ރާއްޖެތެރޭގެ މަސްވެރި ރަށެކެވެ. އިރުވައިމޫސުން ކަމަށްވުމާއެކު، މަސްވެރިކަން ވަރަށް ރަނގަޅެވެ.

 

މިރަށު، އަތަމާގޭ ހަސަންބެއަކީ، ކަތީބުދޯނީގެ މާކެޔޮޅެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ އިސްކޮޅާ ރޫފަޔާގުޅޭ ހަރަކާތް އަވަސް ކެޔޮޅެކެވެ. ހަސަންބޭގެ އަންހެނުންނަކީ އަސުރުމާގޭ ފާތުމައެވެ. ސިފަރީއްޗެވެ. ގައިކުލަ އައްޔެވެ. ހަސަންބެއާއި، ފާތުމަގެ ކައިވެންޏަށް 35 އަހަރުވެފައިވީނަމަވެސް ކުއްޖަކު ނުލިބި ދެމީހުންވެސް ވަނީ، ހަރު އުމުރަށް އެޅިފައެވެ. ދަރިޔަކު ނުލިބުމާއެކު، މިދެމީހުންގެ ދިރިއުޅުމަކީ، ވަރަށް އެކަނިވެރި، ފަޅު ދިރިއުޅުމެކެވެ.

 

ހަސަންބެގެ ގެ (އަތަމާގެ) ހުންނަނީ ރަށުގެ ދެކުނުފަރާތު އަތިރިމަތީ، ހޭޅިކައިރީގައެވެ. ހޭޅިތެރެއިން، ގޮނޑުދޮށަށް ނިކުތުމަށް މިގޭ ކައިރިން ވަރަށް ހަނިމަގެއް ކަނޑާލާފައި އޮވެއެވެ. ހަސަންބޭގޭ މީހުން އަތިރިއަށްދާން ގޮނޑުދޮށަށް ފައިބާއުޅެނީވެސް މިމަގުންނެވެ.

 

 

ހަނދުމަހެއްގެ 27 ވީ ހުކުރުވިލޭރެއެކެވެ. މިރެޔަކީވެސް ރަށަށް ވަރަށްގިނައިން މަސްބޭނި ރެޔެކެވެ. ހަސަންބޭމެންވެސް، ހައްސަ ބޭނިއެވެ. ހަސަންބެއަށް ލިބުނުމަސް، ގެއަށް ގެނެސް ނިމުނުއިރު ރޭގަނޑު 10 ޖަހައިފިއެވެ. މަސްގެނެސް ނިމެންވާއިރަށް ފާތުމަހުރީ އުނދުންރޯކޮށް ބޮޑުލޯގަނޑު، އުދާ، ފެންއަޅައި ތައްޔާރުކޮށްފައެވެ.

 

ހަސަންބެ ބިޑިއެއް ރޯކޮށްލައިގެން މަސްކަނޑަން ފަށައިފިއެވެ. މަސްކަނޑަމުން ގެންދާވަރަކުން، ފާތުމަ މަސްކައްކަމުން ގެންދެއެވެ. ހަސަންބެ މަސްކަނޑާ ނިމިގެން ބަދިގެތެރެއަށް ވަދެ، ފާތުމައަށް އެހީތެރިވެދެމުން ގެންދަންފަށައިފިއެވެ. މިއީ، މިދެމަފިރިން އަބަދުވެސް އުޅެމުންގެންދާ އެކުވެރި ދިރިއުޅުމެވެ.

 

މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. އެންމެ ފަހަށްހުރި މަސް، ލޯގަނޑަށް އަޅާފައި އުނދުނުގެ ގިނި ހެޔޮވަރުކޮށްލާފައި:-

 

ފާތުމަ: އަހަރެން ހޭޅިޔަށް ނިކުމެ އަތިރިއަކަށް ގޮސްލާފައި އެބަ އަންނަން…. ހަސަނު އުނދުނުގެ ގިނި ބަލާލާތި…

 

ހަސަންބެ: އާނ! އެންމެރަނގަޅު އެކަމަކު މާބޮޑަށް ލަސްނުވާތި..

 

ފާތުމަ ވަރަށްބާރަށް ނިކުމެގެން ހޭޅިމަގުން ގޮނޑުދޮށަށް ނިކުމެ، ބޮޑުކަމުގޮސް ނިމިގެން، މޫދުން ތާހިރުވެގެން ތެދުވެ، އެއްގަމަށް އެނބުރުނުއިރު ކައިރިން ހިނގާލާފައި ހަސަންބެ ހޭޅިކައިރިން އައިސް ފާތުމައާއި، ވަރަށް ކައިރީގައި މަޑުކޮށްލައިފިއެވެ. އުޑުގެ ތަރިތައް އެތައްމިތަނުން ފިޔަޖަހައެވެ. ތަރިތަކުން ލިބިފައިވާ އަލިކަން ފިޔަވައި އެހެން އަލިކަމެއް ލިބިފައި ނެތުމުން، ފުދޭވަރަކަށް އަނދިރިއެވެ.

