ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން މި އަހަރު ރޯދަ މަހު ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް ގެ “ދަތުރު” ހޮވިއްޖެ އެވެ.
ރޭ އޮލިމްޕަހުގައި ބޭއްވި ހަފުލާގައި، އެންމެ މޮޅު ޑްރާމާގެ އެވޯޑް އެ ކުންފުންޏާ ހަވާލުކޮށް ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.
މިއަހަރުގެ މުބާާރާތުގައި ޖުމްލަ ހަ އޮފީހަކުން ޑްރާމާ ހުށައެޅި އެވެ. ރޭގެ ހަފުލާގެ އެވޯޑްތަކަށް ބަލާ އިރު އެމްޑަބަލިއުއެސްސީގެ “ދަތުރު” އަށް ވަނީ މުހިއްމު ގިނަ އެވޯޑްތަކެއް ލިބިފަ އެވެ. އެގޮތުން މި ޑްރާމާގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަނާއި އެޑިޓިން އަދި ސިނަމޮޓޯގްރަފީން މަދޮށިފް ސްޓޫޑިއޯގެ ޝާމިން ނިޒާމް ވަނީ އެވޯޑްތައް އުފުލާލައިފަ އެވެ.
“ދަތުރު” ޑްރާމާ އިން ޝާމިން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް އުފުލައިލީ މީގެ ކުރިން އޮފީސް ޓެލެޑްރާމާ މުބާރާތުގެ ގިނަ ޑްރާމާތަކެއްގެ ސްކްރިޕްޓް ލިޔުމުގެ އިތުރުން ފިލްމީ ދާއިރާގައި އެންމެ ނަން މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދުގެ ދެ ސްކްރީންޕްލޭއަކާ ވާދަކޮށެވެ.
“ދަތުރު” ގެ ސްކްރީންޕްލޭ ޝާމިން ލިޔުނީ އެމްޑަބްލިއުއެސްޓީގެ ޓީމުން ދިން ވާހަކައަކަށެވެ. ބެސްޓް ފިރިހެން އެކްޓަރ އެވޯޑް ވެސް ‘ދަތުރު’ ޑްރާމާއިން މުޙައްމަދު ޔުނާން ވަނީ ހޯދާފައެވެ. ‘ދަތުރު’ ޑްރާމާ އަކީ ޓައިމް ޓްރެވެލް ދައްކުވައިދޭ ސައިންސް ފިކްޝަން ޖޮންރާގެ ޑްރާމާއެކެވެ.
މި އަހަރުގެ އޮފީސް ޑްރާމާ މުބާރާތުގެ އިތުރު މަގާމުތަކަށް ބަލާ އިރު އެންމެ މޮޅު ބަތަލާގެ އެވޯޑް މި ފަހަރު ވެސް ގެންދިޔައީ މިދިޔަ އަހަރު އެވޯޑް ހޯދި ފެނަކަ ކޯޕަރޭޝަންގެ އައިމިނަތު ޖުލީސާ އެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު އެމްއޭސީއެލްގެ ޑްރާމާ “އިހުމާލު” އިން އަބްދުﷲ މާހިރު ހޯދި އިރު، އެންމެ މޮޅު ސަޕޯޓިން ބަތަލާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ “ތައުހީގު” އިން އައިމިނަތު ރައުލާ އެވެ.
އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލުގެ އެވޯޑް “އިހުމާލު” އިން ސިމާހު އަހުމަދަށް ލިބުނު އިރު، އެންމެ މޮޅު އާ ބަތަލާއަކީ “ތައުހީގު” ގެ ފާތުމަތު އިހުސާނާ އަހުމަދު އެވެ.
މި އަހަރުގެ ޑްރާމާ މުބާރާތުގައި ބެލުންތެރިންގެ އެންމެ މަގުބޫލު ޑްރާމާގެ މަގާމު ލިބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ “ކަނި” އެވެ. ބެލުންތެރިންގެ އެންމެ މަގުބޫލު ބަތަލާއަކީ އެމްސީއެލްގެ “އިހުމާލު” ގެ ބަތަލާ އަދި ދާފި ފަހުން ނިޔާވި ފާތުމަތު ނާޒްލީ އެވެ. ބެލުންތެރިންގެ އެންމެ މަގުބޫލު އެކްޓަރަކީ “ކަނި” ގެ އެކްޓަރު ނަސްރުﷲ އަހުމަދެވެ.
މުބާރާތުގައި މި ފަހަރު ވާދަކުރި އޮފީސްތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މާލޭ ވޯޓަ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި