ހަމުގެ މައްސަލަ ތަކަކީ ވަރަށް ގިނަބަޔަކަށް ކުރިމަތިވާ މައްސަލަތަކެކެވެ. އެގޮތުން އެސްވަޅު، އޮށްކަޅުތިލަ، އުން، ލަފު އަދި ދާބިހި ނެގުމާއި ހަމުގައި ލައްޖެހުމަކީ ޢާއްމުކޮށް ކުރިމަތިވާ ބައެއް މައްސަލަ ތަކެވެ.

މިފަދަ މައްސަލަތަކަށް ފަރުވާ ހޯދުމަށް އަގުބޮޑު ޑޮކްޓަރީ ބޭސް ގަނެގެން ބޭނުންކޮށް އެއިން އެންމެ އެދެވޭ ފައިދާއެއް ނުލިބި އޭގައި ހުންނަ ކެމިކަލްގެ ބާވަތްތަކުން ހަމަށް އިތުރު ގެއްލުން ތަކަކާއި ކުރިމަތިލާން ޖެހުމަކީ މަދުން ނަމަވެސް ކުރިމަތިވާ ކަންކަމެވެ. މީގެ މާނައަކީ އެފަދަ ބޭސްތައް ބޭނުންކުރުމުން ލިއްބައިދޭ ފައިދާއަށްވުރެން ބޮޑަށް ގެއްލުން ލިބޭގޮތް ވުމެވެ.

އެހެންކަމުން މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ގެވެށިފަރުވާ ތަކެއް ގެނެސްދޭނަމެވެ.

1- އޮށްކަޅުތިލަ އަށް ގެވެށިފަރުވާ

* ލޮނުމެދު

ލޮނުމެދެއް ދެބުރިކޮށްލުމަށްފަހު އޮށްކަޅުތިލައިގައި ޖައްސައި އޮއްބާށެވެ. އޮށްކަޅުތިލައިގައި ލޮނުމެދު ޗަސްކޮށްފައި އަޅާފައި 4 ގަޑިއިރު ބަހައްޓާށެވެ. އޮށްކަޅުތިލަ ހުލިވަންދެން މިގޮތަށް ކޮންމެ ދުވަހަކުވެސް ހަދަމުން ގެންދަށެވެ.

* އެޕަލް ސިޑަރ ވިނެގަރ (އާފަލު ރާހުތް)

ކަފަކޮޅެއް އެޕަލް ސިޑަރ ވިނެގަރ އަށްލައި ފޯކޮށްލުމަށްފަހު އޮށްކަޅުތިލަ މަތީގައި ހާކާށެވެ. އެއަށްފަހު ކަފަކޮޅު އަލުން ފޯކޮށްލައި އޮށްކަޅުތިލަ މަތީގައި އަޅާފައި ބެންޑޭޖްކޮޅަކުން ބަންދުކޮށްލާފައި 8 ގަޑިއިރު ބަހައްޓާށެވެ. އޮށްކަޅުތިލަ ހުލިވެ ވެއްޓެންދެން މިގޮތަށް ކޮންމެ ދުވަހަކުވެސް ހަދަމުން ގެންދަށެވެ. 8 ގަޑިއިރު ބެހެއްޓުމަށްފަހު ސާފުކޮށްލައި ކޮންމެވެސް މޮއިސްޗަރައިޒަރ އެއް އުނގުޅަން ހަނދާންކުރާށެވެ.

* އާމަނަކަ ތެޔޮ (ކާސްޓަރ އޮއިލް)

ކުޑަކުޑަ އާމަނަކަ ތެޔޮފޮދެއްގެ ތެރެއަށް ބޭކިން ފޯޑަރުކޮޅެއް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު އޮށްކަޅުތިލަައިގައި ހާކާށެވެ. ހަތަރެއް ނުވަތަ ފަސްވަރަކަށް ގަޑިއިރު ބަހައްޓާށެވެ. މަސްދުވަސް ވާންދެން މިގޮތަށް ހަދަމުން ގެންދާށެވެ. އިރާދަކުރެއްވިއްޔާ އޮށްކަޅުތިލަ ހުލިވާނެ އެވެ.

2- އުމަށް ގެވެށިފަރުވާ

* އެޕަލް ސިޑަރ ވިނެގަރ (އާފަލު ރާހުތް)

އެޕަލްސިޑަރ ވިނެގަރ އަކީ އުމަށް ފަރުވާ ދިނުމަށް ބޭނުންކުރަން ވަރަށް އެކަށީގެންވާ އެއްޗެކެވެ. މިކަމަށްޓަކައި ކަފަކޮޅެއް ވިނެގަރ އިން ތެތްމާލުމަށްފަހު އުމުގެ މަތީގައި އަޅާފައި ބެންޑޭޖުން ބަންދުކޮށްލުމަށްފަހު އެއްރޭ ވާންދެން ބަހައްޓާށެވެ.

ލޮލުގެ ބޮނޑިމަތީގައި އުމެއް ހުރިނަމަ، އެޕަލް ސިޑަރ ވިނެގަރ ގެ ބަދަލުގައި ފެންފޮދަކާއި އެއްކޮށްފައިވާ ޓީ ޓްރީ އޮއިލް ބޭނުންކުރާށެވެ. އެގޮތުން ޓީ ޓްރީ އޮއިލް ގެ ތެރެއަށް އަށް 3 ތިކި ފެން ޖަހައި ޑައިލޫޓް ކުރާށެވެ. އެއަށްފަހު ކަފަކޮޅެއް ތެލުން ތެތްމާލާ އުމުގައި އަޅާށެވެ.

