ގަތް ބިރާއި ލިބުނު ސިހުމުގައި މަޢުރީން އަށް ތެޅިގަނެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ޝާއިލްގެ މި އަދާއެއް މަޢުރީން އަށް ފެނިފައެއް ނެތެވެ. މުޅި ދުވަހު ހަތަރުދަން އެއްކޮށް ގޭގައި އިނުމުން ޝާއިލް ގެ މިޒާޖު އެއްކޮށް ޚަރާބުވީ ނޫންބާވައޭ މަޢުރީންގެ ހިތަށްއެރި އެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން މަޢުރީން ތެދުވެއްޖެ އެވެ. ޝާއިލް އާއި ދިމާއަށް ބަލައިލަންވެސް ނުކެރި ހުރެ ގޮސް ވަނީ ބަދިގެއަށެވެ. އެވަގުތު އެއްވެސް އިޚްތިޔާރަކާ ނުލައި މަޢުރީން އަށް ޝާއިލް ލޯ އަޅައިލިއެވެ. ހަމައެއާއެކު ބިރުވެރި ހިނިތުންވުމެއް ޝާއިލްގެ މޫނަށް ވެެރިވެއްޖެ އެވެ.

 

***~~~***

 

މަޢުރީން އިނީ ސިޓިންގރޫމް ގައި ޓީވީ ބަލާށެވެ. ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމަށް އޭނާގެ ސަމާލުކަން އެއްވެސް ވަރަކަށް ދެވިފައެއް ނެތެވެ. ވޭތުވެދިޔަ ތިން މަސް އޭނާ ހޭދަކޮށްލީ ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ. ޝާއިލް އަބަދުވެސް ރުޅިގަދަވެފައި ހުންނާތީ އެވެ. ކިތަންމެ ކުޑަކަމަކާވެސް އޭނާ ރުޅިއައިސްދާނެތީ އެވެ. ޝާއިލް އަށް އެހާ ބޮޑު ބަދަލެއް އަންނަންޖެހޭ ސަބަބެއް މަޢުރީން އަކަށް ނުވިސްނުނެވެ. ވަޒީފާ ގެއްލުނަސް މަޢުރީން ދެކެ އެކަމާ ރުޅި އަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިއީ މަޢުރީން ދެކެން ބޭނުންވިފަދަ ދިރިއުޅުމެއް ނޫނެވެ. މަޢުރީން ދެކެން ބޭނުންފަދަ ގެއެއް ނޫނެވެ.

 

ކޮޓަރި ތެރެއިން އެކަތި ތަޅުވާލާފައި އަނެކަތި ތަޅުވަމުން ޝާއިލް އުޅެމުންދިޔަ އަޑުއަހަން އިން މަޢުރީންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް އޮހިގަންނާނެ ހިތްވަރެއް ނެތިފައިވާ ކަހަލަ އެވެ. ޝާއިލް ކޮންމެވެސް އެއްޗެއް ނުފެނިގެން އެއެއްޗެއް ފެނޭތޯ ކޮޓަރީގެ އެތަން މިތަން ހާވަމުން ދަނީކަން މަޢުރީން އަށް އެނގެއެވެ. އެކަމަކު އެ ހޯދަމުންދާ އެއްޗެއް ވެސް އެނގޭނީ މަޢުރީން ކައިރީގައި ބުނިނަމަ ތާއެވެ.

 

މިހާރު މަޢުރީންގެ ބަނޑަށް ފަސްމަހެވެ. އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އެންމެ ފުރަތަމަ ފަހަރަށް ތޮޅިލީ އިއްޔެ އެވެ. ބޭބީ ތޮޅިލުމާއެކު ވީ އުފަލުން މަޢުރީން ދުއްވައިގަތީ ޝާއިލް ކައިރީ ބުނުމަށެވެ. ނަމަވެސް ޝާއިލްގެ ލޮލުން ފެނުނު މަންޒަރުން އެކަމާ ޝާއިލްގެ އެއްވެސް ފަރުވާލެއް ނެތްކަން ކިތަންމެހާވެސް ރަނގަޅަށް އެނގުނެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ މަޢުރީންގެ ހިތަށް އެރިއެވެ. އޭނާގެ ކައިވެންޏަށް މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ މައުރީންގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އިވުނީ ‘ޝަމްހޫރިޝް’ ގެ ނަމެވެ. ކުރިމަތިވަމުން އަންނަ ހުރިހައި ކަމެއްގެ ފަހަތުގައި ވަނީ ޝަމްހޫރިޝް ނޫންބާވައެވެ؟ މަޢުރީން އަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އޭނާއަށް ކުރިމަތިވަމުން އަންނަ ހުރިހައި ހަލާކަކާއި ގެއްލުމެއްގެ ފަހަތުގައި ވަނީ އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އިޙްސާސް ކުރެވޭކަމަށް ޤަބޫލު ކުރެވޭ ޝަމްހޫރިޝް ނޫންބާވައޭ ހިތަށް އަރަންވީ ކީއްވެގެން ހެއްޔެވެ. އަނެއްކޮޅުން ޝަމްހޫރިޝް ގެ ޚިޔާލު އޭނާގެ ސިކުނޑިއަށް އަޔަސް ޝަމްހޫރިޝް ނުފެންނަތާ މިހާރު ދުވަސްކޮޅެއް ވެސް ވެއްޖެއެވެ. އޭނާ ބަލިވެއިންފަހުން ޝަމްހޫރިޝް އަށް އެ ބަދަލު އައީ ކީއްވެގެން ހެއްޔެވެ. ޚިޔާލީ ދުނިޔެއިން މަޢުރީން އަށް ނިކުމެވުނީ ޝާއިލް އައިސް ސިޓިންގރޫމްގައި ހުއްޓުމުންނެވެ.

