މިއީ  ފިލްމް ‘ޝީރީން ފަރުހާދު’ގެ ‘ސުނާއޫނ ކިސްކޮ އަފުސާނާ’ (އަހަރެންގެ ވާހަކަ ކިޔައި ދޭނީ ކާކަށް ހެއްޔެވެ؟) މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައަކީ ފިލްމް ‘ޝީރީން ފަރުޙާދު’ގެ ލަވަތަކުގެ ތެރެއިން ‘މުނިއަވަސް‘ގެ ސަފްހާތައް މެދުވެރިކޮށް ހުށަހަޅާ ލެވޭ ދެވަނަ ލަވެއެވެ. އެންމެ ފުރަތަމަ ހުށަހަޅާ ލެވުނު ލަވަޔާ އެކު ޝީރީން ފަރުޙާދުގެ ވާހަކައިގެ އަސްލުގެ މައްޗަށާއި އަދި ފިލްމުގައި އެވާހަކަ ބިނާވެފައިވާ ގޮތުގެ މައްޗަށް ބަލާލެވުނެވެ. އަދި، ފިލްމުގައި ފަރުޙާދުއާއި ޝީރީނު ވަކިކުރެވި، ޝީރީނު ފާރިސް ކަރައަށް ފޮނުވާލަން ނިންމާލެވި، އެދަތުރަށް އެރުވުމުން، އެކަމުގެ ހިތާމައިގައި ޝީރީނު ކީ ލަވަ، ‘ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ’ (ފާއިތުވެ ދާ ޒަމާން، ދުވަސްތައް އަލުން އެނބުރިއެއް ނާދެއެވެ)، ހުށަހަޅާ ލެވުނެވެ.

 

މިފަހަރު ހުށަހަޅާ މިލަނީ ޝީރީނުއާއި ވަކިވާން ޖެހުމުން، ފަރުޙާދުގެ ހިތުގައި އުފެދުނު ވޭނުގެ އިހުސާސުތަކުގެ ވާހަކައެވެ. މިވާހަކަ ކޮޅު ފެށެނީ، އޭނާގެ ވާހަކައަކީ އުފަލާއިއެކު ފެށުނު ނަމަވެސް، ހިތާމަވެރި ގޮތެއްގައި ނިމިގެންދިޔަ ކުރު ވާހަކަ އެކޭ ބުނަމުންނެވެ. އާދެ، ޝީރީން އާއި ވަކިވާން ޖެހުމުން، އޭނާގެ ހުރިހާ އެއްޗެއްވެސް ގެއްލިގެން ދިޔައީ ކަމުގައި އޭނާ ބުނެއެވެ. އެހެނީ އޭނާގެ މުޅި ދުނިޔެއަކީވެސް ޝީރީން ކަމަށް ވާތީއެވެ. އަދި، އެނާގެ ހިތާމަވެރި ވާހަކަ އަޑު އަހައި، އޭނާގެ ހިތަށް ތަސައްލީއެއް ދޭނޭ އެކަކުވެސް މިހާރަކު ނެތެވެ. އެވާހަކަތައް އަޑުއަހާލާނޭ ގާތް ތިމާގެ ރައްޓެއްސެއް، ނޫނީ ދުރު ހިލޭ ބީރައްޓެއްސެއް ވެސް ނެތެވެ. އެހެންވެ، އޭނާގެ މިވާހަކަތައް ހަވާގެ ތެރަށް، ބޭރުކޮށް ލުމަށްފަހު، ހަމަހިމޭންވާނޭ ވާހަކަ އޭނާ ބުނެއެވެ.

