މިއީ ޒިންދަގީ ކޭ ސަފަރު މޭ … (ހަޔާތުގެ ދަތުރުގައި …) މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައަކީ 1974ގައި ނިކުތް އާޕްކީ ގަސަމް (ކަލާ ހެކިކޮށް …) މިފިލްމުގެ ލަވައެކެވެ.

 

މިލަވައިގައި ފާޅުކުރެވިފައިވަނީ ދިރިއުޅުމުގެ މަސައްކަތުގައި މަސްޢޫލުވެ، ހަޔާތުގައި އަޅާލަންޖެހޭ އެހެން ބައެއް ކަންތައްތަކަށް އަޅާނުލެވި ފަރުވާކުޑަކުރުމުގެ ސަބަބުން، ފަހުން، ހިތާމަކުރަން ޖެހުނު މީހެއްގެ ވާހަކަތަކެވެ. އާދެ، ވިޔަފާރިވެރިއަކު، އޭނާގެ ވިޔަފާރީގައި އަވަދިނެތި އުޅުމުގެ ސަބަބުން، އަނބިމީހާއަށާއި އަދި އާއިލާއަށް އަޅާނުލެވި، އެންމެފަހުން، އޭނާގެ ކައިވެނި ރޫޅި، އަދި އާއިލާވެސް ގެއްލިދިޔަ ވިޔަފާރިވެރިއެއްގެ ވާހަކަތަކެވެ. އަދި މިހެން ކަންތައް ދިމާވުމުން، އޭނާގެ ހިތުގައި ހިނގާ ހިތާމަވެރި ޝުއޫރުތަކެއްގެ ވާހަކަތަކެވެ. އަދި، އޭނާގެ ހަޔާތުގެ ދަތުރު އޭނާއަށް އުނގަންނައިދިން މިފިލާވަޅުން، އެހެންމީހުން އިބުރަތް ލިބިގަތުމަށްޓަކައި، އޭނާ ކިޔައިދޭ ވާހަކަތަކެކެވެ. އޭނާ ބުނެދޭގޮތުގައި ހަޔާތުގެ ދަތުރުގައި ކޮންމެ މީހަކާވެސް ‘މަގުފާހަގަ’ ތަކެއް ދިމާވެއެވެ. ހަޔާތުގެ ދަތުރު ލުއިކޮށްދީ ހަޔާތުގެ މަގު އަލި ކޮށްދޭ ފާހަގަތަކެކެވެ. އޭނާގެ އަމިއްލަ ހަޔާތުގައި މިމަގުފާހަގަތައް ރަމްޒުކޮށްދެނީ އޭނާގެ އަންހެނުންނާއި އަދި އާއިލާގެ މެންބަރުންނެވެ. އޭނާއަށް، އޭނާގެ މަސައްކަތްތައް ހުރިގޮތުން އެމީސްމީހުންނާ އަޅައެއްނުލެވެއެވެ. ޚުދް، އޭނާގެ އަމިއްލަ އަނބިމީހާއާއިވެސް ގާތް ގުޅުމެއް އުފައްދަން އޭނާއަށް މަސައްކަތެއް ނުކުރެވެއެވެ. އޭނާގެ އަންހެނުންނާ ދޭތެރޭ އެކިކަންކަމާ ޝައްކުކުރެވި، އޭނާގެ އަންހެނުންނަށް އިތުބާރުކުރެވޭ ގޮތެއް ނުވިއެވެ. އާޚިރު ނަތީޖާއަކަށްވީ ކައިވެނި ރޫޅި، ހަޔާތުގެ އެންމެ މުހިއްމު އެއްގުޅުމުގެ ވާފަށް ކެނޑިދިޔުމެވެ.

 

މިހިސާބުން، އޭނާ، އަވަސްވެގަތީ މިކަން ރަގަޅުކޮށް އިސްލާހު ކުރުމަށެވެ. ނަމަވެސް، އޭނާއަށް އެނގުނީ، މާލަސްވެއްޖެކަމެވެ. ހަޔާތުގެ ދަތުރުގައި ދިމާވާ މަގުފާހަގަ ތަކަކީ، އެފަހަނައަޅާ ދިޔުމުން، އަލުން އެނބުރިއަންނާނޭ ފާހަގަތަކެއް ނޫންކަމެވެ. ދޭދޭ ގުޅުންތަކަކީ އިސްލާހުކުރުމުގެ ވަގުތު ފާއިތުމުން، އަލުން އެގުޅުން ބިނާކޮށް، އިސްލާހުކުރެވޭނޭ ކަމެއް ނޫންކަމެވެ. އެހެނީ ދޭދޭ ގުޅުމަކީ ވަރަށް ނާޒުކު އެއްޗެއްކެވެ. އެފަދަ ގުޅުންތަކާއި މެދު ރަގަޅަށް ފަރުވާތެރިވެ، ނުބެލެހެއްޓިއްޖެ ނަމަ، އެގުޅުންތަކުގެ ވާފަށް ހީނަރުވެ، ކެނޑިދެއެވެ. އޭގެ މިސާލަކީ ބަހާރު މޫސުމުގައި ފޮޅޭމަލުގެ މިސާލެވެ. ބަހާރު މޫސުމުގައި، އެ މާ ފޮޅުނެއްކަމަކު، ޚަރީފު މޫސުން އައުމުން، އަލަކުން އެ މަލެއް ނުފޮޅެއެވެ. ހަމައެފަދައިން، ދޭދޭ ގުޅުން، ހީނަރުވެ، ކެނޑިދިޔުމުން، އަލުން އެފަދަ ގުޅުން އުފެއްދުމަކީ ދަތި އުނދަގޫ ކަމެކެވެ.

