އާނސޫ ސަމަޖްހ ކޭ ކިޔޫނ މުޖެހ، މިލަވައަކީ 1961 ގައި ނިކުތް ފިލްމެއްކަމުގައިވާ ޗާހޔާ (ހިޔަނި)ގެ ލަވައެކެވެ. ލަވަ ލިޔުއްވީ އިންޑިޔާގެ މަޝްހޫރު ޅެންވެރި އަދީބެއްކަމުގައިވާ ރާޖެންދުރާ ކްރިޝާންއެވެ. ލަވަ ކިއުއްވައިފައިވަނީ ޣަޒަލު ލަވަ ކިޔުމުގެ ރަސްގެފާނުގެ ނަމުން ނަންދެވިފައިވާ ތަލްއަތު މަހްމޫދެވެ. މިލަވައިގައި އެގާރަ ބައިތު ހިމެނެއެވެ. މިބައިތުތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަމާތޯއެވެ.

 

އެންމެ ފުރަތަމަ ލަވައިގެ ސިޔާގު (ކޮންޓެކްސްޓް) ހުށަހަޅާލާނަމެވެ. ފިލްމު ޗާހޔާގެ ވާހަކަ ބިނާވެފައިވަނީ ޔަތީމު އަންހެންކުއްޖެއްގެ ހަޔާތުގެ މައްޗަށެވެ. ދަރިޔަކުނެތް މުއްސަންޖަކު، ބައްޕަކިއުއްވައިގެން، އޭނާގެ އަމިއްލަ ދަރިޔެއްގެ ގޮތުގައި، މިޔަތީމު އަންހެންކުއްޖާ ގެންގުޅެ ބަލާބޮޑުކުރިއެވެ. އަދި އޭނާއަށް ކިޔަވައިދިނުމަށްޓަކައި ޚާއްސަ މުދައްރިސަކު ގެއަށް ގެނުވިއެވެ. މުދައްރިސާއި ދަރިވަރާއި ދެމެދު ގާތްގުޅުމެއް އުފެދި އެގުޅުން ލޯބީގެ ގުޅުމަކަށް ބަދަލުވެ ކައިވެނިކުރާ ހިސާބަށް ދިޔައެވެ. ނަމަވެސް އަންކުއްޖާ ގެންގުޅެ ބަލާބޮޑުކުރި ބައްޕަ، އެކަމާ ދެކޮޅުހެއްޖެވެ. މުދައްރިސަކީ އަތްމަތި މާ ތަނަވަސް މީހަކަށް ނުވީމައެވެ. އަދި ބައްޕަ، އޭނާގެ ދަރިފުޅު، މުއްސަނދި އާއިލާއެއްގެ ކުއްޖަކާ ކައިވެނިކުރުވަން ނިންމިއެވެ.

 

ފިލްމުގައި މިލަވަ ކިޔެނީ މިހިސާބުންނެވެ. ‘މުދައްރިސު’ އޭނާގެ ލޯބިވެރިޔާ ގާތު ކުރާ ޝަކުވާއެއްގެ ގޮތުގައެވެ. މުދައްރިސުގެ ނަޒަރުގައި އަންހެންކުއްޖާ އޭނާއަށް ބޭވަފާތެރިވީއެވެ. އަދި، އޭނާގެ އިހުސާސުތަކަށް ކުޑަވެސް ބެލުމެއްނެތި، ލޮލުން ބޭރުކޮށްލެވޭ ކަރުނަ ތިއްކެއްގެ ގޮތުގައި އަންހެންކުއްޖާގެ ހަޔާތުން، އޭނާ ބޭރުކޮށްލީއެވެ. އެހެން ހަދާލީ ކީއްވެތޯ ސުއާލުކުރަމުން ލަވަ ފަށައެވެ. މިލަވައިގައި ބަލާޣީ ތަފާތު އުސްލޫބުތައް ބޭނުން ކުރެވިފައިވެއެވެ. މިފަދަ އުސްލޫބުތަކުގެ ތެރޭގައި ތަޝްބީހު ނުވަތަ އެއްގޮތްކުރުން، މަޖާޒު، ލަފްޒެއްގެ އަސްލު މާނަ ނޫން އެހެން މާނައެއްގައި އެލަފްޒު ބޭނުންކުރުން، އަދި ތައުރިޔާ، ސީދާ މާނައަކާއި އަދި ފޮރުވިފައިވާ މާނަ އެކުލެވޭ ލަފުޒު، މިފަދަ އުސްލޫބުތައް ބޭނުންކުރެވި، ލަވައަށް އިތުރު މުއްސަނދިކަން ގެނެވިފައިވެއެވެ.

