ޅެން ހެއްދެވީ: ފަޟީލަތުއްޝައިޙް އަބްދުﷲ ފަޙްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން)

ޝަރަޙަ ކުރެއްވީ: އުތީމު އާދަމް ޢަބްދުއްރަޙްމާން

 

ފަޟީލަތުއްޝައިޙް އަލްމަރްހޫމް އަބްދުﷲ ފަޙްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) ހައްދަވާފައިވާ އެގާރަ ބައިތުގެ މި ނަސޭޙަތްކޮޅަކީ އަޅުގަނޑުމެން ހަމަ ކޮންމެ މީހަކުވެސް އަޑުއަހައި އެއަށް ވިސްނައި ޢަމަލުކުރާން ޖެހޭ ވަރަށް އަގުހުރި ނަސޭހަތް ކޮޅެކެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން އެދޭނަމަ އެވެ.

 

އަލްމަރްހޫމް ޢަބްދުﷲ މޫސާ ނުވަތަ ނައިފަރު ދޮހޮއްކޮ (ދޮހޮއްކޮބޭ) ގެ ހިތްގައިމު އަޑާއި ހަރުމުނިޔާގެ މޫސީޤީ އަޑާއިއެކުގައި މި ޅެން ވަނީ ލަވައެއްގެ ސިފައިގައި ރިކޯޑިންގ ހެދި އާއްމުވެފައެވެ. ޅެން އެއްކޮށް ހުރިހައި ބައިތެއް ނުހިމެނުނަސް ގިނަ ބައިތުތައް ހިމަނާފައިވެއެވެ. އެހެންކަމުން މި ލަވަ ވެސް މިތާނގައި ހިމަނާލާނަމެވެ.

 

ހުރިކަންތަކާ ދުރުވާށެ ޑަރް ބުރިކަށި މަތިން ބައިލާށޭ ބަރް

ހުރިހާކުދިން ކަމުވާނެ މަރް ފުރިހަމަ އައިސްފާވެޔެ ޚަބަރް

 

ޑަރް (ނުވަތަ ބިރު) ހުރި ކަންތައްތަކާ ދުރުވާށެވެ. ބުރިކަށި (ބުރަކަށި) މަތިން ބަރުތައް ބައިލާށެވެ. ހުރިހާކުދިން (އެންމެން) މަރުވާނެކަމުގެ ފުރިހަމަ ޚަބަރު އައިސްފައިވެއެވެ. ޔަޢުނީ އިންސާނާ ދުނިޔެއަށްފޮނުއްވެވީ ވަރަށް ވަރުގަދަ ބެލެހެއްޓެވުމެއްގެ ދަށުގައެވެ. ކަންތައްތަކަށް އެދުންވެރިވަނިވި ނަފުސަކައިގެންނެވެ. އެނަފުސު އެދުންވެރިވާނޭ ކަންތައްތަކަކާވެސް އެކީގައެވެ. މީގެތެރެއިން އިންސާނާއަށް ހުއްދަކުރެއްވީ ބައެއް ކަންތައްތަކެވެ. ބައެއް ކަންތައްތައް ވަކިހާލަތެއްގައި ހުއްދަކުރައްވައި، ބައެއް ހާލަތުގައި މަނާކުރެއްވިއެވެ. ބައެއް ކަންތައްތައް ލައްވާފައިވަނީ، ކޮންމެ ޙާލަތެއްގައިވެސް ހުއްދަނޫން މަނާކަންތައްތައް ކަމުގައެވެ. މިކަންކަމުގެތެރޭގައި ދުލުންބުނާހައި ބަސްތަކާ، ކަންކަންކުރުމާ، ކެއިންބުއިމާ، މުއާމަލާތު ހިންގުން ހިމެނެއެވެ. މީގެތެރެއިން ހުއްދަކުރައްވާފައިވަނީ ފައިދާހުރި ރަނގަޅު ކަންތައްތަކެވެ. މަނާކުރައްވާފައިވަނީ ތިމާއަށް ނުވަތަ ޖަމާއަތަށް ގެއްލުންހުރި ނުބައި ކަންތައްތަކެވެ. ކުރަންވާނީ ހުއްދަކުރެއްވި ކަންކަމެވެ. ހުއްދަނުކުރައްވާ ކަންކަން ކޮށްގެން ނުވާނެއެވެ. އިންސާނާ ވަނީ ވަރަށްބޮޑު އަމާނާތެއް އުފުލައިފައެވެ. އަމުރު މައުރޫފު ހިންގަންޖެހެއެވެ. މުންކަރާތްތައް ނަހީކުރަން ޖެހެއެވެ. އިންސާނާ އިންސާނީ ސޫރާގައި ލައްވައި، ހެޔޮނުބައި ވަކިކުރުމުގެ ބާރާ ބުއްދީގެ ނިޢުމަތްވަނީ އެ އިންސާނާއަށް ދެއްވާފައެވެ. މިއާއެކު ތަކުލީފުތަކެއްވަނީ މަތިކުރައްވާފައެވެ. އެތަކުލީފުތަކަށް ރައްކައުތެރިވާން ޖެހެއެވެ. އެންމެހައި ފާފަތަކުން ރައްކައުތެރިވެ މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވާން ޖެހެއެވެ. އެންމެހައި ވާޖިބުތަކާ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވެ، އަމުރުކުރެއްވި ކަންތައްތައް ފުރިހަމައަށް އަދާކުރަންޖެހެއެވެ. ކުރުމަށް އަމުރުކުރައްވާފައިވާ ކަންތައްތައް ނުކުރެވުމަކީ ބިރުހުރި ކަމެކެވެ. މަނާކުރައްވާފައިވާ ކަމެއް ކުރެވުމަކީވެސް ބިރުހުރި ކަމެކެވެ. ފާފައެކެވެ. ބިރުހުރި އެންމެހައި ކަންކަމާ ދުރުހެލިވާށެވެ! ދުރުވާށެވެ! ފާފަތައް ބުރަކަށިމައްޗަށް އަރުވައިގެން އެބުރަތައް އުފުލަން ނަހަދާށެވެ. އެބަރުތައް ބުރަކަށިމަތިން ބައިލާށެވެ! އެހެނީ މިދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔެއަށް އުފަންކުރެއްވި ކޮންމެ މަޚްލޫޤެއްމެ މަރުވާނެއެވެ. ކޮންމެ ނަފުސެއް މަރުގެރަހަ ދެކޭނެކަމަށް ވަރަށް ސަރީޙަބަހުން ކީރިތި ޤުރްއާނުގައި ވަނީ އަންގަވާފައެވެ.

 

މަސްތެއްކަމަށް މިޙަޔާތަކީ އަސްތާ ރިވެތި އަންގަޔެ އަސަރް

ރަސްތާ ކޮށާއަލިކޮށް ހަދާ ގަސްތައް ހޮވާނެރުވާށެ ދަރް

 

