ޕެނިކް ޑިސްއޯޑަރ (panic disorder)އަކީ “ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ޙާލަތެ”ވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައި ވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. ވުމާއެކު މިއިހްސާސް ތަކާއި އެއްގޮތަށް ހަށިގަނޑުވެސް އެއަށް އިޖާބަދީ އަމަލީގޮތުން އޭގައި ބައިވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމާއި ހިތުގެ ވިންދަށް ބަދަލުއައުމުގެ އިތުރުން، ހަށީގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތްތަކަށް ވެސް ބަދަލުއާދެއެވެ. އަދި އެފަދަ ވަގުތެއްގައި އަމިއްލަ ކޮންޓްރޯލުން ހުރިހާ ކަމެއް ނައްޓާލާފައިވާހެން ބަލިމީހާއަށް އިހްސާސް ކުރެވެއެވެ.
ޕެނިކް ޑިސްއޯޑަރ އަކީ އާންމު ދިރިއުޅުމުގައި ކުރިމަތިވާ ”ކަންބޮޑުވުމާއި ބިރުގަތުން” ފަދަ ކަންކަމާއި ތަފާތު ކަމެކެވެ. މިއީ ކުރިން އެނގުމަކާ ނުލައި (އިންޒާރަކާއި ނުލައި) ކުއްލިއަކަށް ކުރިމަތިވާ ނުރައްކާތެރި ޙާލަތެކެވެ. ތަކުރާރުކޮށް ޕެނިކް އެޓޭކް ކުރިމަތިވެ، އަދި އެކަމާމެދު ފިކުރުކޮށް ކަންބޮޑުވާ ހާލަތަކީ “ޕެނިކް ޑިސްއޯޑަރ” އެވެ.
ޕެނިކް އެޓޭކް(panic attack) އަކީ ކުއްލިއަކަށް ކާރިސާއަކާ ކުރިމަތިވެ، އަމިއްލަ ކޮންޓްރޯލްގެ ދަށުން ހުރިހާ ކަމެއް ނެއްޓިފައިވާ ކަމުގެ އިހްސާސް ވުމާއެކު، ކޮޅުނެތްކޮޅަށް ބިރުގަތުމެވެ. އާންމު ގޮތެއްގައި ޕެނިކް އެޓޭކް ގެ ދިގުމިނަކީ 10 މިނިޓެވެ. އޭގެ ފަހުން ބަލިމީހާ އާދައިގެ ޙާލަތަށް ބަދަލުވެއެވެ. ނަމަވެސް ބައެއް ފަހަރު އެއްގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރަށްވެސް މިކަން ދިގުލައިދެއެވެ. ޕެނިކް އެޓޭކް ކޮންމެ އިރަކު (މިސާލަކަށް ނިދާފައި އޮއްވައި) ވެސް ކުރިމަތިވެދާނެ އެވެ.
ކުރިން ޕެނިކް އެޓޭކް އެއް ޖެހުމަކީ ދެވަނަ ފަހަރު ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. ނުވަތަ އެފަދަ މީހަކަށް ކުރިން ޕެނިކް އެޓޭކް ނުޖެހޭ މީހަކަށްވުރެ، ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑެވެ.
ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު
ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް ދެގުނަ އިތުރެވެ. ނަމަވެސް ވަކި ގައުމެއްގެ ވަކި ނަސްލެއްގެ ވަކި ފަންތިއެއްގެ މީހުންނަށް މިބަލި ގިނައިން ޖެހޭކަން ފާހަގަކުރެވިފައެއް ނެތެވެ. އާންމުގޮތެއްގައި ބަލީގެ އަލާމާތްތައް ފާޅުވާން ފަށަނީ ފުރާވަރުގެ އުމުރުފުރާ ނިމި، އުމުރުން 20ގެ އަހަރުތަކުގެ ތެރޭގައެވެ. މިއަލާމާތްތައް ފުރަތަމަ ފާޅުވަނީ ހިތާމަވެރި ނުވަތަ ގިނައިން ވިސްނަންޖެހޭ ކަހަލަ ހާލަތެއް މެދުވެރިވުމުންނެވެ. މިސާލަކަށް މައިންބަފައިންގެ ތެރެއިން އެކަކު ނިޔާވުން ފަދަ ހާލަތްތަކުގައެވެ. ނަމަވެސް މިމައްސަލަ ދިމާވުމުގައި ފާޙަގަކުރެވޭ ވަކިސަބަބެއް ނެތުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.
