ދިވެހިރާއްޖެ އުފެދިފައިވާ ސަތަހައިގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ކަނޑުފަޅުތަކެވެ. އެހެންކަމުން ދިވެހިންނަށް ލިބޭ އާމްދަނީއާއި، ދިވެހި އިޤުތިޞާދުގެ މައިގަނޑު މަސައްކަތްތައް ބިނާވެފައިވަނީ ކަނޑުންލިބޭ ރޯއްޖާއި ފަޅުތަކުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. އެހެންކަމަށްވާއިރު ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާއި ބެހޭ މަޢުލޫމާތު ކޮންމެ ދިވެއްސަކަށް ލިބިފައިވުމަކީ މުހިއްމު ކަމެކެކެވެ.

 

“ރާއްޖޭގެ ކަނޑުފަޅުގެ ދިރިމުގެ ތެރެއިން” މި ނަމުގައި މި ހުށައަޅާލަނީ ރާއްޖޭގެ ކަނޑުފަޅުގައި ދިރިއުޅޭ މަސްމަހާމެއްސާއި ބެހޭ މަޢުލޫމާތެވެ. އެގޮތުން މިފަހަރު މި ގެނެސްދެނީ ގިއުޅު ޢާއިލާގެ ވައްތަރެއް ކަމަށްވާ “ގިއުޅު ކޮލި” ގެ މަޢުލޫމާތު ކޮޅެކެވެ.

 

ގިއުޅު ކޮއްޔަކީ ކަނޑުގެ މަތީބައިގައި އުޅޭ މަހެކެވެ. މިމަސް ޢާއްމުގޮތެއްގައި އުޅެނީ އަތޮޅުން ބޭރު މާކަނޑުތަކުގައެވެ. ނަމަވެސާ މަދުމަދުން ފަރުތަކުގެ ކައިރިއަށް އައިސް އުޅެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ.

 

ގިއުޅު ކޮއްޔަކީ ރާގޮނޑިކޮއްޔާއި އެއްސިފައަކަށް ހުންނަ އެއަށްވުރެ ބޮޑުމަހެކެވެ. މިކޮލި އެންމެ ބޮޑުވަނީ 85 ސެންޓިމީޓަރަށެވެ. މިއީ ރާއްޖެއިން ވަރަށް މަދުން ފެނިފައިވާ ބާވަތެކެވެ. މިމަހަށް ގިއުޅު ކޮއްޔޭ ކިޔުނީ މިކޮލީގައި ގިއުޅުގައި ހުންނަކަހަލަ ގޮތަކަށް ކުލަވަރު ހުންނާތީކަމަށް ބެލެވެއެވެ. މިއީ ވިހަގަދަ މަހެކެވެ.

 

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި8 އާއި 11 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ހަށިގަނޑު ހުންނަނީ ހުރަހަށް ހަތަރެސްކަންވާ ގޮތަކަށެވެ. މަހުގެ ނިގޫކޮޅު ހިމަވެފައި ބޯކޮޅަށް ފުޅާވާނެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ފެހިކުލައެކެވެ. އަދި ފެހިކުލައިގެ ސަރަޙައްދުގެ މަތީގައި ގަދަ މުށި ނުވަތަ ކަޅު ކުލައިގެ ލައްތަކެއް އެކިގޮތްގޮތަށް މަހުގެ މަތީބައިގައި ހުރެއެވެ. އަނގައިން ފެށިގެން ނިގުލާ ހަމައަށް މަހުގެ ދެއަރިމަތީގައި ރިހި ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. ލޮލުގެ ކުރީގައި ރިހި ކުލައިގެ ލަފެއް ހުރެއެވެ.

 

ލިޔުން ނެގީ: ފިޝަސް އޮފް ދަ މޯލްޑިވްސް

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.