“ރާއްޖޭގެ ކަނޑުފަޅުގެ ދިރިމުގެ ތެރެއިން” މި ނަމުގައި މި ހުށައަޅާލަނީ ރާއްޖޭގެ ކަނޑުފަޅުގައި ދިރިއުޅޭ މަސްމަހާމެއްސާއި ބެހޭ މަޢުލޫމާތެވެ. އެގޮތުން މިފަހަރު މި ގެނެސްދެނީ “ރާގޮނޑިކޮލި” ގެ މަޢުލޫމާތު ކޮޅެކެވެ.

 

މިއީ ކޮލީގެ ބާވަތެކެވެ. ނަމަވެސް ރާއްޖޭގައި ގިނައިން އުޅޭ ކޮއްޔެއްނޫނެވެ. ރާގޮނޑިކޮއްޔަކީ ވަރަށް ނުރައްކާތެރިވިހައެއް ހުންނަ މަހެކެވެ. މިވިހަކެވުމުން މީހާއަށް ވަރަށް ނުރައްކާތެރި ޙާލަތެއް މެދުވެރިވާ މަހެކެވެ. ރާއްޖޭގައި މިމަސް މަޝްހޫރުވެފައިވަނީ ރާގޮނޑިއާއި އެއްކަހަލަކަމުން ރާގޮނޑިއާއި ވަކިކުރަން ނޭގިގެން ކެވުމުގެ ސަބަބުން ވިހަވާ މަހެއްގެ ގޮތުގައެވެ. ނަމަވެސް މިމަހަކީ މިފަދަ އޮޅުމަކުން ކެވިދާނެބާވަތެއް ކަމަކަށް ނުބެލެވޭނެއެވެ.

 

ރާގޮނޑިކޮއްޔަކީ އެހެނިހެން ކޮލީގެ ބާވަތްތަކާއި ޚިލާފަށް ދިގުކޮށް ބޮނޑިމަސްކޮށް ހުންނަ މަހެކެވެ. މަހުގެ ދަތްތައް ހުންނަނީ ރޮނޑުގައި ހުންނަގޮތާއި އެއްކަހަލަ ގޮތަކަށެވެ. މަހުގެ މަތީބައި ހުންނަނީ އޮމާންކޮށެވެ. ބަނޑުދަށްފަރާތުގައި ވަރަށް ކުދިކަށިތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ، ގަދަނޫކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ހުދުރިހިކުލައެކެވެ. މަހުގެ ކަންފަތްގަނޑުގެތިރިން މަހުގެ ބަނޑުދަށްފަރާތުގެ އަރިމަތީގައި ކަޅުކޮށް ހުންނަ ހަތަރުތިކި ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ކަންފަތްގަޑުގެ ތިރީބައިގައިވާ މަޑުކަށިތަކުގެ ކުލައަކީ ހުދުކުލައެވެ. ފަރުބޭރުގައި ވަދުއަޅާއިރު ވަރަށް މަދުން މިބާވަތުގެ ކޮލި ވަދުގައިޖެހެއެވެ.

 

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސެންޓިމީޓަރަށެވެ.

 

ލިޔުން ނެގީ: ފިޝަސް އޮފް ދަ މޯލްޑިވްސް

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.