ފިލްމެއްގައި ހަރަކާތްތެރިވާ ކެރެކްޓަރ ތަކަށް މަޖާ ނަންތަކެއް ދީފައިވުމުން ފިލްމު މަޖާވާނެ ކަމަށް ޤަބޫލު ކުރެވޭހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ކިޔުންތެރިނާއި ހަވާލެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުން ސިނަމާއަށް ގެންނަން އުޅޭ ފިލްމު “މާމުއި” ގެ ކާސްޓުން ފިލްމުގައި އަދާކުރާ ކެރެކްޓަރ ރޯލުތަކުގައި އެމީހުންނަށް ދީފައިވާ މަޖާ ނަންތައް އެ ސްޓޫޑިއޯއިން މީސްމީޑިއާގައި އާއްމުކުރަމުން އަންނަތާ ދެތިން ހަތަރު ދުވަހެއް ވެއްޖެއެވެ. ކޮންމެ ކެރެކްޓަރ އަކަށްވެސް ދީފައިވަނީ އާދަޔާޚިލާފު ނަމެކެވެ. ނުވަތަ އެނަން ކިޔައިލުމުން ޖޯކް ގޮތެއް ހުންނަ ނަމެކެވެ. ނުވަތަ މަޝްހޫރު ބައެއް ސްޓާރުންނާއި ސަޚްސިއްޔަތު ތަކަށް ކިޔާ ނަންނަން ވެސް ދީފައި އެބަހުއްޓެވެ.
އަރްސަލާން، ސަލްމާން، ރޮމާނީ، ސްވިޗް، ބަނީ، ރޯޒީ، ވަރްޖީނާ، ރީތި އިއްސޭ، ރުޝްދީ، ހައްޕު، މިފަދަ އެތައް ނަންތަކެއް ފެންމަތިވަމުން އަންނައިރު އުފެދޭ ބޮޑުސުވާލަކީ މަޖާ ނަންތަކެއް ކެރެކްޓަރ ތަކަށް ކިޔުމުން ފިލްމު މަޖާވާނެ ހެއްޔެވެ.
ކޮމެޑީ ފިލްމު ހަދަނީ ފިލްމު ބަލާމީހުން ހެއްވުމަށެވެ. ފިލްމުގައި އުޅޭ ކެރެކްޓަރ ތައް އަމިއްލައަކަށް މާބޮޑަށް މަޖާވެފައި އުޅުނަސް، އޯޑިއަންސަށް އެއީ މަޖާ ކަމަކަށް ނުވެދާނެ އެވެ. އަމިއްލައަށް މާބޮޑަށް ސޭކުހެދިގެން އުޅުނަސް އެއީކީވެސް އޯޑިއަންސް ހެއްވާލެވޭނެ އުކުޅެއް ނޫނެވެ. މޮޅު ކޮމެޑީއަކަށް ވާނީ ނުހޭން ތިއްބާވެސް ހެވޭ ޒާތުގެ ފިލްމަކަށް އެ ފިލްމެއް ވެގެންނެވެ. ފިލްމެއް ހެއްވާ މަޖާ ފިލްމަކަށް ވުމަށް ބޭނުންވާ އެތަކެއް ބައިވަރު އުންސުރު (އިލެމެންޓްސް) ތަކެއް ހުރެއެވެ. އެގޮތުން ކޮމެޑީ ފިލްމެއްގައި ކޮންމެހެންވެސް ހުންނަން ޖެހޭ ފަސް އުންސުރެއް ވެއެވެ.
އެ އުންސުރުތަކަކީ:
ކޮމީޑިއަންސް (ހެއްވާ މަޖާބައި ކުޅުމަށް ޚާއްޞަ މީހުން)
ފިލްމުގެ މައިގަނޑު ކެރެކްޓަރ ތަކަށް ކޮމީޑިއަނުން ހިމެނިފައި ހުންނާން ޖެހެއެވެ. އެމީހުން ބޭނުންކުރާނީ މަޖާ ޑައިލޮގެވެ. ކުރާނީ ހެއްވާ ކަންކަމެވެ.
ޓައިމިންގ (މަންޒަރުތަކާއި ދެކެވޭ ވާހަކަތަކަށް ރަނގަޅު ޓައިމިންގ އެއް ނުވަތަ ވަގުތު ދިމާވުން)
ކޮމެޑީ ފިލްމެއްގައި ޓައިމިންގ ދިމާވުމަކީ އެންމެ މުހިންމު އެއް އުންސުރެވެ. ރަނގަޅު ޓައިމިންގ އެއް ނެތްނަމަ، ޖޯކްތަކާއި ސްޓަންޓްތައް ފެއިލްވާނެ އެވެ. މިކަމަށްޓަކައި ފިލްމުގައި ހަރަކާތްތެރިވުމަށް ފެންވަރު ރަނގަޅު ކޮމީޑިއަނުން ހޯދުމަކީ ޑައިރެކްޓަރުން ކުރާންޖެހޭނެ ކަމެކެވެ. ރަނގަޅު ކޮމެޑީއެއްގައި ‘ޖޯކެއް ފަޅާލަން’ ޖެހޭ އެންމެ ރަނގަޅު ދަނޑިވަޅުގައި އެކަންކޮށްފައި ހުރުމަކީ ރަނގަޅު ކޮމެޑީއަކަށް ވުމަށް އެންމެ އިސް ރޯލެއް އަދާކުރާ އެއް ކަމެވެ.
