ތަރުޖަމާ: ޢ.ދ.ޢ

 

ޗާންދްނީ ހޮސްޕިޓަލުގައި އޮންނަތާ މަހަކަށް ވުރެ ގިނަވެއްޖެއެވެ. އޭނާގެ ޙާލަތު ދަނީ ނުބައިން ނުބައަށް ބަދަލުވަމުންނެވެ. ދެވޭ މޮޅުބޭސްތަކާ ކުރެވޭ ފަރުވާގެ އެއްވެސް ބޭނުމެއް ނުހިފެއެވެ. އާދޭހެވެ! ޗާންދްނީ (ހަނދުވަރު) ފަނޑުވަމުންދަނީއެވެ. އެއަށްވުރެ މާއަވަހަށް، ޗަމަންގެ ޙަޔާތުގެ އަނދިރިކަން ބޮޑުވަމުން އާދެއެވެ.

 

ޗަމަންގެ ދިރިއުޅުމުގެ ޙިއްޞާދާރެއްކަމުގައި ޗާންދާނީގެ ޢުމުރުގެ ދުވަސްތައް ވޭތުކުރަން ފެށީ ޒުވާންކަމުގެ އެންމެ ފުރިހަމަ ހިސާބުންނެވެ. ޗަމަންގެވެސް ހަމަ އެޢުމުރެވެ. މިހެންކަމުން އެދެމަފިރިން، އެކުވެރިކަމުގެ ނިހާޔަތުގައި ވާހަކަދައްކަން ތިބޭވަގުތު އަވަށްޓެރިން ބުނެލައެވެ. “ބަގީޗާއަށް ހަނދުވަރުދެނީ އެވެ.” މިހެން ބުނެވެނީ ޗާންދްނީގެ މާނައަކީ ހަނދުވަރުކަމަށްވެފައި، ޗަމަންގެ މާނައަކީ ބަގީޗާ ކަމަށްވާތީ އެވެ. މިބާވަތުގެ އެއްޗެހި ބުނެލާ އަޑުއިވުމުން، އެދެމަފިރިންގެ ހިތުގައި، ލޯބީގެ ރާޅުތައް ދުއްވައިގަނެއެވެ. އެކެއްގެ ނަޒަރުގައި އަނެކެއްގެ ރީތިކަމާއި ހިތްގައިމުކަން، އެތައް ގުނައަކަށް އިތުރުވޭމެއެވެ.

 

މިއަދު ޑޮކްޓަރ ޝިހާބް، ޗާންދްނީ އޮތް އެނދުގެ ކައިރިއަށް އައުމުން އިސްއުފުލާ ބަލައިވެސް ނުލިއެވެ. އަދި ސަލާމްކުރުމުގެ ޚިޔާލެއްވެސް ނެތްމެއެވެ.

 

ޑޮކްޓަރ ޝިހާބް އާދައިގެގޮތް މަތިން ވިންދު ބަލައިލިއެވެ. އަދި ހިތުގެ ހިނގުންވެސް ޓެސްޓްކޮށްލިއެވެ. އޭނާ އެތަނުން އެނބުރިލީ، އެހެން ދުވަހަށްވުރެވެސް މާބޮޑަށް ހާސްވެގެންނެވެ.

 

“އަޅުގަނޑުގެ ހިތްބުނަނީ ކީކޭތޯއެވެ؟” ޗާންދާނީ ވަރުދެރަކަމާއެކު ބުނެފިއެވެ. އޭނާ ޑޮކްޓަރުގެ މޫނަށްވެސް ބަލައެއްނުލައެވެ.

 

“ކަލޭ ބުނެބަލާށެވެ.” ޑޮކްޓަރ ބުނެލިއެވެ.

 

“އަޅުގަނޑުގެ ހިތް އެބަބުނެއެވެ. ޗަމަން މޮޔަވެއްޖެ އެވެ. އެއީ އަޅުގަނޑުގެ ލޯބީގައެވެ…… ޑޮކްޓަރ އޭނާ ގާތުބުނެދެއްވާށެވެ. ޗާންދާނީ (ހަނދުވަރު) ފަނޑުވިއެއްކަމަކު، އެފަދައިން ބުއްދި ފަސްކުރައްވާނެކަމެއް ނެތެވެ. އޭނާގެ ގެއަށް އެހެން ހަނދަކުން ހަނދުވަރު ދީފާނެއެވެ.” ޗާންދްނީ މިވާހަކަ ދެއްކީ ހުއްޓަހުއްޓާފައި އެތައް އިރަކުންނެވެ.

