މިއީ 1953ގައި ނިކުތް ހިންދީ ފިލްމެއް ކަމުގައިވާ ‘ޝީރީން ފަރްހާދު’ގެ ‘ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ (ފާއިތުވެދާ ދުވަސްތައް އަލުން އެނބުރިއެއް ނާދެއެވެ)، މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިވާހަކައާއި ފިލްމުގެ ނަމުގެ އަޑު، އަޅުގަނޑުމެން ކުޑައިރުއްސުރެ އިވެއެވެ. އަދި މި ލަވައަކީ ވެސް ވަރަށް އިހުއްސުރެން އިވޭ ލަވައެކެވެ. ދިވެހިރާއްޖޭގެއަޑުން ފަސްދޮޅަހުގެ އަހަރުތަކާއި އަދި ހަތް ދިހައިގެ އަހަރުތަކުގައިވެސް ފޮނުވުނު ލަވައެކެވެ. މިފަހަރު ޝީރީން ފަރްހާދުގެ ވާހަކައިގެ އަސްލަށާއި ފިލްމަށާއި އަދި މި ލަވައިގެ މައްޗަށްވެސް ބަލާލަން ގަސްދުކުރަމެވެ.

 

ޝީރީން އާއި ފަރްހާދުގެ ވާހަކައަކީ ފާރިސް ކަރައިގެ ވާހަކައެކެވެ. ލޯބީގެ މައުސާތީ (ހިތާމަވެރި، ޓްރެޖަޑީގެ) ވާހަކައެކެވެ. އިނގިރޭސި އަދަބިއްޔާތުގައި ހިމެނޭ ރޯމިޔޯ ޖޫލިއެޓް އަދި ހިންދުކަރައިގެ ހީރާ އާއި ރާންޖީ އަދި އަޅުގަނޑުމެންގެ ދިވެހި އަދަބިއްޔާތުގައި މަޝްހޫރު ދޮންހިޔަލައާއި އަލިފުޅުފަދަ ލޯބީގެ ވާހަކައެކެވެ.

 

ޝީރީން އާއި ފަރްހާދުގެ އަސްލުވާހަކަ ލިޔުއްވީ ފާރިސީ ޝާއިރެއް ކަމުގައިވާ ނިޒާމީ ގަންޖަވީ (މ.1209-1141) އެވެ. އޭނާގެ ވާހަކައަށް ދެއްވާފައިވާ ނަމަކީ “ޚޮސްރޯ އާއި ޝީރީން” އެވެ. މިވާހަކައަކީ، ނިޒާމީގެ ވާހަކަ ލިޔުއްވުމުގެ ކުރިންވެސް މަޝްހޫރު ވާހަކަ އެކެވެ. މަޝްހޫރު ޝާހެނާމާގައި އައިސްފައިވާ ވާހަކައެކެވެ. ފާރިސް ކަރައިގެ ވެރިޔަކާއި އަރުމީނިޔާގެ އަމީރާއަކާއި ދެމެދު އޮތް ލޯބީގެ ގުޅުމެއްގެ ވާހަކައެކެވެ. ޝާހެނާމާގެ ވާހަކައިގައި ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ތާރީޚާއި ހަނގުރާމަތަކުގެ ވާހަކަތަކެވެ. މިއާއި ޚިލާފަށް، ނިޒާމީ، އޭނާގެ ވާހަކައިގައި، ސަމާލުކަން ދެއްވީ ވާހަކައި ބަތަލުންގެ ލޯބީގެ ގުޅުމުގެ މައްޗަށެވެ. ޝާހެނާމާގެ މައްޗަށް ބިނާކޮށް، ޚިޔާލީ އެތައް ބައިތަކެއް ވެސް، ނިޒާމީގެ ކިޔުއްވައިދެއްވުމުގައި އިތުރު ކުރެވިފައިވެއެވެ.

 

ނިޒާމީގެ ވާހަކަ ފަށްޓަވާފައިވަނީ މިއިބާރާތުންނެވެ. “ޚޯސްރޯއާއި ޝީރީންގެ ވާހަކައަކީ އެންމެންވެސް ދަންނަ ވާހަކައެކެވެ. ހަގީގަތުގައި ވެސް، މިއަށްވުރެ ވަކީން ރީތި (ލޯބީގެ) ވާހަކައެއް ނުވެއެވެ.”

