ހިތާމަކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަން އަކީ ދިވެހިންގެ ތެރޭގައި ވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. ހިތާމަ ކުރުމުގެ ބައްޔަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. އާދައިގެ ވަރަކަށް މިބަލި ކުރިމަތިވި ނަމަވެސް ބޭހާއި ނުލައި ހަމައެކަނި ކައުންސެލިންގ ނަގައިގެން ފަރުވާ ކުރެވިދާނެ އެވެ. ނަމަވެސް މެދު މިންވަރަކަށް ނޫނީ މާބޮޑަށް ކުރިމަތިވެއްޖެނަމަ، ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސެލިންގ ވެސް ނަގަންޖެހޭނެ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް އާންމު ނަފްސާނީ ބައްޔެކެވެ. ދުނިޔޭގައި މިހާރު ވެސް ހިތާމަ ކުރުމުގެ ބަލި ތަހައްމަލުކުރަމުން ގެންދާ 350 މިލިޔަން މީހުން ދިރިއުޅޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނުކުޅެދުންތެރިކަން މެދުވެރިކުރުވާ އާންމު ސަބަބުތަކުގެ ތެރޭގައި ވެސް ހިތާމަކުރުމުގެ ބަލި ހިމެނެއެވެ. އަންހެނުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވޭއިރު، އެންމެ ނުރައްކާތެރި މަރުހަލާގައި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވޭގޮތް ވެއެވެ. ނޫނީ އަމިއްލައަށް މަރުވުމަކީ ވެދާނެ ގޮތެކެވެ.ކޮންމެ އަހަރަކު އެއްމިލިޔަން މީހުން އަމިއްލައަށް މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

ހިތާމަ ކުރުމުގެ ބައްޔަށް ދެވޭނެ އެކަށޭނަ ފަރުވާ ހޯދިފައި ހުއްޓަސް، ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވާ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ލިބެނީ %10 އަށްވުރެ މަދު މީހުންނަށްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތަށް ދިމާވާންޖެހޭ ސަބަބުތަކުގެ ތެރޭގައި ފަރުވާދެވޭނެ މަޞްދަރުތައް ފަހިވެފައިނެތުން، ތަމްރީނު ލިބިފައިތިބި މީހުން ނެތުން، ރަގަޅަށް ބަލިމީހާގެ އެސެސްމެންޓް ނުހެދުމުގެ ސަބަބުން ބަލިހުރިކަން ދެނެނުގަނެވުން، އަދި ނަފްސާނީ ބަލިތަކާމެދު މީހުންދެކޭގޮތް ތަފާތުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

 

ހިތާމަކުރުމުގެ ބައްޔަކީ ވަރަށް އާންމު ބައްޔެކެވެ. ފާހަގަކުރެވިފައިވާ ގޮތުގައި ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ހިތާމަ ކުރުމުގެ ބަލި ތަހައްމަލުކޮށްފައިވާ މީހުންނެވެ. ކޮންމެ މީހަކަށް ވެސް ހިތާމަކުރުމުގެ ބަލި ކުރިމަތިވެދާނެ އެވެ. އަދި އެކިމީހުންނަށް މިބަލި ކުރިމަތިވަނީ އެކި މިންވަރަށެވެ. ބައެއް މީހުންނަށް އާދައިގެ މިންވަރަކަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވާއިރު، އަނެއް ބައި މީހުންނަށް ވަރަށް ބޮޑަށް ކުރިމަތިވާކަން ފާހަގަކުރެވެއެވެ.

 

ހިތާމަކުރުމުގެ ބަލި ކުރިމަތިވަނީ ކީއްވެ؟
ބައެއް ފަހަރު ހިތާމަކުރުމުގެ ބަލި ކުރިމަތިވި ސަބަބު އެނގިދާނެއެވެ. އަނެއްބައި ފަހަރު ހިތާމަކުރުމުގެ ބަލި ކުރިމަތިވީ ކީއްވެގެންކަން ނޭނގިދާނެއެވެ. ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގައި ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާޢީ ސަބަބުތައް ފޮރުވިފައިވުމަކީ ވަރަށް ގާތް ކަމެކެވެ. ހިތާމަކުރުމުގެ ބަލީގެ ސަބަބުން މީހާގެ ފިކުރުކުރުން އިތުރުވެ، މީހާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާގޮތް ވެއެވެ.

 

ޖިސްމާނީ ދުޅަހެޔޮކަމާ، ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގައި ވެސް ގުޅުންތަކެއް ވެއެވެ. މިސާލަކަށް ހިތާއި ލޭހޮޅިތަކުގެ ސަބަބުން މީހަކަށް ހިތާމަކުރުމުގެ ބަލިތައް ކުރިމަތިވެދާނެއެވެ. ހަމަމިގޮތަށް ހިތާމަކުރުމުގެ ބަލީގެ ސަބަބުން މީހަކަށް ހިތާއި ލޭހޮޅީގެ ބަލިތައް ޖެހުމަށް މަގުފަހިވެގެން ހިނގައިދާނެ އެވެ.

