ޝާއިލްގެ ބޮސް އޭނާގެ އަތަށް މި ސިޓީއެއް ދޭން ޖެހުނީ ކީއްވެގެންކަމެއް އޭނާއަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. ކައިވެންޏަށް ތިން މަސްވީފަހުން، އޮފީހުގެ ބޮޑުމީހާގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާއަކީ މިއީއެވެ. ވަޒީފާއިން ކަނޑައިލިކަމުގެ ސިޓީއެވެ. ވަޒީފާއިން ކަނޑާލަން ޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ. ހަމަގައިމުވެސް ސިޓީގައި އޮތީކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ސަބަބެއް ނުވަތަ އުޒުރެއް ނޫނެވެ. ހަމައެކަނި ލިޔެލާފައިވަނީ އެ ކުންފުންޏަށް ފެންނަގޮތަކުން ޝާއިލް އަކީ އެކުންފުންޏަށް މިވަގުތަށް ބޭނުންހިފޭނެ ކަމަށް ކުންފުނީގެ ބޯޑަށް ފެންނަ މީހަކަށް ނުވާތީ …… މިހެންނެވެ. ބޯޑު މެންބަރުންނަށް ފެންނަގޮތުން ޝާއިލް އަކީ ‘ބޭނުމެއް ހިފޭނެ’ މީހެއް ނޫނެވެ.
އަމިއްލަ ނޭވާއަށް ވެސް އަޑުނީވޭނެ ފަދައިން ޝާއިލްގެ ހިތުތެރެއިން ކުންފުނީގެ ބޯޑު މެންބަރުންނަށް ކުދިކިޔަމުން ދަނިކޮށް ހަތަރު އަނގޮޅިން މައިމަގަށް ނިކުތް ބަހެއްގައި ނުޖެހުނީވެސް ހަމަކިރިޔާ އެވެ. ޝާއިލް ގެ އޮފީސް ހުންނަނީ ހުޅުމާލޭގަ އެވެ. ޝާއިލް އޮފީހުން ނިކުމެގެން މައިމަގުން ހިނގަމުން ދިޔައީ ފެރީ ގިމަތައާއި ދިމާއަށް ދިއުމަށެވެ. ކުންފުނިން ވަކިކުރުމުން މިއަދު ފެރީ ގިމަތައާއި ދިމާއަށް ދާންޖެހުނީވެސް ފައިމަގުގައެވެ. ކުންފުނިން ސައިކަލެއް ދީފައި ހުންނާތީ ޝާއިލްގެ އަމިއްލަ ސައިކަލް ހުޅުމާލެއަށް ނުގެންނަނީ އެހެންވެގެންނެވެ. އެމްޓީސީސީ ބަސް ޑްރައިވަރުންނަށް ވެސް ޝާއިލްގެ ހިތުތެރެއިން ކުދިކިޔަން ފެށުނެވެ. އެމީހުންވެސް މާބޮޑަށް ފަރުވާކުޑައީ އޭ ހިތާހިތުން ކިޔައިލެވުނެވެ. އެ ކުންފުނިން އެހައި ރަނގަޅަށް ޑްރައިވަރުން ތަމްރީނު ނުކޮށް މަގުމައްޗަށް ދޫކޮށްލަނީއޭ ހިތަށްއެރި އެވެ. އޭގެތެރެއިން ގިނަ ޑްރައިވަރުން ހަފުތާއެއް ވާންދެން މާބޮޑު ތަޖުރިބާއެއް ނެތް ޑްރައިވަރުން ދުއްވަމުންދާއިރު ކައިރީގައި އިށީންދެލައިގެން ތިބުމަށްފަހު ޖެހިގެން އަންނަ ހަފުތާގައި ޑްރައިވަރު ސީޓުގައި އިށީންނަނީއޭ ހިތަށް އަރަމުން ދިޔައެވެ. އަދި އެއަށްފަހު ހުޅުމާލޭގެ ބިޔަ މަގުތަކަށް ބީރައްޓެހި ޑްރައިވަރުން ނިކުމެ ދުއްވަން ފަށަނީ އެވެ. އަނެއްކޮޅުން ޤާނޫނާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހުންވެސް މިޒަމާނުގައި މަދީއޭ ހިތަށް އެރިއެވެ.