 

ވާހަކައިގެ ހާދިސާތައް ފެށެނީ ޚޮސްރޯގެ ތުއްޕުޅު ދުވަސްވަރާއި އަދި އުނގެނުމުގެ ދުވަސް ވަރުގެ ހިސާބުންނެވެ. އަދި މިގޮތުގައި ހަޔާތްޕުޅު ވޭތުކުރައްވަމުން ވަޑައިގަންނަވަނިކޮށް، އެއްރެއަކު، އެމަނިކުފާނަށް، އެމަނިކުފާނުގެ ކާފާފުޅު، އަނޫޝިރްވާންގެ ހުވަފެންފުޅެއް ދެކެވަޑައިގަތެވެ. އަދި ކާފާފުޅު، އެމަނިކުފާނު އަރިހުގައި، އެމަނިކުފާނުގެ މުސްތަގުބަލާ ބެހޭ ބައެއް ވާހަކަތައް ކިޔުއްވާ ދެއްވިއެވެ. އެމަނިކުފާނަށް ޝީރީން އޭ ކިޔުނު އަނބިކަނބަލަކާއި އަދި ބޮޑު މަމްލަކާ އެއްވެސް (ކިންގްޑަމް އެއްވެސް) ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ.

 

ދެން، އެއްދުވަހަކު، ޚޮސްރޯގެ ރަހުމަތްތެރި ޝާޕޫރު އަރުމީނިޔާގެ ރާނީގެ ވާހަކައާއި އަދި އެކަމަނާފާނަށް ބޮޑުދައިތަ ވިދާޅުވާ ކޮއްކޯފުޅު، ޝީރީނުގެ ވާހަކަ ޚޮސްރޯއަށް ދެންނެވިއެވެ. އަދި، ޝާޕޫރު، ޝީރީން ސިފަކޮށްދިންގޮތުން، ޚޮސްރޯއަށް ޔަގީން ވެވަޑައިގަތީ މި ޝީރީނަކީ ހުވަފެންފުޅުގައި ކާފާފުޅު ވިދާޅުވި ޝީރީން ކަމުގައެވެ. އަދި، ޝީރީންގެ ރީތި ފުރިހަމަ ސިފަތައް، ޝާޕޫރު ބަޔާން ކޮށްދީ ދެންނެވުމުން، ޚޮސްރޯ ޝީރީން އާއި ހިތްޕުޅާހަމަ ކުރެއްވިއެވެ. ދެން، ޝީރީން ހޯދުމަށްޓަކައި، އަރުމީނިޔާއަށް، ޝާޕޫރު ފޮނުވުނެވެ.

 

ޝާޕޫރު، ޝީރީން ހޯދައި، އެކަމަނާ އާއި ބައްދަލުކުރިއެވެ. އަދި، ޚޮސްރޯގެ ތަސްވީރެއް ޝީރީނަށް ދެއްކުމުން، ޝީރީނުގެ ހިތްޕުޅުގައިވެސް ޚޮސްރޯއާއި މެދު ލޯބި އުފެދުނެވެ. އަދި، ޚޮސްރޯއާއި ބައްދަލު ކުރެއްވުމަށް ނިންމަވައި ސިއްރުން ދަތުރު ފެށްޓެވިއެވެ. ނަމަވެސް، މިދަނޑިވަޅުގައި ޚޮސްރޯއާއި އެމަނިކުފާނުގެ ބައްޕާފުޅާއި ދެމެދު ދެބަސްވުން އުފެދި، ޚޮސްރޯވެސް ފާރިސްކަރަ ދޫކުރައްވައި އަރުމީނިޔާއަށް ވަޑައިގަންނަވަން ނިންމެވިއެވެ.

 

ޚޮސްރޯއާއި ޝީރީން ބައްދަލުނުވެ، އެއްބޭފުޅަކު އެއްރާއްޖެއަށް އަދި އަނެއް ބޭފުޅަކު އަނެއް ރާއްޖެއަށް، ދަތުރުކުރެއްވުންމަތީ، ދުވަސް ކޮޅަކު، ތިއްބަވަން ޖެހިވަޑައިގަތެވެ. އެންމެ ފަހުން، އަރުމީނިޔާއިން ދެބޭފުޅުން ބައްދަލުވެވަޑައިގަތެވެ. ނަމަވެސް، އެއިރު، ޚޮސްރޯގެ ބައްޕާފުޅު އަވަހާރެވެ، ވެރިކަން އެހެން އަތަކަށް ފިރައިގެން ހިނގައްޖެއެވެ. އަދި، ޝީރީން، ފަރްހާދުއާއި ކައިވެނިބައްލަވަން އެއްބަސްވެ ވަޑައިގަތެވެ. ނަމަވެސް ޝަރުތެއްގެ މަތިންނެވެ. ޚޮސްރޯ ފާރިސްކަރައިގެ ވެރިކަން އަލުން އަނބުރާ ހޯއްދެވުމުންނެވެ.

