އިންތިޚާބުގެ ކަންތައްތަކާއި ގުޅުންހުރި ބައެއް އިނގިރޭސި ލަފުޒު ތަކާއި އެހެނިހެން ބައެއް ކަންކަމާ ގުޅުންހުރި ބައެއް ލަފުޒުތަކަކަށް ދިވެހި ލަފުޒު ހަދަަން ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި އެވެ.

 

ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ފޭސްބްކް ޕޭޖް އަދި ޓްވިޓަރ މެދުވެރިކޮށް އާއްމުކޮށްފައިވާ ޕޯސްޓެއްގައި ހިމަނާފައިވާ އިނގިރޭސި ލަފުޒުތަކަށް ދިވެހި ލަފުޒުގެ ގޮތުގައި ބޭނުންކުރާނެ އައު ލަފުޒު ހެދުމަށްފަހު އޮގަސްޓް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލަފުޒު ހުށައެޅުމަށް ބުނެފައި ވެއެވެ.

 

ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ ޕޯސްޓްގައި ހުރި ލަފުޒު ތަކަކީ: ވޯޓަރސް، ކެންޑިޑޭޓް، ކެނޑިޑެސީ، ރީރެޖިސްޓްރޭޝަން، އަޕްލޯޑް އަދި ޑައުންލޯޑް އެވެ.

 

ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ މުނިއަވަސް އަށް ވިދާޅުވީ އައު ލަފުޒު ހެއްދެވުމަށްފަހު އެ ލަފުޒުތައް ހެއްދެވުމަށް ވިސްނަވާފައިވާ ގޮތާއި ހަމަތައް އެނގޭނޭ ގޮތަށް ދިވެހިބަހުގެ އެކެޑަމީ އަށް ލިޔުމަކުން އީމެއިލްގެ ޒަރީޢާއިން ހުށައެޅުއްވުން ރަނގަޅުވާނެ ކަމަށެވެ.

 

ޓްވިޓަރ ގައި ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ ޕޯސްޓަށް ބައެއް ފަރާތްތަކުން ލަފުޒު ހެދުމަށްފަހު އާއްމުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.