 

ހިތާމަކުރުމުގެ ބަލި ދިމާވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަފުސާނީ އެހެން ބަލިތަކެކޭ އެއްފަދައިން ހިތާމަކުރުމުގެ ބަލި މެދުވެރިވުމަށް ދިމާވެދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ.

 

ބެލެވޭގޮތުގައި ހިތާމަކުރުމުގެ ބަލި ހުންނަ މީހުންގެ ސިކުނޑީގައި ޖިސްމާނީ ބަދަލުތަކެއް ހުރެދާނެއެވެ. މިގޮތަށް އައިސްފައި ހުރެދާނެ ބަދަލުތަކުގެ މުހިއްމުކަން އަދި މުޅިން ހޯދިފައެއް ނުވެއެވެ. މިބަދަލުތަކުގެ ސަބަބުން ހިތާމަކުރުމުގެ ބަލި މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. ސިކުނޑީގައި ހުންނަ ނިއުރޯޓްރާންސްމިޓަރު ތަކަކީ ވެސް މީހާގެ މިޒާޖުގައި މުހިއްމު ދައުރެއް އަދާކުރާ ކެމިކަލް އަކަށްވުމުން، މިމާއްދާތަކަށް އަސަރު ކުރުމަކީ ވެސް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ބެލެވިފައި ވެއެވެ. ހަށިގަނޑުގެ ހޯރމޯން އަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ހިތާމަކުރުމުގެ ބަލި ކުރިމަތިވެދާނެ އެވެ. މިސާލަކަށް ވިހެއުމަށްފަހު ހިތާމަކުރުމުގެ ބަލި ކުރިމަތިވުން، ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުމުން ހިތާމަކުރުމުގެ ބަލި ކުރިމަތިވަނީ ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. މީގެ އިތުރުން އާއިލާގެ ތެރޭގައި ހިތާމަކުރުމުގެ ބަލި ދައުރުވަމުން އައުމަކީ ވެސް ވެދާނެ ގޮތެކެވެ.

 

ހިތާމަކުރުމުގެ ބައްޔަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ފަހަރުގައި މިކަމުގެ ސަބަބަކީ ކަމެއް ދިމާވުމުން ނިސްބަތުން އަންހެނުން އެކަމަކަށް ފަރުވާ ހޯދާ މިންވަރު އިތުރުވާތީ ކަމަށް ވެސް ވެދާނެއެވެ.

 

ސަބަބުތަކާ، މަގުފަހިކުރާ ކަންތައްތައް
ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު އިތުރުކޮށްފާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

• ސިކުނޑީގައި ހުންނަ ކެމިކަލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން، ސިކުނޑީގައި ސިގްނަލްތައް ދައުރުވުމުގައި އުނދަގޫތަކެއް އައުން
• ޅަފަތުގައި މައިންބަފައިން މަރުވުން ނޫނީ މައިންބަފައިން ވަކިވުން
• ބައެއް މީހުންގެ ޝަޚުޞިއްޔަތު ހުންނަގޮތް : މިސާލަކަށް އަމިއްލަ ނަފުސަށް އިތުބާރު ނުއޮންނަ، އަމިއްލަ ނަފުސަށް އިހުތިރާމު ނުކުރާ މީހުން، މާބޮޑަށް އަމިއްލަ ނަފުސުގެ މައްޗަށް ބަރޯސާވާ މީހުން ފަދަ މީހުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
• އަނިޔާވެރި، ނޫނީ ކަންބޮޑުވާ ފަދަ ކަމެއް ދިމާވުން : މިސާލަކަށް ޖިސްމާނީގޮތުން، ޖިންސީ އަނިޔާ އެއް ލިބުން، ގާތްތިމާގެ މީހަކު މަރުވުން، ގުޅުމަކަށް ބުރޫއެރުން، އަދި މާލީގޮތުން ދަތިވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ހިތާމަކުރުމުގެ ބަލި ފެށުމަށް ދިމާވެދާނެ ކަންތައްތަކެވެ.
• ކުޑައިރުގައި އަނިޔާއެއް ލިބިފައިވުން ނޫނީ ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވުން
• ރަހިމުގެ ގުޅުން އޮންނަ މީހުންގެ ތެރެއިން މީހަކުގެ ކިބައިގައި ހިތާމަކުރުމުގެ ބަލި ކުރިން ހުރުން، ބައިޕޯލަރ ޑިސްއޯޑަރ ހުރުން، ނޫނީ އެފަދަ މީހަކު އަމިއްލައަށް މަރުވެފައިވުން
• ކުރިން އެއްވެސް ކަހަލަ ނަފުސާނީ ބައްޔެއް ޖެހިފައިވުން
• ބަނގުރާ ބޭނުންކުރުން، މަސްތުވާތަކެތި ބޭނުންކުރުން
• ދާއިމީ ބައްޔެއް ހުރުން : މިސާލަކަށް ހިތުގެ ބަލި، ސްޓްރޯކް، ކެންސަރު ފަދަ ބައްޔެއް ހުރުން
• ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް ލޭމައްޗަށްދާތީ ބޭނުންކުރާ ބޭސް ބޭނުންކުރުން، ނިދާ ބޭސް ބޭނުންކުރުން
• ދަރިޔަކުލިބުން
• އާއިލާގެ ތެރޭގައި މައްސަލަތައް ގިނަވެ، ހާސްވުމާއި، ފިކުރުކުރުމާއި، ހަމަނުޖެހުމުގައި ގިނަ ދުވަހު އުޅެންޖެހުން
• ދިރިއުޅުމުގެ ދަތިތަކާ ހާސްކަމަށް ކެތްނުކުރެވި، ދިރިއުޅުމުގެ ފިއްތުންތަކާ، ތަކުލީފުތަކަށް ކެތްނުކުރެވޭ ދަރަޖައަކަށް ދިއުން
• ރަހުމަތްތެރިންނާއި، އެހީތެރިން، އަދި ތިމާގެ ތަކުލީފްތައް ހިއްސާކޮށްލާނެ މީހެއްނެތި އެގޮތުގައި އެތައް ދުވަހެއް ހޭދަވުން
• ދިރިއުޅުމުގައި ގިނަގުނަ ހިތާމައާއި ފިކުރުތަކާއި، ބޮޑެތި ގޮށްޖެހުންތަކާ ކުރިމަތިލާންޖެހުން : މިސާލަކަށް ވަރިވުން، ވަޒީފާ ގެއްލުން، ގުދުރަތީ ކާރިސާއެއް ދިމާވުން، ގާތްމީހަކު މަރުވުން
• ވާރުތަކުރުން
• ވަކި ސަބަބެއް ނޭނގި ކުރިމަތިވުން