ސްލެޕްސްޓިކް (ދަނޑިންތެޅުން)
ސްލެޕްސްޓިކްގެ ލަފުޒީ މާނައަށް ބަލާލާއިރު އޭގެ މާނައަކީ އަމިއްލައަށް ދަނޑިން ތެޅުމެވެ. ޚާއްޞަކޮށް ބޭއިޚްތިޔާރުގައެވެ. މިސާލަކަށް: “ޓޮމް އެންޑް ޖެރީ” ކާޓޫނުގައި އާއްމުކޮށް ފެންނަ މަންޒަރެއް ހިތަށް ގެންނާށެވެ. މި މަންޒަރުގައި ޓޮމް ހިނގައިގަންނަ ވަގުތު ބިންމަތީގައި އޮންނަ ކުނިކަހާ ދަތީގެ ދަތްތަކަށް ފައިން އެރެއެވެ. އެވަގުތު ދަތީގެ ދަނޑިގަނޑު އުފުލިގެން އައިސް ޓޮމްގެ މޫނުގައި ޖެހެއެވެ. ވަރުގަދަ އެތިފަހަރެއް ޖަހާހާ ބާރަށެވެ. އަދިވެސް އެހެން މިސާލެކެވެ. ދުނިގޭގެ ތާރީޚްގައި އެންމެ މަޝްހޫރު އެއް ކޮމީޑިއަން ޗާލީޗޮޕްލިން ގެންގުޅޭ ފިހިގަނޑުން ޗާލީޗޮޕްލިން އަށް ނޭނގި، އޭނާ ކައިރީގައި ހުންނަ މީހާ ގައިގައި ޖެހޭތަން މިއީވެސް އާއްމު މަންޒަރެކެވެ. މިވެސް ސެލްފްސްލެޕިން އެކެވެ. ހަމަ އެގޮތަށް ‘ދަ ތްރީ ސްޓޫޖަސް” އިންވެސް މިފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.
ސެލްފްސްލެޕިންގ ގެ ތެރޭގައި ކައްސާލައިގެން ވެއްޓުން، ނުވަތަ އެހެންވެސް މަޖާ ގޮތަކަށް ވެއްޓުމާއި މޫނުމައްޗަށް މަޖާ ވައްތަރު ޖެއްސުންވެސް ހިމެނެއެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލު ފެންނާނީ “މިސްޓަރ ބީން’ ސީރީޒް ގައެވެ.
ސިޗުއޭޝަނަލް ކޮމެޑީތައް (ހާލަތެއް މެދުވެރިވެ އުފެދޭ މަޖާކަންތައްގަނޑެއް ދައްކައިދޭ ކޮމެޑީ ފިލްމުތައް)
މިއީ ނެރެޓިވް ސްޓޯރީއަކަށް ކުޅެފައިވާ ހެއްވާމަޖާ ފިލްމެވެ. މިފަދަ ފިލްމުތަކުގައި މެއިން ކެރެކްޓަރ އަށް ކުރިމަތިވާނީ ބީރައްޓެހި މާހައުލެއް ނުވަތަ އާދަޔާޚިލާފް ހާލަތެކެވެ. އެގޮތުން އޭނާއަށް އިހްސާސް ކުރެވޭނީ ‘ފެނުން ބޭރުގައި އޮންނަން ޖެހިފައިވާ މަހެއްގެ’ އިޙްސާސްފަދަ އިޙްސާސެކެވެ. އާ މާހައުލުން ކުރިމަތިވާ ކަންތައްތައް ތަހައްމަލުކުރުމަކުންދާއިރު، އޭނާއަށް ކުރިމަތިލާންޖެހޭ ކަންތައްތަކުން އޯޑިއަންސަށް ހެވޭގޮތްވާނެ އެވެ. އެންމެ މީހެއްގެ އިތުރުން ގްރޫޕަކަށްވެސް މިފަދަ ހާލަތެއް މެދުވެރިވާގޮތަށް ވާހަކަ ލިޔެފައިހުރެދާނެ އެވެ. އެގޮތުން އެމީހުންނަށް ކުރިމަތިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް ކުރަމުންދާ ކަންތައްތަކުން ފެނިގެންދާނީ މަޖާ ކަންތައްގަނޑެކެވެ. މަޖާ ސަކަރާތްގަނޑެކެވެ.