 

“ކަލޭ ފަހަރެއްގައިވެސް ފޫހި ހަނދުވަރެއް ދުށީމު ހެއްޔެވެ؟” ޑޮކްޓަރ ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން މަސައްކަތްކުރިއެވެ.

 

“އެއީ ވަރަށް ރީތި އެއްޗެކެވެ. ހާސްވެފައިވާ މަޙްބޫބާއެއް ފަދައިންނެވެ.”

 

އިތުރު ވާހަކައެއް ދެއްކުމުގެ ފުރުޞަތުއެއް ނުލިބުނެވެ. ޗަމަން އެތަނަށް އަތުވެއްޖެއެވެ. އޭނާގެ އަތުގައި ބޭސް ޕެކެޓްތަކެއް ހުއްޓެވެ. އޭނާ ބުންޏެވެ.

 

“ޑޮކްޓަރ ސާހަބްއެވެ. ބޭސްތައް ލިބުނީ ވަރަށް އުނދަގުލުންނެވެ. މުޅި ރަށުގައި ދުވެގެންނެވެ.”

 

ޗާންދްނީ މަޑުމަޑުން އޮތެވެ. އެއްވެސް ޙަރަކާތެއް ނުގެނެއެވެ. ޗަމަން އެއެނދުގައި އިށީނދެފައި ބުނެފިއެވެ.

 

“ޙާލު ކިހިނެއް ހެއްޔެވެ. ޗާންދްނީއެވެ.”

 

އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ. ޑޮކްޓަރ ސާހަބް އެބޭސްތަކާ ބެހޭގޮތުން، ނާރސްއަށް އިރުޝާދު ދެނީއެވެ. ވަރަށް އަވަހަށް އެހެން އެނދަކަށް އޭނާގެ ސަމާލުކަން ހުއްޓާލައިފިއެވެ. އެހެން ނަމަވެސް ޗާންދްނީ އަށް ވާގޮތެއް އިރުއިރުކޮޅުން ބަލާލައެވެ.

 

ވަމުން އަންނަ ގޮތުގެ މައްޗަށް ވިސްނުން ހިންގާލެވުނު ވަގުތު ޗަމަންގެ ހިތުގެ ހިނގުމަށް ބަދަލުއައެވެ. ވަރަށް ބޮޑަށް ކަންނެތްވިއެވެ. ރޮވިފައިވާ އަޑުން ބުނެވުނެވެ.

 

ޗާންދްނީގެ ހިތުގެ ޙާލަތު ކިހިނެއް ބާވައެވެ.؟

 

“ކަލާ އަޅުގަނޑަށްޓަކައި ދަރައިގެން ޚަރަދު ނުކުރައްވާށެވެ. ކަލާނގެ އިރާދަކުރެއްވި ގޮތެއް ވެދާނެއެވެ. ކަލާ އަޅުގަނޑުދެކެ ވެލައްވާ ލޯބި އިޙްސާސްކުރެވެއެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި ކަލާއަށްޓަކައި އުފެދިފައިވާ ލޯބި ކަލާއަކަށް އެނގިއެއް ނުލައްވައެވެ. ކަލާނގެ ރަސްކަންފުޅަށްޓަކައި ނަންގަންނަމެވެ. ދެންވެސް ކެތްކުރައްވާށެވެ. ބޭސް ހެއްދެވިއްޖެއެވެ. ފަރުވާވެސް ކުރެވިއްޖެއެވެ. ދެން ވަކީލުކުރައްވާށެވެ. އެހެން ނުވެއްޖެނަމަ އަޅުގަނޑު ނެތިދިއުމަށްފަހު ދަރަނީގެ ބުރައިން ސަލާމަތް ނުވެވިގެން އެއީ މާބޮޑު އުނދަގުލަކަށް ވެދާނެއެވެ. އެހެން ނޫނަސް……..”

