ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ “ދިވެހި ފިލްމު އެވޯޑްސް 9” އަށް ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

 

މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލް ކޮށްފައިވާ “ދިވެހި ފިލްމު އެވޯޑްސް 9” ގައި ބައިވެރިކުރެވޭނީ 2017 ވަނަ އަހަރު ނެރެފައިވާ ފިލްމުތައް ކަމަށް އެންސީއޭ އިން ބުނެއެވެ.

 

“ދިވެހި ފިލްމު އެވޯޑްސް 9” ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި “ދިވެހި ފިލްމު އެވޯޑްސް 9” ގެ އުޞޫލް ތައް އެންސީއޭގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ. އެންސީއޭ އިން ބުނީ ފިލްމުތައް ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 30 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ކަމަށެވެ.

 

“ދިވެހި ފިލްމު އެވޯޑްސް 9” ގެ އުސޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމަށް އެންސީއޭ އިން ބުނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުމަށް ވެސް އެންސީއޭ އިން އެދެއެވެ.

 

ދިވެހި ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ.

 

2017 ވަނަ އަހަރު ރިލީޒްކޮށްފައިވާ ބައެއް ދިވެހި ފިލްމު ތަކަކީ ފާހަގަކޮށްލެވޭ މޮޅު ފިލްމު ތަކެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމު ތަކަކީ “ނޯޓީ40″، “ވިޝްކާ”، “ހައްދު”، “މީ ލޯތްބަކީ” އަދި “ބޮސް” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.