއް ބޯން އަހަރެން ގޮސްވަނީ އާއްމުކޮށް ވަންނަ ކަޑައަށެވެ. ކޮންމެ ދުވަހަކުހެން އަހަރެން އެތަނަށް ދާތީ އެތާ ތިބޭ އެންމެންވެސް އަހަންނާ ނިކަން ރައްޓެއްސެވެ. އަހަރެން ގޮސް އިށީންދެ ހަމަޖެހިލާއިރު އެތަނުގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހެއް އައިސް ފެންފުޅިއެއް ބަހައްޓާނީ ކޮފީ ތަށްޓާވެސް އެކީގައެވެ. އެކި އިރު އަހަރެން ބޭނުންވާނީ ކޮން އެއްޗެއްކަންވެސް އެމީހުން އޮންނަނީ ހިތުދަސްކޮށްފައެވެ.

“ފްރެންޑު، މިކޮންވައްތަރު ވަގު އަންހެންމީހާ ހުންނަނީ؟”

 

މިއަދު ކޮފީތަށި ބަހައްޓަމުން ރުބެލް ކޮށްލީ ސުވާލެކެވެ. ރުބެލްގެ ސްމާޓް ފޯނު ދިއްކޮށްލަމުންނެވެ. ފޯނަށް ބަލައިލިއިރު ފެނުނީ ރުބެލް ގެ މެސެންޖަރ އަށް މީހަކު ފޮނުވާފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުން ފެންނަނީ ސީސީޓީވީ ވީޑިއޯ ފުޓޭޖެކެވެ. ފުޓޭޖުން ފެންނަން ހުރީ ބުރުގާ އަޅައިގެން ވަރުގެކޮޅަށް ނަލަހެދިގެން ހުރި އަންހެނެއް ކެމެރާ ހުރި ދިމާއަށް މައްޗަށް ބަލަން ހުރެ އޭނާގެ ބެލްސް ތެރެއަށް ކޮންމެވެސް އެއްޗެއް ކޮށްޕާލާ ތަނެވެ. ވީޑިއޯ އަށް ކްލިކްކޮށް ޕްލޭ ކޮށްލުމުގެ ކުރިން ވީޑިއޯ އާއިއެކުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔައިލީމެވެ. ޕޯސްޓް ކޮށްފައިވަނީ ‘ސަޅި ކޮމެންޓްސް’ ގެ ނަމުގައެވެ.

 

“މިރޭގަ ސޯސަންމަގު ގަ ހުރި ގެޔަކަށް ވަދެ ފައިވާން ސޭފަށް ޖަހަނީ. މިދިޔަ 3 ދުވަހުގަ ތަފާތު ފައިވާން ވަގުން ގެ 3 ވީޑިއޯ ލިބުނު. މުޅިންވެސް އަންހެން ކުދިން. އެކަމް ޕޯސްޓް ނުކުރަން މި ހުންނަނީ. ކަނބަލުން ކިހިނެތް ތިހަދަނީ. މަ ބޯހަލާކު.😕😕” މިހެންނެވެ.

 

މިލިންކުން ވީޑިއޯ ބަލައިލާށެވެ

 

ވީޑިއޯ ޕްލޭކޮށްލީ ދެނެވެ. ބޮންދު ބުނިހެން މިއީ ކޮން ވައްތަރެއްގެ އަންހެނެއްބާއޭ އަހަރެންގެ ހިތަށްވެސް އެރިއެވެ. ވީޑިއޯ އިން ފެންނަނީ ކެމެރާ ހުރި ދިމާއަށް ބަލައިލަމުން އޭނާ ހުއްޓިގެން ހުރި ދޮރުކައިރީގައި ބަހައްޓާފައި ހުރި ފައިވާން ތަކުން ފައިވާނެއް ނަގައި އޭނާގެ ބެލްސްގެ ކުރިމައްޗަށް ވާގޮތަށް ފައިވާން ޖަހާތަނެވެ. ފައިވާން ވަގަށް ގެންދިއުމަށް ފޮރުވުމަށްކަމަށް ބެލެވެއެވެ. ސުބްޙާނަﷲ އެވެ. މިވެސް ދެން މީހުން ކުރާ ޒާތުގެ ކަންތައްތައް ހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. ޚާއްޞަކޮށް އަންހެން ކަނބަލުންނެވެ.

 

ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ލ. އަތޮޅު މީހެއް އަހަންނަށް ކިޔައިދިން ވާހަކައެއްގެ މަތިންނެވެ. ވާހަކައެއްވެސް ނޫނެވެ. ލ. އަތޮޅުގައި ކުރިން ހިނގިކަމަށް ކިޔައިއުޅޭ ޙަދިސާއެއްގެ ވާހަކައެކެވެ. ލ. އަތޮޅުގައި މާވަރުގަދަ ފައިވާން ޗޯރެއް އުޅުނު ވާހަކައެކެވެ. ނަމަވެސް އެއީ މާކުރީ ޒަމާނެއްގެ ވާހަކައެކެވެ. އެކަމަކު މިއީ މިޒަމާނުގައި ހިނގާފައިވާ ކަމެކެވެ. ވީޑިއޯ އިން އެ ފެންނަގޮތުން ބޮޑަށް ބެލެވެނީ އަންހެންމީހާ ފައިވާން ވަގަށް ގެންދަނީ ކަމަށެވެ. ރައްޓެއްސަކަށް ލަނޑެއް ދިނުމަށް ސަކަރާތް ޖެހުމަށް ފައިވާނެއް ގެންދިއުން ނޫންކަމެވެ.

 

ފަހަރެއްގައި މި އާޓިކަލް އާއި ވީޑިއޯ ޖެހުމުން ކަނަބަލެއްގެ ޒާތާއި އަބުރާއި ބެހެވުނީ ކަމަށްވެސް މި ޒަމާނުގައި ވެދާނެ އެވެ. އެކަމަކުވެސް ރުބެލް ބުނާހެން މިހާ “ކަޑަ ކަންތައް” ދިވެހިން ކުރީމާ ވަރަށް ހުތުރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.