ދުނިޔޭގެ މިހަޔާތަކީ މަސްތެއްކަމަށްވަނީ އަންގަވާފައެވެ. (ތެދުމަގުވަނީ ދައްކަވާފައެވެ.) ރާސްތާ (ތެދުމަގު) ހޯދާށެވެ. އެމަގުގައިހުރި ގަސްތައްކޮށައި ދަރުތައް ހޮވައި ނެރުއްވާށެވެ. ޔަޢުނީ: އިންސާނާ ދުނިޔޭގައި މިއުޅޭ ދިރިއުޅުމަކީ، ވަރުގަދަ މަސްތެކެވެ. އެމަސްތުގައި ޖެހިއްޖެނަމަ މީހާއަށް މަގުއޮޅިގެން ހިނގައިދާނެއެވެ. އެމަސްތުގައި ނުޖެހޭށެވެ. އިސްލާމީ ހިދާޔަތު މިކަންކަން އެބަ އަންގަވައެވެ. ސީދާ ތެދުމަގު (ރާސްތާ) ހޯދާށެވެ. އެމަގުން ކުރިއަށްދާށެވެ. އެމަގުން އެއްފަރާތް ނުވާށެވެ. އެމަގުން، އެއްފަރާތްވެ މަގުއޮޅިގެން ދަނީ ދުނިޔޭގެ މަސްތުގައި ޖެހުމުންނެވެ. ވީމާ ދުނިޔޭގެ މަސްތުގައި ނުޖެހި މާތްވެގެންވާ އިސްލާމްދީން ދައްކަވާފައިވާ ތެދުމަގަށް އަންނާށެވެ. އެމަގަށް ހުރަސްއެޅޭގޮތަށް ހުރި ހުރަސްތައް ސާބިތުކަމާއެކު ގިރާކުރާށެވެ. ގަސްތައް ކޮށާ ދަރުތައް ހޮވާ ނެރެ މަގުސާފުކުރާށެވެ. ދިރިއުޅުމުގެ މައިދާނުގައި އިންސާނާ ހިތްއެދޭ ވަރަށްގިނަ އެއްޗެތި ފެންނާނެއެވެ. ވަރަށްގިނަ ކަންތައްތައް ހުންނާނެއެވެ. އެއިން ކޮންމެއެއްޗަކީ ހަގީގަތުގައި ތިމާއަށް ކޮންމެހެން ބޭނުންވާނޭ އެއްޗެއް ނޫނެވެ. އަދި ކޮންމެކަމަކީ އެހާމެ މުހިންމު ކަމެއްވެސްނޫނެވެ. ތިމާ އެއެއްޗަކައިގެން މަރުފަލިޖެހި އެތި ތިމާއަށް ލިބުމާއެކު ވަރަށްކުޑަހިނދުކޮޅެއްގެ ތެރޭގައި އެއެއްޗެއްދެކެ ފޫހިވެދާނެއެވެ. ތިމާ އެކަމަކައިގެން ކުޑަކަކޫޖެހުނު ކަންތައް ކުރެވުމަށްފަހު، އެކަން ނުކުރެވުނުނަމަ ހާދަރަނގަޅުހޭ ހިތަށްއަރާގޮތް ވެދާނެއެވެ. މިފަދަ ދުންޔަވީ ބޭނުންތައް ސިފަކުރެވެނީ މަސްތެއްގެ ގޮތުގައެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި މަސްތުފިލައިދެއެވެ. މިފަދަ ކަންކަމާ ކުރިމަތިވުމުން ވިސްނުމުގެ ބޭނުންހިފާށެވެ. މަގުއޮޅުވައި ނުލާށެވެ. ސީދާމަގު ހޯދާށެވެ. އަދި އެމަގުން ކުރިއަށް ހިނގާށެވެ. ﷲ ތިމާއަށް ދެއްވި ވިސްނުމުގެ ބޭނުމަކީ އެއީއެވެ.

 

ބޮނިކޮށް ވެދާފަދަ އެހިނދުމަރް ފޮނިއެއްޗެތީ ގިނަވެޔެ ޒަަހަރް

ކޮނިބިން ނެގޭ ނެތަކަސް ޒަހަރް އޮނިގަނޑުގެ ބަލަވިސްނާށެ ވަރް

 

އެއެއްޗެއް ބޮނިކޮށް ހަމައެހިނދު (ވަގުތުން) މަރުވެދާފަދަ ޒަހަރު (ބައެއް) ފޮނިއެއްޗެތީގައި ވެއެވެ. ބިން ކޮނިގެން (ބިންކޮނެގެން ނެގޭ ޒަރް (ޖަވާހިރު) ނެތަސް ތިމާގެ އޮނިގަނޑުގެ ހުރިވަރު ވާނީ ބަލާށެވެ. ތިމާގެ ފެންވަރުވާނީ، ތިމާ ދަންނާށެވެ. ޔަޢުނީ، ފެންނަ ކޮންމެ ރީއްޗެއްގެ ފަހަތުން ދުއްވައި ނުގަންނާށެވެ. ކޮންމެމީރަކަށް ދަހިވެތިނުވާށެވެ. މާ މީރުވެގެން ރަހަފޮނިވެގެން ބޮއިއުޅޭ ބައެއް އެއްޗެތީގައި އެކުލެވިފައިވަނީ ޒަހަރެވެ. އެބުއިމުން ހަމައެހިނދު (ވަގުތުން) މަރުވެދާފަދަ ޒަހަރެވެ. ޒަހަރުގެ ތެރޭގައި ތަފާތު ވައްތަރުގެ ޒަހަރު ހުރެއެވެ. ބައެއް ޒަހަރަކީ ބޮއިލާއިރު ހިތިއެއްޗެކެވެ. މިފަދަ ޒަހަރު ބޮވޭއިރު ޒަހަރެއް ބޮވޭކަމުގެ އިހްސާސް ކުރެވޭނެއެވެ. މިފަދަ ޒަހަރު ބުއިމުން މީހާގެ ހަށިގަނޑާ ފުރާނަ ވަކިވެ މަރުވެއެވެ. އަނެއް ބާވަތުގެ ޒަހަރަކީ ރަހަމީރު ފޮނިއެއްޗެކެވެ. މިފަދަ ޒަހަރު ބޯއިރު ޒަހަރެއްބޮވޭ ކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. މިފަދަ ޒަހަރު ބޮއިގެން މަރުވާއިރު މަރުވާކަމެއްވެސް ނޭނގޭނެއެވެ. ބޮވޭއިރު ބޮވޭކަންވެސް ނޭނގޭފަދައިންނެވެ. މިހެނީ މިފަދަ ޒަހަރު ބޮއިގެންވަނީ ތޮބީއީ ގޮތުގައި ހަށިގަނޑާ ފުރާނަ ވަކިވާ ވަރެއްނޫނެވެ. މިފަދަ ޒަހަރު ބުއިމުން މަރުވަނީ މީހާގެ ކިބައިގައި ހުންނަ މަޢުނަވީ މާތްކަމެވެ. ރޫޙާނިއްޔަތެވެ. އަޚްލާޤެވެ. މިފަދަ ފޮނިޒަހަރު ބައެއްފަހަރު އެހެންމީހުން، ދޭހިތުން ތިމާއަށް ދީއުޅޭނެއެވެ. ތިމާ ރުހުމުގައި އެލިބިގަނެއެވެ. އޭގެ ބޭނުން ކުރެއެވެ. މިފަދަ ޒަހަރަށް ތަފާތު ނަންކިޔައެވެ. އެންމެ ހިތްގައިމު ޒަހަރުގެތެރޭގައި ރިޝްވަތު ނުވަތަ ކޮރަޕްޝަން ހިމެނެއެވެ. އަދި ބައެއްފަހަރަށް ހަދިޔާގެ ނަމުގައިވެސް ފޮނިޒަހަރު ދީ ލިބިގަނެ ހެދެއެވެ. އެހެންމީހުން ތިމާއަށް ދޭހިތުން ދިނުން ފިޔަވާ ތިމާ އަމިއްލައަށް ހޯދައިގަންނަ ފޮނިޒަހަރުވެސް ހުރެއެވެ. މިފަދަ ބާވަތްތަކުގެތެރޭގައި، ވައްކަން، ޓެކުން، ޚިޔާނާތް، މަކަރާހީލަތްފަދަ ނަންކިޔާފައި ހުންނަ ފޮނިޒަހަރު ހުރެއެވެ. މިފަދަ ޒަހަރެއް އެއްފަހަރު ބޮއިފިނަމަ ދެވަނަފަހަރަށް ބޯހިތްވާފަދަ މީރުކަމެއް މިޒަހަރުގައި ހުރެއެވެ. ފުރަތަމަ ފަހަރު ބޮއިލެވޭ ޒަހަރުފޮދާއެކު މީގެސަބަބުން މީހާގެ ރޫހާނިއްޔަތު މާނަވީގޮތެއްގައި މަރުވެދެއެވެ. ދެން މަތިމައްޗަށް މިޒަހަރު ބުއިމަށް ހަމަކެނޑި ދެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާކުރާ އެންމެހާ ހެޔޮޢަމަލުތަކުގެ ހެޔޮކަން ކެނޑިދެއެވެ. ހެޔޮކަން މަރުވެދެއެވެ. މިފަދަ ޒަހަރު ބޯން ބޭނުންވަނީ، އަނެކުނަށް ލިބިފައިވާ ނިޢުމަތް ތިމާއަށް ލިބިފައިނުވާ ހާލުގައި އޭނާ އުޅޭ މޮޅުއުޅުން ތިމާ އުޅެން ބޭނުންވުމުންނެވެ. މިންވަރަށް ނުރުހެވުމުންނެވެ. އޭނާގެ އަތުގައި ބިންކޮނެގެން ނެގި ޒަރީ (ނުވަތަ ޖަވާހިރާ ރަންރިހި) ނުވަތަ އެހެން މަގަކުންނަމަވެސް ފައިސާއާއި ތަނަވަސްކަން ލިބިފައި އެބަހުއްޓެވެ. ތިމާގެ އަތަކު އެފަދަ ތަނަވަސްކަމެއް ނެތެވެ. ވިސްނަންވީ ތިމާގެ ހާލަށެވެ. (އޮނިގަނޑުގައި ހުރިވަރަށެވެ.) ބަލަންވީ ތިމާއަށް ލިބިހުރި ތަނަވަސްކަމަކުން ތިމާގެ ދިރިއުޅުން ހަމަޖެއްސުމަށެވެ. ރުހެންވީ މިންވަރަށެވެ. ވަރުގަދަ ކުރަންވީ އީމާނެވެ.