* އަޔޮޑިން

ހަމުގައި ޖަހާ އުން ނައްތައިލުމަށް އަޔޮޑިން އަކީވެސް ވަރަށް ރަނގަޅު އަދި އެހާމެ ބޭނުންތެރި އެއްޗެކެވެ. އެހެން ނަމަވެސް އަޔޮޑިން ޖެހުމުގެ ކުރިން އުމުގައި ކާށިތެޔޮ ފޮދެއް ހާކަން ހަނދާން ނައްތައިނުލާށެވެ. ކަފަކޮޅެއް އަޔޮޑިން އިން ތެތްމާލުމަށްފަހު އުމުގައި ޖަހާށެވެ. ދުވާލަކު ދެއިރު މިގޮތަށް ހަދާށެވެ.

3- އެސްވަޅަށް ގެވެށިފަރުވާ

* ދޮންކެޔޮ

ދޮންކޭލަކީ އެސްވަޅު ނައްތައިލުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. އެގޮތުން ދޮންކެޔޮ ތޮށީގެ އެތެރޭ ބައި އެސްވަޅުގައި އަޅާށެވެ. ހަފުތާއެއް ވާންދެން ދުވާލަކު އެއްފަހަރު މިގޮތަށް ހަދާށެވެ.

* މާމުއި

މާމުޔަކީ ވެސް އެސްވަޅަށް ފަރުވާ ދިނުމަށް ބޭނުންކޮށްލަން ވަރަށް ރަނގަޅު ޤުދުރަތީ ފަރުވާއެކެވެ. ކޮންމެ ރެޔަކުވެސް އެސްވަޅުގައި މާމުއިކޮޅެއް އުނގުޅާށެވެ.

* ބޭކިން ސޮޑާ

އެއް ސައިސަމުސާ ބޭކިން ފޯޑަރު ތެރެއަށް އާދައިގެ ރާހުތްފޮދެއް ޖަހައި އޮލަ ޕޭސްޓަކަށް ވާންދެން ރަނގަޅަށް އެއްކުރާށެވެ. އޮށާލުގައި މި ޕޭސްޓް ޖެހުމަށްފަހު ބަހައްޓާށެވެ. ދުވާލަކު ދެއިރު މިހެން ހަދާށެވެ.

4- ކަޅު ލަށް ފިލުވުމަށް ގެވެށިފަރުވާ

* އެޕަލް ސިޑަރ ވިނެގާ އާއި ފިޔާ

ޗަސްކޮށްފައިވާ ފިޔާ ކޮޅެއްގެ ތެރެއަށް އެޕަލް ސިޑަރ ވިނެގާ ފޮދެއް ޖަހައި ރަނގަޅަށް އެއްކޮށްލުމަށްފަހު ކަޅު ލަކުގައި އަޅާފައި 15 މިނެޓް ބަހައްޓާށެވެ. ދުވާލަކު އެއްފަހަރު މިގޮތަށް ހަދާށެވެ.

* އެލޯ ވެރާ

ކަޅު ލަކުގައި އެލޯ ވެރާ ޖެލީ އުނގުޅާށެވެ. ބައިގަޑިއިރު ވާންދެން ބަހައްޓާށެވެ. ލަށް އެއްކޮށް ފިލަންދެން ކޮންމެ ދުވަހަކުވެސް މިހެން ހަދާށެވެ.

* ލުނބޯ ހުތް

ލުނބޯ ހުތަކީ ހަންގަނޑު ސާފުކޮށްދިނުމަށް ވަރަށް އެކަށީގެންވާ އެއްޗެކެވެ. ލުނބޯ ހުތާއި ފެނާއި އެއްވަރަކަށް އަޅައި އެއްކޮށްލާށެވެ. ކަފަކޮޅެއް ހުތުން ތެތްމާލައި ލަކުގައި އުނގުޅާށެވެ. 20 މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.

5- ދާ ބިހި ފިލުވުމަށް އަދި ބެލިފައި ހުންނަ ލޯވަޅުތަކުގެ ބެދުން ފިލުވުމަށް ގެވެށިފަރުވާ

* އާވިއެރުވުން

އާވި އެރުވުމަކީ ދާ ބިހި ފިލުވުމަށާއި ބެދިފައި ހުންނަ ހަމުގެ ލޯވަޅުތަކުގެ ބެދުން ފިލުވައިލުމަށް ވަރަށް އެކަށީގެންވާ ފަރުވާ އެކެވެ. ފެންފޮދެއް ހޫނުކުރުމަށްފަހު ތުވާއްޔެއް ބޮލުގައި އަޅައި ހޫނުފެނުން މޫނަށް އާވި އަރުވާށެވެ. (އަރިދަފުސް ރޯގާ ޖެހުމުން އާވި އަރުވާގޮތަށް). 15 މިނެޓާއި 20 މިނެޓް ވާންދެން މިގޮތަށް އާވި އަރުވާށެވެ.

* ބޭކިން ސޮޑާ

ހަމުގެ އެކްސްފޯލިއޭޝަނަށާއި ލޯވަޅުތަކުގެ ބެދުން ފިލުވައިލުމަށް ބޭކިން ސޮޑާ އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ބޭކިން ސޮޑާ އަށް ފެންފޮދެއް އަޅައި އޮލަ ޕޭސްޓެއް ތައްޔާރުކުރާށެވެ. މޫނުގައި މި ޕޭސްޓް ހާކާނީ ވަށް ބުރަކަށް ވާގޮތަށް އިނގިލި ހަރަކާތް ކުރަމުންނެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު ދޮވެލާށެވެ. ކޮންމެ ހަފުތާއަކު އެއްފަހަރު މިހެން ހަދާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.