 

ފާތުމަ: ހައިރާންވެފައި!!! ބަލަ! ހަސަނު ތިޔަހެދީ ކިހިނެއް…. ހަސަނު، މިހާރު އަހަންނަށް ފާރަވެސްލަނީދޯ…؟؟؟ ކޮބާ… މަސްލޯގަނޑު މިހާރު ކެކުނީތަ…؟؟؟

 

ފާތުމަގެ އެއްވެސް ސުވާލަކަށް ހަސަނު ޖަވާބެއް ނުދިނެވެ. އޭނާ ހިނގައިގަތީ ހޭޅިޔާ ދިމާއަށެވެ. ފާތުމަވެސް ހަސަންބޭގެ ފަހަތުން ވާހަކަދައްކަމުން އައިސް، ހޭޅިއާއި، ހަޔަމަށް އައުމުން، ހަސަންބެ ދިމާކުރީ ހޭޅިތެރެއަށް ވަންނާށެވެ…

 

ފާތުމަ: އޭ… ބަލަ ސަނާ… މާބޮޑަށް ފޮނިނުވާތި… މިހާރު، ދެމީހުން ފީކޯތް ކުޅޭ ޢުމުރު ހިނގައްޖެ…..

 

ހަސަންބެ.. އެއްވެސް ޖަވާބެއް ނުދީގޮސް ވަލުތެރެއަށް ވެދެއްޖެއެވެ….

 

ފާތުމަ: ވަރަށް ބާރުއަޑަކުން…. ހަސަން، މާބޮޑަށް ފޮނިނުވެ، އަވަހަށް ގެއަށް ހިނގާބަލަ…. އެ މަސްލޯގަނޑު މިހާރު ކެކެމުންގޮސް ގިރިގެން ހަލާކުވެދާނެ…. އަހަރެން ދެން
ދަނީ……

 

 

ބާރަށް ހިނގާފައި ފާތުމަ އައިސް ވަލުފަރާތު ދޮރުން ވަދެގެން ބަދިގެދޮށަށްދިޔައިރު، ލޯގަނޑުގައިހުރި މަސް ދުމަށްޓަށް ލާން ހާސަނު ހުއްޓެވެ.

 

ފާތުމަ: ޙައިރާންވެފައި…. ހަސަނު ތިޔަހެދީ ކިހިނެއް… އުދުހިފައި އައީތަ…. އަހަރެން ބިރުގަންނަވާލާފައި ވަލުތެރެއިން ފިލައިގެން އައިސް…. ނިކަން ބަލާނދެ……

 

ހަސަންބެ: ފާތުމަ ތިޔައުޅެނީ މޮޔަވެގެންތަ….؟ މާރަނގަޅަށް ބޮޑުކަމު ދެވުނީމާ ބަނޑުހައިވެގެން މޮޔަގޮވަނީދޯ….؟

 

ފާތުމަ: ސަމާސާނުކޮށް ބުނެބަލަ…. ހަސަނު އަޅެ މަށާވާހަކަ ނުދައްކާ އަތިރީ ހޭޅިކައިރީ ހުރެހުރެފައި، ގޮސް މިއޮށް އަނދިރިއިރު ހޭޅިތެރެއަށް ވަލަށް ވަންއިރު ބިރެއްނުގަނޭތަ….؟

 

ހަސަންބެ: ފާތުމަ ތިޔަކިޔަނީ، ކީކޭތަ…؟ އަހަންނާ ކޮންތާކުން ބައްދަލުވީތަ…. އަހަރެންވަނީ ކޮން ހޭޅިއަކަށްތަ…؟ ހަމަ ހުވާކޮށްފަ މިބުނަނީ، ފާތުމަ، މިގެއިން ނިކުތްފަހުން އަހަރެން އަދި މި ބަދިގެތެރެއަކުން ބޭރަކަށް ނުދަން…. މަށަށް ހީވަނީ ފާތުމަ އަހަރެންދެކެ ހިތާވާލެއް ބޮޑުކަމުން އަބަދުކައިރީގައި ހުންނަކަމަށް ހިތަށް ފެންނަނީހެން….

 

ފާތުމަ: ސުބްޙާނަﷲ… ހަސަނާ…. އަހަރެން އަދި މިހުރީ ހަމަހޭގައޭ…. ހަސަނު ހަމަ އަހަރެން ކައިރިއަށް އަތިރިމައްޗަށް އައި…. އެއީ ހަމަ، ހަސަނު…. ދެވަނަ
ދެމީހެއްނޫން

 

ހަސަންބެ: އަހަރެން، ސަތޭކަހުވާވެސް ކޮށްފާނަން، ފާތުމަ މިގެއިން ނިކުތްފަހުން އަހަރެން އަދި މިބަދިގެއިން ބޭރަކަށް ނުނިކުންނަން…. އުނދުނުގެ ގިނިހެޔޮވަރުކޮށްލާފައި، ބަދިގެތެރޭ އިށީނދެލައިގެން އިނދެ ބިޑިއެއްބޮއެ ނިމުނުއިރު މަސްލޯގަނޑު ކެކިފައިހުރީމާ ދެން މިއުޅެނީ ދުމަށްޓަށް މަސްލުމަށް….