ޕެނިކް އެޓޭކް ޖެހޭ ސަބަބު
ޕެނިކް އެޓޭކް ޖެހުމަށް މެދުވެރިވާ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ގުޅިފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ޕެނިކް ޑިސްއޯޑަރ ކުރިމަތިކޮށްފާނެ އެވެ. އެގޮތުން ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި:-
(ހ) އާއިލާގެ މެންބަރުންގެ ތެރޭގައި ދައުރުވަމުން އައުން : އާއިލީގޮތުން ވާރުތަވަމުން އަންނަ ޖީން އެއްގެ ސަބަބުން މިބަލި އާއިލާ ތަކުގެ ތެރޭގައި ދައުރުވާކަން ފާހަގަކުރެވިފައި ވެއެވެ.
(ށ) ސިކުނޑީގައި ޣައިރު ތަބީޢީ ކަމެއްހުރުން : އެގޮތުން ސިކުނޑި އަދި ނާރުތަކުގެ ނިޒާމްގައި ދައުރުކުރަންޖެހޭ ކެމިކަލް މާއްދާތައް ހުންނަންޖެހޭ މިންގަނޑުގައި ނެތުމަކީ ޕެނިކް ޑިސްއޯޑަރ މެދުވެރިވެދާނެ ކަމެކެވެ. ވުމާއެކު ބޭސް ބޭނުންކުރުމުން މިކެމިކަލް މާއްދާތައް އެހުންނަންޖެހޭ މިންގަނޑަށް ގެނައުމުގައި އެހީތެރިވެދެއެވެ.
(ނ) މަސްތުވާތަކެތި އަދި ބަނގުރާ ބޭނުންކުރުން : މަސްތުވާތަކެތި ބޭނުންކުރުމާއި، ބަނގުރާ ބުއިމަކީ ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަށް މެދުވެރިވެދާނެ ކަމެކެވެ. ޕެނިކް ޑިސްއޯޑަރ ހުންނަމީހުން އެކަމުން ދުރުވުމަށްޓަކައި ތަފާތު ވައްތަރުގެ ބޭސް އަދި މަސްތުވާތަކެތި ބޭނުން ކުރެއެވެ. ނަމަވެސް މިބާވަތުގެ ތަކެތި ބޭނުންކުރުމުގެ ސަބަބުން ބަލި އިތުރަށް ގޯސްވެ، ދިރިއުޅުންދެކެ ފޫހިވާ ހިސާބަށް ދެއެވެ.
(ރ) ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް : ދިރިއުޅުމުގައި ފިއްތުންތައް ކުރިމަތިކުރުވާ އެކި ކަންތައް (މިސާލަކަށް ބޮޑު ކާރިސާއެއް ހިންގުން، މައިންބަފައިންގެ ތެރެއިން އެކަކު ނިޔާވުން، ތިމާގެ މީހަކު މަރުވުން ފަދަ ކަންތައްތައް) ތަކުގެ ސަބަބުން ވެސް ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ޕެނިކް ޑިސްއޯޑަރ ކުރިމަތިވެފައި ވަނިކޮށް މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ބަލި އިތުރަށް ގޯސްވުމަކީ ވެދާނެ ގޮތެކެވެ.
ޕެނިކް އެޓޭކްގެ އަލާމާތްތައް
• ދާހިއްލުން
• ނޭވާ ކުރުވުން / އަވަސް އަވަހަށް ނޭވާލުން
• ހިތުގެ ވިންދު އަވަސްވެ ހިތް ބާރަށް ތެޅުން / މޭތެޅުން
• މޭގައި ރިހުން
• ހަނުހުންނަން އުދަގޫވުން
• ކަރުތެރެ ބެދި ނޭވާލާން އުދަގޫވާހެން ހީވުން
• ހަތަރެސްފައި އައްސިވުމާއެކު ގަޔަށް ކަށިހެރޭހެން ހީވުން
• ހަށިގަނޑު ފިނިވެ ހީކަރުވައި، ތުރުތުރުއެޅުން ނުވަތަ ބައެއްފަހަރު ހަށިގަނޑު ހޫނުވެ މޫނުރަތްވެ ދިލަނެގުން