 

ހިތާމަކުރުމުގެ ބަލީގެ ބާވަތްތަކާ އަލާމާތްތައް
ހިތާމަކުރުމުގެ ބަލީގެ އުނދަގޫތައް ކުރިމަތިވެފައިވާ މިންވަރާއި، އޭގެ ނުރައްކާތެރިކަމަށް ރިޢާޔަތްކޮށް، މިބަލި 3 ގޮތަކަށް ގިންތިކުރެވިދާނެއެވެ. އެއީ ކުޑަ މިންވަރަކަށް ހިތާމަކުރުމުގެ ބަލިހުރުން، މެދުމިންވަރަކަށް ހިތާމަކުރުމުގެ ބަލިހުރުން، އަދި ވަރަށް ބޮޑަށް (ނުރައްކާތެރި ދަރަޖައަކަށް) ހިތާމަކުރުމުގެ ބަލިހުރުން މިއެވެ.

 

ހިތާމަކުރުމުގެ ބަލި ބަހާލެވިފައިވާ ތަފާތު ގޮތްތަކާ، ތަފާތު ދަރަޖަތައް ތިރީގައި މިވަނީ އެވެ.

ހ- ޑިޕްރެޝަންގެ ތަފާތު މިންވަރުތައް ހުރެއެވެ.
• ކުޑަމިންވަރަކަށް ހިތާމަކުރުމުގެ ބަލިހުރުން
• މެދު މިންވަރަކަށް ހިތާމަކުރުމުގެ ބަލިހުރުން
• ބޮޑު މިންވަރަކަށް (ވަރަށް ބޮޑަށް) ހިތާމަކުރުމުގެ ބަލިހުރުން

ށ – ތަކުރާރުކޮށް އަންނަ ހިތާމަކުރުމުގެ ބަލި : މިއީ އެއްފަހަރަށްވުރެ ގިނަ ފަހަރަށް ހިތާމަކުރުމުގައި ދިގުމުއްދަތަކަށް އުޅެން ޖެހުން

ނ – ދެމިގެންދާ ހިތާމަކުރުމުގެ ބަލި (persistent depressive disorder): ހިތާމަކުރުމުގެ ބަލީގެ އަލާމާތްތައް ކޮންމެވެސް ދަރަޖައަކަށް ދެއަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެން ދިއުން

ރ – ހިތާމަކުރުމާއި އިންތިހާއަށް އުފާ މަސްހުނިވެގެން އަންނަ ބަލި (bipolar disorder): ހިތާމަކުރުމުގެ މުއްދަތެއް ދިއުމަށްފަހު، ކޮންޓްރޯލުން ބޭރުވާ ދަރަޖައަށް އުފާވެ، މަޖާވެ، މީހާ ހަލަބޮލިވާ މުއްދަތެއް އަންނަ ގޮތަށް މިބަލިޖެހުން

ބ – ހިތާމަކުރުމާއެކު ނެތްއެއްޗެތި ފެނި، އަޑުއިވި، ނެތް އެއްޗެތީގެ ރަހަލާ، ނެތްވަސްތައް ދުވާ، ނެތްއެއްޗެތި ގައިގެ ހަމުގައި ޖެހޭކަމަށް އިހުސާސް ކުރެވެއެވެ.

 

އަލާމާތްތައް
ހިތާމަ ކުރުމުގެ ބަލި ޖެހިފައިވާކަމަށް ބެލެވޭނީ ބަލީގެ އަލާމާތްތަކުގެ ތެރެއިން ގިނަ އަލާމާތްތަކެއް މީހެއްގެ ކިބައިން ފެނި، ފިލައިގެން ނުގޮސް، 2 ހަފްތާއަށްވުރެ ގިނަވެފައިވާނަމަ އެވެ.

