އިންޑިޔާގެ ޓަމިލްނާޑޫ ކޮއިމްބަތޫރަށް ނިސްބަތްވާ ފަސްމީހުން ކިންގް ގޯބްރާ ހަރުފައަކާއިއެކު ނެގި ސެލްފީ ތަކެއް މީސްމީޑިޔާގައި އާއްމުކޮށްފައި ވަނިކޮށް ފުލުހުން އެ ފަސްމީހުން ހައްޔަރުކޮށްފި އެވެ.

 

މިއަދު މި ފަސްމީހުން ހައްޔަރުކޮށްފައިވަނީ ރެޕްޓައިލްސް އަށް އަނިޔާކުރިކަމުގެ ތުހުމަތުގައެވެ.

 

ބަނގުރާބޮއެ މަސްތީ ހާލަތުގައި ތިބެގެން މިމަހުގެ 4 ވަނަ ދުވަހު މި ގްރޫޕުން ކޯބްރާ ހަރުފަ އެއް ހިފީ އެމީހުން އުޅޭ އަވަށްގަނޑާއި ކައިރި ހިސާބެއްގައި ހުރި ގަހަކުންނެވެ. ހަރުފަ ހިފުމަށްފަހު އެމީހުންގެ ކޮނޑަށް ހަރުފަ ލައިގެން އެކިއެކި ޕޯސްތަކަށް ސެލްފީ ނަގާފައިވެއެވެ. މިގޮތަށް ސެލްފީ ނެގުމުގެ ތެރޭގައި ހަރުފައަށް އަނިޔާކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

 

ފޮޓޯ ނެގުމަށްފަހު އެމީހުން ފޮޓޯތައް އާއްމުކުރީ ފޭސްބްކް ގައެވެ. ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންނާއި ބައެއް އާއްމުން މައްސަލަ ޖެއްސުމުން، ފޮރެސްޓް ޑިޕާޓްމެންޓުން ވަނީ ތަހްގީގުތަކެއްކޮށް އެ ފަސްމީހުން ހިފަހައްޓާފައެވެ. އެއަށްފަހު އެމީހުން ފުލުހުންނާއި ހަލާލުކުރިއެވެ.

 

މި ފަސްމީހުން ހަރުފައަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހެއް ހޯދުމުގެ މަސައްކަތް ކުުރަމުން އަންނަކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.