އެމެރިކާގެ އޮކްލަހޯމާ ގެ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު އިންސާނެއްގެ ދަތްތަކާއި ވައްތަރު ދަތްތަކެއް ހުރި ޕިރާނާ މަހެއް ބާނައިފި އެވެ. މިމަސް ބޭނުނީ އޮކްލަހޯމާ ގެ ކުޅިއަކުން މިދިޔަ އާދީއްތަ ދުވަހު އެވެ.

އޮކްލަހޯމާގެ ލިންޑްސޭ އަށް ނިސްބަތްވާ ކެނެޑީ ސްމިތު އަށް މި މަސް ބޭނުނީ އޭނާގެ ކާފައާއި މާމައާއި އެކުގައި މަސްބާނަން ގޮސް އުޅެނިކޮށެވެ. ‘ޕަކޫ’ ނަމަކަށް ކިޔާ މިމަހަކީ ދެކުނު އެމެރިކާގައި ދިރިއުޅޭ މަހެކެވެ. މިއީ ޕިރާނާ މަހުގެ އާއިލާއަށް ނިސްބަތްވާ މަހެކެވެ.

‘ޕަކޫ’ އަކީ 3.5 ފޫޓަށް ބޮޑުވާ، 88 ޕައުންޑް ބަރުދަނުގައި ހުންނަ މަހެއްކަމަށް އޮކްލަހޯމާގެ ޑިޕާޓްމަންޓް އޮފް ވައިލްޑްލައިފް ކޮންސަރވޭޝަނުން މީސްމީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެއެވެ. ‘ޕަކޫ’ އަކީ އޭގެ ކާނާގެ ގޮތުގައި އާއްމުކޮށް ގަސްގަހާގެހީގެ ބާވަތްތައް ކައިއުޅޭ މަހެއް ނަމަވެސް މިއީ ‘އޮމްނިވޮރަސް’ ނުވަތަ ޖަނަވާރުގެ މަސްކައިގެން އުޅޭ މަހެކެވެ.

ކެނެޑީ ސްމިތު އަށް ބޭނުނު މަހުގެ ބަރުދަނުގައި ހުންނަނީ އެންމެ ޕައުންޑެކެވެ. ކެނެޑީ އަށް މަސް ބޭނުމުން ބުޅި ނައްޓަން އުޅެނިކޮށް މާމަގެ އަތުގައި މަސް ދަތްއެޅި އެވެ.

ކެނެޑީގެ މާމަ ސޭންޑްރާ ވޭލީ ގެ އަތުގައި މަސް ދަތްއެޅި ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ބުންޏެވެ.

އޮކްލޮހޯމާގެ ކުޅިތަކުގައި ‘ޕަކޫ’ މަސް ދިރިއުޅެނީ މަސް ގެންގުޅުމަށް މަސްގަންނަ މީހުން އެ މަސްތައް ޓޭންކްގައި ނުގެންގުޅެވޭ ވަރަށްވުރެން ބޮޑުވުމުން ކުޅިތަކަށް މަސް ދޫކުރާތީކަމަށް ބެލޭވޭކަމަށް ޑިޕާޓްމަންޓް އޮފް ވައިލްޑްލައިފް ކޮންސަރވޭޝަނުން ބުނެއެވެ. އެ ޑިޕާޓްމަންޓުން ބުނީ މީގެ ކުރިންވެސް ‘ޕަކޫ’ މަސް އެ ސްޓޭޓުން ބޭނިފައިވާކަމަށެވެ.

ކެނެޑީ ސްމިތަށް ބޭނުނު މަހަކީ ޢާއްމުކޮށް ފެންނަ ޕިރާނާ މަސްތަކާާއި ތަފާތު މަހެކެވެ. މި ޚަބަރު އެމެރިކާގެ ނޫސްތަކަށް އެރީވެސް އެހެން ވެގެންނެވެ.

“މަހުގެ ދަތްތައް އާއްމުކޮށް ހުންނަ ގޮތާ ތަފާތުވީމަ އަހަންނަށް ހުރެވުނީ އޮޅުންބޮޅުން އަރާފަ. އެއީ ވަރަށް އާދަޔާޚިލާފު މަހެއް. އޭގެ ދަތްޕިލަ އެއްގޮތް އިންސާނެއްގެ ދަތްޕިލައެކޭ. އެހެންވެ އެ މަސް މާބޮޑަށްވެސް އާދަޔާޚިލާފް މަހަކަށްވި.” އެސޯސިއޭޓެޑް ޕްރެސް އަށް މަޢުލޫމާތު ދެމުން ކެނެޑީ ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ވައިލްޑްލައިފް ކޮންސަރވޭޝަނުން ވަނީ އެެ މަސް ގެންގޮސް ނައްތައިލާފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.