 

ހިތާމަކުރުމުގެ ބަލީގެ އަލާމާތްތައް

• މޮޅިވެރިވުން
• ދެރަވެ ރޮވުން
• މާޔޫސްވުން
• މުސްތަގުބަލްގެ މުހިއްމުކަން ކުޑަވުން
• ބޭކާރުމީހެކޭ ހީވުން
• އެއްވެސް ކަމެއް ރަގަޅެއް ނުވާނޭ ކަމަށް ގަބޫލުކުރުން
• ނަފުސު ކުށްވެރިކުރުން
• ކަންތައްތައް ނިންމައި ވިސްނަން އުދަނގޫވުން
• ޝައުގުވެރިކަން ކުޑަވުން
• ގައިގައި ރިހުން ގިނަވެ ބަލިވުން
• ވަރުބަލިވުން
• ވާހަކަދެއްކުން މަދުވުން
• ހަދާން ބަލިވުން
• ނިދުމަށް ބަދަލުއައުން
• ކާހިތް ކުޑަވުން
• އެކަހެރިވުން އިޚްތިޔާރުކުރުން
• މަރުވުމުގެ ޚިޔާލުތައް ގިނަވުން
• ގިނަގިނައިން ރޮވުން
• ރުޅިގަދަވުން
• ޖިންސީގުޅުން ބޭނުންނުވުން

މަތީގައިވާ އަލާމާތްތަކުގެ ތެރެއިން ގިނަ އަލާމާތްތަކެއް 2 ހަފްތާއަށްވުރެ ދިގުމުއްދަތަކަށް މީހެއްގެ ކިބައިން ފެނިއްޖެނަމަ، އެމީހަކީ ހިތާމަކުރުމުގެ ބަލި ޖެހިފައިވާ މީހެއްކަމަށް ބެލެވިދާނެ އެވެ.

 

ނުރައްކާތައް

ހިތާމަކުރުމުގެ ބައްޔާއި ގުޅިގެން ދިމާވެދާނެ ނުރައްކާ (ނޭދެވޭ ކަންތައްތައް) ތަކުގެ ތެރޭގައި:-

• މާބޮޑަށް ބަރުދަން އިތުރުވެ ފަލަވުން
• އެކިކަހަލަ ނުފިލާ ތަދުތައް ހުރުން، ބަލިވުން
• ބަނގުރާ ބޭނުންކުރުމާއި، މަސްތުވާތަކެތި ބޭނުންކުރަން ފެށުން
• ހާސްވެކަންބޮޑުވުން، ނުއެކަށޭނަ ބިރުގަތުން، އަދި ބޭރުތެރެއަށް ނިކުމެއުޅެން ބިރުގަތުން
• އާއިލީ މައްސަލަތައް، މަސައްކަތުގެ މާހައުލުގައި މައްސަލަތައް ކުރިމަތިވުން
• ގުޅުންތަކަށް ބުރޫއެރުން
• މުޖުތަމަޢުން އެކަހެރިވުން
• އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވުން ނޫނީ އަމިއްލައަށް މަރުވާން މަސައްކަތްކުރުން
• އަމިއްލަ ނަފުސަށް އަނިޔާދިނުން : ގައިގައި ކަޓަރު އެޅުން، ގައިގައި ވިކައި، ދަތްއަޅައި ހެދުން
• އެހެން ބަލިތައް ކުރިމަތިވެ، މާއަވަހަށް ދުނިޔެ ދޫކުރުން

 

ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވާކަން އެނގޭނީ ކިހިނެއް؟ (ދެނެގަތުން)
ހިތާމަކުރުމުގެ ބައްޔަކީ މަޑުމަޑުން އާލާވަމުން އަންނަ ކަމަކަށްވާތީ، އެކަން ކުރިމަތިވެފައިވަނީ ކިހާ މިންވަރަކަށް ފާހަގަނުވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް އަވަދިނެތި ބުރަކޮށް އުޅެގެން އެކަމުން ސަލާމަތްވާން މަސައްކަތްކުރެވިދާނެ އެވެ. ނަމަވެސް މިކަމުން އިތުރަށް ނުތަނަވަސްވެ، ހަށިގަނޑު ވަރުބަލިވާގޮތް ވެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ތަދުތަކާ ރިހުންތައް އުފެދި، ނިދިނައުން ކުރިމަތިވާން ފަށައެވެ. ބައެއް ފަހަރު މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ރިހުމާއި، ތަދަކީ ހިތާމަކުރުމުގެ ބަލީގެ ފުރަތަމަ އަލާމާތްކަމަށް ވެސް ވެދާނެ އެވެ.

 

ފަރުވާ
ހިތާމަކުރުމުގެ ބައްޔަށް ވަރަށް ގިނަ ބާވަތްތަކުގެ ފަރުވާ ދެވެއެވެ. ތަފާތު މީހުންނާއި ގުޅޭނީ ތަފާތު ފަރުވާއެވެ. އެކަކަށް ކަމުދާ ފަރުވާއެއް އަނެކަކަށް ކަމުނުގޮސްދާނެއެވެ. ބައެއް ފަހަރު ބަލިމީހާއަށް ފައިދާވާނީ ދެތިން ވައްތަރުގެ ފަރުވާ ތަޖުރިބާ ކޮށްގެންނެވެ. މިބައްޔަށް ފަރުވާކުރުމުގައި ހިތާމަކުރުމުގެ ބަލި ކުރިމަތިވީ ކީއްވެގެންކަން އެނގުމާއި، ނަފްސާނީގޮތުން އައިސްފައިވާ ބަދަލުތަކަށް ސަމާލުކަން ދިނުން މުހިއްމެވެ.