 

ޗާންދްނީގެ ނޭވާ ހާސްވާން ފަށައިފިއެވެ. ޗަމަން އެވަގުތު އިޝާރާތުން އަންގާލީ ވާހަކަ ހުއްޓާލުމަށެވެ. އާދޭހެވެ! ވާހަކަ ދެއްކުން އޭނާއަށްވެސް ދަތިވާކަމަށް ހީވެއެވެ. ޑޮކްޓަރ ޝިހާބަށް، ޗާންދްނީގެ ވާހަކަ ނުއިވުނުކަމަކު އޭނާ ދުރުގައި އުޅެމުން ގެންދިޔައިރުވެސް އިރުއިރުކޮޅުން ބަލާލައެވެ. އެއީ، އެއަންހެންކުއްޖާގެ ޞިއްޙީ ޙާލަތު ހުރިލެއް ދަށްކަމުންނެވެ. ހިތުގެ ބައްޔެއްގައި އެވަގުތު ޗާންދްނީ އޮތީ ދިރިހުރުމާ ޙަޔާތުގެ ދެމެދުގައި ސުވާލަކަށް ވެފައެވެ. ޑޮކްޓަރ ހޮސްޕިޓަލްގައި އުޅުމުގެ ވަގުތު ހަމަވުމުން، އަނެއްކާވެސް ޗާންދްނީގެ އެނދު ކައިރިއަށް އައެވެ. އެވަގުތު ޗަމަން މާޔޫސްވެފައި ސުއާލުކޮށްލިއެވެ.

 

“ޑޮކްޓަރ ޞާހަބާއެވެ! ޗާންދްނީގެ ޙާލު ކިހިނެއްތޯއެވެ؟”

 

“އަދި ރަނގަޅުވާގޮތަކަށް ނުފެނެއެވެ. ޗަމަންއެވެ.” ޑޮކްޓަރ ދެރަވެލާފައި މަޑުމަޑުން ބުންޏެވެ.

 

“ދެން ހަމައެއްވެސް ގޮތެއް ނެތީތޯއެވެ؟” ޑޮކްޓަރ ޝިހާބް އެއްވެސް ޖަވާބެއް ނުދިނެވެ.

 

ޗަމަން އަނެއްކާވެސް ވާހަކަ ފަށައިފިއެވެ.

 

“ހިތުގެ ބަލިބަލީގައި ތިބޭ މީހުންގެ ހިތްބަދަލުކޮށް ރަނގަޅު އެހެން އިންސާނެއްގެ ހިތްލެއްވުމަކީ ޑޮކްޓަރކުރައްވާ ކަމެއް ނޫންތޯއެވެ؟ އަޅުގަނޑު ވަރަށް ގިނަފަހަރު އަހާފައިވާ ވާހަކައެކެވެ. ޗާންދާނީގެ ހިތްވެސް އެގޮތަށް…….”

 

“ވަގުތު އަތުވެއްޖެނަމަ ތިޔަހެންވޭތޯ ބަލާނަމެވެ.” ޑޮކްޓަރ ޝިހާބް ޖަވާބުދިނެވެ.

 

“ވަގުތު އަންނާނީ ކޮންއިރަކުންތޯއެވެ؟ ޗާންދްނީ މަރުވެއްޖެނަމަ…….”

 

ޑޮކްޓަރުން ކުރާނީ މަސައްކަތެވެ. އެއީ، މާތްކަލާނގެ ކިބަފުޅަށް އާދޭސް ދެންނެވުމަށްކިޔާ އަނެއްނަމެވެ. އެކަށީގެންވާ ހިތެއް ލިބިއްޖެނަމަ، ޗާންދްނީ ސަލާމަތް ކުރެވިދާނެއެވެ. އަހަރެންގެ ޔަޤީނަކީ މިއެވެ.”

 

“އަޅުގަނޑުގެ ހިތް ނަންގަވާށެވެ. ޑޮކްޓަރއެވެ!” ޗަމަން ޑޮކްޓަރގެ ފައިތިލައާ ދިމާއަށް ގުދުވިއެވެ.

 

“އަޅުގަނޑުދެކެނީ، ޗާންދްނީއަށްޓަކައި މަރުވުންއެއީ އުފަލެއްކަމަށެވެ. ޗާންދްނީ ދިރިހުންނައިރު، އޭނާގެ މޭގެތެރޭގައި ޙަރަކާތްކުރާނީ އަޅުގަނޑުގެ ހިތެވެ. އެއީ، ހާދަ އުފާވާނެކަމެކެވެ. ދެމީހުންގެ ލޯބި އެއްހަށިގަނޑެއްގައި ދިރެމުންދާނެގޮތެވެ. ވާހަކަ މިހާތަނަށް ގެންދެވުނުއިރު ޗަމަންގެ ލޮލުން ކަރުނަތައް ފައިބައެވެ.