 

ފާތުމަ: ހޫނ…. ދެންހުއްޓާލާ…. އަހަރެންނަށް ދެން ހަސަނުވެސް ވަކިނުވީތާދޯ….

 

ހަސަންބެ: މާދަމާ މީ ހުކުރުދުވަސް… ހުކުރުން ފައިބައިގެން ކަތީބުގެ ފުރާޅުގައި ތޮށަލިވާން ކިޔާފައި އެބައޮތް…. ހުކުރުން ފައިބާގޮތަށް މެންދުރު ކެއުމަށާއެކު ކަތީބުގެއަށްދާން ކިޔާފައި އެބައޮތް…. އަވަހަށް ފެންވަރައިގެން ނިދަންހިނގާ….

 

 

ފަތިހު 5.30 ހާއިރު ހަސަންބެ ހޭލެވިގެން ތެދުވެ، ގިފިއްޔަށް ވަދެ ވުޟޫކޮށްލައިގެން މިސްކިތަށް ހިނގައްޖެއެވެ. ފަތިސްނަމާދުކޮށްގެން، ހަސަންބެ ގެއަށް އައީ، 6.30 ހާއިރުއެވެ. އޭރުވެސް ފާތުމަ އަދި ނުތެދުވެއެވެ. ހަސަންބެ އެތެރެގޭތެރެއަށް ވަންއިރު، ފާތުމަ އޮތީ ގަދަޔަށް ނިދާފައެވެ. ކޮނޑުގައި ހިފާތަޅުވާލާފައި…. މިއަދު
ހާދަގަދައަށް ނިދާދުވަހެއް…. އަނެއްކާ ބަލިވީތަ….؟؟ ފާތުމަ ލޯހުޅުވާލައިފިއެވެ.

 

ފާތުމަ: ނޫން…. ބައްޔެއްނޫން…. ހަސަނުވެސް ނުތެދުވެ އަހަރެން ކައިރީ މިއެނދުގައި އޮތީމާ އަހަރެންވެސް އަރާމުކޮށްލަން އޮތީ….

 

ހަސަންބެ: ހައިރާންވެފައި…. އަހަރެން ނުތެދުވެ އޮތީމައޭ….!!! ބަލަ! ފަތިހު އަހަރެން ތެދުވެގެން ފަތިސްނަމާދަށް ދިޔަގޮތަށް އަދި ގެއަށް މިއައީނު….

 

ފާތުމަ: ބަލަ، ހަސަނާ…. ތިޔަވަރުގެ ބޮޑުދޮގެއް ތިޔަހަދަނީ ކީއްވެތަ؟ އަހަރެން ކައިރީގައި ހަސަނުއޮވެ، އަހަރެންގަޔަށް ފައިއެއްލައިގެން ބައްދާލައިގެން އޮތީމާ، އަހަންނަށްވެސް ލިބުނު ޢަރާމުބޮޑުކަމުން ތެދުވާ ހިތްނުވެފާ އޮވެވުނީނު….!!!

 

ހަސަންބެ: ބަލަ! ފާތުމާ…. އަހަރެން ނިދީ ބޮޑުއަށީގާނު….!!! ފާތުމަ ތިޔައޮތީ އެތެރެގޭ އެނދުގާނު…. ދެނޯ….! ފާތުމަ ތިޔަކިޔަނީ ކީކޭތަ….؟ ހުވަފެނެއް ފެނުނީތަ….؟؟؟

 

ފާތުމަ: ހުވަފެނެއްނޫން… ހަމަ ޙަޤީޤަތް….!!! މަސްއަލައެއްނެތް…. ދެން އަޅާނުލާ….!!! އަހަރެން މިތެދުވީ،

މިހެން ބުނެފައި، ފާތުމަ ތެދުވެ، ބަދިގެއަށްގޮސް، ހަސަންބެއަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި، ބުނީމާ ހަސަންބެ ނާސްތާކުރަން އިނދެފައި.

 

 

ހަސަންބެ: ފާތުމާ…. މިއަދު މެންދުރު އަހަންނަށް ކައްކާނެކަމެއްނެތް…. ހުކުރުން ފައިބައިގެން ކަތީބުގެއަށް ކިޔާފައި އެބައޮތޭ ބުނީމެއްނު…. އެގެއިން ކައިގެން ކަތީބުގޭ ފުރާޅުގައި ތޮށަލިލައިދޭން ބުނެފައި އޮތީ…. އެކަމުން ނިމިގެން ގެއަށް އާދެވޭނީ އިރުއޮއްސޭފަހުންކަންވެސް ނޭނގެ….!!!