 

ލަވަ ފެށުމުގައި މި ނަންގަތް އުސްލޫބުތަކުގެ ތެރެއިން ބައެއް އުސްލޫބު ބޭނުންކުރެވިފައި ވެއެވެ. މުދައްރިސު ކުރާ ޝަކުވާގެ ސުއާލު ހުށަހަޅާލަމުން، މުދައްރުސުގެ އަމިއްލަ ނަފްސު ‘ކަރުނަތިއްކަކާއި’ އެއްގޮތްކުރެވިފައި ވެއެވެ. ދެން ފެނިގެންދަނީ އިސްތިއާރާ އެކެވެ. މަންޒަރެއް މެދުވެރިކޮށް ގަސްދުކުރެވޭ އެހެން މަންޒަރަކަށް އިޝާރާތްކުރުމެވެ. ‘އެއްވެސް ހިފެހެއްޓުމެއްނެތި ލޮލުން ބޭރުކޮށްލެވޭ ކަރުނަތިއްކެއްގެ’ މަންޒަރު މެދުވެރިކޮށް، އަންހެންކުއްޖާގެ ހަޔާތުން ‘މުދައްރިސު’ ބޭރުކޮށްލާކޮށްލާ ކޮށްލުމަށް އިޝާރަތްކުރެވިފައި ވެއެވެ. އަދި ‘ލޮލުން ވެއްޓޭ ކަރުނަތިކި’ މި އިބާރާތުގައި ތައުރިޔާއެއް – ފެންނަންއޮތް ސީދާ މާނައަކާއި ނުފެންނަ، ފޮރުވިފައިވާ މާނައެއްވެސް – ހިމެނެއެވެ. ފެންނަންއޮތް ސީދާ މާނައަކީ ‘މުދައްރިސު އަންހެންކުއްޖާގެ ލޮލުން ކަރުނައެއް ފަދައިން ވެއްޓި، އެކުއްޖާގެ ހަޔާތުން ބޭރުވެގެންދާ ދިޔުމެވެ. ނުފެންނަ ފޮރުވިފައިވާ މާނައަކީ އަންހެންކުއްޖާގެ ކުރިމަތީގައި މުދައްރިސުގެ ލޯތްބަށް ދެވިފައި އޮތް ގަދަރު ނެތިގެން ދިޔުމެވެ. އާދެ، އެކުއްޖާގެ ކުރިމަތީގައި އޭނާދެކެ މުދައްރިސުވާ ލޯތްބަކީ އެއްވެސް އަގެއްހުރި އެއްޗެއް ކަމުގައި ނުބެލެވުމެވެ.

 

ދެންއޮތް ބައިތުގައިވެސް ހަމަ މިފަދަ ބަލާޣީ އުސްލޫބުތައް ބޭނުންކުރެވިފައި ވެއެވެ. މީހެއްގެ ލޯބީގެ މުތީތައް، ކަރުނަތައް، ވެއްޔާ މޮޑެލީ ކީއްވެ ހެއްޔެވެ؟ އާދެ، ‘މޯޓީ’ (މުތް) މިލަފުޒު ބޭނުންކުރެވިފައިވަނީ މަޖާޒީ މާނައެއްގައެވެ. އެއިން ގަސްދުކުރެވެނީ އެލަފްޒުގެ އަސްލު މާނަ ‘މުތް’ މިއެއް ނޫނެވެ. އެއިން ގަސްދުކުރެވެނީ ‘ކަރުނަ’ މިމާނައެވެ. އަދި، މި މާނަ ގުޅެނީ ކުރީ ފޮޅުވަތުގައިއޮތް ‘އާނސޫ (ކަރުނަ) އިން ގަސްދުކުރެވޭ މާނައާއެވެ. އާދެ، އެއިން އިޝާރަތްކުރެވެނީ ޚުދް މުދައްރިސަށެވެ. މުދައްރިސު އޭނާގެ ލޯބިވެރިޔާއާއި މުޚާތިބުކޮށް ބުނަނީ އޭނާގެ ސާފުތާހިރު އަގުހުރި މުތީތަކެއްފަދަ ލޯތްބަށް އެއްވެސް އިހުތިރާމުކުރުމެއް ނެތި، އެއަށް ފުރަގަސްދީ، ވެއްޔާ މޮޑެލީ ކީއްވެހެއްޔެވެ؟ އާދެ، ލަވައިގައި ބޭނުން ކުރެވިފައިވާ މިފަދަ ބަލާޣީ ފަންނީ އުސްލޫބުތައް ލަވައަށް މުއްސަނދިކަން ގެނެސްދެއެވެ. އެއިން، ޅެންވެރިޔާ ފާޅުކުރަން ބޭނުންވާ މާނައިގައި، ލަފުޒުތަކުން ލެވޭ ފޭރާން، ޖަރީކޮށް ޒީނަތްރިކޮށްދެއެވެ.