 

ވިނަފާ އެތައްކަމަކަށް އެނގޭ ގިނަފާއިދާ ވެޔެ ގައި ހަބަރް

މިނަކާ ނުލާ ކައިހުސްކުރެޔެ ސިނައެކަތަޔާ ދަގަނޑާ ދަބަރް

 

ރަހަ ހިތިކުރެއްވި ހަބަރުގައި އެތައްކަމަކަށް ބަލިމަޑުކަމަށް ގިނަފައިދާތަކެއް ވާކަން އެނގެއެވެ. ހަރުސިނަ އެކަތައް ދަގަނޑު ވަކި މިނެއްނެތި”ކައި“ހުސްކޮށްލަނީ ދަބަރެވެ. ޔަޢުނީ: ހަބަރަކީ ބަލާލަން ވަރަށް ސިފަހުތުރު އެއްޗެކެވެ. ކުލަ ކަޅެވެ. ރަހަ ހިއްޗެވެ. ނަމަވެސް ބޭސްފަރުވާފަދަ އިންސާނާއަށް މަންފާހުރި ބޭނުންތެރި އެތައް ކަމަކަށް ހަބަރުން ފައިދާ ލިބެއެވެ. ސީނުގެ އެތައް ދަގަނޑަކީ ވަރަށްހަރު އެހާމެ ވަރުގަދަ އެއްޗެކެވެ. ނަމަވެސް އެތަކެތީގެ ބޭރުގައި ހިފާލާ، ކުޑަކުޑަ ދަބަރުކޮޅެއް ދުވަސްކޮޅަކުން އެތަކެތީގެ މައްޗަށް ގަދަވެގަނެއެވެ. މިދަބަރު އުފެދެނީވެސް ހަމަ މިމައުދަނުންނެވެ. ވަރަށް ތުނިތުނިކޮށް ހިފާލި ދަބަރުގެ ފަށަލަބޯވަމުންގޮސް ދަގަނޑުގަނޑު ނުވަތަ އެކަތިގަނޑު ކަމީނާކޮށްލައެވެ. އެއިން ހިފަންވީ އަސްލުބޭނުމަށް ކަމުނުދާވަރަށެވެ. އެންމެފަހުން ދަބަރަށްގޮސް ހުސްވެދެއެވެ. އެފަދަ ހަރުއެތަކައާ ދަގަނޑު، ދާދިބަލިބަލި އެއްޗެއްކަމަށް ފެނުނު ދަބަރު ކައިލާ ހުސްކޮށްލައެވެ. ޝާޢިރުގެ މިނަސޭހަތަކީ ފުރާނަނެތް (ހިލަގަނޑެއްފަދަ) ހަރުއެކަތައް ދަގަނޑަށް ދެއްވާ ނަސޭހަތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ ދިރިހުރި އިންސާނާއަށް ކުރައްވާ މުޚާޠަބު ކުރެއްވުމެކެވެ. އިންސާނާއަށް ލާޒިމުވަނީ އިންސާނީ ޙަޔާތާ މިމިސާލު ގުޅާލާށެވެ. ލޮލަށްފެންނަ ބައެއް ފެނުން މިމިސާލާ އެއްފަދަ ކުރާށެވެ. އެއިން އިބްރަތް ލިބިގަންނާށެވެ. އަޅެ ބުނެބަލާށެވެ! ގަސް ކިތަންމެ ބޮޑުވިއަސް ޅޮހުގައި އާރުލާހެއްޔެވެ؟ އެއްވެސްއެއްޗެއް އެއިން ހަދަން ކަމުދާނެ ލަކުޑި ޅޮސްގަހަކުން ލިބޭނެހެއްޔެވެ؟ ނޫނެކެވެ. ނުލިބޭނެއެވެ. އެހެންނަމަވެސް ދާދި ހިމަހިމަ ދަނޑިއެއްގައިވެސް ހުންނަ ހަރުކަމާ ގަދަކަމެއްގެ ސަބަބުން އެތައްކަމަކަށް އެއިން ބޭނުންހިފޭ ލަކުޑީގެ އެތައްބާވަތެއް އެބަ ދެކެމުނޫންހެއްޔެވެ. މީގެތެރެއިން ބައެއް ގަސްގަހަކީ ތޮށި ބޯ ގަސްގަހެވެ. ބައެއް ގަސްގަހުގައި ވަށައިގެންވަނީ ކަށިފަޅާފައެވެ. ބަލާލަން ހުތުރެވެ. ނަމަވެސް މިފަދަ ގަސްގަހުން ނެގެނީ ނުވަތަ ލިބެނީ، ވަރަށް ވަރުގަދަ ހަރު ލަކުޑިއެވެ. މަށައި އޮމާންކޮށްލީމާ އެވަރެއްނެތެވެ. ރީތިކުރަން ބޭނުން އެތައް އެއްޗެއް އެފަދަ ލަކުޑިން އެބަހެދެއެވެ. މިވަރުން އަދި ފުއްދައިނުލާށެވެ! ތިމާގެ ޖިންސަށް ބަލާށެވެ. އަމިއްލަ ނަފުސަށް ވިސްނާށެވެ. ބޭރުފުށުން ބަލާލާއިރު ތިޔަހަރަ ފެންނަ ހަމުންކަޅު ގުނަވަންތައް ނިކަމެތި ބަލިކަށިމީހާއާ، މިހިރަ ސިފަގަނޑު ރީތި ދޮން، ދޮންކަނބުލޮއާ ދެމީހުން މަޢުނަވީ ތިލަފަތުގެ ދެކޮޅަށް ލައިބަލާށެވެ. ފޮރުވިފައިވާ ސިފަތަކުން ވަޒަންކުރެވޭ ސިރުބައަކުން ދެމީހުންގެ ބަރުދަން ބަލައިލާށެވެ. ހައިރާންވެއްޖެ ދޮގެއްތޯއެވެ؟ އެހަރަ ސަމައްތަރު ހެޔޮ ދޮންކަނބުލޮގެ ނަފުސުގައި އެއްވެސް ބަރުދަނެއް ނެތީމައެވެ. ތިލަފަތުގެ ދިވެލިކަށި އެހުރީ އެއްކަލަ ބަލިކަށިކަމަށް ފެނުނު ކަމުން ކަޅުމީހާގެ ކޮޅަށްގޮސް ހުސްވެފައެވެ. ޝައްކެއްނެތެވެ. އިންސާނާއަށް އިންސާނާއޭ ކިއުނީ އޭނާހެދިހުރި ސޫރައެއްގެ ސަބަބަކުން ނޫނެވެ. އަދި ކީއްތޯއެވެ. އޭނާގެ ކިބައިގައި ލައްވާފައިވާ މާނަވީ ސިފަތަކެއްގެ ސަބަބުންނެވެ. އިންސާނާއަށް ވިސްނާނަމަ އޭނާގެ މާތްކަން ގުޅިފައިވަނީ ތަގުވާވެރިކަމާއެވެ. އެމާތް ސިފަ ނެތްނަމަ އޭނާގެ މައްޗަށް ވެރިވެގަންނާނީ ހަވާނަފުސުގެ ބާރެވެ. އެކަތައާ ދަގަނޑު، ދަބަރަށްގޮސް ހުސްވާފަދައިން ހަވާނަފުސުގެ އެދުމަށް މީހާގެ މާތްކަން ގޮސް ހުސްވެދާނެއެވެ. ވަރަށް ހުތުރު ސިފައެއްގައި ފެންނައެތި އެއީ ނުހަނު ފައިދާހުރި އެއްޗެއްކަމަށް ވެދާނެއެވެ. މާބަލިކަށިކަމަށް ފެނުނު އެތި މާގަދަފަދަ އެއްޗެއްގެ މައްޗަށް ވެރިވެގެންފާނެއެވެ. ގަދަވެގެންފާނެއެވެ. ހަމައެކަނި ބޭރުފުށުން ފެންނަ ސިފައަކަށް ބަލައި ހުކުމް ނުކުރާށެވެ. [ދުނިޔެއޭ މިކިޔާ ޑައިރީ ދެފުށުން] ބަލައި ކިޔައި ދަސްކުރާށެވެ!

