“ޖޮބުން ކަނޑާލީމަ އަހަރެން ވެސް ވަރަށް ދެރަވެއްޖެ. ދެން އަހަރެން ވެސް އެބައޮތް ޚަބަރެއް ދޭންވެފަ. އަހަރެން ޕްރެގް.”
މަޢުރީން ދޭން ބޭނުންވި މެސެޖު ދިނުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން ކޮޓަރީ ދޮރާއި ދިމާއަށް ބަލަން ސޯފާގައި ޝާއިލް އަށް އިނދެވުނީ އެވެ.
***~~~***
ކުއްލިއަކަށް މަޢުރީން އަށް ހޭލެވިއްޖެ އެވެ. ކޮޓަރި ތެރެއަށް ވެރިވެފައި އޮތީ ނާމާން ކަމެވެ. އޭނާއާއި ޖެހިގެން އޮތް ޝާއިލް ބާރަށް ގުގުރިދަމާ އަޑު ހަމަ ރަނގަޅަށް އިވެމުންދެއެވެ. ޝާއިލް އޮތް ފަރާތަށް މަޢުރީން ބަލައިލިއެވެ. ފެނުނު މަންޒަރުން ހީވީ އޭނާގެ މޭގަނޑު އަނގަޔަށް އައިހެންނެވެ. އަނގަމަތީގައި ބާރަށް އަތްއެޅުނީ ގަންފައިވާ ބިރެއްގެ ބޮޑުކަމުންނެވެ. ބޭއިޚްތިޔާރުގައި އޭނާގެ އަނގައިން ނިކުންނަން ތައްޔާރުވި ހަޅޭކުގެ އަޑު ހުއްޓުވުމަށެވެ.
ޝާއިލްގެ މެޔަށް ހުރީ ވަޅިއެއް ކޮއްޕާލާފައެވެ!
ސީދާ މެޔަށް ވަޅި ހަރާލާފައި ހުރީ އަޖައިބު ގޮތަކަށެވެ. ވަޅީގެ މިޔަ ކައިރިން އަދި ޝާއިލްގެ މޭމަތީގައި ނުވަތަ އެނދުގައި އެއްމެ ލޭތިއްކެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އަނެއްކޮޅުން ޝާއިލް ގުގުރިދަމަމުން ދިޔައީ އާދައިގެ ގޮތަކަށް ނިދާފައި އޮވެ ގުގުރިދަމާހެންނެވެ.
ޝާއިލް ގެ މެޔަށް ހަރާލާފައި ހުރި ވަޅި ނެގުމަށް ޝާއިލް އާއި ކައިރިއަށް ޖެހުމަށް މަޢުރީން ހަރަކާތްކޮށްލި ވަގުތު އޭނާގެ ފުރަގަހުން މީހެއްގެ އަޑު އިވިއްޖެ އެވެ.
“މަޢުރީން އަކީ އަސްލު އަހަރެންގެ މީހެއް!”
ހިނދުކޮޅަކަށް ނަމަވެސް މަޢުރީން ގަނޑުވި ކަހަލައެވެ. އެ އިވުނު އަޑު ހަމަ ރަނގަޅަށް ވެސް އޭނާ އަށް ފާހަގަކުރެވިއްޖެ އެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރީ އެހެން ދެވަނަ މީހެއް ނޫނެވެ. ޝަމްހޫރިޝް އެވެ. ކަޅު ހިޔަންޏެއް ފަދައިންނެވެ. ބިރުވެރި އެހެނަސް ފިރިހެން ވަންތަކަމާއި ސަމައްތަރުހެޔޮ ކަމުގެ ލާމަސީލު ނަމޫނާއެއް ފަދަ ޝަމްހޫރިޝް އެވެ. އޭނާގެ ކަޅު އަނދިރި ކުލައިގެ ދެލޮލުން ނުރައްކާތެރިކަމުގެ ވިދުވަރެއް ފެންނަން ހުރިއިރު، އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެން ފާރުގައި ލެނގިލައިގެންނެވެ. ފާރުގައި ކޮނޑު ވިދެލައިގެންނެވެ. ހީވަނީ އެންމެ ފެޝަން މޮޑެލް އެއް މޮޑެލް ޕޯސް އެއްގައި ހުއްޓިލައިގެން ހުރިހެންނެވެ.