 

“ޗާންދްނީ އެބުނަނީ ތެދެކެވެ. ކަލޭ ތިޔަހުންނަނީ އޭނާގެ ލޯބީގައި މޮޔަވެފައެވެ. ޑޮކްޓަރުންގެ މަސައްކަތަކީ، އެކަކު މަރައިގެން އަނެކެއްގެ ދިރިއުޅުން ސަލާމަތްކުރުމެއްނޫނެވެ. އެއީ މާތްކަލާނގެ ރުއްސަވާކަމެއް ނޫނެވެ. ކަލޭމެން އެކަކު އަނެކަކު ދެކެވާލޯބި އަހަރެންވެސް ދަންނަމެވެ. ޗާންދްނީ އެއީ ކަލޭގެ ލޯތްބަށް ޙައްޤުވެސް މީހެކެވެ. ނަމަވެސް ކަލޭގެ ހިތް އެހަށިގަނޑަށް ބަދަލުކުރުމުން އޭނާގެ ޙަޔާތު ސަލާމަތް ވެދާނެކަން ގައިމެއް ނޫނެވެ. ކަލެއަށް ފަހެ އެނގޭހެއްޔެވެ؟” ޑޮކްޓަރ ވަރަށް އޯގާވެރިކަމާއެކު ވާހަކަ ދެއްކިއެވެ.

 

“ދެންވާނީ ކިހިނެއްތޯއެވެ.” އޭނާ ޑޮކްޓަރ ކައިރީ ހުރި ދިގުގޮނޑީގައި އިށީނެވެ. މޫނުގައި ދެއަތް އަޅައިގެން ރޯން ފަށައިފިއެވެ.

 

“އަހަރެން ވަޢުދުވަމެވެ. ޗާންދްނީއަށްޓަކައި ފުދޭކަހަލަ ހިތެއްގެ ވެރިއަކު މަރުވެއްޖެނަމަ ފުރުޞަތު ނަގައެއް ނުލާނަމެވެ. އެއިރުން މަރުވި މީހާގެ ރޫޙުވެސް އުފާކުރާނެއެވެ. ޗާންދްނީގެ ދިރިހުރުންވެސް ސަލާމަތްކުރެވުނީއެވެ.”

 

“ޗާންދްނީ މަރުވެއްޖެނަމަ އަޅުގަނޑުވެސް މަރުވާނީއެވެ. ވީމާ، އަޅުގަނޑުގެ ހިތް ބޭނުން ކުރައްވަންވީ ނޫން ތޯއެވެ.”

 

ޗަމަން ރޮއިރޮއިފާ ވާހަކަ ދެއްކިއެވެ.

 

“ޗަމަންއެވެ. ހިތްވަރު ހެއުކުރާށެވެ. މާތްކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިންތިޒާރުކުރާނީއެވެ. އެއީ އަޅުކަމެކެވެ. އަޅުކަމުގެ ރަނގަޅު ނަތީޖާ ފެންނާނެއެވެ.”

 