 

ތިންވަނަ ބައިތުން ފެށިގެން ގޮސް ފަސްވަނަ ބައިތާ ހަމައަށް އޮތީ ‘މުދައްރިސު’، އޭނާގެ ލޯބި ގެއްލިދިޔަގޮތުގެ މައްޗަށް، އަމިއްލަ ތަހުލީލީ ނަޒަރެއް ހިންގާލާފައެވެ. ފުރަތަމަ ދެ ބައިތުގައި އޭނާ ކުރި ސުއާލުގެ ޖަވާބު ދީފައެވެ. މި ޖަވާބަށް އިޝާރަތްކުރެވިފައި ވަނީ ތިންވަނަ ބައިތުގައި އޮތް ‘ޣަރީބު’ މި ލަފުޒުންނެވެ. އޭނާއަކީ ‘ޣަރީބު’ މީހަކަށް ވުމެވެ. ނިކަމެތި ފަގީރަކަށް ވުމެވެ. އާދެ، އޭނާގެ އިގުތިސާދީ ހާލަތު ނިޔާކުރާގޮތުން އޭނާގެ ލޯބިވެރިޔާއާއި އޭނާ ކުފޫ ހަމަނުވުމެވެ. އަރާއަރަފޯދިގެން ނުވުމެވެ.

 

މިމާނަ ޅެންވެރިޔާ އިބާރަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިލަމާތޯއެވެ. ‘މުދައްރިސު’ އޭނާގެ އަމިއްލަ ނަފްސު ސިފަކުރަނީ ބަގީޗާއެއްގައި އިންދައި ފޮޅުނު މަލެއްގެ ގޮތުގައެވެ. އާދެ، އޭނާގެ ލޯބިވެރިޔާގެ ލޯބީގެ މާބަގީޗާ ގައެވެ. ނަމަވެސް އޭނާވީ އެ މާބަގީޗާގައި ފޮޅުނު ބީރައްޓެހި، ނިކަމެތި މަލަކަށެވެ. އެހެންވެ، އެމަލާއި އަޅާ ނުލެވުނު މަލަކަށެވެ. އެމަލަށް ފެންދީ ނުބެލެހެއްޓުނު މަލަކަށެވެ. އެހެންވެ، އެ މާ ލޯބިވެރިޔާގެ މާބަގީޗާގައި ފޮޅުނުކަމަކީ ތަގުދީރުގެ އަތުން ހެދުނު ގޯހެކެވެ. އޭނާގެ އަމިއްލަ ނިކަމެތިކަން އެނގޭއިރު، އެ މާ ބަގީޗާއަށް އޭނާ ވަނުން އެއީ އޭނާއަށް ހެދުނު ގޯހެކެވެ.

 

