ތެދެކެވެ. ރާއްޖޭގައި އެކްޓިންގ ކުލާހެއް ނެތެވެ. ނަމަވެސް އެކްޓަރުން ގެ ޢަދަދު މަދެއް ނޫނެވެ. ފެންވަރު ރަނގަޅު އެކްޓަރުންގެ ޢަދަދުވެސް މަދެއް ނޫނެވެ. އެކްޓިންގ ކުލާހަކުން އެކްޓިންގ ދަސްނުކޮށް ދިވެހި ފިލްމީ ފަންނާނުން އެކްޓިންގައި ފާހަގަކޮށްލެވޭއިރު، އެކްޓިންގ ކުލާހެއްގައި ބައިވެރިވެ އެކަމުގެ ތަމްރީނު ލިބިގަތުމުން ދެން އުފެދޭނެ އެކްޓަރުންގެ ފެންވަރު ވަޒަންކޮށްލަން އެނގޭނީ އެފަދަ މަންޒަރެއް ފެނުމުންނެވެ.

 

ރާއްޖޭގައި އެކްޓިންގ ކުލާހެއް ފެށުމަކީ ނުވަތަ އެކްޓް ކުރަން ދަސްކޮށްދޭ ކޯހެއް ހިންގުމަކީ އެކަމަށް ބޭނުންވެފައި ތިބޭ ދިވެހިންނަށް ލިބިގެންދާނެ ފަހި ފުރުޞަތަކަށް ވެގެންދާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މުނިއަވަސް އަށް ނުރަސްމީ ސިފައެއްގައި މަޢުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގައި އެކްޓިންގ ކޯހެއް ވަރަށް އަވަހަށް ފެށޭނެއެވެ. އެހެންކަމުން އެކްޓިން ކުލާހެއްގައި ބައިވެރިވުމުން ލިބޭނެ ބައެއް ފައިދާތަކަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

 

އެކްޓިންގ ކުލާހެއްގެ ފައިދާ ލިބޭނީ ޕްރޮފެޝަނަލް ކޮށް ފިލްމު ކުޅެން ބޭނުންވާ މީހުންނަށް އެކަންޏެއް ނޫނެވެ. އެކްޓިންގ ކުލާހަކުން އެކްޓިންގ ދަސްކުރުމުން އަހަރެމެންގެ މުއާމަލާތު ކުރުމުގެ ހުނަރު ތަރައްޤީވެގެންދާ ގޮތާއި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުން ތަރައްޤީވެގެންދާ ގޮތާއި ހާސްކަން ނުވަތަ ސްޓްރެސް ފިލައިގެންދާ ގޮތުގެ މައްޗަށް މި ލިޔުމުގައި ބަލައިލާނަމެވެ.

 

އެކްޓިންގ ކުލާހެއްގައި ބައިވެރިވުމުން “ޑިސިޕްލިންޑް” މީހަކަށް މީހާ ވާނެ އެވެ.

އެކްޓިންގ ކުލާހެއްގައި ބައިވެރިވެ މުދައްރިބުން ދެއްވާ އިރުޝާދުތައް އަޑުއަހައި އެއަށް ޢަމަލުކުރާނަމަ، އެކްޓިންގ ކުލާހަކުން އެންމެ މުހިންމު ކަމަކަށް ދަސްވާނީ ރަނގަޅު އަޚްލާޤެއްގެ މަތީގައި ދެމިހުންނާނެ ގޮތެވެ. ރަނގަޅު ޑިސިޕްލިން އެއް ލިބި މުޖުތަމަޢުގައި ތިމާގެ ޤަދަރާއި އަގު ހިފެހެއްޓުމަށް މަސައްކަތްކުރާ މީހަކަށް އެ އެކްޓަރެއް ވާނެ އެވެ.

 

އެކްޓިންގ ކުލާހެއްގައި ބައިވެރިވާން ވީ ކީއްވެ؟

މުޢާމަލާތު ކުރުމުގައި ހުންނަ ފަސްޖެހުމާއި ލަދުވެތިކަން ފިލުވައިލުމަށެވެ. އަލަށް މީހުންނާއި ބައްދަލު ކުރެވޭ ހިނދު އެ އަންނަ ހާސްވުމާއި ކަންބޮޑުވުން ފިލުވައިލުމަށެވެ. އަމިއްލަ ނަފުސުގެ ދިފާޢުގައި ވާހަކަދައްކަން ޖެހޭ ހިނދު ފަސްޖެހުމެއް، ހުއްޓުމެއް، އަޅައިގަތުމެއް ނެތި ވާހަކަދެއްކުމަށް އަހުލުވެރި ވުމަށެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަޤީންކަން އިތުރުކުރުމަށެވެ. މިހެން ގޮސް އެތައް ކަމެއް ލިސްޓްކޮށްލެވިދާނެ އެވެ.