 

“އަހަރެން މިދަނީ ބޭރަށް، ވަރަށް ދަންވާ ފަހުންކަން ނޭނގެ އާދެވޭނީ.” ޝާއިލް ބުންޏެވެ.

 

“ލޯބީ ކޮންތާކަށް ތިދަނީ، މިރޭ މީ ހުކުރުވިލޭ ރެޔެއްނު!” މަޢުރީން ސުވާލުކޮށްލި އެވެ.

 

“އޭ މީނދަ އަންހެނާ، ކަލޭ ކޮން ހައިސިއްޔަތަކުން އަހަރެން ދާހާ ތަނެއް ތި އަހަނީ، އޭނ؟” ދަތްކުނޑި ވިކައިލަމުން ޝާއިލް ބަވަން ފެށިއެވެ. “މާ އަނގަ ގަދަނުކޮށް އަހަރެން ރުޅިނާރުވާ އިނދޭ!”

 

“ރުޅި އޭ…” އަމިއްލަ ނަފުސަށް އަޑުއިވޭ ވަރަށް މަޢުރީން އަށް ބުނެވުނެވެ.

 

މަޢުރީން ބަލަން ހުއްޓާ ޝާއިލް ގޮސް ސިޓިންގރޫމްގެ ދޮރުހުޅުވާލައި ބޭރަށް ނިކުމެ ދޮރުލެއްޕި އެވެ. އަވަގުތު ބޭއިޚްތިޔާރުގައި މަޢުރީންގެ ބޮޑު ބަނޑުގައި އަތްއުނގުޅައިލެވުނެވެ. މަންމަމެން ކައިރިއަށް އެގެއަށް ގޮސްލަންވީ އޭ ހިތަށްއެރި އެވެ. މިޒާޖު ގޯސްވެފައިވާ އޭނާގެ ފިރިމީހާ ޝާއިލްގެ އެއުޅުން ރަނގަޅުކޮށްލެވިދާނެ އުކުޅެއް މަންމަ ކައިރީ އެވާހަކަ ދައްކައިލުމުން އެނގިދާނޭ ހިތަށްއެރިއެވެ.

 

ކުއްލިއަކަށް މަޢުރީންގެ ފައިގެ ފަލަމަސްގަނޑަށް ހީލިއަރަން ފަށައިފި އެވެ. ހީވަނީ ކޮންމެވެސް މީހެއްގެ އަތުން އޭނާގެ ފަލަމަސްގަނޑުގައި ފިރުމަމުންދާހެންނެވެ. ދެފައި ކައިރިކޮށް ފިއްތައިލެވުނީ ކުރެވެމުންދިޔަ ހިތްގައިމު އިހްސާސެއްގެ ސަބަބުންނެވެ. ބޭއިޚްތިޔާރުގައި މަޑުމަޑުން ނަމަވެސް ކުކުރެން ފެށުނީ ލިބެމުންދިޔަ ލައްޒަތަށް އިޖާބަ ދެވެން ފެށުމުންނެވެ. އޭރު އޭނާގެ ފައިގައި ފިރުމަމުންދިޔަ އަތްތިލައިގެ ހަރަކާތްތައް ކުރިއަށްވުރެން މައްޗަށް އަރަމުން ދިޔައެވެ. މަލުގެ ފިޔަތައް ރޫޅެންފެށީ އެހިސާބުންނެވެ. ޝަމްބަމްގެ ތިކިތަކުން މަލުގެ ކަރުގަނޑު ތެމިފޯވަމުން ދާންފެށީ އެ އަތްތިލަގެ ކުޅަދާނަ ހަރަކާތްތަކުން ލިބެމުންދިޔަ އަރާމެއްގެ ސަބަބުންނެވެ. އެވަގުތު ހަމަ ކުއްލިއަކަށް މަޢުރީން އަށް ހޭވެރިކަން ވާންފަށައިފި އެވެ. ސިޓިންގރޫމުގެ ހަފަރާތަށް ނަޒަރު ހިންގައިލެވިއްޖެއެވެ. އެތަނުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އެވަގުތު އެންމެ ފުރަތަމަވެސް މަޢުރީން ހިތަށްއެރީ ވީ އެންމެ އަވަހަކަށް ގެއިން ބޭރަށް ނިކުތުމަށެވެ. އެކަމަކުވެސް މަޢުރީން އަށް އިނދެވުނީ އެވެ. ބިރުންގޮސް ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ހީވީ މުޅި ހަށިގަނޑު އެއްކޮށް ވާވެފައިވާހެންނެވެ. ނޫނެކެވެ. ބިރުން އެކަންޏެއް ނޫނެވެ. ލިބެމުންދިޔަ ފޮނި ލައްޒަތަށް އެދެވޭލެތް ބޮޑުކަމުންވެސް މެއެވެ.