ފަރުވާހޯދާއިރު ވިސްނަންޖެހޭ އަނެއްކަމަކީ މިއީ ކުއްލިއަކަށް ރަނގަޅުވާނެ ބައްޔެއް ނޫންކަމާއި، އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ އާއެކު މަޑުމަޑުން ރަނގަޅުވާނެ ބައްޔެއް ކަމެވެ.

 

(1)ޑޮކްޓަރީ ބޭހުގެ ފަރުވާ
މިފަރުވާ ދެއްވާނީ ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރުންނެވެ. އެފަދަ މީހަކު ނެތްނަމަ، އެކަމުގެ ތަމްރީނު ލިބިފައިވާ ޢާންމު ބަލިތަކުގެ ޑޮކްޓަރުންނެވެ. 6 މަހަށްވުރެ ގިނަ ދުވަހު، ޑިޕްރެޝަންގައި އުޅެފައިވާނަމަ، ނޫނީ ޑިޕްރެޝަން ކުރިމަތިވެފައިވާ މިންވަރު މަތިނަމަ، ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން ބުއްދިވެރި އެވެ. ޑޮކްޓަރުންދޭ ލަފާތަކާ އެއްގޮތަށް ބޭސް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭސް ހުއްޓާލުމުގެ ކުރިން ކުރީގެ ބޭސް ސިޓީ އާއެކު ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.

 

(2) ބޭހާނުލައި ދެވޭ ފަރުވާ
(ހ) ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ : މިއީ ކުރެވޭ ޚިޔާލުތައް، އިހުސާސްތައް، އަދި އަމަލުތައް ބަދަލުކުރުވާ ފަރުވާ އެވެ. މިފަރުވާ އާންމުކޮށް ދޭނީ ކްލިނިކަލް ސައިކޮލޮޖިސްޓުންނާއި، ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕިސްޓުންނެވެ. މިއީ ހިތާމަކުރުމުގެ ބައްޔަށްދެވޭ އެންމެ އާންމު ފަރުވާ އެވެ. މިފަރުވާގައި މީހާގެ ވިސްނުމުގައި ނުވަތަ އުޅުމުގައިހުރި ނުރަގަޅު ޚިޔާލުތަކާ ދުރުކުރެވޭތޯ ބަލާނެއެވެ. މިހާލަތަށް އަންނަނީ ކީއްވެގެންކަން ހޯދައި، މިޚިޔާލުތަކާ ޖަދަލުކޮށް، މުޅިން އާ ގޮތަކަށް ޚިޔާލުތައް ބަދަލުކުރުމަށް ފަރުވާ ދެވެއެވެ. ޚިޔާލުތައް ބަދަލުވުމުން، އިހުސާސްތައް ބަދަލުވެއެވެ. އުޅުން ބަދަލުކުރުމަށް މިފަރުވާ ދިނުން މުހިއްމު މަސައްކަތްތަކެއް ކުރެއެވެ.

(ށ) ދޭދޭ ގުޅުން ބަދަހިކުރަންދޭ ފަރުވާ : އާއިލާއާއި އޮންނަނީ ކޮންކަހަލަ ގުޅުންތަކެއްތޯ، ކުދިންނާއި އޮންނަނީ ކޮންކަހަލަ ގުޅުންތަކެއްތޯ، މަސައްކަތްކުރާ ތަނުގެ މީހުންނާއި އޮންނަނީ ކޮންކަހަލަ ގުޅުންތަކެއްތޯ، އަދި މިގުޅުންތަކާ މެދު ހިތްހަމަޖެހޭތޯ، އަދި މިގުޅުންތައް ރަގަޅުކުރުމަށް ހަދާނީ ކިހިނެއްތޯ މިފަރުވާގެ ތެރެއިން ދެނެގަނވެއެވެ. ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް އެމީހަކާއި، އެހެން މީހުންނާއި ދެމެދު އޮންނަ ގުޅުން ރަގަޅު ކުރަން ޖެހޭނެ އެވެ.

(ނ) ކައުންސެލިންގ : ކައުންސެލިންގ އިން ތަމްރީނުލިބިފައިވާ ކައުންސެލަރުންނަށް ހިތާމަކުރުމުގެ ބަލި ކުޑަކޮށް ތަހައްމަލުކުރާ މީހުންނަށް ކައުންސެލިންގ ދެވިދާނެ އެވެ. ނަމަވެސް ކައުންސެލިންގ ދެމުން ދަނިކޮށް ވެސް ރަނގަޅުވުމުގެ އެއްވެސް އަލާމާތެއް ނުފެނިއްޖެނަމަ، ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް އަވަހަށް ދެއްކުމަށް ބުނާށެވެ.