 

ވިރުވައިލުމުން ނެގެވެޔެ ދަގުއި ދިރްޢާއި ރިހި ޚާލިޞް ތިމަރަ

ތިރްޢާ ކުޅިން ލިބެވެޔެ ކިސަޑް ވިރުވައި އަޅައިކަމުދާނެ ވަރް

 

ދިރްޢާ، ޚާލިސް ރިއްސާ، ތިމަރަވިރުވައިލުމުން (އެއިން) ދަގުއި ނެގެއެވެ. ވިރުވައިއަޅަން ކަމުދާވަރުގެ ކިސަޑު ތިރުޢާ ކުޅިން ލިބެއެވެ. ޔަޢުނީ: މިހިރަ ސާފު ޚާލިސް ހުދު ހިކަމަށްވިއަސް އަދި ތިމަރަކަމަށްވިއަސް ނުވަތަ މަޢުދަނުން ހަދާފައިހުންނަ ދިރްޢު ކަމަށް ވިއަސް އެ ވިރުވައިލުމުން އެއިން ދަގުއި ނެގޭނެއެވެ. (ދިރާޢުއަކީ ހަނގުރާމައިގައި މޫނު ނިވާކުރަން ހަދާފައިހުންނަ އައްޑަނައެކެވެ. މިހަދާފައި ހުންނަނީ މަޢުދަނުންނެވެ. ދަގުއިއަކީ މަޢުދަން ވިރުވާލީމާ އެއިން ނެގޭ ބޭނުން ނުހިފޭ ބައެކެވެ.) ކިތަންމެ ސާފުކަމަށް ފެނުނަސް އެއީ މަޢުދަނެއްކަމަށްވަންޏާ ވިރުވާލީމާ އެއިން ދަގުއި ނެގޭނެއެވެ. އެއީ ދަގަނޑުން ހަދާފައިވާ ދަހަނާއެއްކަމަށްވިއަސް އުފުލަން އަތްމައްޗަށް ބުރަ ތިމަރަކަމަށްވިއަސް (ދަގުނެގުމުގައި) ތަފާތެއް ނެތެވެ. ކޮންމެ މަޢުދަނަކުންވެސް ދަގުއި ނެގޭނެއެވެ. މަޢުދަން ވިރުވާލުމަށްފަހު ބޭނުން ސިފައަކަށް ގެނައުމަށްޓަކައި ވިރިފައިހުރި މަޢުދަންތައް އަޅާލަނީ ހަދާފައިވާ ތައްގަނޑަކަށެވެ. ދިވެހިން މިތައްގަނޑުހެދުމަށް ވަރަށް ހިމުން މަށިވެލި ނުވަތަ ކިސަޑު ބޭނުންކުރެއެވެ. މިބާވަތުގެ ވެއްޔާ ކިސަޑުނަގަނީ ކޯރާ ކުޅިތަކުންނެވެ. ވިރުވައި އަޅަން ކަމުދާނެ ކިސަޑު ތިރުއާ ކުޅިން ލިބެޔޭ ވިދާޅުވެފައި މިވަނީ އެހެންވެއެވެ. (ތިރުޢާއަކީ ބޮޑެތިކޯރުގެ ތެރޭން ދެމިގެންގޮސްފައި ހުންނަ ކުދިކޯރެވެ.) މަޢުދަނުން ދަގުއިނެގޭފަދައިން އިންސާނާވެސް “ވިރުވާލައިފިނަމަ، އެ އިންސާނާގެ ކިބައިންވެސް ދަގުއި” ނެގި ފެންނާނެއެވެ. ދުނިޔެ އިންސަނާއަށް ދައްކަނީ އަބަދު އެއްކުލަތަކެއްނޫނެވެ. ތަފާތު ކުލަތައް ދައްކައެވެ. އެއްހާލަތުން އަނެއްހާލަތަށް ބަދަލުވެއެވެ. ބައެއް ހާލަތްތަކަކީ ތިމާ ބޭނުންވާފަދަ އުފާވެރި ހާލަތްތަކެވެ. އަނެއްބައި ހާލަތްތަކަކީ އެއްގޮތަކަށްވެސް ދެކެން ބޭނުންނުވާ ނިކަމެތި ދެރަ ޙާލަތްތަކެވެ. ނުރުހެވޭ ހާލަތަކާ ކުރިމަތިވުމުން އޭނާގެ ފުށުން ބޭނުންނެތް ޝަކުވާގެބަސްތައް ނިކުމެއެވެ. ކޮށްގެން ނުވާނެ ރަނގަޅުނޫން ކަންތައްތައް ކުރެއެވެ. ފޮރުވިފައިވާ [ދަގުއިތައް] މައްޗަށް އަރައި ބޭރަށް ފެންނަގޮތްވެއެވެ. އެހިސާބުން އެއިންސާނާ އަލުން ބައްޓަންވުމަށްޓަކައި ވިސްނާލަންޖެހެނީ ތިމާގެ ނިކަމެތިކަމުގެ މައްޗަށެވެ. މިއަދު ތިޔަހުރި ހާލުގައި ހުރިއިރުވެސް ލިބިފައިވާ އަގުބޮޑު ނިޢުމަތްތަކުގެމަތީން ހަނދާންކުރާށެވެ. ތިމާ ދުނިޔެއަށް އައި ނިކަމެތިގޮތާމެދު ވިސްނާށެވެ. މަޢުދަނުން ތަކެތި ހެދުމަށްޓަކައި ތައްގަނޑު ހަދަނީ ކޮންއެއްޗަކުންތޯއެވެ. ހަނދާންކޮށްދެއްވަނީ އިންސާނާ އުފެދުމުގެ އަސްލުގެ މަތިންނެވެ. ވާންވީގޮތަކީ އަސްލު ތައްގަނޑަށް ފެތެންވީއެވެ. ތިޔަ ދަގުއިތައް ބޭރު ނުކުރާށެވެ. ތިޔައީ އިމްތިޙާނެކެވެ. އިމްތިހާނެއް ނުކޮށް ނަތީޖާއެއް ނުހޯދޭނެއެވެ.

 

ދެދިމާޔަކަށް ޖެހެޔޭ ނުގޮސް ހެދިމީހަޔަށް ނުލަފާ މަކަރް

އެދިހުރި ކަމަކަށް ވުރެވީ ކަމެއް ވެދިޔާމަ ރަނގަޅޭ ގިނަފަހަރު

 