 

 

ހުކުރުން ފައިބައިގެން ހަސަންބެދިޔައީ، ކަތީބުގެއަށް…. ކަތީބުގޭ މަސައްކަތުން ނިމިގެން ހަސަންބެއަށް ގެއަށް އާދެވުނީ، ރޭގަނޑު 8 ޖެހިއިރުއެވެ. ހަސަންބެ ގެޔަށް އައިއިރު ގޭގެ ބޭރުދޮރުހުރީ ލައްޕާފައެވެ. ހަސަން ގޭގެ ދޮރުހުޅުވާލިއިރު، ބައްތިވެސް ނުދިއްލާ ގޭތެރެ އަނދިރިކަމުން ތަނެއްދޮރެއް ނޭނގެއެވެ. އެތެރެގޭ ތެރެއިން ބަލިއަޑަކުން ފާތުމަ ކުކުރާއަޑު އިވެއެވެ….

 

ހަސަންބޭ ޖީބުން އަލިފާންފޮށި ނަގާފައި، ދަނޑިއެއް އަޅައި އަލިކޮށް، ބައްތިހޯދައިގެން ގޭ ބައްތި ދިއްލައިފިއެވެ. ހަސަންބެ އެންމެފުރަތަމަވެސް ދިޔައީ އެތެރެގެއާ ދިމާއަށެވެ. އެނދުގެ ފޮތިގަނޑުހުރީ ދަމާލާފައެވެ….

 

ހަސަންބެ: މަގޭ ފާތުމާ ބަލިވީތަ….؟ މިހެންބުނެފައި އެނދުގެ ފޮތިގަނޑު ކަހާލާފައި ސިއްސައިގެންގޮސް…. ސުބްޙާނަﷲ….! ބަލަ! ފާތުމާ…. ތިޔައޮތީ ކިހިނެއް
ހަދައިގެންތަ….؟؟ ނިދަންލާހެދުމާ ނުލާ ހާމަޔަށް ތިޔަގޮތަށް ފާތުމަ ތިޔައޮތީ… ކިހިނެއްވެގެން ކާކުބުނެގެންތަ….؟؟

 

ފާތުމަ: ވަރުބަލިވެ، މާނޭވާލެވޭ އަޑަކުން…. މި ހަސަނު ހާދަ ފޮނިވެގެން އުޅޭ ދުވަސްކޮޅެކޭ…. ބަލަ! މަގޭ ގާތުގައި އޮވެފާ ދެމީހުންވެގެން ކުރިކަމެއްކޮށްފާ ހަސަނު މަށާ ތިޔަ ސުވާލުކުރަނީ…. މަ މިއޮތީ ކިހިނެއްތޯ….؟ ޙައިރާނެއް ނުވާނެތަ….؟ މަށަށް ވީގޮތަކީ، ކުރިކަމަކާ،
ހެދިގޮތަކީ، މަށަށް އެނގޭވަރަކަށް ހަސަނަށްވެސް އެނގޭނެ….!! އަދި މިހުރިހާކަމެއް ކޮށްފާމެ، މިހާރަކަށް އައިސް، މަގޭ ކައިރީ ނިދާކަމަކަށް، މަގޭގައިގާ ޖެހޭކަމަކަށް، މަށާއެކު ގުޅުމެއް ހިންގާކަމަކަށް، ހަސަނެއް ނުހަދާ….

 

ހަސަންބެ: ފާތުމަ ހަނދާންކޮށްބަލަ….! އަހަރެމެން ދެމީހުން، އެއްތަނެއްގައި، ނިދާލިދުވަހެއް، ޖެހުނު ދުވަހެއް، ބީހުނު ދުވަހެއް، ހަނދާނަށްވެސް ނާދޭ…. އެއްވެސް ޝައްކެއްނެތް…. ފާތުމަ ކިބައިގައި މިހާރަކަށް އައިސް، އަޑިނޭނގޭ…. ފޮރުވިފައިވާ ވަރަށްގިނަ ކަންތައްތަކެއް އެބަ، ވޭ…. ފާތުމަ ނުބުންޏަސް އަދި، ފަހުން އެނގޭނެ….!!! ދެން އަޅާނުލާ….!!!

 

 

މިހާރަކަށް އައިސް ޙަސަންބެއަށް މަހަކަށްވެސް ނުދެވެއެވެ. ފާތުމަގެ ފަރާތުން ފެންނަމުން މިދާ ކަންތައްތަކެއްގެ ސަބަބުން ހަސަންބެއަށްވެސް ވަނީ މާޔޫސްކަން ލިބިފައެވެ. ފާތުމައަށް، އެދިމާވާ ކަމެއްގެ ވަގުތުގައި ނޫނީ ތެދުވެ ހަމަ ބަރާބަރަށް ގޭތެރޭގެ މަސައްކަތްތައްކޮށް ހަސަންބެއަށްވެސް ވަރަށް ރަނގަޅެވެ. ގޭތެރޭގައި، ބިޑިއެއް ރޯކޮށްލައިގެން ހަސަންބެ، މަސްވެރިކަމަށް ހަދާ ފަންޑިތަ ލިޔެފައިހުރި ފޮތެއް ކިޔާލަން އިންދާ، ފާތުމަ، ބަދިގޭގައި އުޅެފައި އައިސް ގޭތެރެއަށް ވެދެ، ޙަސަންބޭގެ ކައިރީގައި ބޮޑުއަށިމަތީގައި، އިށީނދެފައި.