 

އޭނާ ބުނާގޮތުގައި، އެއްވެސް ޙައްގަކާ ނުލައި، ޝީރީން، އޭނާއާއި ވަކިކޮށް، ދުރަށް ފޮނުވާލެވި، ޝީރީން، އޭނާއަށް ގެއްލުމުން، އޭނާ ގަބޫލު ކުރަނީ، އޭނާގެ ނަސީބުގައި ލިޔެވިފައި އޮތީ ހަމައެކަނި ނުހައްގު އަނިޔާ ލިބުން ކަމުގައެވެ. އަދި، އެހެންވެ، މިކަން ގަބޫލުކޮށް ބަލައިގެންފި ވާހަކަވެސް އޭނާ ބުނެއެވެ. އަދި، އެ ހައްގު ނޫން އަނިޔާ ލިބުމުގައި އޭނާ ދެމިހުންނާނެ ވާހަކަވެސް އޭނާ ބަޔާންކުރެއެވެ. ޝީރީން ގެއްލުމުގެ ހިތާމަ ބަރުދާސްތުކޮށް، ޝީރީނު މަތިން ހަނދާން ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލުމުގައެވެ. އެ ގޮތުގައި ހުރެ، އޭނާގެ ލޯބީގެ ތެދުވެރިކަމާއި އޭނާގެ ވަފާތެރިކަން ސާބިތުކޮށްދެއެވެ. މިގޮތުގައި، ހަޔާތް ވޭތުކޮށްލުމަކީ ލޯބީގެ ‘އިންތިހާ ކަމުގައި’ އާދެ، ލޯބީގެ އެންމެ މަތީ ދަރަޖަކަމުގައި އޭނާ ގަބޫލުކުރެއެވެ. މީހަކު ދެކެ ލޯބިވެވި، އެލޯބީގައި، އެދަރަޖައަށް، ވާސިލުވެވިއްޖެ މީހަކު ހުންނާނީ، ހަމަ ބުއްދި ފިލައިގޮސް، މޮޔަވެފައި ހުންނަމީހެއް ފަދައިންނެވެ. އޭނާ އިތުރަށް ބުނެދެއެވެ. ފަރުހާދު، ދެކޭގޮތުގައި އޭނާއަށް، ޝީރީނުގެ ލޯބީގައި ޖެހި، އެދަރަޖައަށް، ވާސިލު ވެވިއްޖެއެވެ. އެހެނީ، ބުއްދިފިލާ މޮޔަވެފައި ތިބޭ މީހުންނަށްވެސް އޭނާ މިހާރު ފެންނަނީ މޮޔައެއްގެ ގޮތުގައެވެ. ޚުދް އެމީހުންވެސް، އޭނާއަށް ގޮވަނީ މޮޔަޔާއޭ ކިޔާފައެވެ. އޭނާގެ ވާހަކަކޮޅު ނިންމާލަނީ ޝީރީނަށް ހެޔޮ އެދެމުންނެވެ. ޝީރީނުގެ ހަޔާތަށް އުފަލާއި ބާއްޖަވެރިކަން އެދެމުންނެވެ. އޭނާގެ އަމިއްލަ ހަޔާތް ބަރުބާދުވެ ގޮސްފައި އޮތަސް ވެހެވެ.

 

ދެން މިލަވައިގެ، އާދެ، ފިލްމް ‘ޝީރީން ފަރުހާދު’ގެ ‘ސުނާއޫނ ކިސްކޮ އަފުސާނާ’ގެ ދިވެހި ތަރުޖަމާ ހުށަހަޅާލަމެވެ.

ދޯ ހި ލަފްޒޯ ކާ ތާ ޔެ އަފުސާނާ

މިއީ މަދު ބަސްކޮޅެއްގެ މައްޗަށް އެކުލެވޭ ވާހަކައެކެވެ.

ޖޯ ސުނާ ކަރް ޚަމޯޝު ހޯ ބައިޓާހ

މިވާހަކަ އިއްވާލުމަށްފަހު އަހަރެން ހިމޭންވެ ހަމަޖެހޭނަމެވެ.

އިބްތިދާ ޔޭ ކެ ތުމްކޯ ޕާޔާ ތާ

(މިވާހަކަ) ފެށުނީ (ކަލާ ގެލޯބި) ހާސިލުވެ ނުހަނު އުފާވެރި ގޮތެއްގައެވެ.