އެދިމާއަކަށް ނުގޮސް ހެދިމީހާއަށް (އޭނާހެދި) ނުލަފާމަކަރު (ގެ ނުބައިކަން) ޖެހެއެވެ. އެދިހުރިކަމަށްވުރެ ވީކަންތައް (ތިމާއަށް ހާސިލްވިކަންތައް) ގިނަފަހަރު މާރަނގަޅުވެއެވެ. ޔަޢުނީ: ބައެއްމީހުން، އެހެން މީހުންނަށް ބޮނޑިދޭން ނުވަތަ ދެރަ ދިނުމުގެ ބޭނުމުގައި އެކިވަރުގެ ނުލަފާ މަކަރުތައް ހަދައެވެ. ގިނަފަހަރަށް ވާގޮތަކީ އެހަދާ ނުލަފާ މަކަރުގެ ނުބައިކަންޖެހެނީ ހަމަސީދާ އެމަކަރު ހެދިމިހާއަށެވެ. އެހެންދިމާއަކަށް ދިއުމުގެ ބަދަލުގައި އެކަމުގެ ނުބައި ރައްދު އަންނަނީ ތިމާއާ ދިމާއަށެވެ. ތިމާ އެމީހަކާމެދު މަކަރުހެދިމީހާއަށް އެކަމުގެ މާބޮޑު އެނގުމެއްވެސް ގިނަފަހަރަކު ނުވެއެވެ. ހިނުކުރާހާ ސިފަސިފައިގައި ތިމާހެދި މަކަރުގެ ނުބައިކަން ތިމާއަށް ޖެހެއެވެ. މިޅެމުގެ ވަރަށްގިނަބައިތުތަކަކީ ކީރިތި ޤުރްއާނުން އެނގެންހުރި ކަންކަމަށް ސީދާވާގޮތަށް ދެއްވާފައިވާ ވައުޤު ހިމަނުއްވައިގެން ހައްދަވާފައިވާ ބައިތުތަކެވެ. ބައެއް ބައިތުތަކަކީ މާތްރަސޫލާގެ ސުންނަތުން ފެންނަންހުރި ދަލީލުތަކަށް ސީދާ އިޝާރާތްކުރައްވަމުން ހައްދަވާފައިވާ ބައިތެވެ. މިގޮތުން މިބައިތުވެސް ކީރިތި ޤުރުއާން އަންގައިދޭ ފިލާވަޅަކަށް ތާއީދުހޭ ކުރައްވާފައިވާކަމަށް ދެންނެވިދާނެއެވެ. އިންސާނާ ނުކުޅެދުންތެރި ރޭވުންތައް ރާވާނެއެވެ. އެހެންނަމަވެސް މާތް ﷲ ގެ ރޭއްވެވުމަކީ ކުޅަދުންވަންތަ ފުރިހަމަ ރޭއްވެވުމެކެވެ. ހެޔޮވެގެންވަނީ، ފުރިހަމަވެގެންވަނީ އެރޭއްވެވުމެވެ. އަޅުގަނޑުމެންގެ ކާބަފައިން ބުނެއުޅެއެވެ. މީހުންކުރާ ތަދުބީރުގެ މައްޗަށް ތަޤުދީރު ހުންނާނީ ހީލަހީލައެވެ. މީހުން މީހުންނަށް މަކަރާ ހީލަތްހެދުމުގައިވެސް އޮންނަ އެންމެބޮޑު މަޤްޞަދަކަށް ގިނަފަހަރު ވެފައި އޮންނަނީ ސީދާކޮށް ލިބިދާނެކަމަށް ތިމާއަށް ގަބޫލުކުރެވޭ މޮޅުކަމެއް މަކަރާ ހީލަތުން، އޮޅުވާލައިގެން ލިބިގަތުމެވެ. އެފަދަ ކަންކަން ބައެއްފަހަރު މަކަރު ހެދިގޮތަށް ކާމިޔާބުކުރެވެއެވެ. ނަމަވެސް ލަހެއްނުވެ ފެންނަނީ މަކަރުހަދައިގެން ލިބިގަތް ކަމަކަށްވުރެ، އެމަކަރު ހެދުމުން ގެއްލުނު އެތި މާރަނގަޅުކަމުގައެވެ. ކަމަކަށް ނުވަތަ އެއްޗަކަށް ބޭނުންވެގެން މިފަދަ ނުސީދާގޮތުން މަކަރާ ހީލަތުން އެއްޗެއް ލިބޭފަހުން (ވަރަށް ގިނަފަހަރު) ގަބޫލުކުރަންޖެހެނީ އެދިގެން މިހޯދިކަމަށްވުރެ ތިމާއަށްލިބިފައި އޮއްވާ މިނަގާލި ފުރުޞަތު މާރަނގަޅުކަމަށެވެ.

 

މޮޅުކޮންމެ އެއްޗެއް ވާހުށީ ކޮޅުގައެބިރާ ގިނަތަކުގެ ބަރް

ދޮޅުދަން ފަށުން ހޮޅިލާނަގައެ ކޮޅުރާޅު ރަސްމާދޫގެ ފަރް

 