 

މަޢުރީންގެ ބުޑާއި ހަމައަށް އެ ނުފެންނަ އަތްތިލައިގެ ބީހުންތައް ދިއުމާއެކު، އޭނާއަށް ލޯ މަރައިލެވުނެވެ. ހަށިގަނޑަށް ކުރެވެމުންދިޔަ ހުވަފެނީ އިޙްސާސްތަކަށް ދެވެންފެށުނު ރައްދަމަލަށް އަމާންދެވުނެވެ.

 

“އަހަރެންގެ ލޯބީ ނިކަން ލޯ ހުޅުވާލަބަލަ!” ކުއްލިއަކަށް އިވުނީ ވައި އަޑަކުން ފިރިހެނެއް މަޢުރީން އަށް ގޮވައިލި އަޑެވެ. އެއަޑަށް މަޢުރީން ލޯހުޅުވައި ބަލައިލިއެވެ. ކުރިމަތިން ފެނުނީ ވައިގެ ތެރެއިން ސޫރައެއް އުފެދެމުން އުފެދެމުން ގޮސް ނުވެސް ދަންނަ ފިރިހެނެއް އޭނާގެ ކުރިމަތީގައި ހުއްޓައެވެ. އެމީހާ ފެނުމުން މަޢުރީން ހައިރާންވެ ބިރުގަންނަން ޖެހުނަސް އެއިން އެއްވެސް އިޙްސާސެއް ނުކުރެވުނެވެ. ބިރުންގޮސް ހަޅޭއްލަވައި ތަންގަނޑު އެންމެ އެއްކޮށްލާވަރުގެ ކަމެއް ވިއިރު އެކަމެއްވެސް އޭނާއަކަށް ނުކުރެވުނެވެ. ނުވަތަ ދުވެފައި އެގެއިން ނިކުމެގެން ރައްކާވާކަށް ވެސް ނޫޅެވުނެވެ.

 

އޭގެ ބަދަލުގައި މަޢުރީންގެ ތުންފަތް ހަރަކާތްކޮށްލި އެވެ.

 

“ޝަމްހޫރިޝް ދުރުގަ އުޅޭތާ ހާދަ ދުވަހެއް ވެއްޖޭ!” މަޢުރީން އަށް ކުރެވުނީ ޝަކުވާއެވެ.

 

މަޢުރީން މޮޔަވެއްޖެ ކަމަށް އަމިއްލައަށް އިޙްސާސް ކުރެވޭ ހިސާބަށް ކަންކަން ހިނގައްޖެކަން ޚުދު އޭނާއަށް ވެސް މިހާރު ޤަބޫލުކުރެވެން ނުވޭހެއްޔެވެ؟

 

މަޢުރީންގެ ޝަކުވާގެ އަޑަށް ޝަމްހޫރިޝް ގެ ތުންފަތަށް ވެރިވީ އޭނާގެ އެ ހުންނަ ޖާޒްބީ ހިތްގައިމު ހިނިތުންވުމެވެ.

 

“ނާދެވި އެހާދުވަސް ވިތަން އަނބުރާ ހޯދަން އުޅެން ހިނގާދޯ؟” ޝަމްހޫރިޝް ގެ އަޑުގައި ވަނީ މަސްތީކަމެވެ. އެއަޑު އިވުމުން މަޢުރީން އަށް ހީވީ ކޮންމެވެސް ކަހަލަ މަސްތީ ޝަރާބެއްގެ ކޯވަރެއް ބޮވުނުހެންނެވެ. މަޢުރީން ބޭނުންވީ އެ މަސްތުގެ ކަނޑަށް ގެނބި ޣަރަޤުވާށެވެ. އެކަމަށް މަޢުރީންގެ ރޫޙާއި ޖިސްމުން އެންމެ ފުރިހަމައަށް އިޖާބަދެވެން ފެށުނެވެ.

 

***~~~***

 

މަޢުރީން އަށް ހޭލެވުނީ ވަރަށް ބޮޑަށް ވަރުބަލިގެންނެވެ. ހޭލެވުނުއިރު ގައިގައި އެންމެ ފޭރާމެއްވެސް ނެތެވެ. އެވަގުތު މަޢުރީންގެ ހަނދާނަށް އަންނަންފެށީ ކަރާއިކަރު މަހާލައިގެން، ދެ ނޭވާ ގުޅާލައިގެން އުޅެވުނު ގޮތެވެ. ފިރިހެން ވަންތަ، އެހާމެ ސަޅި ޝަމްހޫރިޝް އާއި އެކުގައެވެ. ކަންވީގޮތް ހަނދާނަށް އައުމުން މިފަހަރު މަޢުރީން އަށް ކުރެވުނު ކަންތަކާއިމެދު ދެރަވެއްޖެ އެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވިއްޖެ އެވެ. ޝަމްހޫރިޝް ގެ އެދުންތަކަށް އޭނާއަށް ދެކޮޅު ނެހެދެނީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ. މާދަން ހޮސްޕިޓަލަށް ނިކުމެފައި ސައިކޭޓްރިސްޓަކަށް ދެއްކުމަށް ސިކުނޑިތެރޭގައި ނޯޓެއް ހަދައިލެވުނީ ކަންތައްތައް ގޯހުން ގޯހަށް ދާކަން ވިސްނައިލެވުމުންނެވެ.