ހުޅުމާލޭ ފެރީ ގިމަތައިން ނިކުމެގެން ޝާއިލްގެ މިސްރާބު ހުރީ ގެއާދިމާއަށެވެ. ގެ ހުންނަ ގޯޅިއަށް އެޅުމާއިއެކު ހާސްވެ ފިނިވުމުގެ ހީރޯޅިއެއް ގަޔަށް އެޅިގެންދިޔަކަން ޝާއިލް އަށް އިހްސާސް ކުރެވުނެވެ. ވަޒީފާއިން ކަނޑާލި ޚަބަރު މަޢުރީން އަށް ދޭނެ ގޮތެއް އޭނާއަށް ކުޑަކޮށްވެސް ނުވިސްނުނެވެ. މަޢުރީން އޭނާއާމެދު ދެން ދެކޭނީވެސް ކިހިނެތް ހެއްޔެވެ؟ ވަޒީފާ އެއް ނެތް ފިރިއެއްގެ ގޮތުގައި ނޫން އެހެން ދެވަނަ ކޮންގޮތަކަށް ހެއްޔެވެ؟ އަނެއްކޮޅުން އޭނާގެ ބޭންކް އެކައުންޓުގައި ހާހެއްހައި ރުފިޔާވެސް މިވަގުތު ނެތްކަމީ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ. މި ހާލަތަށް އޭނާގެ ދިރިއުޅުން އަންނަން ޖެހޭނެ ސަބަބެއް ކުޑަކޮށްވެސް ވިސްނާލަން ދައްޗެވެ. މިމަހު މުސާރަ ލިބޭއިރު އެއިންވެސް ޖެހޭނީ ނަގާފައިވާ ދަރަނިތައް ދައްކައި ޚަލާޞް ކުރާށެވެ.
މިދިޔަ މަހާއި ހަމައަށް، ޝާއިލް އުޅެމުން އެ އަންނަނީ ދަރާ ބޯހިކިފައިވާ ހާލުގައެވެ. އެކިގޮތްގޮތުން އަތުގައި ހުރި ފައިސާކޮޅު ހުސްވަމުން ދަނީ އުއްމީދުވެސް ނުކުރެވޭފަދަ ޙާލަތު ތަކެއް މެދުވެރިވެގެންނެވެ. އަތުން ފައިސާ ހޭދަކުރެވޭ ނުކުރެވޭ ގޮތެއްވެސް ނޭނގޭ ހާލެއްގައެވެ.
އަނެއްކޮޅުން މިއަދު އޭނާގެ ވަޒީފާ ވެސް ގެއްލުނީއެވެ.
‘އަހަރެންގެ ލޯބި މަޢުރީން ގެ ކުރިމަތީގައި އަހަރެން ފެއިލްވެއްޖެ!’ ގޭގެ ދޮރާށިން ވަދެގެން އެތެރެއަށް އެޅި ފިޔަވަޅާއި އެކު ޝާއިލްގެ ހިތަށް އެރިއެވެ.
ލިބުނު ޚަބަރުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް މަޢުރީން އަކަށް ނޭނގުނެވެ. އަލަތު ކައިވެންޏަށް ދެމަސް ތެރޭގައި ބަލިވެއިނުމަކީ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ދޯއެވެ؟
އެހެންވީއިރު މަޢުރީން އަށް އެފަދަ އިޙްސާސެއް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ދެރަވާން ނުވަތަ އުވާފާންވެސް ނޭނގެންވީ ކީއްވެގެން ހެއްޔެވެ؟
މިއަދު ހޮސްޕިޓަލަށް ނިކުތްތަނުންވެސް ކަންތައްތައް ރަނގަޅު ނޫންކަން އޭނާއަށް އެނގުނެވެ. ދެފަހަރެއްގެ މަތިން އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. ވޯޑުތަކަށް ޑޮކްޓަރުންނާއެކު ރައުންޑަށް ހިނގިހިނގުމުގައި އަނބުރައިގަނެގެން ނުވެއްޓި ހުރެވުނީ ވަރަށް ވަރުން ކެތްކޮށްގެންނެވެ. ޕްރެގްނެންސީ ޓެސްޓެއް ހެދުމަށް ޚިޔާލު ދިނީ އެކުވެރި މަރީ އެވެ.
“ދެން ދައްކާ ވާހަކަ ދޯ. އަހަރެން ޕްރެގެއް ނޫނޭ.” މަޢުރީން ޖަވާބުދިނީ ޔަޤީންކަމާ އެކުގައެވެ.