• ދާހިއްލުން
• ހޭނެތުން / ޚަބަރު ހުސްވުން
• ތުރުތުރުއެޅުން
• ބޯއެނބުރުން
• މޭނުބައިކުރުން
• ބަނޑުގައި ރިހުން
• ވަރުބަލިވުން / ވަރުދެރަވުން
• ކުރިމަތީގައި ހިނގާ ކަންތައްތަކަކީ ހަގީގަތެއް ނޫންކަމަށްދެކި ވަށައިގެންވާ މާހައުލާއި ގުޅުންކެނޑުން
• އަމިއްލަ ކޮންޓްރޯލްގެ ދަށުން ކަންތައްތައް ނެއްޓިދާނެ ކަމުގެ ބިރުހީވުން ނުވަތަ މޮޔަވެދާނެ ހެން ހީވުން، ނުވަތަ ހާޓް އެޓޭކް ޖެހެނީ ކަމަށް ހީވުން، ނުވަތަ މަރުވަނީކަމަށް ހީވުން
ޕެނިކް އެޓޭކްގެ ސަބަބުން ދިމާވެދާނެ އިތުރު މައްސަލަތައް
ޕެނިކްވާ މީހުން އެންމެ ބޮޑަށް ބިރުގަންނަނީ އެފަދަ އެޓޭކެއް އަތުވެދާނެ ކަމަށެވެ. ވުމާއެކު އެފަދަ މީހުން މަސައްކަތްކުރާނީ އެފަދަ ކަމެއް ދިމާވެދާނެ ހުރިހާ ކަމަކުން ދުރުވެތިބުމަށެވެ. އޭގެ ތެރޭގައި ގެއިން ބޭރަށްނިކުތުން، ދުއްވާ އެއްޗިއްސަށް އެރުން، ސިނޑި ނުވަތަ ލިފްޓް ބޭނުންކުރުން ކޮޓަރި، ފާޚާނާ ފަދަ ތަންތަނުގައި އެކަނި ހުރުން، އަދި މިނޫންވެސް ދިރިއުޅުމުގެ އަސާސީ ކަންތައްތައް ކުރުމުން ފަސްޖެހޭގޮތްވެއެވެ. ވުމާއެކު އެހާލަތުގައި އާދައިގެ ދިރިއުޅުމެއް އުޅުމަކީ މުސްތަހީލުކަމަކަށް ވެދެއެވެ. އަދި ބައެއް ފަހަރު ޕެނިކް އެޓޭކެއް އަތުވެދާނެ ކަމުގެ ޚިޔާލުތައް ހިތުތެރޭގައި އަށަގަތުމުންވެސް މިފަދަ އެޓޭކް އަކާއި ކުރިމަތިލާން ޖެހިދެއެވެ. ވުމާއެކު މިފަދަ މީހުން އާންމުންގެ ތެރެއަށް ނިކުމެއުޅުމަށް ދެކޮޅު ހަދައެވެ.
ޕެނިކްވުމަށް ދެވޭ ފަރުވާ
ޕެނިކް އެޓޭކް ޖެހުން ނުވަތަ ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމުން ދެވައްތަރެއްގެ ފަރުވާ ދެވޭކަން ފާހަގަ ކުރެވިފައިވެއެވެ. އެއީ ބޭސްވެރިކަމުގެ ފަރުވާ އަދި ނަފްސާނީ ފަރުވާ އެވެ.
ނަފްސާނީ ފަރުވާ
ނަފްސާނީ ފަރުވާގައި ހިމެނެނީ “ސައިކޯތެރަޕީ” އަދި “ކަގްނިޓިވް ބިހޭވިއަރ ތެރަޕީ” އެވެ. ނަފްސާނީ ފަރުވާ ގައި ބަލިމީހާއަށް ތަފާތު 5 ކަމެއް ދަސްކޮށްދެއެވެ.
(ހ) – ބަލިއޮޅުންފިލުވައިދިނުން : މީގައި ބަލިމީހާގެ ބައްޔަކީ ކިހިނެއް ވާކަމެއް ކަމާއި، ބަލީގެ އަލާމާތްތައް ފާހަގަކުރަން ދަސްކޮށްދިނުމާއި، ފަރުވާކުރިއަށް ގެންދާނެ ގޮތް ބުނެދިނުން ހިމެނެއެވެ.
(ށ) – ފާހަގަކުރުން : ބަލިމީހާގެ އަތުގައިވާ ނޯޓް ފޮތެއްގައި ޕެނިކް ވާން ދިމާވާ ކަންތައްތަކާއި، ހިތްހަމަނުޖެހޭ ކަހަލަ ކަންތައްތައް ލިޔެނޯޓްކުރެވިދާނެ އެވެ.
(ނ) – ނޭވާލުން: ބަލިމީހާއަށް ޕެނިކް އެޓޭކް އެއް ޖެހުމުން ނޭވާލާނެގޮތް ދަސްކޮށްދީ އެކަމުގެ ތަމްރީނު ދެވެއެވެ.