ހަވަނަ ބައިތުން ފެށިގެން އަށްވަނަ ބައިތާ ހަމައަށް ބަޔާންކުރެވިފައިވަނީ ‘މުދައްރިސު’ އޭނާގެ ލޯބިވެރިޔާއާއިއެކު ހޭދަވީ ކުރު މުއްދަތުގެ ތަޖުރިބާގެ ވާހަކައެވެ. އެ ތަޖުރިބާގެ ފެށުން ފޮނިވެފައި އުފާވެރިއެވެ. ނަމަވެސް އޭގެ ނިމުން ހިތިވެފައި ހިތާމަވެރިއެވެ. މިކަން ސިފަކޮށްދެވިފައި ވަނީ މިޔުޒިކީ ރާގަކާއި އަދި އެރާގުގެ ހަމައަށް ކިއޭ ލަވައެއްގެ ގޮތުގައެވެ. ކުރީކޮޅުގައި އެ ލަވަ ރީތިވެފައި އެއާއި މެދު ފަޚުރުވެރި ވެވުނެވެ. އެ ލަވަ ރަމްޒުކޮށްދެނީ މުދައްރިސުގެ ލޯތްބެވެ. އާދެ، މުދައްރިސުގެ ލޯތްބާއިމެދު ހިތްހަމަޖެހި އެއާއި މެދު އޭނާ ފަޚުރުވެރިވި އެވެ. ނަމަވެސް ފަހުން، އޭނާއަށް ފެނިގެން ދިޔައީ އެ ރާގުގެ ހަމަ ގެއްލުނުތަނެވެ. އޭނާގެ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވީ ތަނެވެ. މިކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އެހެން މީހުންނަށެވެ. އެމީހުންނަށް ‘ހަމަ ގެއްލިފައިވާ ލަވައެއް’ ކިޔެވެމުންދާތަން ފެނުނެވެ. ކުފޫހަމަނުވާ ދެމީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ހަމަޖެހޭކަމެއްނޫންކަން އެމީހުން ފާހަގަކުރިއެވެ. އަދި އެކަމާ ހީ މަލާމާތް ކުރިއެވެ. މި ކަންވީ، މުދައްރިސުވެސް ހޭލައްވާލި ކަމަކަށެވެ. އޭނާ، އެލަވަޔަކާއި މެދު ފަޚުރުވެރިވީ ލަވަ، ހަމައިންނެއްޓިއްޖެ ކަން އޭނާއަށްވެސް އަންގުވައިދިން ކަމަކަށެވެ. އޭނާގެ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވެއްޖެކަމުގެ އިހުސާސުން އޭނާގެ ހިތް ހޭލައްވާލި ކަމަކަށެވެ.

 

މިހިސާބުން، ހިތްހަމަނުޖެހި ހުރެނަމަވެސް، ތަގުދީރުގެ ނިންމުމާއިމެދު، މުދައްރިސު ރުހި ގަބޫލުވިއެވެ. އެންމެ ފަހު ތިންބައިތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. އޭނާގެ ލޯބިވެރިޔާއާއި މުޚާތަބުކޮށް، މުދައްރިސު ބުނަނީ އޭނާއަށް، ލޯބިވެރިޔާގެ މާބަގީޗާއަށް ވަދެވުނީ އޮޅުމަކުންނެވެ. ލޯބީގެ އަވައިގައިޖެހި، އަމިއްލަ ނިކަމެތި ހާލު ހަނދާންނެތިދިޔުމުމުގެ ސަބަބުންނެވެ. އެހެންވެ، އެކަމަށް ލޯބިވެރިޔާގެ ކިބައިން މާފަށް އެދުނެވެ. އަދި، ކެހިވެރި ލޯތްބެއްގެ ނިންޖަކުން ހޭލައްވާލަދިންކަމަށްޓަކައި، މުދައްރިސު، އޭނާގެ ލޯބިވެރިޔާއަށް، ޝުކުރުއަދާކޮށް، ވަށްބަހުން ނުރުހުމުގެ ހަމަލާއެއް އޭނާގެ ލޯބިވެރިޔާއަށްދީ އޭނާގެ ވާހަކަކޮޅު ނިންމާލިއެވެ.

 

މިލަވަ ދިވެހި ތަރުޖަމާއާއި އެކު ހުށަހަޅާލަމެވެ.

  1. އާނސޫ ސަމަޖްހ ކޭ ކިޔޫނ މުޖެހ އާނކްހ ސޭ ތޫނޭ ގިރާ ދިޔާ

ކަރުނަތިއްކެކޭ ހިތައި، (ކުޑަކޮށްވެސް ބަލާލުމެއްނެތި)، ކަލާގެ ލޮލުން އަހަރެން ވައްޓައި (ބޭރުކޮށްލައި، ކަލާގެ ލޯބިން އަހަރެން މަހުރޫމުކޮށްލީ) ކީއްވެހެއްޔެވެ؟

 

  1. މޯޓީ ކިސީކެ ޕިޔާރުކާ މިއްޓީ މޭ ކިޔޫން މިލާ ދިޔާ

މީހެއްގެ ލޯބީގެ މުތީތައް، ތިޔަހެން، (ބިންމައްޗަށް އުކާލައި) ވެއްޔާ މޮޑެލީ ކީއްވެ ހެއްޔެވެ؟

 

  1. ޖޯ ނާ ޗަމަން މެ ކިހލް ސަކާ، މައި ވޯހ ޣަރީބް ޕޫހލް ހޫ

އަހަންނަކީ (ކަލާގެ ލޯބީގެ) މާބަގީޗާގައި (ރޯވެ، ނަމަވެސް ރަގަޅަށް) ނުފޮޅެވުނު ނިކަމެތިވެގެންދިޔަ މަލެކެވެ.