 

ފާތުމަ: އަހަރެން ހަސަނު ގާތުގައި ބުނެލަންއޮތް ވަރަށްމުހިންމު ވާހަކައެއް އެބައޮތް….

 

ހަސަންބެ: އަވަހަށް ބުނޭ…. މަވެސް މިހާރު ހިތަށްއަރާ…. ކުރިން ހަދާގޮތަށް މަށާ އެކިވާހަކަދައްކާލާ ހަދާ ނޫޅެނީ ކީއްވެބާވައޭ….

 

ފާތުމަ: މީގެފަހުން ބޭރުންއައިސް ހަސަނު، ގެއަށްވަންނައިރު، ގޭގެ ދޮރުލެއްޕިފައި ހުރިނަމަ، އަމިއްލަޔަށް ދޮރު ހުޅުވައިގެން ހަސަނު ގެއަށް ނުވަންނާތީ….!! އަދި ގޭގެ ބައްތި ނިވިފައިވާނަމަ، ހަސަނު އަމިއްލައަށް ބައްތި ނުދިއްލާތި….!! އަހަރެން ކިތަންމެ ބާރަކަށް، ކުކުރާ އަޑާއި، ރޯއަޑުއިވުނަސް އެތެރެ ގޭތެރެއަށް ނުވަންނާތި….!!! އަދި، އެނދުގެ ފޮތިގަނޑު ދަމާފައިހުރިނަމަ، ފޮތިގަނޑު ކަހާނުލާތި….!!! އަހަރެން ބުނާވަގުތެއްގައި ނޫނީ އެތެރެގޭ އެނދުގައި، ޙަސަނު އޮށޯވެ، އަދި އިށީނދެ، ނުހަދާތި….!! މިކަންކަމާ ޚިލާފުވެއްޖެނަމަ ހަސަނަށްވެސް އަދި އަހަންނަށްވެސް، ވަރަށް ދެރަގޮތެއް، ކުރިމަތިވާނެކަން ޔަޤީން…. !!! ހަސަނާ…. ހަނދާންކުރާތި…. މީގެފަހުން މިގޮތަށް ހަދާތި.

 

ހަސަންބެ: ހޫން…. ހޫން…. ދެނޯ….؟ އަދި އެއްވާހަކަ މަދެއްނޫން….؟ މަށާ އިނދެގެންއުޅޭކަމަށްވެސް ނުހަދާތި…. މިހެންވެސް ބުނަންވީނު….؟

 

ފާތުމަ: ތިޔަހެންވެސް ފަހަރުގައި ބުނަން ނުޖެހޭނެކަމެއް ނޭނގެ….!

 

ހަސަންބެ: ފާތުމާ…. ބުނަންތަ…. މީ މަގޭ ގޯއްޗާއި، ގެއާއި، މުދާ، ތިޔައީ، މަގޭ އަނބިމީހާ…. ދެނޯ…. މަ ބޭނުންވަގުތަކު ބޭނުންގަޑިއަކު ގެއަށްވެސްވަންނާނަން….!! ބައްތިވެސް ދިއްލާނަން….! ދޮރުވެސް ހުޅުވާނަން…. އެތެރެގެއަށްވެސް ވަންނާނަން….!!! އެނދުފޮތިގަނޑުވެސް ކަހާލާނަން….!! އަދި، ފާތުމާއަށްވެސް މަ ބޭނުންގޮތެއް ހަދާނީ….!!! ހަސަންބޭ ރުޅިއައިސްފައި ބުންޏެވެ.

 

ފާތުމަ: ހަސަނާ…. ދޫންޏާ…. މީހަމަ ދެމީހުންގެވެސް ރައްކާތެރިކަމަށްޓަކައި، ފާތުމަ ދެއްކިވާހަކައެކޭ….!!

 

ހަސަންބެ: ކޮން ރައްކާތެރިކަމެއް….!!! މަށަށް ތިޔަ އަމުރުތައް ކުރަން ބުނާ މީހަކު ކައިރީގައި ބުނޭ މިގެއަށް ނުވަންނާށޭ….!!! ބަލަ، ފާތުމާ….!!! މި ޢުމުރަށް ދިޔައިމާ ތިޔައީ އުޅޭކަށް މާރީތިގޮތެއް ނޫނޭ….!!!

 

ހަސަންބެ އައިރުޅިން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. ބޭރުގައި އުޅެފައި ޙަސަންބެއަށް ގެއަށް އާދެވުނީ، ރޭގަނޑު އެގާރަޖަހާ، އެހާކަށްހާއިރުއެވެ. އައިއިރު ގޭގެދޮރު ހުރީ ލައްޕާފައެވެ. ދޮރު ހުޅުވިއިރު، ބައްތިވެސް ހުރީ ނިވާލާފައެވެ. … އެތެރެގޭތެރެއިން، ފާތުމަ، ރޯއަޑާއި، ކުކުރާއަޑުއިވެއެވެ…. އެނދުކައިރީގައި ދަމާފައިހުރި ފޮތިގަނޑުގެ ބޭރުން ފާތުމަ ނިދަންއޮތް އެތެރެގޭ، އެނދުމަތީގައި، ނޫކުލައިގެ، އަލިގުޅައެއް ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދާތަން ފެނެއެވެ.