 

އެހެންވެ، އޭނާގެ ނަސޭހަތަކީ، އެއްވެސް ގުޅުމެއް ކެނޑިގެން، އެކަމާ މެދު ފަހުން ހިތާމަކުރަން ޖެހޭ ފަދަ ގުޅުންތަކާއި ދޭތެރޭ ސަމާލުވުމަށެވެ. އެގުޅުންތައް ރައްކާތެރިކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ. އެފަދަ ގުޅުންތަށް ހެޔޮގުގައި ދެމެހެއްޓުމަށް ހުރަސް އަޅާފާނޭ ހުރަސްތަކަށް ޖާގަ ނުދިނުމަށެވެ. މިގޮތުން، ގުޅުންތައް ރޫޅި ދިޔުމަށް ހުރަސް އަޅާ ވަރަށް މުހިއްމު ކަމެއް އޭނާ ފާހަގަ ކުރެއެވެ. އެއީ އަނެކުންނާ ދޭތެރޭ ކުރެވޭ ޝައްކުތަކެވެ. ކުށްހީތަކެވެ. ބައެއްފަހަރު، މިފަދަ ޝައްކުތައް އުފެދެން ދިމާވަނީ ފެންނަ މަންޒަރެކެވެ. އަދި އެ މަންޒަރު ނުރަގަޅު ގޮތުގައި މާނަކުރެވޭ ކުރެވުމެވެ. އެހެންވެ، އޭނާ ބުނަނީ، ކަމުގެ ދެކޮޅުނުބަލައި، އަމިއްލަ ލޮލަށްވެސް އިތުބާރުނުކުރުމަށެވެ. އަނެކުންނާ ދޭތެރޭ ފަހަރެއްގައިވެސް ކުށް ހީތައް ހީނުކުރުމަށެވެ. އާދެ، ގުޅުންތައް ދެމެހެއްޓުމަށްޓަކައި، ހިތުގައި ޝައްކާއި ވަހުމުގެ ހާލި އުފެދުނަ ނުދިނުމަށެވެ. ހިތުގައި އެފަދަ ހާލިތައް އުފެދިއްޖެނަމަ، އެއްވެސް ގުޅުމެއް، އެއީ ލޭގެ ގުޅުމެއް ވިޔަސް، ނޫނީ އަނބިފިރިކަމުގެ ގުޅުންވިޔަސް، ނޫނީ ރަހުމަތްތެރިކަމުގެ ގުޅުން ވިޔަސް، ދެމިއެއް ނޯންނާނެއެވެ.

 

އަދި މީގެ އިތުރުންވެސް، ގުޅުންތައް ދެމެހެއްޓުމަށްޓަކައި، ކޮންމެހެން ކުރަން ޖެހޭ ކަމެއްވެސްއޭނާ ފާހަގަ ކުރިއެވެ. އެއީ، ގާތް މީސްމީހުންގެ ފަރާތުންވެސް ހިތް ހަމަ ނުޖޭކަންތައްތައް ދިމާވާ ވަގުތުތަކުގައި ކަންތައް ކުރަންޖެހޭނޭ ގޮތެވެ. މިފަދަ ވަގުތުތަކުގައި، އޭނާ ބުނަނީ، އެކަންކަމަށް މާ ބޮޑަށް އަޅާނުލުމަށެވެ. އެކަކު އަނެކަކަށް މާފުދީ، ދޭދޭ ގުޅުން އިސްލާހުކޮށް، އަބަދުވެސް މަސައްކަތް ކުރަންވާނީ ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓުމަށެވެ. އެހެންނުވެއްޖެނަމަ، ގުޅުންތައް ކެނޑިދާކަށް މާ ގިނަވަގުތެއް ނުނަގާނެކަންވެސް އޭނާ ފާހަގަކުރެއެވެ. އަދި، ރޭދުވާ ތަކުރާރުވެ، ދުވަސްތައް ފާއިތުވެ ދިޔުމުން، ކެނޑިދިޔަ ގުޅުމެއް އަލުން އުފައްދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، އެކަން އޮންނާނީ ނުވެފައެވެ.