ނަމަވެސް މަރީ ވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. “އެކަމް މެރީކުރިތާ މިހާރު ތްރީ މަންތުސް ވީއެއްނު؟ އެހެންވީމަ ހަމަ މަޢު އަށް ނޭނގިވެސް ޕްރެގް ވެދާނެދޯ؟”
މަރިޔަމް ގެ އާދޭހަށް މަޢުރީން ދެކޮޅުހަދަމުން ދަނިކޮށް ޕްރެގްނެންސީ ޓެސްޓް ކިޓެއް ދީފައި ފާޚާނާއަށް ވެއްދީ އެވެ. ޓެސްޓް ކިޓްގެ އިންޑިކޭޓަރ އިން ދައްކާފައިވާ ދެ ރަތް ރޮނގަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިގޮތަކަށެވެ. ދެ ރަތްރޮނގު ފެނުމުން އުފާކުރަން ޖެހުނަސް މަޢުރީން އުފަލެއް ނުވިއެވެ. ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ބުނަމުން ދިޔައީ ބަލިވެއިނުމުގެ ސަބަބުން އޭނާއަށް މިހާރު ކޮންމެ ރެއަކުވެސް ލިބެމުން އަންނަ އުފާވެރިކަން ދެން ނުލިބޭނެ ކަމަށެވެ. ނުވަތަ އެކަމަށް ބުރޫ އަރާފާނެ ކަމަށެވެ.
އެހެން ހިތަށް އެރުމާއެކު މަޢުރީން ގެ މޫޑު އެއްކޮށް ގޯސްވެއްޖެ އެވެ.
‘ނިކަން ހަމަޖެހިބަލަ!’ އަމިއްލަ ނަފުސަށް ވިސްނައިދޭން މަޢުރީން މަސައްކަތް ފެށިއެވެ. ‘އަހަރެން ބަލިވެ މީނީ އަހަރެންގެ ލޯބިވާ ފިރިމީހާގެ ދަރިޔަކަށް، ދަރިއަކު ލިބުމަކީ ކިހާބޮޑު އުފާވެރިކަމެއްތަ؟ އެހެންވީމަ އަހަރެން މިހުރީ އުފަލުން!’
ސިކުނޑިން ކޮންމެ ގޮތަކަށް ވިސްނައިދެމުން ދިޔަޔަސް އެ ވިސްނުންތައް ކިތަންމެ ޤަބޫލުކުރަން ބޭނުންވިޔަސް އެކަމެއް އޭނާއަކަށް ނުކުރެވުނެވެ.
‘ޝަމްހޫރިޝް!’
ވޭތިވެ ދިޔަ އެއްހަފުތާ ހޭދަވީ ޝަމްހޫރިޝް ނައިހެވެ. ‘އޭނާ އައުން ހުއްޓީލީ އަހަރެން ބަލިވެއިންކަން ކޮންމެވެސް ގޮތަކުން އެނގިގެން ނޫންބާވައެވެ.؟’ މަޢުރީންގެ ހިތަށްއެރި އެވެ.
ގޭގެ ދޮރާށި ހުޅުވައިލި އަޑަށް މަޢުރީން އަށް ޚިޔާލީ ދުނިޔެއިން ނިކުމެވިއްޖެ އެވެ. އަވަސް އަވަހަށް ގޭގެ ދޮރުހުޅުމަށް ހިނގައިގަތެވެ. ގަދަކަމުން މޫނުމައްޗަށް އުފާވެރިކަން ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. ކިތަންމެ ބުންޏަސް އޭނާ ފިރިމީހާ އަށް ދޭން އޮތީވެސް އުފާވެރި ޚަބަރެކެވެ.
‘އަހަރެން މިހުރީ އުފަލުން، އަހަރެން މިހުރީ އުފަލުން، އަހަރެން މިހުރީ އުފަލުން…’ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔަމުން ގޮސް ދޮރުހުޅުވައިލި އެވެ. ފިރިމީހާ އަށް މަރުޙަބާ ކިޔުމަށެވެ. ފޭކް ހިނިތުންވުމަކައިގެންނެވެ.
މަޢުރީންގެ މޫނަށް ވެރިވެފައިވާ އުފާވެރި ފޭކް ހިނިތުންވުން ޝާއިލް އަށް ފާހަގަ ނުކުރެވުނު ކަހަލަ އެވެ. އޮފީހުން އައިއިރު މޫޑު ގޯސްވެފައި ހުރުމުން ކަމަށްވެސް ވެދާނެ އެވެ. ނޫނީ މަޢުރީންގެ ހިނިތުންވުމަކީ ފޭކް ހިނިތުންވުމެއް ކަން އޭނާއަށް އެނގުނީ ކަމަށްވެސް ވެދާނެ އެވެ.