 

ފާރިސްކަރައިގެ ވެރިކަން އަނބުރާ އަލުން ހޯއްދެވުމަށްޓަކައި ޚޮސްރޯ ރޫމުގެ ވެރިޔާ ސީޒަރުގެ އެހީތެރިކަން ހޯއްދެވިއެވެ. އެކަމާއި ސީޒަރުވެސް އެއްބަސް ވެވަޑައިގަތީ ދެ ޝަރުތެއް ކުރައްވާފައެވެ. އެއީ، ޚޮސްރޯއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ސީޒަރުގެ ދަރިކަނބަލުންނާއި ޚޮސްރޯ ކައިވެނި ބެއްލެވުމެވެ. އަދި، އެކަމަނާ ދިރިދެމި ހުންނެވިހާ ހިނދަކު އެހެން ކައިވެންޏެއް ނުކުރެއްވުމެވެ.

 

ޚޮސްރޯ، ސީޒަރުގެ މިދެޝަރުތު ގަބޫލުކުރައްވައި، ސީޒަރުގެ އެހީއާއެކު، އަލުން ވެރިކަން ހޯއްދެވިއެވެ. އަދި، ސީޒަރު ދަރިކަނބަލުންނާއި ކައިވެނި ބައްލަވައިގަތެވެ. ޝީރީން ދެކެ ޚޮސްރޯ ލޯބިވެވަޑައިގެން ކަމުގައި ވިޔަސް، އެކަމާނާއާއި ކައިވެނި ބެއްލެވޭ ގޮތެއް ނުވިއެވެ. އަދި މިހިސާބުން، ފަރުހާދޭ ކިޔުނު ނާހިތެއް، (ގަލާއި ލަކުޑި ފަދަ އެއްޗެހި ކަނޑައި ނަގައިގެން ތަކެތި ހަދާމީހެއް) ޝީރީން އާއި ލޯބީގެ ގޮތުން ގުޅުނެވެ.

 

ޝީރީނާއި ފަރުހާދު، ދުރުކުރުމުގެ ގޮތުން، ދުރުގައިވާ ފަރުބަދައަކުން ހަރުފަތްތަކެއް ކަނޑައި ސިޑިއެއް ހެދުމަށް، ޚޮސްރޯ ފަރްހާދުއާއި ހަވާލުކުރައްވައި، އޭނާ އެ ތަނަށް ފޮނުއްވާލެއްވިއެވެ. އަދި ފަހުން، ޝީރީން އަވަހާރަވެއްޖެ ކަމުގެ ސިޓީފުޅެއް ލިޔުއްވައި ފަރުހާދަށް ފޮނުއްވި އެވެ. ދެން. މިކަމުގެ ހިތާމައިގައި ފަރްހާދު، ފަރުބަދަމަތިން ފުންމާލައި އަމިއްލައަށް މަރުވިއެވެ.

 

އަދީ، މީގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޚޮސްރޯގެ އަނބިކަބަލުންވެސް އަވަހާރަވި އެވެ. އަދި، ޚޮސްރޯއަށް، ޝީރީންއާއި ކައިވެނިބައްލަވައި ގަތުމުގެ މަގުފަހިވި އެވެ. އެކަމާ ޝީރީން އެއްމެ ފުރަތަމައިން އިންކާރު ކުރެއްވި ނަމަވެސް، ފަހުން، ކައިވެންޏާއި ރުހި ވަޑައިގަތެވެ. މިހިސާބުން، ޚޮސްރޯގެ ދަރިކަލުންގެ ހިތްޕުޅުގައި ވެސް ޝީރީންގެ މައްޗަށް ލޯބި އުފެދި، ބައްޕަ އަވަހާރަކޮށްލައްވައި، އެބޭފުޅާއާ ކައިވެނީގެ ގޮތުން ގުޅިވަޑައިގަތުމަށް، ޝީރީނަށް މަޖުބޫރު ކުރެއްވިއެވެ. މިކަމާ ދެކޮޅު ހައްދަވައި، ޝީރީން އަމިއްލަ ފުޅަށް އަވާހަރަވިއެވެ. ދެން، ޚޮސްރޯއާއި އެއްވަޅެއްގައި ފަސްދާނު ލެވިގެން ވާހަކަ ނިމެއެވެ.