(ރ) އާއިލާއަށް އަމާޒުކޮށްގެންދޭ ފަރުވާ : އާންމު ގޮތެއްގައި ފެމިލީ ތެރަޕީ އަށް ދާނީ މީހާގެ ޑިޕްރެޝަން އަންނަނީ އާއިލާގެ ތެރޭގައި ހިނގާ ކަންތަކަކުން ނަމަ، ނުވަތަ އާއިލާގެ އެހީ ބޮޑަށް މީހާއަށް ލިބުން މުހިއްމުވާނަމަ އެވެ. މިފަރުވާގައި ބޮޑަށް ބަލާނީ އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރެވޭނީ ކޮން ގޮތްތަކަކުންތޯއާއި، އާއިލާގެ މީހުން ޑިޕްރެޝަން ޖެހިފައިވާ މީހާއަށް އެކަމުން އަރައިގަތުމަށް ވެވިދާނެ އެހީއަކީ ކޮބައިތޯ އެވެ. މިފަރުވާ ދޭނީ ފެމިލީ ތެރަޕީގެ ޚާއްޞަ ތަމްރީނު ލިބިފައިވާ މީހުންނެވެ.

(ބ) ހޮސްޕިޓަލްގައި ބާއްވައިގެންދޭ ފަރުވާ : އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް މާބޮޑަށް ބޮޑުވެ، އެކަހަލަ ކަމެއް ކުރަން އުޅޭނަމަ، ނުވަތަ އެފަދަ ކަމެއް ރާވާކަމަށް ޝައްކުވެއްޖެނަމަ، އަވަހަށް ހޮސްޕިޓަލަށް ގެންދަންވާނެއެވެ. ހޮސްޕިޓަލަށް ގެންދިއުމުން ނަފްސާނީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ކަންތައް ކުރަންވާނެއެވެ. ދިރާސާތަކުން ދައްކަނީ ގިނަ ފަހަރަށް އަމިއްލައަށް މަރުވާން ވިސްނަނީ ހިތާމަކުރުމުގެ ބަލި އެންމެ މަތީ ދަރަޖައަށް ނޫނީ ހިތާމަކުރުމުގެ ބަލި ދިއުމަށްފަހުގައި ކަމަށެވެ.

(ޅ) ދީނީ އަދި ރޫހާނީ ފަރުވާ : މިބަލިން އަރައިގަތުމަށްޓަކައި ކިޔާ ތަފާތު ދުޢާތައް ހުރެއެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި މިކަންތައްތައް ދެނެގަނެ، ރޫހާނީ ފަރުވާ ހޯދިދާނެއެވެ.

 

ހިތާމަކުރުމުގެ ބަލި ހުންނަ މީހުންނަށް ލިބެންހުރި އެހީތެރިކަމާއި، ދެވެންހުރި ފަރުވާއަކީ ކޮބާ؟
އަމިއްލަ ނަފުސަށް އެހީތެރިކަން ފޯރުކޮށްދިނުން(self-help) : ނަފުސާނީ ބަލީގެ މީހުންނަށް އަމިއްލަ ނަފުސަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ފަދަ ފޮތްތަކާއި، ހިތާމަކުރުމުގެ ބަލީގެ ފަރުވާގެ ތެރޭގައި ހިމެނޭ “ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ” ނެގުމަށް އެހީވެދޭ ކޮމްޕިއުޓަރ ޕްރޮގްރާމް ތައް ތައްޔާރު ކޮށްފައި ހުރެއެވެ.

ވާހަކަދައްކައިގެންދޭ ފަރުވާ (talking treatments) : ވާހަކަދައްކައިގެންދޭ ނޫނީ ދެވޭ ވަރަށް ގިނަ ވައްތަރުގެ ފަރުވާތައް ހުރެއެވެ. ކައުންސެލިންގ އަކީ ތިބާގެ އިހުސާސްތައް ފަންނީ ހުނަރުވެރިޔަކާ ހިއްސާ ކުރެވިދާނެ ރަނގަޅު ގޮތެކެވެ. މާލޭގައި ވެސް ނަފްސާނީ ބަލީގެ ޚާއްޞަ ކުލިނިކުތަކުގައި ކައުންސެލިންގ ދިނުމުގެ ޚިދުމަތް ލިބެން ހުރެއެވެ.

ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (CBT): މިއީ ހިތާމަކުރުމުގެ ބަލި ކުރިމަތިވުމަށް މެދުވެރިވެދާނެ ފަދަ ނުރަނގަޅު ޚިޔާލުތަކާ، މީހާ ދުރުކޮށްދިނުމަށް އެހީތެރިވެދޭ ފަރުވާ އެކެވެ.

ނުކުޅެދުންތެރިކަމެއް ހުރި، ނޫނީ ނުކުޅެދުންތެރިކަން ހުރި މީހަކަށް އަޅާލާ ހެދުމުގައި އުޅޭ މީހަކަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވެއްޖެނަމަ، އަމިއްލަ ނަފުސަށް އެހީތެރިކަން ފޯރުކޮށްދޭ ގުރޫޕެއްގެ ފަރާތުން އެހީތެރިކަން ހޯދިދާނެއެވެ.