 

ތެދުވެ ގަޑިއަށް ބަލައިލި އެވެ. އިރުއޮއްސުމާމެދު އަދި ވަގުތުކޮޅެއް އެބަހުއްޓެވެ. އޭނާގެ މަންމަގެ ގެއަށް ދިއުމަށް އަދި ލަހެއް ނުވެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ބޭރަށް ދިއުމަށް ތައްޔާރުވާން ކޮޓަރިއަށް ވަނެވެ.

 

***~~~***

 

“އަހަންނަށް ހީވަނީ ޝާއިލް އަށް މިއަދު ކުރިމަތިވެފަވާ ޙާލަތާމެދު މަޢުރީން އަށް އެހާ އެއްބާރުލުން ނުދެވެނީހެން. މަޢުރީން އުޅެނީ ނުލާހިކު ބިޒީކޮށް، އޭނަ މަޢުރީން ދެކެ ރުޅިއައިސްފަ އެހުންނަނީ އެހެންވެގެން ކަމަށްވެސް ވެދާނެއެއްނު.” މަޢުރީންގެ މަންމަގެ ދައްތަ ނުވަތަ މަޢުރީންގެ ބޮޑުދައިތަ ދޮންކަތްދަ ގެ ރައުޔަކީ އެއީ އެވެ.

 

ބޮޑުދައިތަގެ ބަސްތައް އިވުމުން މަޢުރީން ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ. އެއްޗެއް ބުނަން ކިތަންމެ ބޭނުމަސް އެއްވެސް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަމަކު ބޮޑުދައިތަ އެހެން ބުނަންވީ ކީއްވެގެން ހެއްޔެވެ؟ މަޢުރީން ތަހައްމަލު ކުރަމުންދާ ކަންތައްތަކުގެ ކުޑަނަމަވެސް ކަންފުޅެއް ބޮޑުދައިތައަށް ވަޒަންކޮށްލެވޭ ބާވައެވެ؟ އެހެން ނޫނަސް މިއަދު ބޮޑުދައިތަ އެގެއަށް އައިސް އެއުޅެނީވެސް ކީއްކުރަން ހެއްޔެވެ؟

 

“ކަންބޮޑުނުވޭ މަގޭ ދަރިފުޅާ،” މަޢުރީންގެ މަންމަ ބުންޏެވެ. “އޭނައަށް ވަޒީފާއެއް ލިބޭއިރަށް، ކުރިއެކޭވެސް އެއްގޮތަށް ރަނގަޅަށް އޭނަ އުޅެންފަށާނެ.”

 

މަންމަ އެހެން ބުންޏަސް މަޢުރީން އަށް އެކަމުގައި އެހާ ޔަޤީންކަމެއްް ނެތެވެ.

 

“އާނ.” ބޮޑުދައިތަ ދޮންކަތްދަ ވެސް މަންމަގެ ވާހަކައިގައި ބައިވެރިވިއެވެ.

 

“ފިރިހެނުންނަކީ ފިސާރި ޒާތްކޮޅު ބޮޑުބައެއް. އެމީހުންނަށް ފިސާރި އުނދަގޫ ވާނެ ކިރިޔާވެސް ބަލިކަށި ބައެއްގެ ގޮތުގަ އުޅެން ޖެހިއްޖެއްޔާ. ފިރިހެނަކު ވަޒީފާ އެއް ނެތި އެހެން ހުންނަންވީމަ ފިސާރި ބަލިކަށި މީހެއް ކަމަށް އަމިއްލަ ނަފުސާމެދު ދެކޭނެ.”

 

މިފަހަރު ބޮޑުދައިތަ އެބުނީ ރަނގަޅު ވާހަކައެކެވެ. އެކަމަކުވެސް ބަލިވެ އިން ތިމާގެ އަނބިމީހާ އާމެދު އެހާ އިނާނެތިކޮށް ކަންތައްތައް ކުރަންވާނެ ހެއްޔޭ މަޢުރީންގެ ހިތަށްއެރި އެވެ.

 

މަޢުރީން އަށް ކުރިމަތިވަމުން އަންނަ ކަންތައް ގަނޑުގެ ވާހަކަ މަންމަ ކައިރީ ކިޔައިދޭންވީއޭ ހަމަ އެވަގުތު ހިތަށްއެރި އެވެ. އާނއެކެވެ. ބޮޑުދައިތަ ދޮންކަތްދަ ގެޔަށް ދާންދެން އެވާހަކަ ނުދައްކައި އިހަށް މަޑުކޮށްލަން ޖެހެއެވެ.