 

ހަސަންބެ ރުޅިއައިސްގެން ނިކުމެ ކާގޭގައިހުރި، ފާނޫޒު ދިއްލައި، އަލިގަދަކޮށްލައިގެން ގޭތެރެއަށް ވައްދައިފިއެވެ. އެތެރެގޭ، އެނދުގައި ދަމާފައިހުރި ފޮތިގަނޑު އަތަށްލާ
އޮޅާލާފައި ދަމައިގަނެގެން، ކަނޑާލައިފިއެވެ. ފާތުމައޮތީ ނިވާކަމެއްނެތި، ބިއްދޮށަށް އެނބުރި ކުރުއަތްމައްޗަށެވެ….

 

އެތެރެ ދޮރުގެ ދެކަނީގައި އަތްއަޅާލައިގެން ހުރެފައި،

 

ހަސަންބެ: އޭ…. ފާތުމާ…. މަގަތަށް އެނބުރިބަލަ…”

 

ފާތުމަ: މަޑުކުރޭ…. މަގޭ މިދަރިފުޅަށް ބުއްދީފައި މިއެނބުރެނީ….!

 

ހަސަންބެ: މި ދަރިފުޅަށް ބުއްދީފައޭ…. !!!؟ ޙައިރާންވެފައި….! އެއީ ކާކުގެ ކޮންދަރިފުޅެއް….؟ ފާތުމަ ތިޔަކިޔަނީ ކީކޭ…؟

 

ފާތުމަ: ވަރަށް ރަނގަޅު…. ހަސަނަށް ހަމަސާބަސް… މިހާރު ދެން ތިޔައުޅެނީ އަހަރެންގެ ގައިގާ ދުވަހަކުވެސް ނުޖެހޭ، ނުބީހޭ މީހަކަށްވާން….! މިއޮއްހުރިހާ ދުވަހު ދަރިއަކު ނުލިބިގެން އުޅެއުޅެފަ އެންމެފަހުން ދަރިއަކު ލިބުނީމާ ހަސަނު ބުނަންވީއެއްޗަކީ، ތިޔައީތަ….؟

 

ހަސަންބެ: ބުނަންތަ…. ފާޑުފާޑުގެ ދެކޮޅުނުޖެހޭ ކޮސްނުގޮވާ…. އޮރިޔާން ނިވާކޮށްލައިގެން ތެދުވެ، މަށަށް ކާއެއްޗެއް ހަދާބަލަ….!! މިހާރު މިހިރަ މެންދަމުން އަލިވަނީއޭ….!! ފާތުމަ، ކާންހަދަންވާއިރަށް އަހަރެން އެބައަންނަން…. އަތިރިއަށް ފައިބާ އަތިރިއަކަށް ގޮސްލާފައި….

 

 

މިހެންބުނެފައި ހަސަންބެ ބޭރަށް، ހޭޅިމަގާ ދިމާލަށް ހިނގައްޖެއެވެ…. ފާތުމަ ކާންތައްޔާރު ކޮށްގެން އިންނަތާ ދެގަޑިއެއްހާއިރު ވީއިރުވެސް ހަސަންބެގެ ޚަބަރެއް ނުވިއެވެ. ލަސްވެގެން، ފާތުމަ ނިކުމެ މަގުމަތި ބަލާލިއިރު…. މިގެއާއި ކައިރީގައި ހުންނަ، “އޮށަނިގޭ” ބޮޑު ކާސިންފުޅު…. އަތިރިއާ ދިމާޔަށް ދަމުން…. ފާތުމަ ފެނިގެން….

 

ކާސިންފުޅު: ފާތުމާ….އޯޑަރަކަށްތަ….އިންތިޒާރެއްގައިތަ…. މިއޮށް ފަތިސްވަނީނު….

 

ފާތުމަ: އާނ….! އިންތިޒާރެއްގައި…. ހަސަނު އަތިރިޔަކަށްގޮސް ނައިސްގެން…. މިހާރު ދެތިންގަޑިއިރުވަނީ…. ކާސިންފުޅުބޭ އަޅެބަލާލައްޗޭ….

 

ކާސިންފުޅު: އާން! ބަލާލާނަން…. މަވެސް މިދަނީ އަތިރިއަށް….

 

ކާސިންފުޅު ހިނގައްޖެއެވެ.

 

ފަތިސްނަމާދަށް ބަންގި ގޮވައިފިއެވެ. ބައިގަޑިއެއްހާއިރު ފަހުން، އަތިރިމައްޗާ ދިމާލުން ބަޔަކު، ރޮމުން، ހަޅޭލަވަމުން އަންނައަޑުއިވިގެން ފާތުމަ ނިކުމެ ބަލާލިއިރު، ބައެއްގެ ކޮނޑުމައްޗަށް ލައިގެން، މިއޮއްގެންނަނީ ހަސަނެވެ. ގެނެސް ގެއަށް ވައްދައި ގޭބޮޑުއަށިމަތީގައި ހަސަންބެ ބާއްވައިފިއެވެ.