 

ބޭހުގެ ފަރުވާ (Medication): ދިގުމުއްދަތަކަށް ހިތާމަކުރުމުގެ ބަލި ނޫނީ ނުރައްކާތެރި މިންވަރަކަށް ހިތާމަ ކުރުމުގެ ބަލި ކުރިމަތިވެފައިވާނަމަ، އެންޓިޑިޕްރެޝަންޓް ނަގަންޖެހޭނެ އެވެ. މިބޭސްތަކުގެ ސަބަބުން، މީހާ ހަމައަކަށް އަޅުވައިދީ، ހިތްހަމަޖެހުން ގެނެސްދޭނެ އެވެ. އަދި ކުރިން އުޅުނު ގޮތަށް، ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ހިތްވަރު، އެފުރުޞަތަށް މަގުފަހިވެގެންދާނެއެވެ. ބޭސް ބޭނުންކުރަން ފަށާއިރަށް އޭގެ އަސަރު ނުފެނިދާނެކަން ވިސްނުމުގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. 3-2 ހަފްތާއެއްހާ ދުވަސްވާއިރު ވެސް މިޒާޖަށް މާބޮޑު ބަދަލެއް ފާހަގަނުވެ ހިނގައިދާނެ އެވެ.

 

ތިބާއަށް ރަނގަޅީ ކޮންގޮތެއްތޯ؟ – އަމިއްލައަށް އެހީތެރިކަން ހޯދުން – ނޫނީ ފަރުވާ ފެށުންތަ؟
މިކަން ބަރޯސާވަނީ ހިތާމަކުރުމުގެ ބަލި ފެށިގެން އައިގޮތާއި، އެބަލި ކުރިމަތިވެފައިވާ މިންވަރެއްގެ މައްޗަށެވެ. އާދައިގެ މިންވަރަކަށް ހިތާމަކުރުމުގެ ބަލި ހުރިނަމަ، އަމިއްލައަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. އޭގެ އިތުރުން ކައުންސެލިންގ ނެގިދާނެއެވެ. މެދުމިންވަރަކަށް ހިތާމަކުރުމުގެ ބަލި ހުރިނަމަވެސް، އަމިއްލަ ނަފުސަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކައުންސެލިންގ ނެގިދާނެއެވެ. ނަމަވެސް މާބޮޑަށް ނޫނީ ނުރައްކާތެރި ދަރަޖައަކަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވާނަމަ، ފަރުވާގެ ގޮތުގައި “އެންޓިޑިޕްރެޝަންޓް” ނަގަންޖެހޭނެ އެވެ.

 

ހިތާމަކުރުމުގެ ބައްޔަށް ފަރުވާ ނުހޯދައިފިނަމަ ވާނީ ކިހެނެއް؟
ހިތާމަކުރުމުގެ ބައްޔަކީ ވަރަށް ގިނަ ފަހަރު އޭގެ ޒާތުގައި މަޑުމަޑުން ފިލައި ގޮސްދާނެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު އެތައް މަހަކަށް ހިތާމަކުރުމުގެ ބަލި ދިގުދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ. ވަރަށް މަދުމީހަކު ހިތާމަ ކުރުމުގެ ބަލީގެ ސަބަބުން އަމިއްލައަށް މަރުވެދިއުމަކީ ވެދާނެ ގޮތެކެވެ.

 

ހިތާމަކުރުމުގެ ބަލި ހުންނަ މީހަކު އަމިއްލަ ނަފުސަށް އެހީތެރިވުމަށް ކުރެވިދާނެ ކަމަކީ ކޮބާ؟

• ކުރެވޭ އިހުސާސްތައް އެހެންމީހަކާ ހިއްސާ ކުރާށެވެ. (ވާގޮތް އެހެން މީހެއްގެ ގާތުގައި ބުނާށެވެ)
• ހަރަކާތްތެރިވެ، ހީވާގިވެ އުޅެވޭތޯ ބަލާށެވެ. ގަވާއިދުން ހިނގާލަން ދިއުމަކީ ވެސް މިޒާޖު ރަނގަޅުކޮށްދީ، ނިދިނައުމުގެ މައްސަލައަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. ތަފާތު ކަންކަން ކުރުމުގައި ބައިވެރިވުމަކީ ހިތާމަކުރުމަށް މެދުވެރިވާ ފިކުރުތަކާ، ޚިޔާލުތަކާ، ވިސްނުންތަކާ ދުރުކޮށްދޭނެ ކަމެކެވެ.
• ބަރާބަރަށް ގަޑިން ގަޑިއަށް ރަނގަޅަށް ކެވޭތޯ ބަލާށެވެ. ކާއިރު ފައިދާހުރި ކާނާގެ ބާވަތްތަކަށް އިސްކަންދިނުން މުހިއްމެވެ.
• ބަނގުރާ ބޭނުން ނުކުރާށެވެ. ބަނގުރާ ބޭނުންކުރުމަކީ ހިތާމަކުރުމުގެ ބަލީގެ ޙާލަތު ގޯސްކުރުވާ ކަމެކެވެ.
• ނުނިދުނަސް މާބޮޑަށް ކަންބޮޑު ނުވާށެވެ. ހިތްހަމަ ޖައްސާލުމަށްޓަކައި، ފޮތްކިޔުން، ޓީވީ ބެލުން، ގުރުއާން ކިޔެވުން، ގުރުއާން އަޑުއެހުން ފަދަ ކަމެއް ކުރެވިދާނެ އެވެ.
• ހިތާމަކުރުމުގެ ބަލި ކުރިމަތިވީ ވަކި ސަބަބުތަކަކާ ނޫނީ ވަކިކަންކަމަކާ ހުރެގެންކަން އެނގޭނަމަ، އެކަންކަން ލިޔެ ނޯޓުކުރާށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާށެވެ. އެކަންކަން ހައްލުކުރެވެން ހުރި އެންމެ ރަނގަޅުގޮތް ހޯދުމަށް ފަހު އެއާއި އެއްގޮތަށް އަމަލުކުރާށެވެ. ނިކުންނަ ނަތީޖާ އަކީ ކޮބައިތޯ ބަލާށެވެ.
• އުއްމީދު ގެއްލުވާނުލާށެވެ. ރަނގަޅުވާނެ ކަމަށް ދެކޭށެވެ.