 

އިރުކޮޅެއް ފަހުން މަޢުރީންގެ މަންމަ އާއި ބޮޑުދައިތަގެ އަމިއްލަ ވާހަކަތަކުގެ ތެރެއަށް ވަދެއްޖެ އެވެ. އެވަގުތު މަޢުރީން ފާޚާނާއަށް ދާން ޖެހިގެން ތެދުވި އެވެ. އޭރު އޭނާގެ ދަށްބަނޑު ފަޅައިގެންދާވަރަށް ހުރީ ދާން ބޭނުންވެފައެވެ. ތެދުވެ ސިޓިންގރޫމް ތެރޭގައި ހުންނަ ފާޚާނާއަށް ދާން ހިނގައިގަތް ވަގުތު ޕޮއް ކިޔާފައި އަޑެއް އިވުމާއެކު މަޢުރީންގެ ދެފައި ދޭތެރެއިން ފެންތަކެއް ފައިބަން ފަށައިފި އެވެ. މަޢުރީންގެ އެއްވެސް އިޚްތިޔާރެއް ނެތި އެވެ.

 

“އަހަރެންގެ ދަރިފުޅާ!!” މަޢުރީން އަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

 

މަޢުރީން އަށް ކަކޫމައްޗަށް އިށީންދެވުނީ މުށިގަނޑުމަތީގައި ހުރި އެމްނިއޮޓިކް ދިޔަވަރާއި ލޭތައް ތެރެއަށެވެ. އެވަގުތު މަޢުރީންގެ ސިކުނޑީގައި ވަނީ ހަމަ އެންމެ ކަމެކެވެ. “އަހަރެން ބަރުބާދުވެއްޖެ. ޔަޤީން އެވާނީ ބައިގެންދިޔައީ!”

 

މަޢުރީންގެ ހަޅޭކުގެ އަޑަށް މަޢުރީން ކައިރިއަށް ދުވެފައި ގޮސް ހުއްޓުނު އޭނާގެ މަންމަ އަށް ދެވަނަ އެހެން ކަމެއް ނުކުރެވެއެވެ. ހަޅޭއްލަވައި ރޮމުން ގެންދިޔައެވެ. ކައިރީގައި ބޮޑުދައިތަ ހުރެގެން މަޢުރީންގެ މަންމަ ހުއްޓާލެއްވޭތޯ މަސައްކަތް ކުރަމުން، މަޢުރީން ނަގައިގަނެގެން ބޭރުގޭ ދޮރާއި ދިމާއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ގޭތެރެއިން އިވެމުންދިޔަ އަޑުފަށްގަނޑަށް ބޮޑުދައިތަގެ ކާރު ދުއްވަން ގެންގުޅޭ ނަހުޔާން އެދިމާއަށް ދުވެފައިގޮސް މަޢުރީންގެ އެއްފަރާތުގައި ހިފެހެއްޓި އެވެ. އެވަގުތު ބޮޑުދައިތަ ގެ އިޝާރާތަށް ނަހުޔާންގެ އަތްދަނޑިމައްޗަށް މަޢުރީން ނަގައިގަނެގެން ގެންގޮސް ކާރަށް އެރުވި އެވެ. ނަސީބަކުން މާގިނައިރުތަކެއް ނުވެ ހޮސްޕިޓަލާ ހަމައަށް ފޯރައިފި އެވެ.

 

***~~~***

 

“ބޭބީ ސަލާމަތެއް ނުކުރެވޭނެ!” ކޮންމެވެސް މީހަކު ބުނިއަޑު މަޢުރީން އަށް އިވުނެވެ.

 

“އަދި މިވީ ގާތްގަނޑަކަށް ވިއްސަކަށް ހަފުތާ، މިހާ އަވަހަށް ފެންދުލި ފަޅައިގެންގޮސް ހުރިހައި ފެނެއް ބޭރުވެއްޖެ. ބޭބީގެ ވަށައިގެން ޔުޓެރަސް އަރައި ބައްދާލާނެ، ބޭބީ ނޭވާ ހާސްވެ މަރުވާނެ. އަހަރުމެން މިކަމުގަ ގިނައިރު ކުރިވަރަކަށް މަޢުރީން އަށް އިންފެކްޝަނާ ކުރިމަތިލާން ޖެހޭ މިންވަރު ހައްތަހާ އިތުރުވާނީ.”

 

ދެން ޑޮކްޓަރުން ބުނާނީ ކީކޭކަން މަޢުރީން އަށް ހަމަ ރަނގަޅަށް އެނގެއެވެ. ޑޮކްޓަރުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.

 

“ވީވިލް އިންޑިއުސް ހަރ ޓު މޭކް ދަ ފީޓަސް ކަމް އައުޓް ހަރ.” މިފަހަރު ވާހަކަދެއްކީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެންމެ ސީނިޔަރ ގައިނޮކޮލޮޖިސްޓް ޑޮކްޓަރ މީތާ ކަން މަޢުރީން އަށް އެނގުނެވެ.