ފަރސް (ގަޔަށް އަތްލައި، އެކަކުއަނެކެއްގެ ގައިގައި ހިފާ، ދަމާ ޖެއްސުންކޮށް ބޮޑު ހައިޖާނުގަނޑެއް ހިމެނުން)
ވަރަށްގިނަ ކޮމެޑީ ފިލްމުތަކުގައި ފަރސް ނުވަތަ ގަޔަށް އަތްލައި، އެކަކުއަނެކެއްގެ ގައިގައި ހިފާ، ދަމާ ޖެއްސުންކޮށް ބޮޑު ހައިޖާނުގަނޑެއް އުފައްދާގޮތަށް ކުޅެފައި ހުރެއެވެ. މިފަދަ ކަންކަމުގެ ތެރޭގައި މަޖާ ޕްލޮޓެއް އަދި އާދަޔާޚިލާފު ހާލަތު ތަކެއް ހިމެނުން، ވަރަށް އަވަސް އަވަހަށް އެއްކަމަކަށްފަހު އަނެއްކަމެއް ހިނގުން، ސަޚްޞް އޮޅޭގޮތްވުން، ކޮންމެވެސް ސިއްރެއް ފޮރުވައިގެން އުޅުން، އޮޅުންބޮޅުންވުން އަދި މީގެ ތެރޭގައި ސްލެޕްސްޓިކް ވެސް ހިމެނެއެވެ. މިއީ ސިޗުއޭޝަނަލް ކޮމެޑީތަކާއި ތަފާތު ސްޓައިލެކެވެ.
އެހެން ފިލްމުތަކަށް ޖޯކް ޖަހާފައި ހަދާފައި ހުންނަ ފިލްމުތައްވެސް ހިމެނެނީ ފަރސް ގެ ތެރޭގައެވެ. މިސާލަކަށް: ފިލްމު “ސްޕޭސްބޯލްސް” އަކީ “ސްޓަރ ވޯރޒް” ގެ ފަރސް ކޮމެޑީއެކެވެ.
އަޅުގަނޑުގެ އަސްލު މަޢުޟޫ އަތުނުވާ ހިސާބަށް މާބޮޑަށްވެސް ދުރަށް ދެވިއްޖެކަމަށް ހީވެދާނެއެވެ. ނަމަވެސް ދައްކަން މިއުޅެނީ ހަމަ އެއް ވާހަކައެކެވެ. ރާއްޖޭގެ ފިލްމީ ދާއިރާއަށް ބަލާލާއިރު، ކޮންމެ ވައްތަރެއްގެ ޖޮންރާއެއްގެ ފިލްމެއްވެސް ބެލުންތެރިން އެންމެ ޝައުޤުވެރިވާ ގޮތަށް ގެންނަން އެންމެ ކުޅަދާނަ އެއް ބަޔަކީ ޑާކްރެއިން އެންޓަޓެއިންމެންޓް ގެ ޓީމުކަމާމެދު ދެބަސް ވެވޭކަށް ނެތެވެ. އެހެންކަމުން ފިލްމު “މާމުއި” ގައި ދެންމެ މި ފާހަގަކޮށްލި ފަސް އުންސުރު ވެސް ވަރަށް ރަނގަޅަށް ހިމެނިގެން އަންނާނެކަން އެ ސްޓޫޑިއޯގެ އުފެއްދުންތަކަށް ބަލައިލުމުން ސާބިތުކޮށްދެއެވެ. އެހެންކަމުން ޑާކްރެއިންގެ “މާމުއި” ގެ ކެރެކްޓަރ ތަކަށް މަޖާ އަދި އާދަޔާޚިލާފް ނަންތަކެއް ދީފައިވުމުން، އެމީހުން ކުރިން އުފައްދާފައިވާ ކޮމެޑީ ފިލްމުތަކަށްވުރެން މާބޮޑަށްވެސް މި ފިލްމު މަޖާވާނެކަމަށް ޤަބޫލުކުރަން ޖެހެއެވެ.
ޑާކްރެއިންއިން ކުރިން އުފައްދާފައިވާ ކޮމެޑީ ފިލްމުތަކުގައި ކޮމެޑީ ފިލްމެއްގައި ކޮންމެހެންވެސް ހުންނަން ޖެހޭ ފަސް އުންސުރު ކިތަންމެހާވެސް މޮޅަށް ހިމަނާފައި ވެއެވެ. އެހެންކަމުން “މާމުއި” ގެ ކެރެކްޓަރ ތަކަށް ދީފައިވާ މަޖާ އަދި އާދަޔާޚިލާފް ނަންތަކާއިއެކުގައި ކުރެވޭ އުއްމީދު މާބޮޑެވެ. ފިލްމަކީ މަޖާ، މޮޅު ފިލްމަކަށް ވާނެކަމުގެ އުއްމީދެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!