ރާއްޖޭގެ އެންމެ ނަންހިނގާ އެއް ޓީވީ ޗެނަލް ކަމަށްވާ ‘ރާއްޖެ ޓީވީ’ އިން މިހާރު ދައްކަމުން އަންނަ އިޝްތިހާރެކެވެ. އިޝްތިހާރު ފެނުމާއެކު ހުއްޓުން އެރިއެވެ. އިޝްތިހާރުން ފެނުނީ ރާއްޖޭގެ ފިލްމީ ދާއިރާގައި ނަންހިނގާ ދެ ތަރިންނެއް ނޫނެވެ. އެހެން ނަމަވެސް ފަރިތަ ދެމޫނެކެވެ. ރާއްޖެ ޓީވީ ގެ ޕްރެސެންޓަރަކާއި އެތަނުގެ އެހެން ސްޓާފެކެވެ. ރަމަޟާން މަހު އެމީހުންގެ އެކްޓިން އެ ސްޓޭޝަނުން އުފެއްދި ޝޯ އެއްގެ ތެރެއިން ފެނިފައިވާ ދެމީހުންނެވެ. އެހެން ނަމަވެސް އިޝްތިހާރު ފެނިފައި ހުއްޓުން އެރީ އެހެން ވެގެނެއްވެސް ނޫނެވެ.

 

“އެކީއްވެހޭ އޮޅުންއެރީ – ރީރެޖިސްޓްރީ ކޮށްފިންތޯ؟” މިއީ އިޝްތިހާރުގެ ޓައިޓްލް އެވެ. ލަވައަކާއި އެކުގައި ފެނިގެންދިޔަ މި ޓައިޓްލް އިން މިއީ ވޯޓްލާން ރީރެޖިސްޓަރ ކުރުމާއިބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް އެ ސްޓޭޝަނުން ތައްޔާރުކޮށްފައިވާ ވީޑިއޯ ސްޕޮޓެއްކަން އެނގުނެވެ. ވީޑިއޯ ސްޕޮޓް ޝައުޤުވެރި ކުރުވީ ވީޑިއޯގެ ސްޓޯރީ އަދި ޑައިރެކްޝަން ހަދާފައިވާ އޭންގަލްގެ ސަޅިކަމުންނެވެ. ވީޑިއޯ ބަލަމުންދާއިރު ފެންނަ މަންޒަރުން ހީވާގޮތާއި ޚިލާފަށް ވީޑިއޯ ނިމޭއިރު ލިބިގެންދަނީ ސަޕްރައިޒް އެކެވެ.

 

ސިޔާސީ އެއްވެސް ޚަބަރެއް، މަޢުލޫމާތެއް ގެނެސްދިނުމަކީ މުނިއަވަސް ގެ ޕޮލިސީ އެއް ނޫނަސް، މިފަދަ ޝައުޤުވެރިކުރުވާ ވީޑިއޯ ސްޕޮޓެއް ފެނުމުން ކިޔުންތެރިންނާއި ހިއްސާކޮށްލީ ފިލްމީ ނުވަތަ ވީޑިއޯ އުފެއްދުމުގެ ތެރެއަށް ފެތޭ ފުރިހަމަ މަސައްކަތަކަށް ވާތީއެވެ.

މަތީގައި ހިއްސާކޮށްލެވުނު ވީޑިއޯ ސްޕޮޓްގެ އިތުރުން ހަމަ އެފަދަ އެހެން ވީޑިއޯ ސްޕޮޓެއްވެސް މިއަދު ހެނދުންފެށިގެން ރާއްޖެ ޓީވީ އިން ދައްކަމުން އެބަގެންދެ އެވެ. މިއީވެސް ޝަޢުޤުވެރިގޮތަކަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ސްޕޮޓެކެވެ.

ރާއްޖެ ޓީވީ ގެ ޕްރެޒެންޓަރުން އަދި ސްޓާފުން އެކްޓިންގެ ދާއިރާއިން އެކިއެކި އުފެއްދުން ތަކުން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.