ކޮންމެ މޮޅުއެއްޗެއް ވާހުށީ ގިނަ ބިރާ ބަރުތަކުގެ ކޮޅުގައެވެ. ރަސްމާދޫ ފަރުކޮޅުގެ ރާޅު ދޮޅިދަންފަށުން ހޮޅިލާ އެހުރީ ނަގަނަގައެވެ. ނޭނގެނީ، ރާޅުނަގަން ފެށިއިރެކެވެ. ޔަޢުނީ: މޮޅުކޮންމެއެއްޗެއް ނުވަތަ ރަނގަޅު ކޮންމެކަމެއް ހާސިލްވާހުށީ ގިނަގުނަ ބޮޑެތި ބުރަތަކެއް އުފުލައިގެންނެވެ. ބިރުހުރި ކަންކަމާ ކުރިމަތިލައި އެބިރުތައް ގިރާކޮށްގެންނެވެ. މިފަދަ މިސާލެއްގެގޮތުން ވިދާޅުވެފައި މިވަނީ ރަސްމާދޫ ފަރުކޮޅުގެ ރާޅުގެ ވާހަކައެވެ. ހުޅަނގު މޫސުމުގައި ރަސްމާދޫގެ އިރުމަތީފަރާތު ބޭރުން ރަށާ ވަރަށްދުރުން ބޮޑެތި ރާޅުނަގައެވެ. ރާޅުތައް އަންނަނީ ހޮޅިލަމުންނެވެ. މުގުރަމުންނެވެ. މިރާޅުތަކުގެ ތެރެއިން ރަސްމާދޫއަށް އަރާ އެރަށުން ފުރާ ހެދުމަކީ ފަސޭހަކަމެއްނޫނެވެ. ދަތި އުނދަގޫ ކަމެކެވެ. ރަށަށް ލަފާނަމަވެސް އަދި ރަށުން ފުރާނަމަވެސް އެކަން ކުރަންޖެހޭނީ ވަރަށް ރަނގަޅަށް ރާޅުގެ ވަރުބަލައިގެންނެވެ. މިފަދަ ބޮޑެތި ރާޅުތަކެއްގެތެރެއިން ރަށަކަށް ލަފާފުރުމަކީ ހަމައެކަނި އުނދަގޫ ކަމަކީއެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ ބިރުހުރި ނުރައްކާވެސް ކަމެކެވެ. އެހެންނަމަވެސް (ބުނެވޭގޮތުން) ރަސްމާދުއަކީ އެދުވަސްވަރު ވަރަށް މީހުންނަށް ހެޔޮ އަޚްލާޤު ރަނގަޅުބައަކު އުޅުނު ރަށެކެވެ. އެރަށަށް އަރާ ސަފަރުވެރިންނާ ރަށްޓެހި ބީރައްޓެހިންނަށް ވަރަށް ފުރިހަމައަށް މެހްމާންދާރީ އަދާކުރި ބައެކެވެ. ކޮންފަދަ މެހުމާންދާރީއެއް ކަމަށްތޯއެވެ. ރަށަށް އެރުމުގައި ފަރުކޮޅުގެ ރާޅުތަކުން ދިން ބިރުވެތިކަމާ އުފުލި އުނދަގޫތައް ހަނދާނުން ފިލައިގެންދާފަދަ މެހްމާންދާރީއެކެވެ. ރަސްމާދޫގެ މިއުފާވެރި ވެށްޓަށް ދާޚިލުވެވޭނީ ފަރުކޮޅުގެ ރާޅުކިޔާ ބިރުވެރި “އަންބާ” އަޑުއަހާލުމަށްފަހުގައެވެ. މިކަމާ ގުޅުންހުރި ހަގީގީ ހާދިސާއެއް ލިޔެލާނަމެވެ. ވިދާޅުވާ ބޭފުޅުންނަށް އިތުރު މަޢުލޫމާތަކަށް ވެދާނެކަމަށް ބަލާފައެވެ. އާދެ! ދުވަސްވަރަކީ ފައިނުގައި ރ. އަތޮޅުގެ ވާރުކުރި ދުވަސްވަރެވެ. ވާރުވެރިއަކަށް ހުންނެވީ ފައިނު އާދަންކަލޭގެފާނެވެ. ފައިނު ދޮންމަނިކަކީ މި އާދަންކަލޭފާނުގެ ކޮއްކޮއެކެވެ. ޢާންމުންގެ ކުރިމަތީގައި މި ދޮންމަނިކަށްވެސް ޚާއްޞަ އިޙްތިރާމެއްވަނީ ލިބިލައްވާފައެވެ. އެއީ ބާރުވެރި އާދަންކަލޭގެފާނުގެ ގަދަރުވެރިކަމުން ކޮންމެވެސް މިންވަރެއް ދޮންމަނިކަށް ވާރުތަވެފައިވަނީ ކަމަށްވެސް ވެދާނެއެވެ. ދޮންމަނިކު، ރަސްމާދޫއަށް ދުރުވި ދަތުރެއްގައި އޭނާއަށް އެރަށުން ފެނިލެއްވީ ރަށުންލިބޭ އާންމު މެހްމާންދާރީއާ ގާތްކަމާ ރަޙްމަތްތެރިކަން އެކަންޏެއް ނޫނެވެ. އެއަށްވުރެ ބޮޑުއަސަރެއް ކުރުވި ޖާދުވީ ސޫރައެއްވެސް ފެނިލެއްވީއެވެ. އެއީ ރަސްމާދޫ ދޮންމަރިޔަމްއެވެ. ދޮންމަރިޔައަކީ ދިވެހި އަންހެނުންގެ ގިނަމީހުންނަށްވުރެ ބަލާލުމަށް ހަށިގަނޑުން ބޮޑުމީހެކެވެ. ހަށިގަނޑު ބޮޑުކަމާ ވަނާތައް ނުގުޅެއެއް ނޫނެވެ. މޫނުމަތި ފެންނަނީ ވަރަށް ނާޒުކީ ސިފައަކަށެވެ. ފުރަގަހުން ފެންނަނީ އަނެއް ޖިންސުގެ ހިތްތައް ދަހިވެތިވާފަދަ މަންޒަރެކެވެ. ޚާއްޞަކޮށް ހިނގާލާފައި ދާއިރުއެވެ. ދޮންމަރިޔަމްގެ އަސަރީ ރައުސުލްމާލުން އެއްވެސް ހޭދައެއް ކުރުމަކާނުލައި ދޮންމަނިކު ގަނެލައިފިއެވެ. ދޮންމަނިކު ވިކިއްޖެއެވެ. ރަށުގައި މިވިޔަފާރިއަށް ހިއްސާއެއްނަމަވެސް ލެވޭތޯ ކަޅިއަޅައަޅާ ތިބި އެތައް ޒުވާނުންތަކެއް ތިއްބާމެ ދޮންމަނިކަށް ފުރުސަތު މިލިބުނީ އޭނާއަށް އޮތް ގަދުވެރިކަމެއް ގެސަބަބުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިވަރުކަމެއް އެއްދަތުރަކުން ދެދަތުރަކުން ނިންމައެއް ނުލެވޭނެނޫންތޯއެވެ. ދޮންމަނިކު ރަސްމާދުއަށް އެތައް ދަތުރެއް ކުރެއްވިއެވެ. އެއްކަލަ ފަރުކޮޅުގެ ރާޅުތަކާ ކުރިމަތިލަމުންނެވެ. ބިރުވެރިކަމެވެ. ދައްޗާއި އުނދަގުލެވެ. ކޮންމެއަކަސް ދޮންމަރިޔަމްއާ ދޮންމަނިކު އިނދެފިއެވެ. ކައިވެނިކޮށްގެން ދެމަފިރިން އެކުގާ އެއްރަށުން އަނެއްރަށަށް ކުރި ދަތުރެއްގައި ޅ. ނައިފަރަށް ދެވިއްޖެއެވެ. ނައިފަރުގެ މަގުތަކުގައި ދެމަފިރިން ހިނގާލާފައި ދާއިރުވެސް އަދި ގޭގެއަށް ވަންނައިރުވެސް ދޮންމަނިކު ހުންނަވަނީ ދޮންމަރިޔަމްގެ ފަހަތުގައެވެ. ކަންދިމާވިގޮތުން މިޅެން ހެއްދެވި ޝާޢިރު އެދުވަސްވަރު ހުންނެވީ ނައިފަރުގައެވެ. އެއީ އޭނާއުޅެބޮޑުވި އުފަން ރަށްވެސްމެއެވެ. އެމަނިކުފާނަށް ދޮންމަނިކުމެން ދެމަފިރިންގެ މިމަންޒަރުތައްވެސް ފެނިވަޑައިގެންފިއެވެ. އެއަށްފަހު ދޮންމަނިކާ މުޚާޠަބުކުރައްވައި ވިދާޅުވިކަމަށްވަނީ “ދޮންމަނިކާ”! ކަލޭ ތިޔަހިނގަނީ އަންހެނުން ކުރީގައި ބަހައްޓައިގެންތޯއެވެ!” ކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ޝާޢިރަށް ލިބިވަޑައިގެންފައި އޮތީކަމަށްވެސް ވެދާނެއެވެ. ޝާޢިރުގެ އިޙުސާސްތައް ނޭނގުނުނަމަވެސް ޝުޢޫރުތައް މިއޮތީ ފެންނާށެވެ. އޭނާ ހެއްދެވި މިޅެމުންނެވެ. ޝައްކެއްނެތެވެ. މޮޅުކޮންމެއެއްޗެއް ލިބޭނީ، މޮޅުކޮންމެ ކަމެއް ހާސިލްވާނީ ބުރަ އުފުލައިގެންނެވެ. ބިރުތަކާ ކުރިމަތިލައިގެންނެވެ. ދުންޔަވީ ކޮންމެ މިސްރާބަކުން ބަލާލިނަމަވެސް ފެންނާނީ މި ހަގީގަތެވެ. އާދޭހެވެ! “ގުލާބީމާފުޅު ލިބޭނީ ހަމަ ގުލާނުވެވިގެން،” ނެވެ.

 

މީހާއެދޭ އެންދެރި، އިތާ ވީހާ އަވަހަކަށް ބެނދިކަމަރް

ހީހާދަބޮޑު އުފަލުން ކަނޑަށް ޖީ، ހާނ! ދެކޭފީނާ އެވަރު

 

އެންދެރި އިތާ އެދޭމީހާ ވީހާއަވަހަކަށް ކަމަރުބަނދެ ހީ ހާދަބޮޑު ކަނޑަށް، އާދޭހެވެ! އުފަލުން ފީނާވަރު ދެކެއެވެ. (ފެނެއެވެ.) ޔަޢުނީ، އެންދެރިއިތާއަކީ ބޮޑެތި ކަނޑުތަކުގެ ވަރަށް އަޑީގައިހުންނައެއްޗެކެވެ. މިއިތާ ހުންނަނީ އެންދެރީގައެވެ.) އެންދެރި އިތާއޭ ކިޔަނީ އެހެންވެއެވެ. ރަންމުތް ހުންނަނީ މިއިތާގެ ތެރޭގައެވެ. އެންދެރި އިތާ ނަގަން ބޭނުންވާ މީހާ އެކަމަށް އޮތް ފުރުސަތު ނަގައިނުލާ ވީހާ އަވަހަކަށް އެކަމަށް ތައްޔާރުވެ ފީނާހެދުންއަޅައި ކަމަރު ބަނދެގެން ކަނޑުގެ އަޑިއަށް ފީނައިގަނެއެވެ. މިބައިތުގައި މިއޮތް [ހީހާދަބޮޑު] މިބަސް ދެމާނައެއްގައި ތަރުޖަމާ ކުރެވިދާނެއެވެ. އެއްމާނައަކީ ހީކެރުވުމެވެ. އަނެއް މާނައަކީ ހިނިއައުމެވެ. (ކުރީގެ ލިއުންތަކުގައި ހީނލުމުގެ ވާހަކަލިޔާއިރު ހުސްނޫނު ނުލިޔެ ހީލުމޭ ލިޔެފައި ހުރެއެވެ.) މިދެމާނަވެސް މިޅެމުގެ މިތަނަށް ފެތެއެވެ. މާނަގުޅެއެވެ. އެއްމާނާގައި ދަންނަވަންޖެހެނީ ހީކެރުވުން ބޮޑު ފިނިކަނޑަށް އުފަލުން ފައިބާކަމަށެވެ. ދެވަނަ މާނާގައި ލިޔަންޖެހެނީ ބޮޑުކަނޑަށް އުފަލުން ހެމުން ފީނާކަމަށެވެ.