(ރ) – އަލުން ވިސްނުވުން : މީގައި ބަލިމީހާއަށް ފަރުވާދޭ ފަރާތުން ދަސްކޮށްދޭނީ ޕެނިކްވުމުގެ އަލާމާތްތަކާއި އެކަމާމެދު ބަލިމީހާ ދެކޭގޮތް ބަދަލުކުރުމެވެ.
(ބ) – އަލުން މުޖުތަމަޢަށް ބަލިމީހާނެރެ ތަޢާރަފްކުރުން: މިމަރުހަލާގައި ބިރުގަންނަ ކަންތައްތަކުގެ ތެރެއަށް ބަލިމީހާ ނެރެ، ޕެނިކް އެޓޭކް ދިމާވާން މެދުވެރިވާ ހާލަތްތަކަށް ބަލިމީހާ ހުށަހަޅައި، މަޑުމަޑުން ތަމްރީނުދީ ބަލިމީހާ އަލުން މުޖުތަމައަށް ނެރެވެއެވެ.
ބޭހުގެ ފަރުވާ
ބޭސްބޭނުންކުރުމާއެކު ކުރިން ބުނެވުނު ނަފްސާނީ ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ. ބޭހެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރަނީ ޑިޕްރެސްވުން މަނާކުރާ ބޭސްތައް އެވެ. މީގެ އިތުރުން “އެންޓިއެންޒައެޓީ” ޑްރަގްސް ވެސް ދީއުޅެއެވެ. މިފަދަ ބޭސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ. ބައެއް ފަހަރު ހިތުގެ ބަލީގެ މީހުންނަށްދީއުޅޭ “ބީޓާ ބްލޮކަރ” އޭ ކިޔާ ބޭސްތައް ވެސް ބޭނުންކުރަންޖެހޭ ފަހަރު އާދެއެވެ.
މިހާރު ކުރިއަށްދާ ދިރާސާތަކުން އެނގޭގޮތުގައި ޕެނިކް ޑިސްއޯޑަރ އަކީ ފަރުވާކުރެވިއްޖެނަމަ މުޅިން ރަގަޅު ކުރެވިދާނެ ބައްޔެކެވެ. ބަލީގެ ކުރީކޮޅުގައި މިކަން ދެނެގަނެވި، އެކަށީގެންވާ ފަރުވާއެއް ލިބިއްޖެނަމަ އެއީ އަވަސް ޝިފާއަކަށް މަގުފަހިވާނެ ކަމެކެވެ. ރަގަޅަށް އެކަށޭނަގޮތުގައި ފަރުވާކުރެވިއްޖެނަމަ 90 އިންސައްތަ މީހުންނަށް ލުއިލިބޭކަން ފާހަގަ ކުރެވެއެވެ.
ރައްކާތެރިވުން
ޕެނިކް ޑިސްއޯޑަރ އަކީ ރައްކާތެރިވެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާ ފިއްތުން ތައް ކުޑަކުރުމަކީ ޕެނިކް ޑިސްއޯޑަރ މެދުވެރިވުން މަދުކޮށްދީ، ޕެނިކް ޑިސްއޯޑަރ އާއި ގުޅިގެން ކުރިމަތިވާ ތަފާތު އުދަނގޫތައް ކުޑަކޮށް ދަށްކޮށްދޭނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
• ކޮފީ، ކޯލާ ، ކަޅުސައި، ޗޮކްލެޓް ފަދަ ކެފޭއިން އެކުލެވޭ ބާވަތްތަކާއި ދުރުހެލިވުން
• އެއްވެސް ބޭހެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން : ބައެއް ބޭސްތަކުގައި ހުންނަ ކެމިކަލް ތަކަކީ އޭގެ ސަބަބުން “ހާސްވެ ކަންބޮޑުވު”މުގެ އުދަނގޫތައް އިތުރުކޮށްދޭ ކެމިކަލްތަކެވެ.
• ގަވާއިދުން ކަސްރަތު ކުރުން
• ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން
މައުލޫމާތު :
• ކުލުނު – 259 – ޕެނިކް އެޓޭކް – މާރޗް 2009
http://www.webmd.com/anxiety-panic/guide/mental-health-panic-disorder
http://www.webmd.com/anxiety-panic/guide/panic-attack-symptoms
http://www.apa.org/topics/anxiety/panic-disorder.aspx
ލިޔުން ނެގީ: ޞިއްޙަތު ބްލޮގުން
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