 

ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވާ މީހަކަށް އެހީތެރިވާނީ ކިހިނެއް؟
• ބަލިމީހާ ދައްކާ ވާހަކަ ކަނުލައި އަޑުއެހުން، އަދި ބަލިމީހާމެދު އަމިއްލައަށް ގޮތެއް ނުނިންމުން (ޖަޖުނުކުރުން)
• ބަލިމީހާ ލަފަޔަކަށް ނޭދެނީސް ވަކިކަމަކަށް ލަފާނުދިނުން، ނަމަވެސް ހިތާމަކުރުމުގެ ބަލީގެ އުދަނގޫތައް ބަލިމީހާގެ ފުށުން ފާހަގަވާނަމަ، އެކަމަށް ލުޔެއް ހޯދައިނުމަށް ބަލިމީހާއަށް އެހީތެރިވެވިދާނެ އެވެ.
• ހިތާމަކުރުމުގެ ބަލި ހުންނަ މީހުންނާއެކު ވަގުތުތައް ހޭދަކޮށް، އެމީހުން ދައްކާ ވާހަތައް އަޑުއަހައި، އެމީހުންގެ ކިބައިގައިހުރި ކަންކަން ދެނެގަނެވިދާނެ އެވެ. ކޮންމެ ދުވަހަކު އާދަކޮށް ކުރަމުން އައި ކަންތައްތައް ކުރުމަށް ހިތްވަރު ދެވިދާނެއެވެ. އެހީ އެފަދަ ބަލިމީހަކަށް އެހީތެރިކަން ލިބޭނެ ކަމެއްކަން ވިސްނައިދެވިދާނެ އެވެ.
• ބަލިމީހާގެ ހާލަތު ގޯސްވަމުންދާނަމަ، ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައި، ފަރުވާ ފެށުމަށް ބާރުއެޅިދާނެ އެވެ.
ހިތާމަކުރުމުގެ ބަލިން އަރައިގަތުމަށް ކުރެވިދާނެ އެހެނިހެން ކަންތައްތައް
• މަސައްކަތްކުރުމުގައި ގާއިމުވެހުރުން : ވަޒީފާ އަށް ދާމީހަކު ނަމަ، ވަޒީފާއި ދެމިހުރުމަށް މަސައްކަތްކުރާށެވެ. ގޭތެރޭގެ މަސައްކަތްތައް ކުރާށެވެ.
• ފައިދާހުރި ރަނގަޅުކާނާ ކެއުން
• ގަވާއިދުން ކަސްރަތުކުރުން
• އުފާވެރި ޚިޔާލުތައް ހިތަށް ގެނައުމަށް މަސައްކަތްކުރުން : ދިމާވި ހިތާމަވެރި ކަންތައްތައް ހިތަށް ގެނައުމުގެ ބަދަލުގައި ﷲގެ ރަހުމަތްތައް ގިނަގިނައިން ހިތަށް ގެންނާށެވެ. އުފާވެރި ޚިޔާލުތައް ހިތަށް ގެންނާށެވެ.
• ފަރުވާގައި ފުރިހަމައަށް ބައިވެރިވުން : މިބަލިން ނިކުމެވޭނެކަން ގަބޫލުކޮށް ފަރުވާގައި ފުރިހަމައަށް ބައިވެރިވާށެވެ.

 

މައުލޫމާތު :
• ނަފްސާނީ ބަލިތަކުގެ ތެރެއިން : ހިތާމަކުރުމުގެ ބަލި – ޑރ ޢާއިޝަތު ޢަލީ ނާޒު – އޮކްޓޯބަރ 2012 – މާލެ
• http://www.cdc.gov/mentalhealth/basics/mental-illness/depression.htm
• http://www.who.int/mediacentre/factsheets/fs369/en
• http://mhafmaldives.org/info-leaflets/depression-key-facts/
• http://www.mayoclinic.org/diseases-conditions/depression/basics/definition/con-20032977

 

މިއީ ޞިއްޙަތު ބްލޮގުން ނަގާފައިވާ ލިޔުމެއް

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.