“ކަލޭ ކޮން ކަމެއް ނުވެގެންތަ ތިއުޅެނީ؟” ވަރަށް އުނދަގުލުން މަޢުރީން އަށް އަހައިލެވުނެވެ. ޝަމްހޫރިޝް އަނގައިންވެސް ނުބުނެ ހެވިފައި ހުރީ އެވެ.
“އަހަރެންގެ ފިރިމީހާ މެޔަށް ވަޅި ހެރީ ކަލޭތަ؟” ރުޅިވެރިކަމާއެކު މަޢުރީން ސުވާލުކުރި އެވެ.
ޝަމްހޫރިޝް އަނގައިންވެސް ނުބުނެ މަޢުރީން އާއި ދިމާއަށް ހިނގައިގަތެވެ. މަޢުރީން އަށް ހީވީ ހަށިގަނޑު ވާ ވިހެންނެވެ. ބިރުން މަޑުމަޑުން ފަހަތަށް ވެސް ޖެހިލެވުނެވެ. ރަސްކަލެއް ހިންގަވާފައި ވަޑައިގަންނަވާފަދަ ހައިބަވެތި ގޮތަކަށް ޝަމްހޫރިޝް ގެ ފިޔަވަޅުތައް އަޅަމުން ދިޔައެވެ. މަޢުރީން ގެ ކައިރިއަށް ގޮސް މަޑުކޮށްލަމުން ތަޅުންމަތީގައި ދެކަކޫ ޖައްސަމުން މަޢުރީން ގެ ކުރިމަތީގައި އިށީންދެއްޖެ އެވެ. އޭނާގެ ދެ އަތުން މަޢުރީންގެ މޫނުގައި ވަރަށް ލޯބިން ހިފަމުން މަޢުރީންގެ ލޮލަށް ބަލަން ފެށިއެވެ. އެވަގުތު މަޢުރީން އަށް ހީވީ ކަރަންޓް ޝޮކެއް ލިބުނުހެންނެވެ. އެދުންވެރިކަމުގެ ޖަޒުބާތީ އިޙްސާސް އެވަގުތު މުޅި ހަށިގަނޑަށް ވެރިވެގެން ދިޔައީ ވަގުތުން ވަގުތަށް ޝަމްހޫރިޝް ގެ ހޫނު ނޭވާއާއި މަޢުރީންގެ ހޫނު ނޭވާ ގުޅިލާމެހުމަށް އެދެވެމުންނެވެ. މަޢުރީން ގެ ނަފުސު އޮޔާބެހިގެން ދިޔައީ ދެން އަތުނުޖެހޭނެޔޭ ހީވާހާ އަވަހަށެވެ.
ނަމަވެސް، މަޢުރީން އަށް ހޭވެރިކަން ވީ ޝާއިލް ގެ ގުގުރިދެމުމުގެ އަޑު އަނެއްކާވެސް އިވެން ފެށުމުންނެވެ.
“އަހަރެންގެ ފިރިމީހާ، ޝާއިލް…… އަހަރެން…. އަހަރެން ބަނޑުބޮޑު……” ތަސްބީހައެއް ކިޔާހެން މަޢުރީން އަށް ކިޔަން ފެށުނެވެ.
ޝަމްހޫރިޝް ފުން ނޭވައެއް ދޫކޮށްލިއެވެ.
“މީނދަ އަންހެނާ، އަހަރެން މީއޭ ކަލޭގެ ފިރިއަކީ، ކަލޭ ކައިރީގަ ތިއޮތް އެތިގަނޑެއް ނޫނޭ.” މަޢުރީންގެ ކަންފަތާއި ކައިރިއަށް ޖެހިލަމުން ކަންފަތްދޮށުގައި ރުޅިވެރި ބަރު އަޑަކުން ޝަމްހޫރިޝް ބުންޏެވެ.
“އަހަރެން އެނބުރި އަންނާނަން.”
މަޢުރީންގެ ހޭވެރިކަން މަޑުމަޑުން ނެތެމުން ދާންފެށީ ޝަމްހޫރިޝް ގެ ހޫނު ތުންފަތުގެ ފޮނިމީރުކަން އޭނާގެ ތުންފަތަށް އިޙްސާސް ކުރެވެން ފެށުމުންނެވެ.
***~~~***
ލެޕްޓޮޕުން އެއްޗެއް ލިޔަމުންދިޔައިރު ޝާއިލް އަމިއްލަ ހިތުން ސިފަކުރަމުން ދިޔައީ އޭނާ އޮފީހުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އުޅެއުޅެވެސް އޮފީސް މާހައުލުމަތިން ޚިޔާލުކުރެވުން އެއްފަރާތް ކޮށްނުލެވިގެން ޝާއިލް ހަނާވަނީ އެވެ.
‘އަހަންނަކީ މިއަދު ޖޮބެއް ނެތް މީހެއް. އަނެއްކޮޅުން ވައިފް ޕްރެގް.’
ޝާއިލްގެ ހިތަށް އެކިކަހަލަ ޚިޔާލުތައް އަރައި ފައިބަމުން ދިޔައިރު އިނދެވުނީ ހަދާނެގޮތް ހުސްވެފައެވެ. ވަޒީފާ އަށް ނުގޮސް ގޭގައި އިންނަން ޖެހުމުން ހީވަނީ މުޅިން އެހެން ގޮތެއް ހެންނެވެ. މަޢުރީން ހޮސްޕިޓަލަށް ވަޒީފާއަށް ދިއުމަށް ތައްޔާރުވަމުން ދިޔަތަން ބަލަން އިންއިރު ޝާއިލް މިއަދު ދާނެ ތަނެއް ނެތެވެ. ފަނޑުފަނޑުކޮށް މޭކަޕް ކޮށްލުމަށްފަހު މަޢުރީން ޝޯލް އެޅިއެވެ. އެ މަންޒަރު ބަލަން އިންއިރު ޝާއިލްގެ ހިތުތެރޭގައި ހަސަދައާއި ރުޅިވެރިކަން ކެކި އަރަމުން ދިޔައީ ކީއްވެގެން ކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ.
‘އަހަރެންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނުއިރު މީނަ ކީއްވެގެންތަ ނޯރމަލްކޮށް މިހުންނަނީ؟ ވަޒީފާ ގެއްލިއްޖެ! ދަރަނިން ބޯ ނުހިކޭވަރު ވެފަ! އަދި ނުވީތާކަށް އިންޑިޔާގަ ކިޔަވަން ހުންނަ އަހަރެންގެ ކޮއްކޮ ވެސް ލާރިފޮނުވަން އަންގައިފި! އަހަރެންގެ ބައްޕަމެން ވެސް އުޅެނީ ދެކޮޅު ނުޖެއްސިގެން. އަހަރެން ވަޒީފާއިން ކަނޑާލިކަންވެސް އަދި އެމީހުންނަށް ނޭނގޭނެ.” ޝާއިލްގެ ހިތުތެރޭގައި ހާސަރުތައް އެނބުރެންފެށީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ.
‘މަޢުރީން ވެސް ދެން އަހަރެން ދެކެ ފޫހިވާންކަން ނޭނގެ ފަށާނީ.’ ޚިޔާލުގެ ކަނޑަށް ޝާއިލް ޣަރަޤުވެފައި އިންދާ އޭނާގެ ކޮލަށް މަޢުރީން ދޮނެއް ދީފައި ނިކުމެގެން ހިނގައްޖެ އެވެ.
‘އަހަރެން ޖޮބެއް ނެތީމަ މަޢުރީން ހޮސްޕިޓަލުން ސަޅި ޑޮކްޓަރަކާ އެފެއަރ އަކަށް ނުދާނެބާ؟’
ވަސްވާހުގެ އެކި ޚިޔާލުތައް ސިކުނޑިތެރޭގައި ފުނިޖެހެމުން ދިޔަވަރަކަށް ޝާއިލްގެ ރުޅި ހައްތަހާދިޔައީ ގަދަވަމުންނެވެ. އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ‘ހަމަޖެހުމަށް’ ނަސޭހަތްދެމުން ދިޔަނަމަވެސް މެއެވެ.
‘އެހެން ޖޮބަކަށް އެޕްލައި ކޮށްބަލަ!’ ޝާއިލް ގެ ސިކުނޑީގެ ރަނގަޅު ހިސާބުން އައީ ކިތަންމެ ރަނގަޅު މެސެޖެއް ނަމަވެސް ޝާއިލްގެ ރުޅިގަނޑު ހުރީ ހައްދުން ނައްޓާފައެވެ. އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައީ މުޅި ދުނިޔެވެސް އޭނާއާ ދެކޮޅުވީ ހެންނެވެ. ސިނގުރުޅީގައި ކޮޅަށް ތެދުވެއްޖެ އެވެ. ކުއްލިއަކަށް އިވުނީ ތަޅުން މައްޗަށް ކޮންމެވެސް އެއްޗެއް ވެއްޓި ޖެހުނު އަޑެވެ.
ދެލޮލަށް ޖަމާވެފައިވާ ކަރުނަތަކާއެކު، ހަލާކުވެފައިވާ އޭނާގެ ލެޕްޓޮޕަށް ބަލައިލެވުނެވެ. އެވަގުތު ޝާއިލްގެ ދުލަށް އައީ ހަމަ އެންމެ ލަފުޒެކެވެ.
“މަޢުރީން!”
ގޭތެރޭގެ ކޮންމެވެސް ހިސާބަކުން އަނދިރީގެ ތެރެއިން ފިރިހެނެއްގެ ނުލަފާ ހިނިގަނޑެއްގެ އަޑު އެވަގުތު އިވިގެން ދިޔައެވެ. ޝާއިލް އަށް އެއަޑު އިވޭވަރަށް ވުރެން އޭނާގެ ހާލަތު ގޯހެވެ.
***~~~***
މިއަދަކީ އަނެއްކާވެސް އިދުރީސް އޭނާގެ ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ދުވަހެކެވެ. އިދުރީސް ބޭނުންނަމަ އޭނާގެ ބައްޕަ ޑޮކްޓަރަށް ދައްކައިލުމަށް މިއަދު އޭނާގެ ކޮއްކޮ އެއްވެސް ފޮނުވެން އޮތެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ ކުރިން ދުވަހު ދިމާވި އަންހެން ޑޮކްޓަރު ދެކިލާށެވެ. މަޢުރީން ދެކިލާށެވެ. އެ އަންހެން ކުއްޖާގެ ކިބައިގައި ހުރި ކޮންމެވެސް ކަމެއްގެ ސަބަބުން އިދުރީސް ގެ ހަވަނަ ހިއްސު ހޭލައިފި އެވެ.
‘މަޑުކޮށްބަލަ، ކޮންކަމަކާ ކަލޭ ތި ވިސްނަނީ؟ އެއީ ކަލޭ ރަނގަޅަށް ނުވެސް ދަންނަ އަންހެން ކުއްޖެއްނު؟ އެހެން ނޫނަސް ކަލޭގެ ބައްޕަ އޮތީ ބުނެ އިންޒާރުދީފައެއްނު އެއީ ކޮންމެވެސް ނުރައްކަލެއްގެ ތެރޭގައި އުޅެމުން އަންނަ ކުއްޖެކޭ، ދެން ކޮންމެހެން ކީއްކުރަން އޭނަ ދެކޭހިތުން ތިއުޅެނީކީ؟’ އިދުރީސް ގެ ހިތުގެ އެދުމާއި ދެކޮޅަށް އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ.
އެމީހުން ތިބީ ޑޮކްޓަރަށް ދައްކާ ކޮޓަރީގައެވެ. އިދުރީސްގެ ބައްޕަ ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ޑޮކްޓަރު ކިޔައިދެމުން ދިޔައިރު އެއިން އެކައްޗެއްވެސް އިދުރީހަކަށް ނަގައެއް ނުގަނެވެއެވެ. އޭނާގެ ބައްޕަ އެ ވާހަކަތައް ކަނުލައި އަހަން އިންނާނެ ކަމަށް އުއްމީދުގައި އިން އިދުރީސްގެ ވިސްނުމުގެ ވާފަށް ހުރީ އެހެން ހިސާބެއްގައެވެ.
އެމީހުންތިބި ކޮޓަރީގެ ބޭރުން ކިރިޔާ އަޑެއް އިވިލާއިރަށްވެސް އިދުރީސް އުއްމީދުކުރަމުން ދިޔައީ އެ އަޑަކީ އެތަނަށް އެ އަންހެން ޑޮކްޓަރު އަންނަ އަޑު ކަމުގައެވެ. އޭނާގެ ބައްޕަ ބެލުމަށް ހަމަޖެހިފައިވާ ޑޮކްޓަރަކީ ވެސް އެ ޑޮކްޓަރު ކަމަށްވީއިރު މިއަދު އޭނާ މިތާނގައި ނެތީ ކީއްވެގެން ހެއްޔެވެ؟
ޑޮކްޓަރަށް ދައްކައި ނިމިގެން ބައްޕަ ގޮވައިގެން ގޮސް ކާރަށް އެރުވިއެވެ. ބައްޕަ ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔަހެން އިދުރީހަށް ހީވިނަމަވެސް އެއަޑަށް އިދުރީހުގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ހޮސްޕިޓަލު ދޮރުމަތީގައި އެހެން ޑޮކްޓަރަކާއި ވާހަކަދައްކަން ހުރި އެ އަންހެން ޑޮކްޓަރަށެވެ. ޑޮކްޓަރ މަޢުރީން އަށެވެ. ކާރުގެ ދޮރުވެސް ލައްޕައިނުލާ އޭނާއަށް ފާޑަކަށް ދުއްވައިގަނެވުނީ މަޢުރީން މެންނާއި ދިމާއަށެވެ.
އިދުރީސް އޭނާއާއި ދިމާއަށް މިސްރާބުޖެހި ވަގުތު އިއްތިފާޤުން މަޢުރީން އަށް އެދިމާއަށް ބަލައިލެވިއްޖެ އެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާއާއި މަރިޔަމް އާއި ދެމީހުންނާ ދިމާއަށް އައިސްއައިސް ހުރީ ފިރިހެނެކެވެ. ބަލާބެލުމަށް ދަންނަ މީހެއް ހެން ހީވިޔަސް އެއީ ކާކުކަމެއް އޭނާއަކަށް ޔަޤީނެއް ނުވިއެވެ. އެމީހާގެ މޫނުން ފެންނަމުންދާ ކުލަވަރުން ކޮންމެވެސް އިމަޖެންސީއެއް ކުރިމަތިވެގެން އަންނަނީކަމަށްވެސް ވެދާނެޔޭ މަޢުރީންގެ ހިތަށްއެރި އެވެ. އެމީހުންނާއި ދާދި ކައިރިއަށް އެމީހާ އަށް އާދެވުނުއިރު މަރިޔަމް ވެސް ދައްކަމުންދިޔަ ވާހަކަ މެދުކަނޑައިލި އެވެ. އެމީހާ އާއި ދިމާއަށް ދެމީހުންނަށް ބަލަން ފެށުނީ އެމީހާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމަށް އިންތިޒާރުގައި ތިބިކަން ދައްކަމުންނެވެ.
“އައްސަލާމު ޢަލައިކުމް ދެ ޑޮކްޓަރުންނަށްވެސް. ސޮރީ މިހެން ކުއްލިއަކަށް ތި ދެބޭފުޅުންނަށް އުނދަގޫ ކުރެވޭތީ.” ސަލާމް ގޮވައިލަމުން އިދުރީސް ބުންޏެވެ.
“އަޅުގަނޑަކީ އިދުރީސް. އަޅުގަނޑު އެބަ ބޭނުންވޭ ތިބޭފުޅާއާ ވާހަކަ ދައްކައިލުމަށް.” މަޢުރީން އާއި ދިމާއަށް ނަޒަރު ހުއްޓާއިލަމުން އިދުރީސް ބުންޏެވެ.
“އޯހް، އަޅުގަނޑު ހަނދާން ވެއްޖެ ތިބޭފުޅާ،” ވަރަށް ގާތް ގޮތަކަށް މަޢުރީން ބުންޏެވެ. “އަޅުގަނޑުގެ ޕޭޝަންޓް ހަސަންބެ އެއީ ތިބޭފުޅާގެ ބައްޕަ ދޮގެއްތޯ؟”
“ތިޔަ ހީފުޅުވެލެއްވީ ރަނގަޅަށް.” އަވަސް އަވަހަށް އިދުރީސް ވެސް ޖަވާބުދިނެވެ. “ޑޮކްޓަރ ގެ ނަންބަރު ދެވިދާނެތޯ؟” އިދުރީސް އިތުރަށް ބުންޏެވެ.
“އޯ- ކޭ….” އަކުރުތަކަށް ދަމައިލަމުން މަޢުރީން ބުންޏެވެ. “ބައްޕަގެ ހާލު މިހާރު ރަނގަޅު ކަމަށް އުއްމީދުކުރަން.”
“ހާލު ރަނގަޅު،” އިދުރީސް ބުންޏެވެ. “އަޅުގަނޑު ބޭނުންވަނީ ކަމެއް ޑިސްކަސް ކޮށްލަން ޑޮކްޓަރާ، ޑޮކްޓަރ ބިޒީ ނޫން ވަގުތެއްގަ.”
“އަޅުގަނޑުގެ ނަންބަރަކީ – – 9958 ” މަޢުރީން ގެ ނަންބަރު އިދުރީސް ފޯނަށް ސޭވްކޮށްލިތަން ބަލަން މަޢުރީން އަށް ހުރެވުނީ ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއްގެ ތެރޭގައެވެ.
“ޑޮކްޓަރ ފްރީ ގަޑިއެއް ބަލައިލަން ގުޅާނަން، ގުޅާފަ ވާހަކަ ދެއްކާނަން.” ނަންބަރު ލިބުމުން އިދުރީސް ބުންޏެވެ. ފޯނު ޖީބަށް ލަމުން ކާރާއި ދިމާއަށް ހިނގައިގަތެވެ.
***~~~***
ގޭގެ ދޮރާށި ހުޅުވައިލި އަޑު ޝާއިލް އަށް އިވުމާއެކު އެއީ މަޢުރީން ކަން ޝާއިލް އަށް އެނގިއްޖެ އެވެ. އެވަގުތު ޝާއިލްގެ ގަޔަށް ފާޑެއްގެ ހީރޯޅިއެއް އަރައިގެން ހިނގައްޖެއެވެ. ރުޅިވެރިކަމު ދިލަ ހޫނެއް އެ ހީރޯޅިން އިޙްސާސް ކުރެވުނެވެ.
ވަރަށް އާދައިގެ ހިނގުމެއްގައި މަޢުރީން ގޮސް ގޭގެ ދޮރުހުޅުވައިލުމަށްފަހު ސިޓިންގރޫމްގައި އިން ޝާއިލް އާއި ދިމާއަށް ދިއުމަށް އަވަސްވެގަތެވެ. އާދައިގެން މަތިން ޝާއިލް ފެންނައިރަށް މަޢުރީން ބޭނުންވަނީ ޝާއިލް ވެސް އެންމެ ހިތްއެދޭގޮތަށް މަޢުރީންގެ ތުންފަތުގެ ހޫނުކަމުން ޝާއިލްގެ ތުންފަތަށް މަރުޙަބާ ކިޔާށެވެ. ޝާއިލް އަށް ބޮސް ދިނުމަށްޓަކައި ޝާއިލް އާއި ގާތަށް މަޢުރީން ކައިރިވެލުމާއިއެކު ހަޑިއެއްޗެއް ފެނިގެން ފަހަތަށް ޖެހިލާގޮތަށް ޝާއިލް އަށް ފަހަތަށް ޖެހިލެވިއްޖެ އެވެ.
‘މިއީ ދެން ކިހާބޮޑު ބަލާއެއް. ކަމެއް ވެގެން އުޅެޔޭވެސް މީނަޔަށް ހީނުވަނީތަ އައިސް ތަތްވެގަންނަން މިއުޅެނީ.’ މަޢުރީންގެ މޫނަށް ބަލައިލަންވެސް ޝާއިލްގެ ހިތްނޭދޭ ހާލު އޭނާގެ ހިތުން ކުދިކިޔެން ފެށުނެވެ.
އިޝާ ނަމާދަށް ބަންގި ގޮވަންފެށި އަޑާއެކު ޝާއިލް އަށް ހޭވެރިކަން ވެއްޖެ އެވެ. މުޅި ދުވަސް އެ ހޭދަކޮށްލެވުނީ އެއްވެސް ނަމާދެއް ނުކޮށޭ ހިތަށްއެރި އެވެ. މީގެކުރިން އެކަން އޭނާ ހަނދާނެއްވެސް ނެތެވެ. ހަމައިގައި ހުރެވޭ ވަރަށް ވުރެން ބޮޑަށް އޭނާއަށް މުޅި ދުވަސް ހޭދަކޮށްލެވުނީ ސިނގުރުޅިއެއްގައި ހުރެއެވެ. ރުޅި އާދެވެނީ ކީއްވެގެންކަން ޚުދު އޭނާއަށްވެސް ނޭނގޭ ކަހަލަ އެވެ. ކެއުން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރަން އޭނާ ހަނދާނެއް ނެތެވެ. ޝާއިލް އަށް ހޭވެރިކަން ވެގެން ސޯފާއިން ތެދުވަން ހިތަށްއެރި ވަގުތު މަޢުރީންގެ އަޑު ކޮޓަރިން އިވުނެވެ. ނަމާދަށް ދިއުމަށް ހަނދާން ކޮށްދިނުމަށް އޭނާގެ ލޯބިވާ އަންހެނުން ގޮވައިލި އަޑެވެ. ނަމަވެސް މަޢުރީންގެ އަޑު ޖެހުމާއެކު އޭނާގެ މިޒާޖު އަނެއްކާވެސް ސަކަރާތްވެއްޖެ އެވެ. ސޯފާއިން ނުތެދުވުމަށް ރަނގަޅަށް ސޯފާގައި ހަމަޖެހިލި އެވެ.
‘ކީއްކުރަން އަހަރެން ނަމާދު ކުރަންވީކީ؟ އަހަންނަށް ކޮންކަމެއް ރަނގަޅަށް މިންވަރު ކުރައްވާތީ؟’ ޝިރުކާއި ވަސްވާހުގެ ޚިޔާލުތަކުން ޝާއިލްގެ ސިކުނޑި ފުރެންފެށިއެވެ. ކައިރީގައި އޮތް ހަލާކުވެފައިވާ އޭނާގެ ލެޕްޓޮޕަށް ބަލައިލެވުމާއެކު އޭނާގެ ރުޅިވެރިކަން ފަޅައިގެން ހިނގައްޖެ އެވެ.
‘މަޢުރީން އަށް މަގޭ ލެޕްޓޮޕަށް ކަމެއްވެފަ އޮތްކަންވެސް ދެނެނުގަނެވުނު. އެހާވެސް އޭނަ އަހަންނާމެދު ސަމާލުކަން ނުދޭ.’ ޝާއިލްގެ ހިތަށް އެރިއެވެ.
ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަންއިރު މަޢުރީން އިނީ މުސައްލަ މަތީގައި ނަމާދުކޮށް ނިމިގެން ޒިކުރު ތަސްބީޙަ ކިޔާށެވެ.
“މިރޭ މީ ކާންވެސް ނުހަދާ ރެޔަކީތަ؟ ނޫނީ އެވަރު ކަމެއް ކޮށްދޭވަރަށް ވުރެންވެސް މޮޅު ބޭފުޅަކީތަ؟” ރުޅިވެރިކަމު އިންތިހާ ހިތިކަން ހުރި ބަސްތަކެއް މަޢުރީން އާއި ދިމާއަށް ޝާއިލް އޮއްސައިލިއެވެ.
ލިބުނު ހައިރާން ކަމާއެކު ޝާއިލް އާއި ދިމާއަށް ބަލަން މަޢުރީން އަށް އިނދެވުނީ އެވެ.
“އަހަރެން ދުޢާތައް ކިޔަން މިފެށީއޭ.” ކިޔަމަންތެރިކަމާއެކު މަޢުރީން ވާހަކަދައްކަން ފެށިއެވެ. “ދެތިން މިނެޓެއް ތެރޭގަ ނިމޭނެޔޭ. އެނގެއެއްނު ކޮންމެ ފަހަރަކު ޑެއިލީ އަޒްކާރު ކިޔަން އަހަރެން ހަނދާން ނުވާކަން. މިހެން ހަނދާންވާ ފަހަރަކުއެއްނު ކިޔައިލެވޭނީވެސް.” ހިތްގައިމު ހިނިތުންވުމެއް ދެވޭތޯ މަސައްކަތް ކުރަމުން މަޢުރީން ބުންޏެވެ.
ކިތަންމެ ރީއްޗަށް، ކިތަންމެ ހަމަޖެހޭ ވާހަކައެއް މަޢުރީން ދެއްކިޔަސް ޝާއިލް ހުރީ އެވާހަކަތައް އަޑުއިވޭ ވަރަށްވުރެން މާ މަތީގައެވެ. މަޢުރީން ދައްކާ ވާހަކައެއް ޤަބޫލު ނުކުރެވޭ ވަރަށް ވުރެންވެސް ބޮޑަށް ރުޅި އައިސްފައެވެ.
“ކޮންހާ އަނގައެއް އަރުވާކަށްތަ މީނދަ އަންހެނާ، ތެދުވޭ!… ހަމަ މިހާރު ގޮސް މަށަށް ކާން ހަދައިދީ. ތަކުރާރުކޮށް އަހަރެން މިހެން ބުނަން ނުޖައްސާތި!” އަޑުގެ ނެތްތަނަށް ޝާއިލް ފިލެން ފެށިއެވެ.
ގަތް ބިރާއި ލިބުނު ސިހުމުގައި މަޢުރީން އަށް ތެޅިގަނެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ޝާއިލްގެ މި އަދާއެއް މަޢުރީން އަށް ފެނިފައެއް ނެތެވެ. މުޅި ދުވަހު ހަތަރުދަން އެއްކޮށް ގޭގައި އިނުމުން ޝާއިލް ގެ މިޒާޖު އެއްކޮށް ޚަރާބުވީ ނޫންބާވައޭ މަޢުރީންގެ ހިތަށްއެރި އެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން މަޢުރީން ތެދުވެއްޖެ އެވެ. ޝާއިލް އާއި ދިމާއަށް ބަލައިލަންވެސް ނުކެރި ހުރެ ގޮސް ވަނީ ބަދިގެއަށެވެ. އެވަގުތު އެއްވެސް އިޚްތިޔާރަކާ ނުލައި މަޢުރީން އަށް ޝާއިލް ލޯ އަޅައިލިއެވެ. ހަމައެއާއެކު ބިރުވެރި ހިނިތުންވުމެއް ޝާއިލްގެ މޫނަށް ވެެރިވެއްޖެ އެވެ.
ނުނިމޭ
* ނޯޓް: މި ވާހަކަ އަދާހަމަކުރަމުން ގެންދާނީ ކޮންމެ ހަފުތާއަކު 2 ދުވަހު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!