 

ފިލްމުގެ ވާހަކަ، އަސްލު ވާހަކައާއި، ކުޑަކޮށް ތަފާތެވެ. ފިލްމުގައި ޝީރީނަކީ އަމީރާ އެކެވެ. ފަރުހާދަކީ އާދައިގެ މީހެކެވެ. ޝީރީނުގެ ބައްޕާފުޅާ ގުޅުން އޮތް ނާހިތެއްގެ ދަރިއެކެވެ. ޝީރީން ތުއްޕުޅު އިރު ފަރުހާދުގެ ގެއަށް ވަޑައިގެން ފަރުހާދު ގެންގުޅޭ އޮޅު ފުއްލާއެއް ބޭނުންފުޅު ވެގެން ގެންދެވިއެވެ. އަދި ފުއްލާއަށް ޒިޔާރަތް ކުރުމުގެ ހުއްދަ، ފަރުހާދަށް ދެއްވިއެވެ. ދެން ފަރުހާދު ކޮންމެ ދުވަހަކުވެސް ފުއްލާ ދެކިލަން ޝީރީނުގެ ގަނޑުވަރަށް ދެއެވެ. އަދި، މިހެން ގޮސް އުޅުމުގައި ޝީރީން އާއި ބައްދަލުވެ ގާތް ގުޅުމެއް އުފުދުނެވެ. އަދި، އެންމެ ފަހުން، މިގާތް ގުޅުން ލޯތްބަށް ބަދަލުވިއެވެ. ޝީރީނުގެ އުމުރުފުޅުން ސޯޅަ އަހަރު ފުރުމުން، ފަރުހާދާއި ބައްދަލު ކުރުން، ޝީރީނަށް މަނާ ކުރެވެނެވެ. އަދި، ފާރިސްކަރައިގެ އަމީރަކާއި ކައިވެނި ކުރުވުމަށް ނިންމުނެވެ. ނަމަވެސް، ފަރްހާދު ޝީރީނާއި، ސިއްރުން، ބައްދަލު ކުރަމުން ގެންދިޔައެވެ. އެންމެފަހުން، މިކަން ފަޅާ އަރައި، ފަރްހާދު ހައްޔަރު ކުރެވުނެވެ. އަދި، އެކަމުގެ އަދެބައްގެ ގޮތުން، ފަރްހާދު މަރަން ނިންމުނެވެ.

 

މިހިސާބުން ޝީރިން، އެކަމަނާގެ ބައްޕާފުޅަށް، ފަރްހާދު ދޫކޮށްލެއްވުމަށް އާދޭސް ދެންނެވިއެވެ. އަދި، ބައްޕާފުޅު، ޝީރީނުގެ އެދިލެއްވުމުގެ މަތިން، ފަރްހާދު ދޫކޮށްލެއްވިއެވެ. ނަމަވެސް، ފާރިސްކަރައިގެ އަމީރުއާއި ކައިވެނި ކުރެއްވުން ޝަރުތު ކުރައްވައިފަ އެވެ. ދެން، ޝީރީން ފާރިސް ކަރައިގެ އަމީރުގެ އަރިއަހަށް ގެންދެވެ އެވެ.

 

ފިލްމުގައި ‘ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ (ފާއިތުވެ ދާ ދުވަސްތައް އަލުން އެނުބުރިއެއް ނާދެއެވެ،) ކިޔެނީ މިހިސާބުންނެވެ. ލަވައިގައި ޝީރީން އެކަމަނާ ފަރްހާދުއާއި އެކީ ހޭދަކޮށްލެއްވި އުފާވެރިކަމުގެ ދުވަސްކޮޅު ހަނދާނަށް ގެންނަވަ އެވެ. ‘ނަމަވެސް، ދުނިޔޭގައި، އުފާވެރިކަމަކީ ދެމިގެން ދާ ކަމެއްނޫނެވެ.’ ލަވައިގައި ޝީރީން ވިދާޅުވެއެވެ. ‘އެއީ ‘ދެތިން ދުވަހުގެ’ ކަމެކެވެ. ދެން އޮންނަނީ މުޅި އުމުރަށް ހިތާމަ ކުރަން ޖެހިފައެވެ.’