 

އާދެ، މިހާރު މާވާހަކަ ދިގު ވެއްޖެއެވެ. ދެން ލަވައާއި ލަވައިގެ ތަރުޖަމާ ހުށަހަޅާލަމެވެ. އަދި މިއިބުރަތްތެރި ލަވަ، ދިވެހި ތަރުޖަމާއާއެކު، ހުށަހަޅާލަމެވެ.

ޒިންދަގީ ކޭ ސަފަރް މޭނ ގުޒަރް ޖާތެ ހޭ ޖޯ މަޤާމް

ހަޔާތުގެ ދަތުރުގައި ދިމާވެދާ މަގުފާހަގަތައް އަލުން އެނބުރިއެއް ނާދެއެވެ.

 

ވޯހ ޕިހރް ނެހީނ އާތޭ

އެ މަގުފާހަގަތައް، އަލުން، އެބުރިއެއް ނާދެއެވެ.

 

ޕޫހލު ކިލްތޭ ހޭނ، ލޯގު މިލްތޭ ހޭނ

(ބަހާރު މޫސުމުގައި) މާމެލާމެލި ފޮޅެއެވެ. (އަދި) މީސްމީހުން (އެކަކު އަނެކަކާ) ބައްދަލުކޮށް އުޅެތެވެ.

 

މަގަރް ޕަތްޖަހޅް މޭނ ޖޯ ޕޫހލް މުޅްޖާހ ޖާތޭ ހޭނ ވޯހ ބަހާރޯނ ކޭ އާނޭ ސޭ ކިލްތޭ ނަހީނ

ނަމަވެސް ޚަރީފު މޫސުމުގައި މިލާ މޯޅިވެ، ހަލާކުވެދާ މާ، ބަހާރުމޫސުން އައުމަކުން އަލަކުންނުފޮޅެއެވެ.

 

ކުޗް ލޯގް އޭކް ރޯޒް ޖޯ ބިޗަޅް ޖާތެ ހައިނ ވޯ ހަޒާރޯނ ކޭ އާނޭ ސޭ މިލްތޭ ނެހީ

(ހަމަ އެފަދައިން، ކުރިން ބައްދަލުވެ، ދެން) އެމީހުންނާއި ދުވަހެއްގައިވެސް ވަކިވެދާން ޖެހުނު މީހުން، އެތައް ހާސް (އެހެން) މީހުންނެއް (ކަލާގެ ހަޔާތަށް) އަޔެއް ކަމަކު، އެ ދިޔަމީހުންއެނބުރިއެއް ނާދެއެވެ.

 

އުމްރު ބަހރް ޗާހެ ކޯއީ ޕުކާރާ ކަރޭ އުންކާ ނާމް

(އެމީހުންނަށް) އެމީހުންގެ ނަމުން ގޮވުމުގައި، ކަލާގެ ހަޔާތުގެ ބާކީ ދެން އޮތް ދުވަސްތައް ހޭދަކޮށްލިޔަސް ވެހެވެ.

 

ވޯހ ޕިހރް ނެހީނ އާތޭ

އެ މީންހުން، އަލުން، އެނބުރިއެއް ނާދެއެވެ.

 

އާނކްހ ދޯހކާ ހައި ކިޔާ ބަހރޯސާ ހައި

އަމިއްލަ ލޯވެސް (ބައެއްފަހަރު އޮޅުވާލައި) ކެހިދެއެވެ. (އެހެން ވީއިރު) އިތުބާރު ކުރާނީ ކާކަށް، ކޮން އެއްޗަކަށް، ހެއްޔެވެ؟

 

ސުނޯ، ދޯސުތޯނ، ޝަކް ދޯސްތީކާ ދުޝްމަން ހައި

(އަދި މިވާހަކަ) އަޑުއަހާށެވެ! ރަހުމަތް ތެރީންނެވެ، ޝައްކަކީ ރަހުމަތްތެރިކަމުގެ ދުޝްމަނެކެވެ.

 

އަޕްނޭ ދިލް މޭނ އިސޭ ގަހރް ބަނާނޭ ނަ ދޭ

ކަލާގެ ހިތުގެ ތެރޭގައި (ޝައްކުތަކުގެ) ހާލިތައް ހެދުނަދީގެން ނުވާނެއެވެ.

(ހިތުގައި ޝައްކުތަކަށް ޖާގަދީފިނަމަ ގާތްމީސްމީހުންނާއި ރަހުމަތްތެރިން ގެއްލިހިނގައިދާނެއެވެ.)