 

އެކްޓިންގ ކުލާހަކުން ލިބޭނީ ކޮންކަހަލަ ފައިދާތަކެއް؟

 

1- އެއްވެސް ފަސްޖެހުމެއް ނެތި ރަނގަޅަށް މީހުންނާއި މުޢާމަލާތު ކުރަން ދަސްވާނެ.

މުޢާމަލާތު ކުރުމުގައި އަޑު ނެރެންޖެހޭ ރަނގަޅު ވޮލިއުމްގައި އަޑު ބޭނުން ނުކުރެވުމާއި ވާހަކަދައްކާއިރު އަނެކުންނާއި ‘އައި ކޮންޓެކްޓް’ ނުގެންގުޅެވުމަކީ ތިމާ ދައްކާ ވާހަކަ އަޑުއެހުމަށް އަނެކުން ފޫހިވާނެ ކަމެކެވެ. އެކްޓިންގައި ވާހަކަ ދައްކާއިރު އަޑުގެ ރާގާއި ޓޯން ގެންގުޅެންޖެހޭ ގޮތްތައް ދަސްކޮށްދޭނެ އެވެ. އައި ކޮންޓެކްޓާއި މޫނުމަތީގެ އެކްސްޕްރެޝަން ގެންގުޅެންޖެހޭ ގޮތްތައް ދަސްކޮށްދޭނެ އެވެ.

 

އެކްޓިންގ ދަސްކޮށްދޭ މުދައްރިބުންނަކީ ‘ޑިކްޝަން’ ނުވަތަ އަޑުގެ ރާގު ގެންގުޅުމާއި ‘ޑައިލޮގަށް’ އަހުލުވެރި އެދުރުންނެވެ. އެހެންކަމުން ވާހަކަ ދެއްކުމުގައި އަޑާއި ރާގު ގެންގުޅެންޖެހޭ އެންމެ ރަނގަޅު ގޮތްތަކާއި ހާލަތުތައް ދަސްކޮށްދޭނެ އެވެ.

 

2- އަމިއްލަ ހަށިގަނޑަށް ކުރެވޭ އިތުބާރު ބޮޑުވުން.

ހާސްވެ ކަންބޮޑުވުމުން ނުވަތަ ލަދުގަތުމުން އަތްފައިން ނުވަތަ މޫނުގެ އެކްސްޕްރެޝަން އިން ކުރެވޭ ބައެއް ހަރަކާތްތަކުން ތިމާ ދައްކާ ވާހަކަ އަޑުއަހަން ތިބޭ މީހުންނަށް އުނދަގޫކަމަކާއި ފޫހިކަމެއް ގެނެސްދެއެވެ. އެގޮތުން:

 

* މީހަކާ ވާހަކަ ދައްކަމުންދާއިރު ދުރަށް ނުވަތަ ބިންމައްޗަށް ބެލުން

* އިށީންދެ އިނދެ މީހަކާ ވާހަކަދައްކާއިރު އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނުން ނުވަތަ އަތުގެ އިނގިލިތަކާއި ކުޅެމުން ވާހަކަ ދެއްކުން.

* ފިލްމެއް ނުވަތަ ޑްރާމާއެއްގައި ޑައިލޮގެއް ހުށައަޅާއިރު ކުރާނެ އެއްވެސް ހަރަކާތެއް ނޭނގި އެއްވެސް ހަރަކާތެއް ނެތި ބުދެއްހެން ހުރެވުން.

 

ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން އެކްޓިންގ ދަސްކޮށްދޭ މުދައްރިބުންނަކީ އެކަމަށް މޮޅު ބައެކެވެ. އެހެންކަމުން މަތީގައި ބަޔާންކުރެވުނު ފަދަ ކަންކަން ކުރުމުގެ އާދަ ހުންނަ މީހުންގެ އެއާދަ ފިލުވައިލާނެ މޮޅު ހުނަރުތަކާއި ގޮތްތައް އެކްޓިންގ ކުލާހެއްގައި ދަސްކޮށްދޭނެ އެވެ. މަޝްހޫރު އެކްޓިންގ ކުލާހެއްގެ މުދައްރިބެއް ބުނެފައިވާ ވަރަށް ޢިބްރަތްތެރި ޖުމްލައެއް ހިއްސާކޮށްލާނަމެވެ.

 

“އަ ޓެންސް އިންސްޓްރޫމެންޓް ކެނޮޓް ފުލީ އެކްސްޕްރެސް އިޓްސެލްފް” (ޖުމްލައިގެ ތަފްޞީލީ މާނަ:- ހާސްކަމާއި ކަންބޮޑުވުން ހުންނަ ނަމަ އެއްވެސް މީހަކަށް އެމީހާގެ ހުރި ހުނަރެއް ނުދެއްކޭނެ އެވެ.)