އިންތިހާނ ޔެ ކެ ޚުދް ކޯ ޚޯ ބައިޓާހ

(އަދި މިވާހަކަ) ނިމުނީ (ކަލާ ގެއްލި) އަހަރެން(ވެސް) ގެއްލި ނުލާހިކު ހިތާމަވެރި ގޮތެއް ގައެވެ.

 

ސުނާއޫނ ކިސްކޮ އަފުސާނާ

(އަހަރެންގެ ވާހަކަ) ކިޔައި ދޭނީ ކާކަށް ހެއްޔެވެ؟

ނަ އަޕުނާ ހޭ ނަ ބޭގާނާ

(އެވާހަކަ އަޑުއަހާނެ) ގާތް އަމިއްލަ މީހެއްވެސް ނޫނީ ދުރު ހިލޭ ބީރައްޓެއްވެސް އަހަރެންގެ ނެތެވެ!

ލިކާހހޭ މޭރި ޤިސްމަތު މޭ

އަހަރެންގެ ތަގުދީރުގައި ލިޔެވިފައިވަނީ

ޖަހާނ ކޭ ތޯހކުރޭ ޚާނާ

މިދުނިޔޭގެ (ނުހައްގު) އަނިޔާ (އަހަންނަށް) ލިބުމަށެވެ.

 

އަގަރް ޔޭ ބީހ ނެހީ ތޯ ޕިހރް

މިކަމަކީ އެއީ ނޫން ކަމަށް ވަންޏާ،
ޖުނޫނ ކީ އިނތިހާނ ކިޔާ ހޭ

ލޯބީގެ ޖަޒުބާތުގައި ޖެހި ހައްދުފަހަނައަޅައި ދިއުމަކީ އަޅެ ފަހެ، ކޮބާހެއްޔެވެ؟

ކެ ދީވާނޭ ބިހ އަބް ކެހެނޭ ލަގޭ ހެއި މުޖްހކޮ ދީވާނާ

މިހާރު މޮޔަވެފައިވާ މީހުންވެސް އަހަންނަށް ގޮވަނީ (އޭ މިހިރަ) މޮޔަޔާއޭ ކިޔާފައެވެ.

 

ބަހރީ ދުނިޔާ މެ އިސް ދިލް ކޯ

(މިއޮތް ބޮޑު) ތޮއްޖެހި ހާމަ ދުނިޔެއަށް، އަހަރެންގެ މި ހިތް

އަކޭލާ ޗޯހޅުނޭ ވާލޭ

އެކަނިކޮށްލައި ދޫކޮށްލާފައި ދިޔަ ސާހިބާއެވެ!

ތުމޭހ ގުލްޝަން މުބާރަކް ހޯ

ކަލާގެ ހަޔާތުގެ މާބަގީޗާގައި ބަރަކާތްލައްވާ ހުށިކަމެވެ!

މުޖޭހ މޭރާ ޔެ ވީރާނާ

އަހަރެންގެ ހަޔާތް މުޅިން ވީރާނާވެ ބަރުބާދު ވެއްޖެއެވެ!

 

ސުނާއޫނ ކިސްކޮ އަފުސާނާ

(އަހަރެންގެ ވާހަކަ) ކިޔައި ދޭނީ ކާކަށް ހެއްޔެވެ؟

ނަ އަޕުނާ ހޭ ނަ ބޭގާނާ

(އެވާހަކަ އަޑުއަހާނެ) ގާތް އަމިއްލަ މީހެއްވެސް ނޫނީ ދުރު ހިލޭ ބީރައްޓެއްވެސް އަހަރެންގެ ނެތެވެ.

ލިކާހހޭ މޭރި ޤިސްމަތު މޭ

އަހަންނަށް ތަޤްދީރުގައި ލިޔެވިފައިވަނީ

ޖަހާނ ކޭ ތޯހކުރޭ ޚާނާ

މިދުނިޔޭގެ (ނުހައްގު) އަނިޔާ (އަހަންނަށް) ލިބުމަށެވެ.

ސުނާއޫނ!

(މިވާހަކަ) އަޑު އަހާނު ހެއްޔެވެ!

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.