 

ކަލް ތަޅަޕްނާ ޕަޅޭ ޔާދް މޭނ ޖިންކީ

އެހެންވެ މާދަމާ، އެމީސްމީހުންގެ ހަދާންތަކުގެ ސަބަބުން ކަލާގެ ހިތަށް އަނިޔާ ލިބޭނޭ މީސްމީހުން،

 

ރޯކް ލޯ ރޫޓްހކަރް، އުންކޯ ޖާނޭ ނަ ދޯ

ހިތްހަމަ ނުޖެހުމުން، (އެމީހުންގެ ހިތްހަމަ ޖައްސައި)، އެމީހުން (ވަކިވެގެން) ދިޔަނުދީ،ހިފަހައްޓާށެވެ.

(އެހެންވެ)، ނުރުހި، (ކަލާދޫކޮށް)، އޭނާ ދިޔަނުދެއްޗެވެ.

 

ބާދް މޭނ ޕިޔާރު ކޭ ޗާހެ ބޭހޖޯ ހަޒާރޯނ ސަލާމް

(އެހެނީ) އެއަށްފަހު، އެމީހުން ބޭނުންވެގެން، ކިތަންމެ ވަރަކަށް ލޯބިން (މަރުހަބާ ކިޔައި)،އެމީހުންނަށް ސަލާމް ފޮނުވިޔަސް،

 

ވޯހ ޕިހރް ނެހީނ އާތޭ

އެމީހުން، އަލުން، އެނބުރިއެއް ނާންނާނެއެވެ.

 

ސުބުހް އާތީ ހެއި، ރާތު ޖާތީ ހެއި

ފަތިސްވެ (އާދުވަހެއް ފެށެ)އެވެ. (ދެންއިރުއޮއްސި) ރޭވެ (އެދުވަސް ވެސް) ނިމިދެއެވެ.

 

ޔޫނ ހީ ވަޤްތު ޗަލްތާ ހީ ރެހެތާ ހެއި، ރުކުތާ ނެހީ

މިގޮތުގައި، ހުއްޓުމުއްނެތި، (ރޭދުވާ ތަކުރާރުވެ، ހަޔާތުގެ) ވަގުތު ފާއިތުވަމުން ކުރިއަށް ދެއެވެ.

 

އޭކު ޕަލް މޭނ ޔޭ އާގޭ ނިކަލް ޖާތާ ހޭ

(ކުޑަ ހިނދުކޮޅަކަށް ވެސް) މަޑުޖަޢްސާލުމެއް ނެތިއެވެ. ދާދި ކުޑަ ހިނދުކޮޅަކަށް، (ހަޔާތުގެ) ވަގުތުކޮޅު އައިސް (އަހަރުމެންނާއި ބައްދަލުކުރުމަށްފަހު)، ފާއިތުވެ، ދެއެވެ.

 

އާދަމީ ޓީހކު ސޭ ދޭކުހ ޕާތާ ނެހީނ

މިކަން އޮންނަނީ، އިންސާނާއަށް، ރަގަޅަށް ވިސްނި، އެނގިނުގަނެވިފައެވެ.

 

އައުރް ޕަރްދޭ ޕެ މަންޒަރް ބަދަލް ޖާތާ ހެއި

އަދި، (އެހެންކަމަށްވިޔަސް ހަޔާތުގެ)، އިސްކިރީނުގެ މަންޒަރުތައް ބަދުލަވަމުން، ބަދަލުވަމުން، ދެއެވެ.

 

އޭކު ބާރް ޗަލޭ ޖާތޭ ހެއި ޖޯ ދިން ރާތް ސުބުހް ޝާމް

އަދި ހެނދުނާއި ހަވީރު، އަދި ރެއާއި ދުވާ، އެއްފަހަރު އައިސް ފާއިތުވެދިއުމަށްފަހު، ދެން އަލަކުން، އެއިން ވަގުތެއް، ފަހަރެއްގައިވެސް، އެނބުރިއެއް ނާދެއެވެ.

 

ވޯހ ޕިހރް ނެހީނ އާތޭ

(ފާއިތުވެދިޔަ) އެ ވަގުތުތައް، އަލުން، އެނބުރިއެއް ނާދެއެވެ.

 

ޒިންދަގީ ކޭ ސަފަރް މޭނ ގުޒަރް ޖާތެ ހޭ ޖޯ މަޤާމް

ހަޔާތުގެ ދަތުރުގައި ދިމާވެދާ މަގުފާހަގަތައް އަލުން އެނބުރި އެއް ނާދެއެވެ.

 

ވޯހ ޕިހރް ނެހީނ އާތޭ

އެ މަގުފާހަގަތައް އަލުން އެބުރި އެއް ނާދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.