 

ހަސަންބެއޮތީމަރުވެފައެވެ. ކަރުވަނީއެނބުރިފައެވެ…. ފެންނަގޮތުން ލަފާކުރެވެނީ ކަރުގައި ހިފައި އަނބުރާލައިގެން މަރާލާފައި އޮތްކަމަށެވެ. މަރުވެފައި އޮއްވާ ފެނުނުކަމަށްވަނީ ހޭޅިމަގާދިމާލުންނެވެ. ދެފަސްބެދޭ ހިސާބަށް ވެއްޓިފައި އޮއްވައެވެ.

 

މެންދުރު ނަމާދު ވަގުތަށް ޙަސަންބޭގެ ޖަނާޒާގެ ކަންތައް ނިންމޭތޯ…. ރަށުގެ ވަރަށްގިނަބަޔަކު މިގޭދޮށަށް އައިސް ޙަރަކާތްތެރިވަމުން ގެންދެއެވެ. މޫނުދެކެން އައިމީހުންގެ ތެރޭގައި، އުތުރުއަވަށުގެ އެންމެއިސްމީހާ…. ތަކުރުފާނުބޭވެސް އައެވެ. މީނާއަކީ މުޅިއަތޮޅުގައިވެސް ނަންވި، މަޝްހޫރު ކަންވެރިޔެކެވެ. ތަކުރުފާނުބެ އެގެއަށް އައިސްފައި، ޙަސަނުގެ އަންހެނުން
ކޮބައިތޯ ސުވާލުކޮށް ފާތުމައާއި ބައްދަލުކޮށްފިއެވެ.

 

ތަކުރުފާނު: ފާތުމައާ ސަލާމްކޮށްލާފައި…. ތިޔައީ މިރަށު މުދިންބަކުރުގެ ކުއްޖެއްތަ….؟؟

 

ފާތުމަ: ލައްބަ…. ބައްޕަގެ ހުރި ހަމައެކަނި ދަރި،…؟

 

ތަކުރުފާނު: ބަކުރަކީ އަހަރެންގެ އެންމެކައިރި ރަޙްމަތްތެރިޔާ…. މިހާރު ބައްޕަ ނިޔައުވިފަހުން ދެއަހަރުވެދާނެ…. ދޯ….؟؟؟…. ފާތުމަ ދެންވަރަށް ބޮޑަށް އެކަނިވެރިވީތާ…. ދޯ…. ދަރިފުޅަކުވެސް ނެތެއްނު…؟

 

ފާތުމަ: އިރުކޮޅަކު ހުރެލާފައި…. ނޫން…. އެކަނިވެރިޔެއް ނުވާނެ…. ދަރިއަކުވެސް އެބަހުރި…. އަދި ހުންނާނެ ކުދިންގެ ބައްޕަ….

 

ތަކުރުފާނު: ކުއްލިޔަކަށްޙައިރާންވެ، ސިއްސައިގެންގޮސްފައި….

 

ކުދިންގެ ބައްޕައޭ….!! ބަލަ، ހަސަނު ނޫން މީހަކާ ފާތުމަ ނުއިންނަމެއްނު…. ؟؟ އަދި ހަސަން ފާތުމައަށް
ކުއްކަޖުވެސް ނުލިބޭނު….؟؟

 

ފާތުމަ: ނޫން…. އަހަރެން އުޅެނީ މިހާރުވެސް ކުދިންގެ ބައްޕައާ އިނދެގެން އޭނަޔަށް ދެކުދިންވެސް އެބަތިބި….

 

ތަކުރުފާނު: ތިޔަ ދެކުދިންނާ، ތިޔަފިރިމީހާ ކޮބައިތަ….؟؟ ކިޔަނީ ކޮންނަމެއްތަ….؟

 

ފާތުމަ: ފިރިމީހާގެ ނަމަކީ، ކިރުފެލިހުސޭނު

 

ތަކުރުފާނު: ސުބްޙާނަﷲ…. ފާތުމަ ތިޔައުޅެނީ ކިރުފެލިހުސޭނާ އިނދެގެން….؟ މިހާރު ދެން ދެކުދިންވެސް ލިބުނީ؟ ދެނެހުރިންތަ؟ ބަބުރުކަލޯ؟ ބަޑިއެދުރުފަދަ ކިތަންމެނަމެއް ތިޔަހުސޭނަށްކިޔާ… ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ…. ބަލަ، ފާތުމަގެ ފިރިމީހާ، ހަސަނުގެ ކަރުއަނބުރާލައި، މަރާލާފައި އެވަނީވެސް ރަނގަޅަށްވިއްޔާ ތިޔަބުނާ
ހުސޭނު….!!! ފާތުމަހިނގާ ތަކުރުފާނުބޭ ގޭގައި ދެތިންރެޔަކު މަޑުކޮށްލަން އޭރުން ތިޔަކަމުން ސަލާމަތްވޭތޯ ތަކުރުފާނުބޭ…. ކަމެއްކޮށްދޭނަން….

 

ފާތުމަ: ދެދުވަހެއްގެ ފަހުން ދާނަން….

