“ހެލޯ ސަރު. އާޕް ހަމާރީ ކޮމްޕެނީކާ ނަންބަރު އިސްތިޢުމާލު ކަރްރަހީހޭނާ. އާޕް ކޯ ލޯޓްރީ ލައްގަޔީ.” (ހެލޯ ސަރ. އަޅުގަނޑުމެން ކުންފުނީގެ ނަންބަރެއް ދޮގެއްތޯ ބޭނުން ކުރައްވަނީ. ތިބޭފުޅާއަށް ނަސީބު ނަންބަރުން ލައްވާލައިގެން ފައިސާތަކެއް ލިބޭގޮތް ވެއްޖެ.) ފޯނު ކޯލު އައި ‘އިމޯ’ އިންނެވެ. ދެފަހަރަކު މިސްވި ފަހުން ތިންވަނަ ފަހަރަށް ވެސް ‘ވޮޝިންޓަން’ ގެ ނަމުގައި ކޯލަރ އައިޑީ އަރާފައިވާ ނަންބަރުން އައި ކޯލަށް ޖަވާބު ދިނުމަށް ހެލޯ އޭ ބުނިތަނުން އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެވެ. ހިންދީ ބަހުންނެވެ. އިިންޑިޔަން އެކްސެންޓުން އިނގިރޭސި ލަފުޒުތައް ބޭނުން ކުރަމުންނެވެ.

 

“އާޕް ކޯންސާ ކޮމްޕެނީކޭ ތަރަފްސޭ ބާތު ކަރްރަހީ ހޯ؟” (ތިބޭފުޅާ ތިޔަ ވާހަކަދައްކަވަނީ ކޮން ކުންފުންޏެއްގެ ފަރާތުންތޯ؟) އަހަންނަށް ވެސް އެނގުނު ވަރަކުން ހިންދީ ބަހުން ޖަވާބު ދިނީމެވެ.

 

“ސަރު، އާޕް އޫރީދޫކާ ނަންބަރު ޔޫސްކަރް ރަހީހޫނ ނާ. އާޕްކާ ނަންބަރު ކޯ ލޯޓްރީ ލައްގަޔާ.” (ސަރ، ތިބޭފުޅާ ބޭނުންކުރައްވަނީ އުރީދޫ ނަންބަރެއް ނޫންތޯ. ތިބޭފުޅާގެ ނަންބަރަށް ލޯޓަރީ އެއް ލިބިއްޖެ.) އެމީހާ ބުންޏެވެ.

 

“އައްޗާ، ވައި ޑޯންޓް ޔޫ ގޯ ޓު ހެލް. އާޕް ހަމްކޯ ބުއްދޫ ސަމަޗްތީހޯ ކިޔާ؟” (އެހެންތަ. ކަލޭ ދާންވީނު ނަރަކައަށް. ކަލޭ ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟) އަހަރެން ރުޅިއައިސްގެން އިންގިރޭސި ބަހުންނާއި ހިންދީ ބަހުން ރައްދު ދިނީނެވެ.

 

“ސަރް އާޕްކޯ ލޯޓްރީ ނެހީ ޗާހިޔާ ކިޔާ؟” (ސަރ، ބޭނުންފުޅެއް ނޫންތޯ ލޯޓްރީގެ ފައިސާ އެއް؟.) އަނެއްކާވެސް އެމީހާ ސުވާލު ކޮށްލިއެވެ.

 

“އަރެ ބައި ސާހަބް. ކިޔާ އާޕް ހަމްކޯ ބުއްދޫ ސަމަޗް ތޭ ހޯ؟” (ކަލޭ ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟) އަހަރެން ސުވާލު ކޮށްލުމާއެކު އެކޮޅުން ކޯލް ކަނޑާލައިފި އެވެ.

ކޯލް އައީ 11:12 ގައެވެ. އިންޓަރނެޓް މެދުވެރިކޮށް ‘އިމޯ’ އިން އައި ކޯލެކެވެ. ކޯލަރ އައިޑީގައި ‘ވޮޝިންޓަން’ ޖަހާފައި ވާއިރު ފޮޓޯގައި ވަނީ ކޮންމެވެސް ތާކުން ކަޓްވާލާފައިވާ ކޮލިޓީ ދަށް ‘އުރީދޫ’ ލޯގޯ ހިމެނޭ ފޯޓޯއެކެވެ.

 

ކޯލް ކުރި މީހާއަށް ނޭނގުނަސް އަހަރެން ގެންގުޅެނީ އުރީދޫ ނެޓްވޯރކް ގެ ނަންބަރެއް ނޫނެވެ. ނަންބަރުގެ ކުރިޔަށް ‘9’ (ނުވައެއް) އިނަކަސް މިއީ ދިރާގަށް ޕޯޓް ކޮށްފައިވާ ނަންބަރެކެވެ. އަނެއްކޮޅުން އުރީދޫން ނަސީބު ނަންބަރެއް ދިމާވުމުން ‘އިމޯ’ މެދުވެރިކޮށް އިންޑިޔާ މީހަކު ގުޅައިގެން ހިންދީ ބަހުން ވާހަކަދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

 

މިފަދަ ކޯލުތައް އައުމުން އެކަން ދެނެގަނެވޭނެ އެތަކެއް ބައިވަރު ހެކިތަކެއް ލިބޭ ކަންތައްތަކެއް ކޯލު ކުރާ ފަރާތުން ފެނިގެންދާނެ އެވެ. އެހެންކަމުން ‘ދަހިވެތި ކަން’ އިސްނުކޮށް ބުއްދި އިސްކޮށްލުމުން މަޅިއެއްގައި ނުބެދި ސަލާމަތް ވެވޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.