“ލޯބީ ކިހިނެތްތަ ދުވަސް ހޭދަވީ؟” އާދައިގެ މަތިން މަޢުރީން ކުރާ ސުވާލު މިއަދުވެސް ކޮށްލި އެވެ. ޝާއިލް އަށް އިހްސާސް ކުރެވެމުން ދިޔައީ އޭނާގެ ހަށިގަނޑު ތެރެ ކުދިކުދިވަމުންދާ ކަމެވެ. ދުވަސް ހޭދަވިގޮތް އޭނާ ބުނެދޭވީ ވެސް ކިހިނެތް ހެއްޔެވެ؟ އެ ސުވާލަށް މަޢުރީން ބޭނުންވާ ޖަވާބުދޭނަމަ ޝާއިލް އަށް ޖެހޭނީ ދޮގެއް ހަދާށެވެ. އެކަށީގެންވާ ޖަވާބެއް ދުލަށް ގެނައުމުގެ ކުރިން އެ ދުލުން ޙަޤީޤަތް ހާމަކޮށްދިނީ ޝާއިލް ގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
“މިއަދު އަހަރެން ޖޮބުން ކަނޑާލައިފި!”
އެ ޖަވާބަކީ މަޢުރީން އިންތިޒާރުކުރި ޖަވާބެއް ނޫނެވެ. މަޢުރީން އަށް ހީވީ މޫނުމަތީގައި ހޫނު އެތިފަހަރެއް މީހަކު ޖެހިހެންނެވެ. ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު ލިބުނު ދުވަހު ފިރިމީހާ ގެ ވަޒީފާ ދިޔައީ އެވެ. މަޑުމަޑުން ގޮސް ޝާއިލް ކައިރީގައި މަޢުރީން އިށީންދެއްޖެ އެވެ.
“ލޯބީ ކީއްކޮށްގެން ޖޮބުން ވަކިކުރީ؟” މަޑުމަޑުން މަޢުރީން އަހައިލި އެވެ. ހެނދުނުން ފެށިގެން ޝާއިލް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައީ އެވަގުތު އެވެ.
“އަހަރެން ކުރީ ކީއްހޭ؟ ތީ ކޮންކަހަލަ ގަޅި ސުވާލެއް މަށާ ތިކުރީ؟!”
“އަހަރެން ހަމައެކަނި….” މަޢުރީން ޖަވާބުދޭން ފެށިއެވެ. ނަމަވެސް ޝާއިލް އަނެއްކާވެސް ވާހަކަދައްކަން ފެށުމުން މަޢުރީން ގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓައިލި އެވެ.
“އަހަރެން އެ ކުންފުނިގަނޑަށްޓަކައި ކިހައި ބުރަކޮށް މަސައްކަތް ކޮށްދިނީ؟ އަހަންނަށް ޕްރޮމޯޝަން އެއް ލިބެން ޖެހޭއިރު އޭގެ ބަދަލުގަ ޖޮބުންނޭ އެ ކަނޑައި އެއްލާލީ! އެވަރުންވެސް ކަލޭ މިތާ އިނދެގެން އަހަރެން ކުރީ ކީއްހޭތަ ތި އަހަނީ؟ ހާދަ ހެއްވައޭދޯ!”
ޝާއިލްގެ ރުޅިގަނޑު މަޢުރީން އަށް ބާލަންޖެހޭ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ޝާއިލްގެ ހަރުކަށި މިޒާޖު ފުރަތަމަ ފަހަރަށް ފެނިފައި މަޢުރީން އިނީ ބިރުގެންފައެވެ. އެހާމެ ބޮޑަށް ދެރަވެސް ވެފައެވެ. ވީ ދެރައިން ސޯފާއިން ތެދުވެގެން ކޮޓަރިއަށް ވަނުމަށް މަޢުރީން ހިނގައިގަތެވެ. ހިނގައިގަތުމާއެކު އޭނާ ހުއްޓެމުން ޝާއިލް އާއި ދިމާއަށް އެނބުރުނެވެ.
“ޖޮބުން ކަނޑާލީމަ އަހަރެން ވެސް ވަރަށް ދެރަވެއްޖެ. ދެން އަހަރެން ވެސް އެބައޮތް ޚަބަރެއް ދޭންވެފަ. އަހަރެން ޕްރެގް.”
މަޢުރީން ދޭން ބޭނުންވި މެސެޖު ދިނުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން ކޮޓަރީ ދޮރާއި ދިމާއަށް ބަލަން ސޯފާގައި ޝާއިލް އަށް އިނދެވުނީ އެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ކޮބައިތަ ދެވަނަ ބައި؟
https://www.muniavas.com/6705