ބާލާޖީ ޓެލެފިލްމްސް އިން އުފެއްދި ހަނދާނުން ފޮހެލަން ދަތި ސީރީޒް ތަކުގެ ތެރެއިން “ކަސޯޓީ ޒިންދަގީ ކޭ” ގެ އާ ސީޒަންގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ. މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭ ސިލްސިލާގެ ފުރަތަމަ ދައްކައިލުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވަނީ އޭނާގެ އިސްޓްގަރްމާގައި ހިއްސާކޮށްފަ އެވެ.

“ކަސޯޓީ ޒިންދަގީ ކޭ” މިފަހަރުވެސް ގެނެސްދެނީ ސްޓާ ޕްލަސް އިންނެވެ. މި ފަހަރު ސިލްސިލާގައި ޕްރޭނާގެ ރޯލް ކުޅޭނީ ޒުވާން ބަތަލާ އެރިކާ ފެނަންޑޭޒް އެވެ. އެކްތާ އާއްމުކޮށްފައިވާ ޕްރޮމޯ އާއި “ކަސޯޓީ ޒިންދަގީ ކޭ” ގެ ސީޒަން އެކެއްގެ ޕްރޮމޯ އާއި ހަމައެކަނި ހުރި ތަފާތަކީ ފެންނަ ކާސްޓެވެ. ޓައިޓްލް ލަވަ އާއި މަންޒަރުތައް ތަރުތީބުކޮށް ޑައިރެކްޓްކޮށްފައިވާ ގޮތް ވެސް ކުރިއެކޭ ހަމަ އެއްގޮތެވެ.

 

އެކްތާ ކަޕޫރްގެ އިތުރުން ބާލާޖީ ޓެލެފިލްމްސް އަދި ސްޓާ ޕްލަސް ގެ ރަސްމީ އިންސްޓަގްރާމުގައި ވެސް ވަނީ މި ޕްރޮމޯ އާއްމުކޮށްފައެވެ.

“ކަސޯޓީ ޒިންދަގީ ކޭ” ގެ ރަސްމީ ތީމް ލަވައިގައި މި ފަހަރު ވެސް ރަތް ދޯޕައްޓާ ހިމަނާފައިވާ އިރު، އެރިކާއާ އެކު އެކްޓަރެއްގެ ގޮތުގައި ފެންނަނީ ކާކުކަން ކަށަވަރުވާ ވަރެއް ނުވެ އެވެ. ނަމަވެސް އެއީ ޔަގީނުން ވެސް އަނޫރާގްގެ ރޯލުން ފެނިގެންދާނެ އެކްޓަރެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މިފަހަރު އަނޫރާގްގެ ރޯލުން ފެނިގެން ދާނީ “ކެއިސީ ހޭ ޔާރިއާން” ފަދަ ސިލްސިލާތައް ކުޅެފައިވާ ޕާތު ސަމްތާން އެވެ.

ޕްރޭނާ އަދި އަނޫރާގް ގެ ބައި ކުޅޭކަމަށް ބެލެވޭ އެރިކާ ފެނަންޑޭޒް އާއި ޕާތު ސަމްތާން

ބާލާޖީން މި ސީރީޒްގެ އެކްޓަރުން ސިއްރުކޮށްގެން ބެލުންތެރިންނަށް ސަޕްރައިޒެއް ދިނުމަށް ތައްޔާރުވަމުން އަންނައިރު ރިޕޯޓްތައް މިހާރު ބުނާ ގޮތުން ކޮމަލިކާގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ” ގައި ކުރިން އަކްޝަރާގެ ރޯލް ކުޅުނު ހީނާ އެވެ. އޭނާ ވަނީ “ކަސޯޓީ ޒިންދަގީ ކޭ” ގެ ރޯލެއް ހުށަހެޅިކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. މިސްޓަރ ބަޖާޖުގެ ރޯލް ކުޅޭނެ އެކްޓަރެއް ޔަޤީނާއި ގާތަށް އަދި އެއްވެސް މީޑިއާއެއްގައި ތިލަވެފައެއް ނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.