 

އަދި، ފަރުހާދުކުރެން، އެކަމަނާ އެދިވަޑައިގަތީ، އެކަމަނާގެ މައްޗަށް، ބޭވަފާތެރި ވެވަޑައިގަތް ކަމުގެ ތުހުމަތު ނުކުރުމަށެވެ. އެހެނީ، އެކަމަނާއަށް، ފާރިސްގެ އަމީރާއި ކައިވެނި ކުރައްވަން އެއްބަސް ކުރުވީ އެކަމަނާ ފަރްހާދު ދެކެ ވެވެޑައިގަންނަވާ ލޯތްބެވެ. ފަރުހާދު މަރުން ސަލާމަތް ކުރެއްވެން އޮތީ މިކަން ކުރައްވައިގެން ކަމަށްވާތީއެވެ. އާދެ، ‘މަޖްބޫރު ތީ މޮހައްބަތު، ލޯބީގައި މަޖުބޫރުވެވުނީއެވެ. ދެން އޮތީ ‘ސަބު ކުޗްހ ޕަޅާ ހެ ސެހެނާ’ އެވެ. އެކަމުގެ ސަބަބުން ކުރިމަތިވާ ވޭނާއި ހިތާމައަށް ކެއްކުރުމެވެ. ފަރުހާދުއާއި ވަކިވުމުގެ ކެކުޅުމާއި ހިތާމައެވެ. އެކަމުގެ ސަބަބުން މުޅި ހަޔާތް ފުނޑުފުނޑުވެ ބަރުބާދުވެ ދިޔުމުގެ ދެރައެވެ.

 

ކައިވެންޏަކީ ހަޔާތުގެ އާ ބާބެކެވެ. އާ ފެށުމެކެވެ. އާދެ، ހަޔާތުގެ ދުވަސްތަކަށް އަންނަ އާ ފަތިހެކެވެ. ޝީރީނުގެ މި އާ ފަތިސް، އެކަމަނާ ސިފަކުރައްވަނީ، ކަޅު އަނދިރި ރެއެއްގެ ގޮތުގަ އެވެ. މޭރޭ ލިޔޭ ސަހަރް ބީހ އާޔީ ހެ ރާތު ބަންކަރް މިފަދައިންނެވެ. “އަހަންނަށް ފަތިހުގެ އަލިކަން އައީ ރޭގަނޑެއްގެ ސިފައިގަ އެވެ.” ފަރުހާދާއި ކައިވެނި ނުކުރެވުމުން، ހަޔާތުގެ ދުވަސްތައްވީ އެއްވެސް އުފަލެއްނެތް، ވޭނާއި ހިތާމައިން ފުރިފައިވާ ދުވަސްތަކަކަށެވެ. އަދި، އެކަމަނާގެ ކައިވެނީގެ މުނާސަބަތު އިހުތިފާލުކޮށް ފާހަގަކުރުން، ސިފަކުރައްވަނީ އެކަމަނާގެ ޖަނާޒާގެ ގޮތުގައެވެ. އެކަމަނާގެ ދުނިޔަވީ ހަޔާތުގެ އުފަލަށް އަންނަ ނިމުން ކަމުގައެވެ. ނިކްލާ މޭރާ ޖަނާޒާ މޭރީ ބަރާތު ބަންކަރް، މިފަދައިންނެވެ. “އަހަރެންގެ ޖަނާޒާ ނެރިގެން މިގެންދެވެނީ، އަހަރެންގެ ކައިވެނި އިއުލާނު ކުރުމުގެ ހިނގާލުމުގެ ސިފައިގައެވެ.” އެހެންވެ، ފަރްހާދުއާއި މުޚާތަބުކޮށް، އެކަމަނާ ވިދާޅުވަނީ އެންމެ ރަގަޅުވާނި މިހިތާމަވެރި މަންޒަރު ފަރްހާދު ނުބެލުމެވެ. އައްޗާ ހުއާ ޖޮ ތުމްނޭ ދޭކާ ނަ ޔޭ ނަޒާރާ މިފަދައިންނެވެ. “ދެން އެންމެ ރަގަޅު ވާނީ ކަލާއަށް މި މަންޒަރު ނުފެނުނީ ވިއްޔާއެވެ.” އެހެނީ އެކަމުން ދެމީހުންގެ ހިތަށްވެސް ލިބޭނީ އިތުރު ކެކުޅުމާއި ވޭނެވެ.