 

ވެވުމުން މިފުށޮޅުން ކެޔޮޅުކަން ބެވުނަސް ތަމެންނަށް މަޑުމިޔަރް

ދެވުމުން ދުރަށް، ގެބުރަށް ބެވެޔެ އެވުރެން އެބާނާ ކަށި މިޔަރް

 

ފުނޮޅުން ކެޔޮޅުކަންވާގޮތް ވީމާ ތަމެންނަށް މަޑުމިޔަރު ބެވުނަސް (ބޭނުނަސް) އެވެރިން އެބުނާ ކަށިމިޔަރު ބޭނޭނީ ބޭރަށް ދުރަށް ގެނބުރަށް ދެވިގެންނެވެ. ޔަޢުނީ ފުނޮޅުކަނޑަށް ނިކުމެގެން (ފުނޮޅަކީ ބޭރުދުނީގެ ރަށްތަކުގެ ބޭރުންއޮންނަ ކަނޑެވެ.) މަސްވެރިކަން ކުރުމުގައި މަޑުމިޔަރު ބޭނެއެވެ. ނަމަވެސް ކަށިމިޔަރު ބޭނޭނީ ގެނބުރަށް ބޭރަށްގޮސްގެންގެނެވެ. މިސާލު ނަންގަވާފައި މިވަނީ މަސްވެރިކަމުގެ ތެރެއިންނެވެ. މިޔަރުގެނަން ގެންނަވާފައިއެވަނީޅެމުގެހުއްޓުންތައް އެއްގޮތް ކުރެއްވުމުގެ ބޭނުމުގައެވެ. މަގްސަދަކީ މަސްވެރިކަމުގައި ބާނާމަހުގެ ބާވަތްތަކެވެ. ފުނޮޅުކަނޑަށް ނިކުމެ ރާއްޖޭގެ ގޮނޑުދޮގައި ތިބެގެން ތިޔަބައިމީހުންނަށް ބޭނޭނީ މަޑުމިޔަރެވެ. އެހެނިހެން މަހުން ބަލާނަމަ ލައްޓި ރާގޮނޑިއާ ކުދިމަހެވެ. އެބައިމީހުން އެބުނާ ކަށިމިޔަރާ ގޮދަޔާ ފަލަމަސްބޭނޭނީ ރަށާ ދުރަށަށް ބޭރަށް ގެނބުރަށް ނިކުމެގެންނެވެ. ދުންޔަވީ ހަމަތަކާ މިންގަނޑުތަކުން ބަލާއިރުވެސް މިމިސާލުގެ ހަގީގަތްތައް ވަރަށްގިނައިން ފެނެއެވެ. ފެންނާނެއެވެ. ކަމެއްގެތެރޭގައި އުޅެންޏާ ކޮންމެވެސް ވަރެއްވާނެއެވެ. ނަމަވެސް ނަމެއްހުރި ކަމެއްގައި ލައްވާލާނީ ހަމެއް ކެނޑިގެންނެވެ. މަސްވެރިން ރަށުން ފުރައިގެން ކަނޑުތެރެއަށް ނިކުމެ އުޅެންޏާ ކޮންމެވެސް އެއްޗެއް ބޭނޭނެއެވެ. ނަމަވެސް ފަލަމަހާ ގޮދާ ބޭނޭނީ ބޭރަށް ނިކުމެގެންނެވެ. އަގުބޮޑު ތެޔޮނެގޭ ކަށިމިޔަރަކީ ތިލަފަށެއްގައި އުޅޭއެއްޗެއް ނޫނެވެ. އެތެޔޮ ބޭނުންނަމަ އެމިޔަރު ބާނަން ދާންވާނީ ބުރަމަސައްކަތް ކޮށްގެން ދުރަށް ބޭރަށެވެ. ގެނބުރަށެވެ. އުޚްރަވީ ޙަޔާތުގެ އުންމީދުތަކަށް ބަލާލިއަސް ކިރިޔާ ސަލާމަތްވާވަރު ބަލައިގެން ފަރުޟު ނަމާދު އެކަނި ކޮށްލައިގެން ފަރުޟުރޯދަ އެކަނި ހިފާލައިގެން އުޅޭ މީހާއާ، ގިނަގިނައިން ސުންނަތްނަމާދުކޮށް ސުންނަތްރޯދަ ހިފާއުޅޭމީހާއާ ތަފާތުވާނެއެވެ. ހަމައެކަނި ފަރުޟު ޒަކާތުން ފުއްދާލާ މީހާއާ ޒަކާތުގެ އިތުރަށް ދީލަތިކަމާއެކު ޞަދަޤާތްކޮށްއުޅޭ މީހާއާ އެއްފަދައެއް ނުވާނެއެވެ. އިންސާނާއަށް އިންސާނާ ކުރިކަމެއް މެނުވީ ނުވެއެވެ. އޭނާ ކުރިކަމެއްގެ (ޢަމަލެއްގެ) ނަތީޖާ ހަމަކަށަވަރުން އޭނާ ދެކޭނެއެވެ.

 

ނިބެވޭށިޔޭ ކަޅުބިލަމަހެއް މިބެރިއްމަ ދުވަހަކަށް ރިތިފަރް

ތިބެގެން މެނޫނީ ކަނޑުއަވީ އިބުރެން ޖަހާ ފަލިބަލިވެ ވަރް

 