 

އޭނާގެ ކައިރީގައި ހުރެގެން މަންމަ ގިސްލަމުންދާ އަޑުވެސް މަޢުރީން އަށް އިވެމުންދިޔަ އެވެ. ޑޮކްޓަރުން މަޢުރީންގެ މަންމަގެ ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ އަޑުވެސް އިވެމުން ދިޔައެވެ.

 

ހެއިނައްތާ އިންޖެކްޝަން ޖެހުމާއިއެކު މަޢުރީންގެ ލޯމެރިއްޖެ އެވެ. އޮޕަރޭޝަން ތިއޭޓަރުގައި ތިބި މީހުންނަށް ހީވީ މަޢުރީން އަށް ނިދުނީ ކަމަށެވެ. ނަމަވެސް މަޢުރީން އަށް ވާނުވާ އެނގެއެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތް ވުމަށް އެދި މަޢުރީން އަށް ދުޢާ ކުރެވެން ފެށުނެވެ. ދަރިފުޅަށް މިކަންތައްގަނޑެއް މި ދިމާވީ ޚުދު އޭނާގެ ސަބަބުން ކަމަށް އިޙްސާސް ކުރެވުނެވެ. ބަލިވެ އިނުމަށްފަހު ތަންކޮޅެއް ބޮޑަށް އަމިއްލަ ހަށިގަނޑާއި ޞިއްޙަތަށް ފަރުވާތެރި ވެވުނު ނަމައޭ ހިތަށްއެރި އެވެ. މަޢުރީންގެ ހަމަހޭވެރިކަން ނެތިގެން ދިޔައީ އަމިއްލަ ނަފުސު ކުށްވެރިކޮށް ހިތުތެރެއިން ކުދިކިޔަމުން ދަނިކޮށެވެ.

 

***~~~***

 

މަޢުރީންގެ ނަޒަރުން

އަހަންނަށް ހޭލެވުނީ ވަރަށް އަނދިރި ކޮޓަރިއެއްގެ ތެރެއަށެވެ. އެންމެ ފުރަތަމަ އަހަރެން ބިރުވެސް ގަތެވެ. އަހަންނަށް އޮވެވުނު ތަނެއް ނޭނގޭތީ އެވެ. ނަމަވެސް ހޮސްޕިޓަލު ތެރެއިން އެދުވާ ޑެޓޯލް ވަހާއި ޑިސްއިންފެކްޓެންޓް ގެ ވަހުން އަހަންނަށް އޮވެވުނީ ހޮސްޕިޓަލުގައި ކަން ހަނދާން ވިއެވެ. އަހަރެންގެ ހާލު ބަލައިލަން ފިރިމީހާ ޝާއިލް ނުވެސް އާދެ އެވެ. އަހަރެން ވަރަށް ދެރަވި އެވެ. އޭނާ އެހައި ވަރަކަށް އަހަރެންދެކެ ރުޅި އަންނަންވީ ކީއްވެގެން ހެއްޔެވެ؟ މަޑުމަޑުން އަހަންނަށް ގިސްލެވެމުން ދަނިކޮށް އަހަންނަށް ނިދިއްޖެ އެވެ.

 

އަނެއްކާވެސް އަހަންނަށް ހޭލެވިއްޖެ އެވެ. އެކަމަކު މިފަހަރު ހުރިހައި ކަމެއްވެސް ފެންނަނީ މުޅިން ތަފާތުކޮށެވެ. ހޮސްޕިޓަލުގެ އެހެން ވޯޑުތަކުގައި އުޅޭ މީސްމީހުންގެ އަޑު އަހަންނަށް އިވެމުންދާކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ. އެކަމަކުވެސް އަހަރެންގެ ހަށިގަނޑަށް ގުޑުމެއްވެސް އަރުވައެއް ނުލެވުނެވެ. އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. އަހަންނަށް އިޙްސާސް ކުރެވެމުން ދިޔައީ އަހަރެން މަރުވެފައި އޮތްކަމަށެވެ. މަރުވެފައި އޮތަސް އަހަރެންގެ ހަށިގަނޑު ތެރޭގައި އަހަރެންގެ ފުރާނަ ތާށިވެފައި އޮތްކަމަށެވެ. މީހަކަށް އަޑުއިވޭތޯ ހަޅޭއްލެވުމަށް އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ކަރު ހިކިފައިވާކަމުގެ އިޙްސާސް ކުރެވުނެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަމިއްލަ ހަށިގަނޑަށް ތިމާގެ އެއްވެސް ބާރެއް ނުހިނގާ ހާލުގައި އޮންނަން ޖެހުމަކީ ކިހާ ގޯސް ހާލަތެއް ހެއްޔެވެ؟ ކުއްލިއަކަށް، އަހަރެން ކައިރީ އެހެން މީހެއް ހުރިކަމުގެ އިޙްސާސެއް ކުރެވުނެވެ. އާނއެކެވެ. އެނދު ކައިރީގައި ކޮންމެވެސް މީހަކު އެބަހުއްޓެވެ. އެމީހާގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެމުންދާ ކަމުގެ އިޙްސާސް ކުރެވުނެވެ. އެ ނޭވާތަކުގެ ވަސް ކައިރިން ބަލައިލުމަށް އަހަރެން އިންތިހާއަށް ބޭނުންވި އެވެ. ނަމަވެސް އެވަގުތު އަހަރެން ކައިރީހުރި ސޫރަ ވަރަށް ބާރަށް ހޭންފެށި އެވެ. އެ ގަދަފަދަ ހުނުމުގެ އަޑަށް އަހަރެންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން ފުރޮޅިލާން ބޭނުންވިޔަސް ހަށިގަނޑު އޮތީ އެއްކޮށް ވާވެފައެވެ. މާގިނައިރެއް ނުވެ އެމީހާގެ ދިގު ނިޔަފަތިތަކުން އަހަރެންގެ މޫނާއި، އަތާއި އަދި ބަނޑުގައި ވަކިއަޅަން ފެށިއެވެ. އަހަރެން މި މަރުވަނީއޭ ހީވަމުންދިޔައެވެ. އެވަގުތު އަހަރެން ކައިރީހުރި ސޫރައިގެ މޫނު އަހަރެންގެ މޫނާއި ކައިރިކޮށްލައިފި އެވެ. އަހަރެންގެ ހޭވެރިކަން އެއްކޮށް ކެނޑޭހާ ބާރަށް އަހަންނަށް ހަޅޭއްލަވައިގަނެވިއްޖެ އެވެ.