 

  1. ޖޯ ކުޗް ބީހ ހޫ ބަހާރ ކީ، ޗޯހޓިސީ އޭކް ބޫހލް ހޫ

ކަލާގެ (ލޯބީގެ) މާބަގީޗާގައި، އަހަންނަށް ލިބިފައިއޮތީ ކޮންމެ މަގާމެއް ކަމުގައިވިޔަސް، އަހަރެން (އެބަގީޗާގެ ތެރެއަށް ގެނައުމަކީ) ތަގުދީރުގެ (އަތުން) ހެދުނު ކުޑަ ގޯހެކެވެ.

 

  1. ޖިސްނޭ ކިހލާ ކޭ ޚުހދް މުޖޭހ، ޚުހދް ހީ މުޖޭހ ބުހލާ ދިޔާ

(އެކަމުގެ ހެއްކަކީ ކަލާގެ ލޯބީގެ ބަގީޗާގައި) ފޮޅި (ލޯބިވާން) އަހަންނަށް ދަސްކޮށް ދިނުމަށްފަހު، ކަލާ (އަހަންނާ އަޅާނުލައި) އަހަރެން މަތިން ހަނދާންނައްތާލުމެވެ.

 

  1. ނަޣްމާހޫނ ކަބް މަގަރް މުޖޭހ، އަޕްނޭ ޕޭ ކޯއި ނާޒުތާ

އިރެއްގައި އަހަރެންގެ (ލޯބީގެ) އެލަވައާއި މެދު އަހަރެން ނުހަނު ފަޚުރުވެރިވީމެވެ.

 

  1. ގާޔާ ގަޔާހޫނ ޖިސް ޕެ މައިނ، ޓޫޓާ ހުވާ ވޮހ ސާޒްތާ

ނަމަވެސް އެލަވަ ކިއުނީ ހަމަގެއްލިފައިވާ ރާގަކަށެވެ.

 

  1. ޖިސްނޭ ސުނާ ވޮހ ހަނސް ދިޔާ، ހަނސްކޭ މުޖޭހ ރުލާ ދިޔާ

ދެން (އޭގެ ރާގުގެ ހަމަ ގެއްލިފައިވާ) އެލަވަ މީހުންނަށް އަޑުއިވުމުން އެމީހުން ހީ އަހަންނަށް މަލާމަތްކުރިއެވެ. އަދި އެމީހުންގެ ހުނުމާއި މަލާމަތްކުރުން (އަހަރެންގެ ލޯބިވެރިޔާ އަހަންނަށް ތެދުވެރިނޫންކަން އަންގައިދިނެވެ. އަދި އެކަން) އަހަރެން ރޮއްވާލިއެވެ.

 

  1. މޭރީ ޚަތާ މައާފު ހައި، ބޫހލޭ ސެ އާގަޔާ ޔަހާނ

އަހަންނަށްޓަކައި އަހަރެންގެ ކުށަށް މާފުކޮށްދޭށެވެ. އަހަންނަށް މިތަނަށް އާދެވުނީ އޮޅިގެންނެވެ.

 

  1. ވަރްނާ މުޖޭހ ބީހ ހައިނ ޚަބަރް، މޭރާ ނަހީ ހައި ޔޭ ޖަހާނ

(އަދި މިތަނަށް އޮޅިގެން އާދެވުމުގެ ސަބަބުން، ކަލާގެ ލޯބީގެ މާބަގީޗާގައި،) އަހަރެންގެ ދުނިޔެ ނުވާކަން އަހަންނަށް އެނގުނެވެ.

 

  1. ދޫބް ޗަލާ ތާހ ނީނދް މެ، އައްޗާހ ކިޔާ ޖަގާ ދިޔާ

(އެކަން އެހެންވާ ދިމާވީ، ކަލާއަކީ އަހަރެންގެ ހައްގެއްކަމަށް ހީކޮށް) ފުން ނިންޖެއްގައި (އެފޮނި ހުވަފެން ދެކެން) އަހަންނަށް އޮވެވުނީމައެވެ. އެފުން ނިދީން އަހަރެން ހޭލައްވައި (ކަލާގެ ކެހިވެރި ލޯބީގެ މާބަގީޗާއިން އަހަރެން ބޭރުކޮށް)ލިކަން ވަރަށްވެސް ރަނގަޅެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.