 

ތަކުރުފާނު: މިގޭގައި ފާތުމަ އެކަނި އޮންނާނީ….؟؟؟

 

ފާތުމަ: ލައްބަ…. ކުދިން ބައްޕަ ދެކުދިންގޮވައިގެން ނިދަން އަންނާނެ…. އެކަންޏެއް ނުވާނެ.

 

ތަކުރުފާނު: ކުރާނެކަމެއްނެތް…. ފާތުމަގެ ނިމުންވެސް ދެންތިޔަ އައީ…. ދެން ސަލާމަތެއް ހަމަނުވެވޭނެ…. ބަޑިއެދުރު އަވަލައިފި ޢާއިލާއެއްވެސް، ދެން…. ހަމަ ނިމުނީ…

 

 

ހަސަންބެގެ ޖަނާޒާ ނިންމައިފިއެވެ. ހަސަންބެ މަހާނަކައިރީގައި ހަތްސާއަތްއިރު ވާނދެން ކިޔަވާހެދީ، ކަތީބު ފޮނުވި ތިންމީހުންނެވެ….

 

 

ހަސަންބެ ނިޔާވިވާހަކަ އިވިގެން ހަސަންބެ ނިޔައުވި ދުވަހުގެރޭ ދިހައެއްޖަހާކަންހާއިރު، ފާތުމަގެ ކުޑަދުވަހުގެ ރަޙްމަތްތެރި ދެތިން އަންހެނަކު ފާތުމަގެއަށް އަތުވެއްޖެއެވެ.
ގޭދޮރުލައްޕާ އެތެރެއިން ތަންޑުވެސް ވަނީ އަޅާފައެވެ.

 

ގޭތެރެއިން ވަރަށްބާރަށް ފާތުމަ ރޯއަޑުއިވެއެވެ…. ތިޔަހެން ނުހަދާށޭ…. އަހަންނަށް ތިޔަވަރު ނުކުރާށޭ….!!! އަހަރެން މަރުވެދާނެޔޭ….!!! އައްދިއްޔޯތްޔޭ…. މިކަހަލަ ބަނދިތަކެއް ކިޔަމުން ފާތުމަ ރޯއަޑުއިވެއެވެ. މިތިން ރަޙްމަތްތެރިން ވެގެން…. ގޭގެދޮރުގައާއި، ބިތުގައި ތަޅަމުން…. ފާތުމައަށް ގޮވަމުން ގެންދާއިރުވެސް އެއަޑަށްވުރެ ފާތުމަގެ ހަޅޭކުގެއަޑު މާގަދައެވެ…. މިތިން އަންހެނުން…. ރަށުގެ ކަތީބުގެއަށްގޮސް ކަތީބަށް މިކަންތައް އަންގާފައި އައިސް އެގޭދޮށުގައި ތިއްބާ، ރައްޔިތުންގެ ވަރަށް ގިނަބަޔަކު ގޮވައިގެން ކަތީބު ދުރުވެ، ގޭ ދޮރުހަލާކުކޮށްލާފައި ގެއަށް ވަންއިރު، ފާތުމަގެ އެއްވެސް އަޑެއްބަޑެއްނެތެވެ…. ގޭތެރެ އަނދިރިއެވެ. އެވަގުތު އެއްކަލަ ތިންއަންހެނުންގޮސް ފާނޫޒެއް ދިއްލައިގެން އައިސް މިތިން އަންހެނުން،… އެތެރެގެއަށްވަދެ ފާތުމަ ނިދާ އެނދުކައިރިއަށް ލެފުނުއިރު، ފާތުމަ އޮތީ ގައިގާ އެންމެފޮތިކޮޅެއްވެސް ނެތި އުޑުތިލަމަތިން އެނދުމަތީގައެވެ. މުޅިއެނދުމަތި ވަނީ ލެއިން ތަތްތެޅިފައެވެ. އޭރުވެސް ފާތުމަގެ ގުނަންތަކުން ބޮކިޖަހާފައި ލޭތައް ފައިބަނީއެވެ. ފާތުމަވަނީ އެއްވެސް ޙަރަކާތެއް ނެތި ލޯމެރިފައެވެ. އާދެ! މަރުވެފައެވެ.

 

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

 

އަޑި ނޭނގޭ…. ސިއްރުން ފުރިގެންވާ، އަނިޔާވެރި ޙާލަތެއްގައި، ޙަސަންބެއާއި، ފާތުމަ، އަބަދަށްޓަކައި މިދުނިޔެ ދޫކުރިއެވެ….!!!

 

އަޑިއަޑިން، ވަސްވާސްކޮށް، ގޯނާކުރާ ޖިންނީންތެރޭ،
“ބަޑިއެދުރު“ވެސްވާކަމަށް، މީހުން “ފުލޯކުބަހުން” ބުނޭ.

 

ނިމުނީ

 

ނޯޓް: މިއީ ‘ދިވެހި ޑައިޖެސްޓް’ ގެ ފުރަތަމަ ޢަދަދުން ނަގާފައިވާ ލިޔުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.