 

***~~~***

 

ޝާއިލްގެ މައިދައިތަ ޝާއިލް އަށް ގުޅާފައި ރަނގަޅަށް ދީފިއެވެ. މަޢުރީން ބައިގެންދިޔަ ވާހަކަވެސް ބުންޏެވެ. ނަމަވެސް އެކަމުންވެސް ޝާއިލް ގެ ރުޅިގަނޑު ހައްތަހާވީ ގަދައެވެ.

 

‘އެ ނަގޫ– އަހަރެންގެ ދަރިއޭ އެ ކައިލީ!’ ޝާއިލްގެ ހިތަށް އެންމެ ފުރަތަމަވެސް އެރީ މިހެންނެވެ.

 

‘މިހެންނޭވީ އެހެންނޭވީ ކިޔައިގެން އެމީހުން ދައްކާ އެއްވެސް ބަހަނާއެއް އަޑުއަހަން އަހަރެން ތައްޔާރަކަށް ނޫން މިހުރީކީ. ހުރިހައި ކަމެއް އޯކޭ ވާނޭ ހަމަޖެހޭށޭ ބުންޏަސް އަހަންނަކަށް ހަމައެއްވެސް ނުޖެހެވޭނެ!’ ޝާއިލް ގެ ހިތަށް ވަސްވާސްތައް ވަންނަމުންދިޔައެވެ. ރުޅި އައިސް ރަތްވެގެން ގެއިން ނިކުތީ ހޮސްޕިޓަލަށް ދިއުމަށެވެ. އޭނާގެ ދަރިފުޅު މަރައިލީ ކީއްވެގެންކަން މަޢުރީންގެ ކިބައިން ހޯދުމަށް އަޒުމް ކަނޑައަޅަމުންނެވެ.

 

ސައިކަލް ސްޓާރޓްކުރަން އުޅެއުޅެ ސައިކަލް ވެސް ސްޓާޓެއް ނުވިއެވެ.

 

‘ކީއްވެގެންތަ؟ ކީއްވެތަ އެންމެން އަހަންނާ ދެކޮޅު މިވަނީކީ؟ އެންމެން އެކަންޏެއް ނޫނޭ، މި ސައިކަލުގަނޑު ވެސް މިގަޑީގަތަ ސްޓާޓް ނުވާންވީ؟’

ސިނގުރުޅީގައި ހުރެ ޝާއިލް އަމިއްލަ ނަފުސަށް އެއްޗެތިގޮވަން ފެށިއެވެ. އެންމެފަހުން ސައިކަލް ބަހައްޓާފައި ފައިމަގުގައި ހޮސްޕިޓަލަށް ދާން ނައްޓާލައިފި އެވެ. ހަނިގޯޅިތަކުން އަޅަމުންގޮސް މާވެޔޮމަގަށް އަޅައި އަނެއްކާވެސް ހަނިގޯޅިއަކަށް ވަން ވަގުތު ޝާއިލްގެ ކަންފަތުގައި ޖެހުނީ ހިޕް ހޮޕް ލަވަކިޔުންތެރިޔާ ޑޭވިޑޯ ގެ ލަވައެއް ވަރަށް ބާރަށް ޖަހަމުންދާ އަޑެވެ. އެ އަޑަށް ޝާއިލްގެ ސަމާލުކަން ހުއްޓުނަސް މީގެ ކުރިން ޝައިލް އަކީ މިއުޒިކަށް މޮޔަވާ މީހެއް ނޫނެވެ. ޚާއްޞަކޮށް އެ ޒާތުގެ މިއުޒިކަށެވެ. ނަމަވެސް މިރޭ އޭނާއަށް ހީވީ އެ ލަވައިން އޭނާއަށް ގޮވަމުންދާހެންނެވެ. އޭނާގެ ރޫހަށް އެ ލަވައިގައި ކިޔަމުންދިޔަ ލަފުޒުތައް؛ “… މައި މަނީ މައި ބޮޑީ ނާ ޔޯރ އޯން އޯ ބޮޑީ….” ވަންނަން މަސައްކަތްކުރާހެން ހީވާން ފެށިއެވެ.