ކަނޑުމަތީގައި އަވީގައި ތިބެގެން ފަލިޖަހާ ވަރުބަލިވެގެން ނޫނީ އިބުރެމެންނަކަށް (ތިޔަބައިމީހުންނަކަށް) މިބެރިންމަދުއަކަށް ކަޅުބިލަމަހެއް ރީތި ފަރުމަހެއް ނިބެވޭނެ (ނުބޭވޭނެ) އެވެ. ޔަޢުނީ މިބައިތުގައި މިއޮތް “ރީތިފަރު” ދެގޮތަކަށް ބޭނުންކުރެވެއެވެ. އެއްގޮތަކީ ފުރަތަމަ ދަންނަވާފައި އެވާފަދައިން ކަޅުބިލަމަހެއް ނުވަތަ ރީތި (ރަނގަޅު) ފަރުމަހެއް ނުބޭނޭނެއޭ ބުނާ މާނައެވެ. އަނެއް މާނައަކީ ރަށުގެ ފަރުގެ ރީތިކަމަށް ނިސްބަތްކުރުމެވެ. ބެރިންމަދޫގެ ފަރު ރީތިވެ އެފަރަށް ބަލަބަލާ އެވާހަކަ ދައްކަދައްކާ ތިއްބަކަސް ރަށަކަށް މަހެއް ނުބޭނޭނެއެވެ. ކަޅު ބިލަމަހެއްކަމަށްވިއަސް އަދި ފަރުމަހެއް ކަމަށްވިއަސް ބޭނޭނީ ކަނޑުމަތީގައި އަތްވާ ވާރޭގައި މަސައްކަތް ކޮށްގެންނެވެ. ކަނޑުފަޅު ފީނައިގެންނެވެ. ފަލިޖަހާ ވަރުބަލިވެސް ވެގެންނެވެ. ޢިމްރާނީގޮތުން ރަށަށް އަންނަ ކުރިއެރުމެއްގައި މަސްއޫލުވެރިފަރާތުން ރަށުގައި ރީތި ބޮޑު މިސްކިތެއް ބިނާކޮށް ދެއްވުމަކުން އަދި މަގްސަދެއް ނުފުދޭނެއެވެ. މިސްކިތުގެ ބޭނުމަކީ އެތަނުގައި ބައަކު އަޅުކަން ކުރުމެވެ. އެތަނަށް އިޙުތިރާމްކުރުމަކީ އެތަނުގައި ކުލަޔާ ދަވާދުލައި ކަރީމްތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމެއް ނޫނެވެ. އެތަނަށް އިޙްތިރާމް ކުރުމަކީ ފެށޭއިރު ބަންގިގޮވައި އެތަނުގައި ނަމާދުކޮށް މާތް ﷲ އަށް ދުޢާދަންނަވައި އުޅުމެވެ. ތިބާ ތިޔަހުރީ ތަފާތު އިލްމުތައް އުނގެނި މޮޅުވެގެންނެވެ. ދީނުގެ ހުކުމްތަކާ ހަރާމް ހަލާލު ދަނެއެވެ. ހުއްދަ ނުހުއްދަ އެނގެއެވެ. ޝަރީޢަތުގެ މަގުތަކާއި ހައްގު ނުހައްޤު އޮޅުންފިލައެވެ. އިރުހަނދާ ތަރިތަކުގެ ދައުރުވުން ގެނެސްދޭ ބަދަލުތަކާ، އޭގެ ފައިދާއާ ގެއްލުން ހިތުދަހެވެ. ދިޔަވަރުގެ އާޖުފާޖާ ކަނޑުފަޅުގެ ހޭޑިފޭޑި އެނގުމުގައި އެހާ ކުޅަދާނައެވެ. ގިނަ ފަންނުތަކަށް ތިބާހާ ކުޅަދާނަ އަނެކަކު ނުހުންނާނެކަމަށް ދޫތަކުން އިޢުތިރާފުވެއެވެ. އެހެންނަމަވެސް ތިބާއަށް އެނގިހުރި އެއްވެސް ޢިލްމަކުން ތިބާ ބޭނުމެއް ނުކުރަމުއެވެ. ތިބާގެ އަމިއްލަ ނަފުސަށް ފައިދާކުރަނިވި ޢަމަލެއް ނުކުރާތާނގައި ތިބާގެ ޖަމާޢަތަށް ލާބައެއްހުރި ހަރަކާތެއްވެސް ނުކުރަމުއެވެ. އެހެން ކަންހުރުމުން ތިބާގެ މޮޅުކަމުގެ އޮތީ ކޮންފައިދާއެއްބާވައެވެ. ތިބާއަށެވެ. ތިބާގެ ޖަމާއަތަށްވެސް މެއެވެ. ތިބާއަށް އެނގޭ ޢިލްމަށްވުރެ މާގިނަ ޢިލްމުތައް ލިޔެވިފައިހުރި ފޮތްފޮތް އެބަހުއްޓެވެ. އެފޮތްތައް ރަނގަޅަށް ބެލެހެއްޓުމުން ފުދޭ ބޭނުންވެސް ތިބާގެ ފުށަކުން ނުފުދޭނެއެވެ. ބުނެއުޅެނީ “ލިބިފައިވާ އިލްމުން އަމަލުނުކުރާމީހާއެކޭ، މޭވާނާޅާ ގަހެކޭ އެއްފަދައެވެ.” އެގަހުން ބިމަށް ޖާގަދޭންޖެހެއެވެ. ގަހުގެ ފަތް ކުނިހޮވާ ކުނިކަހާ ތާހިރުކުރަން ޖެހެއެވެ. ރަށުގެ ފަރުގެ ރީތިކަމުގެވާހަކައާ އެތަނުގައި މަސްމަހާމެހި ގިނަކަމުގެވާހަކަ ދައްކަން މަހަށް ނުގޮސް ރަށުގައި ތިބުމުން މަސްނުބޭނުމަކީ ހަމައެކަނި ބެރިންމަދުއަކަށް އޮތްގޮތެއް ނޫނެވެ. އެއީ ކޮންމެ ރަށަކަށްވެސް ކަންއޮތްގޮތެވެ. މަސްބޭނޭނީ، ގަދައަވީގައި ނުވަތަ ބޯވާރޭގައި ކަނޑުމަތީ އުޅެގެންނެވެ. ފަލިޖަހާ ވަރުބަލިވެގެންނެވެ. މަހަށްގޮސް ރާއްޖޭގެ ގޮނޑުގައި މަސްވެރިކަން ކުރަންއުޅޭނަމަ ބޭނޭނީ މަޑުމިޔަރެވެ. އެއީ އޭގެ ތެލުގެ މާބޮޑު އަގެއްހުރި އެއްޗެއްނޫނެވެ. އޭގެ ތެލުގެ އަގުހުރި ކަށިމިޔަރު ބޭނޭނީ ރަށާ ދުރަށް ބޭރަށް ގެނބުރަށް ނިކުމެގެންނެވެ. މަންފާއެއް ކުރާނީ އެނގިހުރިއެއްޗަކުން ރަނގަޅަށް ޢަމަލުކުރީމައެވެ. އެކަމުގައި ހީވާގިކަމާ ކެރުން ހުރިވަރަކުން ލިބޭ މަންފާ ބޮޑުވާނެއެވެ.

 

ހުއްޓާނުލާ ކިޔަޔޭ އަބަދު ފުއްޓަރުގެ ރާޅު ނުލާ އެވަރް

ފުއްޓާފަރާ އުވިގޮސް ދުނިޔެ ހުއްޓޭށިޔޭ އެންމެންވެ މަރް

 

ފުއްޓަރުގެ އެވަރުނުލާ ރާޅު ހުއްޓާނުލައި ކިޔައެވެ. ފުށްޓާފަރާ އުވިގޮސް އެންމެން މަރުވެ ދުނިޔެ ހުއްޓޭނެ (ނިމޭނެ) އެވެ. އެދުވަސް ނައިހެއް ނުދާނެއެވެ. ޔަޢުނީ، އަބަދު އިވިއިވިހުންނަ އަޑެކެވެ. ފުއްޓަރުގެ ރާޅުގެއަޑެވެ. މާބާރަށް ނުވަތަ މެދުނުކެނޑި އަބަދު އަޑެއް އިވެންޏާ ބުނެއުޅެއެވެ. “ހީވަނީ ފުއްޓަރަކަށް ރާޅު މުގުރާހެންނެވެ.” ދުނިޔެއަށް ހޭލައިގަތީއްސުރެ މެދުނުކެނޑި އިވޭއަޑެކެވެ. ދުނިޔެ ނިމޭނެވާހަކައެވެ. މިތިބަހާ އެންމެން މަރުވާނެ ވާހަކައެވެ. ޝާޢިރު މިވިދާޅުވަނީ އެވާހަކައެވެ. ދުނިޔެއަށް އުފަންކުރެއްވި ކޮންމެ މަޚްލޫޤެއް މަރުވާނެއެވެ. ހުރިހާ ބިންތައް ފަނާވެގެން ދާނެއެވެ. ދައުރުވަމުންދާ ތަރިތަކާ އިރުހަނދާ އެނބުރެމުންދާ މިދުނިޔެ ހުއްޓޭނެއެވެ. ދުނިޔެ ނިމޭނެއެވެ. ފެއްޓެވި ނަސޭހަތުގެ ބަސްކޮޅު މިނިންމަވާލައްވަނީ އެންމެފަހުގެ ނިމުމަށެވެ. ޙަޔާތުގެ އަޑިއުސްތައް ގިރާކުރަމުން، އުފާތަކާއި ހިތާމަތައް ލިބިގަންނަމުން ވޭތުކުރަމުންދާ ތިމާގެ ޙަޔާތް ނިމޭފަދައިން ދުނިޔޭގައި ލެއްވި އެންމެންވެސް މަރުވެ ނިމިގެން ދާނެއެވެ. ރަށްތަކާ، ފުށިތަކާ، ގިރިފަރުތަކަށް ދާންދެން އުވި ފަނާވެގެން ދާނެއެވެ. އަޅުގަނޑުމެންގެ ކުރިމަތިން ދުވާލަކު ކިތައްމީހުން – މަރުވަމުން އެބަދޭތޯއެވެ؟ އެންމެން މަރުވެ ދުނިޔެ ނިމޭނެޔޭ ބުނާއަޑު ދުވާލަކު ކިތައްފަހަރު އަހަމުތޯއެވެ؟ އެކަން ގަބޫލުކުރުމަކީ އީމާންކަމުގެ ރުކުނެކެވެ. މިކަމުގެ ހަނދާން މިދަނީ އަބަދާ އަބަދު އައުކޮށްދެމުންނެވެ. ފުއްޓަރުގެ ރާޅުގެ އަޑުފަދައިން އެއަޑުމިދަނީ އިވެމުންނެވެ. މިތިބަހާ އެންމެން މަރުވާނެ ވާހަކައެވެ. ދުނިޔެ ނިމޭނެ ވާހަކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.