 

އާދެ، ފިލްމުގައި ދެން ވާގޮތް، އެހެން ފަހަރުކުން، ފިލްމުގެ އެހެން ލަވަޔެއް މެދުވެރިކޮށް، ހުށަހަޅާލެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްކުރާ ނަމެވެ. މިވަގުތު ‘ގުޒުރާ ހުވާ ޒަމާނާ …’ މިލަވައިގެ ދިވެހި ތަރުޖަމާއެއް ހުށަހަޅާ ލަމެވެ.

 

ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ

ފާއިތުވެދާ ވަގުތެއް، އަލުން އެނުބުރިއެއް ނާދެއެވެ.

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވާ ހުށިކަމެވެ.

 

ޚުޝިޔާނ ތި ޗާރު ދިން ކީ އާންސޫ ހައި އުމްރު ބަހރް ކޭ

އުފާވެރިކަމަކީ ދެތިން ދުވަހެއްގެ ކަމެކެވެ، ކަރުނައަޅައި ހިތާމަކުރުމަކީ މުޅި އުމުރަށް ދެމިގެންދާކަމެކެވެ. (އުފާވެރިކަމަކީ ވަގުތީ ކަމެކެވެ. އެއާ ޚިލާފަށް، ހިތާމަކުރުން، ދިގުދެމިގެންދެއެވެ.)

 

ތަންހާއިޔޯނ މޭނ އަކްސަރު ރޯޔޭނގޭ ޔާދް ކަރް ކޭ

އަހަންނަށް ދެން އޮތީ ގިނަވަގުތުގައި އެކަނި މިހެން އިނދެ ކަލާ މަތިން ހަނދާންކޮށް ރުއިމެވެ.

 

ވޯ ވަގްތު ޖޯ ކި ހަމްނޭ އިކް ސާތު ހައި ގުޒާރާ

އަހަރުމެން އެކުގައިވި ވަގުތުކޮޅު ކުޑަ ހިނދުކޮޅެއްގެތެރޭގައި ފަހު، ފާއިތުވެ ދިޔައީއެވެ.

 

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވައި ސަލާމަތުން ލަހައްޓަވާހުށިކަމެވެ

 

މޭރީ ގަސަމް ހައި މުޖްކޯ ތުމް ބޭވަފާ ނަ ކެހެނާ

އަހަރެން ހެކިކޮށް އަހަރެން ގާތު ކަލާ ހުވާކުރާށެވެ.

އަހަންނަކީ ބޭވަފާތެރިއެއް ކަމުގައި ނުބުނަން ކަމަށެވެ

 

މަޖްބޫރު ތީ މޮހައްބަތު ސަބު ކުޗްހ ޕަޅާ ހެ ސެހެނާ

ލޯބީގައި މަޖުބޫރުވެވި ހުރިހާ ކަމަކަށް ކެއްކުރަން ޖެހުނީ އެވެ

 

ޓޫޓާހެ ޒިންދަގީ ކާ އަބް އާޚިރީ ސަހާރާ

(އަދި އެކަމުގެ ސަބަބުން) މުޅި ހަޔާތް ބަރުބާދުވީއެވެ

އަދި ހަޔާތުގެ އެންމެފަހުގެ އެހީތެރިކަންވެސް ގެއްލިދިޔައީއެވެ

 

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވައި ސަލާމަތުން ލަހައްޓަވާހުށިކަމެވެ

 

މޭރޭ ލިޔޭ ސަހަރް ބީހ އާޔީ ހެ ރާތު ބަން ކަރް

އަހަންނަށް ފަތިހުގެ އަލިކަން އައީ ރޭގަނޑެއްގެ ސިފައިގަ އެވެ.

 

ނިކްލާ މޭރާ ޖަނާޒާ މޭރީ ބަރާތު ބަން ކަރް

އަހަރެންގެ ޖަނާޒާ ނެރިގެން މިގެންދެވެނީ، އަހަރެންގެ ކައިވެނި އިއުލާނު ކުރުމުގެ ހިނގާލުމުގެ ސިފައިގަ އެވެ.

 

އައްޗާ ހުއާ ޖޮ ތުމްނޭ ދޭކާ ނަ ޔޭ ނަޒާރާ

ދެން އެންމެ ރަގަޅު ވާނީ ކަލާއަށް މި މަންޒަރު ނުފެނުނިއްޔާ އެވެ.

 

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވައި ސަލާމަތުން ލަހައްޓަވާހުށިކަމެވެ

 

ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ

ފާއިތުވެދާ ވަގުތެއް، އަލުން އެނުބުރިއެއް ނާދެއެވެ.

 

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވައި ސަލާމަތުން ލަހައްޓަވާހުށިކަމެވެ

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.