‘އާނ އެކެވެ. އެ ލަވައިގައި އެކިޔާ ގޮތަށް އަހަރެން އަތަކު ފައިސާއެއް ނެތެވެ.’

 

މިއުޒިކުގެ އަޑު އަންނަމުންދިޔަ ގޭގެ ޓެރަސް އާއި ދިމާއަށް ޝާއިލް އަށް ބަލައިލެވުނު ވަގުތު ޒަމާނީ ގޮތަކަށް ހުރި ހިތްގައިމު އަންހެން ކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

 

‘ވާއޯހް…. ކާފަރު މަންޖެގަނޑެއް ހެން ހާދަ ހީވޭ.’

 

ޝާއިލް ހިތާހިތުން ބުނެލި ޖުމްލައިގެ އަޑު އެ އަންހެން ކުއްޖާއަށް އިވުނީ ނޫންބާވަ އެވެ. އެކުއްޖާ ވެސް ޝާއިލް އާއި ދިމާއަށް ބަލައިލައިފައި ފަރި ހިނިތުންވުމެއް ދީފި އެވެ. އެ ހިތްގައިމު ހިނިތުންވުމުން ޝާއިލް ގެ ހިތް ކަތިވެގެން ދިޔަހެން ހީވި އެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައި ޓެރަސް އަށް އަރަން މަގުމައްޗަށް ކަނޑާފައިހުރި ދޮރަށް ފެތޭވަރަށް ހުރި ސިޑިން މައްޗަށް އަރަން ފެށިއެވެ. ޓެރަސް އަށް އެރިއިރު ސިޑިކުރިމަތީގައި ހުރި އެ އަންހެން ކުއްޖާ ޝާއިލް އާއި ދިމާއަށް ދެއަތް ދިއްކޮށްލީ މަންމަ އަކު އޭނާގެ ގެއްލިފައިވާ ދަރިއެއް ފެނިގެން އެދަރިފުޅަށް އަތްދިއްކޮށްލާ ގޮތަށެވެ. އަންހެން ކުއްޖާގެ ގައިގައި ޝާއިލް ވަރަށް ބާރަށް ބައްދައިލި ވަގުތު ޝާއިލްގެ ކަންފަތްދޮށުގައި އެ ކުއްޖާ ސިއްރުސިއްރުން އެއްޗެއް ބުނެފި އެވެ.

 

“ތީނަ ހެޕީކޮށްލަދޭނެ ގޮތް އަހަންނަށް އެނގޭ…”

ޝާއިލް ދެކޮޅެއް ނުހުދައެވެ. ހިނގަމުންދާ ކަންތަކަށް އެއްވެސް ބާރެއް ނެތްކަން ޝާއިލް އަށް ހަމަ ރަނގަޅަށް އެނގެއެވެ. އަނެއްކޮޅުން ޝާއިލް އެންމެ ހިތްއެދޭ ގޮތަކީވެސް އެއީ އެވެ. ޝާއިލްގެ ހުރިހައި ވިސްނުންތަކެއް އެއްފަރާތަކަށް ކެހިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަންހެން ކުއްޖާ ޝާއިލްގެ އަތުގައި ހިފައިގެން ވަދެގެން ދިޔައީ ހަނިގޯޅިގަނޑަކުންނެވެ. ތަންކޮޅަކަށް ހިނގުނުތަނުން އިޝާ ނަމާދު ބަންގީގެ އަޑު ގުގުމައިގަތީ ކައިރީގައި ހުރި މިސްކިތެއްގެ އަޑުގަދަކުރާ އިންނެވެ. ހެޔޮލަފާ މުސްލިމުން ކާމިޔާބާއި ނަސީބު ލިބިގަތުމަށް އަވަސްވެގަތުމަށް ގޮވަމުންދާ އަޑަށް ޝާއިލް ގެ ސަމާލުކަމެއް ނުދެވުނެވެ. ޝާއިލް އަށް ހީވަމުންދިޔައީ އެއަޑަކީ ވަރަށް ކުރިން ހުވަފެނެއްގައި އިވުނު އަޑެއް ކަމަށެވެ. އެއީ މާކުރިން އޭނާ ހިނގި މަގެއް ނަމަވެސް އެމަގުގެ މަތިން ހަނދާން ނެތެމުން ދާ މަގެއްކަން ޚުދު ޝާއިލް އަށް ވެސް އެނގެއެވެ.

 

ނުނިމޭ

 

* ނޯޓް: މި ވާހަކަ އަދާހަމަކުރަމުން ގެންދާނީ ކޮންމެ ހަފުތާއަކު 2 ދުވަހު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.