ބޮޑު ކާސްޓެއް ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު “މާމުއި”ގެ ކާސްޓުން މިއަދު ތަޢާރަފުކުރަން ފަށައިފި އެވެ. ކުރު ވީޑިއޯ ފޯމެޓްގައި ވަރަށް ތަފާތު ޑިޒައިން އަކާއިއެކު މިއަދު ހެނދުން ފެށިގެން ދޭތެރެއަކުން ސްޓާރެއް ޑާކްރެއިން އިން އަންނަނީ ތަޢާރަފް ކުރަމުންނެވެ.

 

އެގޮތުން “މާމުއި” ގައި ރުޝްދީ ގެ ކެރެކްޓަރ ކުޅެނީ އިސްމާއީލް ޖުމައިހް (ޖުމާ) އެވެ.

ތާނިޔާގެ ބައި ކުޅެނީ މަރިޔަމް މަޖްދާ (މަޖޫ) އެވެ.

ރީތި އިއްސެގެ ކެރެކްޓަރ އިން ފެނިގެންދަނީ މަޝްހޫރު ކޮމީޑިއަން އަހްމަދު ސުނީ އެވެ.

ވަރްގީނާ ރޯލުން ފެނިގެންދަނީ މަޝްހޫރް އެކްޓްރެސް ޝީލާ ނަޖީބެވެ.

ހައްޕު ގެ ކެރެކްޓަރ ކުޅެނީ ކޮމީޑިއަން އަދި ލަވަކިޔުންތެރިޔާ ޝާފިއު އިބްރާހިމް (ފުބޫ) އެވެ.

ސާނިޔާގެ ބައިން ފެނިގެންދަނީ އަލަށް ތަޢާރަފްވާ އައިޝަތު ޔާދާ އެވެ.

ރޮމާނީ ގެ ރޯލުން ފެނިގެންދަނީ މީގެ ކުރިންވެސް ޑާކްރެއިން ގެ ފިލްމުތަކުން ފެނިފައިވާ ބޭރުގެ ފަންނާނެއްކަމަށްވާ މާރިއާ ތްރޭސާ އެވެ.

މަޝްހޫރު ނެށުންތެރިޔާ އަދި ޑާކްރެއިންގެ ފިލްމަކުން ކޮމެޑީ ބައިން ވިދާލާފައިވާ ހަމްދާން ފާރޫޤް ކުޅެނީ ރޯޒީގެ ރޯލެވެ.

ބަނީ ގެ ކެރެކްޓަރ އިން ފެނިގެންދަނީ ޑާކްރެއިންގެ ފިލްމުތަކަށް ފަރިތަ މޫނެއްކަމަށްވާ ޢަލީ ޝަޒްލީމް އެވެ

މިވަގުތު ރާއްޖޭގެ ސިނަމާގައި އެންމެ ޑިމާންޑް ބޮޑު އެކްޓްރެސް މަރިޔަމް އައްޒަ ކުޅެނީ ހައިފާ ގެ ރޯލެވެ.

ސަލްމާން ގެ ރޯލުން ފެނިގެންދަނީ ކުރިއަރަމުން އަންނަ ތަރި އަދި ޑާކްރެއިންގެ އެންމެ ފޭވަރިޓް އެއް ސްޓަރ ޖުމަލް އެވެ.

މީގެ އިތުރުން މި ފިލްމުން މުހައްމަދު ފައިސަލް، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު ހިމެނެ އެވެ. މި ހުރިހާ ތަރިންގެ އިތުރުން އިތުރު ތަރިން ފެނިގެންދާއިރު ރާއްޖޭގެ ފިލްމީ ދާއިރާގެ ލިޖެންޑް އެކްޓަރ އިސްމާޢީލް ވަޖީހް ވެސް ފިލްމުން ފެނިގެންދާނެ އެވެ.

 

އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ވަޖީހު ފިލްމުން ފެނިގެންދާނެ ހުރިހާ މަންޒަރެއް މިހާރު ޝޫޓްކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަންޒަރުތައް ނަގާފައި ވަނީ ޔޮޓް އެއްގައި ކަމަށެވެ.

މިއީ މޮގަރ ގެ އަންހެނުން އަދި މިހާރު ސްކްރީން ރައިޓިންގ ގައި މަޝްހޫރުކަން ހޯދާފައިވާ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކުރަނީވެސް ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

 

ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުނީ އެ ފިލްމަކީ އެ ޓީމުން އުފައްދާ އެންމެ ބޮޑު އަދި އެންމެ ތަފާތު ޕްރޮޖެކްޓް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.