 

މި ޙަޤީޤަތަށް ބިނާކޮށް އެކްޓިންގ ކުލާހެއްގެ ދުވަސް ފެށުމުގައި އެންމެ ފުރަތަމަވެސް ކުރިއަށް ގެންދާނީ ހަށިގަނޑު ރިލެކްސްކޮށްލާ ޒާތުގެ ހަރަކާތެކެވެ. އެގޮތުން ނޭވާލުމުގެ ކަސްރަތު (ބްރީތިންގ އެކްސަސައިޒް)، މެޑިޓޭޝަން އަދި ޔޯގާ ޕޯސްތައް ކުރިއަށް ގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

 

3- ހާސްވުމާއި ކަންބޮޑުވުން ފިލުވައިލުން.

ދުވަހުގެ ބުރަ މަސައްކަތަށް ފަހު އެކްޓިންގ ކުލާހަކަށް ވަނުމުން މަސައްކަތުގެ ސަބަބުން ލިބިފައިވާ ހާސްވުމާއި ކަންބޮޑުވުމުގެ ބޮޑުބައެއް ފިލައިގެންދާނެ އެވެ. އެކްޓިންގ ކުލާހެއްގައި އެކިއެކި ސީންތައް ޖައްސާނެ އެވެ. ތަފާތު ޙާލަތްތަކާއި ތަފާތު ޠަބީޢަތްތައް ހިމެނޭ ޑައިލޮގާއި އެކުގައި މަންޒަރުތައް ކުޅެން ޖެހޭނެ އެވެ. މިކަންކަމުގެ ތެރޭގައި އުޅެން ފެށުމުން އެކިއެކި މަރުހަލާތަކަށް ހޭނޭނެ އެވެ. ވާހަކަދެއްކުމުގައި ހުންނަ ހާސްވުމާއި ކަންބޮޑުވުން  ފިލައިގެން ދާނީ ތިމާ އަށް ނުވެސް އެނގިހުއްޓަ އެވެ.

 

4- ބަލިކަށިވާން ޖެހޭ ޙާލަތްތަކުގައި ބަލިކަށި ވުމަކީ އޯކޭ ކަމެއްކަން ޤަބޫލުކުރެވުން.

އެހެން މީހުންގެ ކުރިމަތީގައި ވާހަކަދައްކާއިރު ނުވަތަ ހުށައެޅުމެއް ހުށައަޅާއިރު ލަދުގަތުމަކީ މައްސަލައެއްކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އެކަމަކީވެސް އެކަން ބޭނުން ކުރަން ޖެހޭ ހާލަތުގައި ބޭނުންކުރުން ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެކްޓިންގ ތެރޭގައި ރޯންޖެހޭ މަންޒަރެއް ކުޅެން ޖެހުމުން އެއްވެސް ފަސްޖެހުމެއް ނެތި ރުއިމަކީ ރަނގަޅު އެކްޓަރަކަށް ވުމަށް ކުރަން ޖެހޭނެ ކަމެކެވެ. ހަމަ އެގޮތަށް ރުޅި އަންނަން ޖެހޭ މަންޒަރެއް ނުވަތަ ލޯބީގެ މަންޒަރެއްގައި އެކަމުގެ ފުރިހަމަ އިޙްސާސްތައް ދައްކުވައިދޭން ޖެހެއެވެ. މިކަންކަން އެކްޓިންގ ތެރޭގައި ފަރިތަކުރުމުން ދަސްވާ ކަމަކީ ބަލިކަށިވާން ޖެހޭ ޙާލަތެއްގައި ބަލިކަށި ވުމަކީ މައްސަލައެއް ނޫންކަން ދަސްކޮށްދޭނެ ކަމެކެވެ.

 

5- ރަނގަޅު އައު ރަހުމަތްތެރިން ތަކެއް ލިބުން.

އެކްޓިންގ ކުލާހަކީ ކަމެއް ދަސްކުރުމުގެ ޢަޒުމާއި ފޯރީގައި ތިބޭ އާ ބަޔަކާއި ދިމާވާނެ ކުލާހެކެވެ. އެހެންކަމުން އައު ރައްޓެހިން ތަކެއް ލިބުމުގެ ފުރުޞަތު ބޮޑެވެ. ތަފާތު މާހައުލު ތަކުން އައިސްފައިވާ ތަފާތު މީހުންނާއި ބައްދަލުވެވޭނެ އެވެ.  އެކިއެކި އުމުރުފުރާގެ މީހުންނެވެ. އާ ބަޔަކާއި ބައްދަލުވެ އެމީހުންނާއި އެކުގައި ވަގުތު ހޭދަކުރަން ފެށުމުން އާ ކަންތައްތަކެއް ދަސްވެ، ބީރައްޓެހިންނާއި ބައްދަލުވުމުން ކުރިމަތިވާ ޖެހިލުންވުމުގެ އަސަރުތަކާއި ކުރިމަތިލާނެ ގޮތްތައް ދަސްވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.