ޑޮކްޓަރ ޝިހާބް އޭނާގެ ކާރުގައި ގެއަށްދާން ނުކުމެއްޖެއެވެ. އޭނާއަކީ، ހިތްބަދަލުކުރުމުގެ މާހިރެކެވެ. އެމަސައްކަތުގައި ޝުހުރަތު ލިބިފައިވާ މީހެކެވެ. ހިތުގެބަލިތަކާއި ހިތުގެ ޞިއްޙަތު އޭނާއަށް އެނގޭވަރަށް ޚުދު އޭނާގެ ހަށިގަނޑުވެސް އެނގޭނެކަމެއް ނޭގެއެވެ. އެހެނެއްކަމަކު ޗަމަންގެ ހިތުގައި އެފަދަ މާޔޫސްކަމެއް އުފެދިގެން އެއުޅޭކަމެއް ނުވިސްނުނެވެ. އެތަކެއް ސަތޭކަ މީހުން ޑޮކްޓަރ ޝިހާބްގެ ފަރުވާއިން ރަނގަޅުވެފައިވެއެވެ. އަދި އޭނާ ފަރުވާދެމުން ގެންދަނިކޮށް މަރުވެފައިވެސް ވެއެވެ. އެކަމަކު ދަންނަވަންވެސް ނޭނގޭ ގޮތެއްގައި، ޗާންދްނީގެ ބައްޔާމެދު ޑޮކްޓަރަށް އަސަރުކުރެއެވެ. ޗާންދްނީގެ ރީތިކަމާ، ޗަމަން އޭނާ ދެކެވާ ލޯބީގެ ބާވަތުން، ޑޮކްޓަރގެ ހިތުގައި އެދެމަފިރިންނާމެދު ތިމާގެ ކަމެއް އުފެދުނީކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އިރުއިރުކޮޅުން ޝިހާބް ޑޮކްޓަރެއްގެ ގޮތުން ކެނޑި ޅެންވެރިއަކަށް ހަދާލާ ޖަޒުބާތެއްގެ ނުފޫޒު ހިގަންފަށައެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ދެވެނީ، ލަތީފު އިޙްސާސްތަކެއްގެ ދުނިޔެއަކަށެވެ. އެއީ ދުލަކުން ގަލަމަކުން ބަޔާންކޮށް ދެވޭނެ އިޙްސާސްތަކެއްނޫނެވެ. އެދެމަފިރިންގެ ލޯތްބަށްޓަކައި، ޙަޔާތުގެ ދޯދިފަށެއް ކޮންމެވެސް ތަނަކުން ހޯދައިގެން އެހަނދުވަރު (ޗާންދްނީ) އަލުން ދިއްލާލަދިނުން ޑޮކްޓަރަށް މަޖްބޫރުވެއްޖެއެވެ. ޗަމަންގެ ހިތުގެ ހުރިހާ މިނަކަށް މިދެންނެވި ހަނދުވަރުން އަލިފޯރާނެއެވެ.

 

ޑޮކްޓަރ ޝިހާބަށް ޚިޔާލާތުގެ ދުނިޔެއިން އެނބުރި އާދެވުނީ ކާރަށް އެރި ލޮޅުމަކުންނެވެ. ގޭގެ ޕޯޓިކޯއަށް މަޑުކޮށްލީމައެވެ. އޭނާ ކާރުން ނުކުމެގެން ގެއަށް ވަދެއްޖެއެވެ. ހަމަފެނުމާއެކު ސަލްމާ ސުއާލުކޮށްފިއެވެ.

 

“މިއަދު ހާދަ ލަސްވެއްޖެއެވެ.”

 

ޝިހާބްގެ ޠަބީޢަތަށްހުރީ އާދަޔާ ޚިލާފު ބާރުތަކެއް ވެރިވެފައެވެ. އޭނާ ސަލްމާގެ ސުވާލަކަށް ޖަވާބެއް ނުދެއެވެ. އަތުގައި ހިފައި، ކައިރިއަށް ދަމާލިއެވެ. ސަލްމާ ކުއްލިއަކަށް ހާސްވެގެން ފޮޅުވިގަތެވެ.

 

“ޢަޖައިބުވަމެވެ. މީހަކަށް ފެނިދާނެއެވެ.” މިހެން ބުނެފިއެވެ.

 

”ސަލްމާ އެވެ! އަހަރެން މިއަދު މަރުވަނީއެވެ.”

 

“ކޮންފަދަކަމެއް ދިމާވީތޯއެވެ؟” ސަލްމާ އަނެއްކާވެސް އަހާލައިފިއެވެ.

 

“އަހަރެން ސަލްމާދެކެ ލޯބިވާވަރަށް، އެއްވެސް އަންބަކުދެކެ ފިރިޔަކު ލޯބިވާކަން އެނގޭދުވަހު އަހަރެން މަރުވާނަމެވެ. އަހަރެން ސަލްމާ ދެކެލޯބިވާން ބޭނުންވަނީ، އެހެން އެއްވެސް ފިރިޔަކު، އަންބަކުދެކެ ނުވާވަރަށެވެ.”

 

ސަލްމާ މިހާރު އިނީ، ތަންކޮޅެއް ދުރަށް ޖެހިލައިގެންނެވެ. ނަމަވެސް އެތަނަށް އަތުވެދާނެ މީހަކު ނެތްކަން އެނގުމުން، ލޯބީގެ މަސްތުގައި ކައިރިއަށް އަތުވެއްޖެއެވެ. އަދި ޝިހާބުގެ މޭގައި، މޫނު ޖަހައިފިއެވެ. އޭނާގެ ދެލޯވެސް މެރިއްޖެއެވެ. މޫނުމައްޗަށް ވެރިވެގެންއައީ، ފިނިފެންމަލުގެ ކުލަވަރެވެ. އެވަގުތު ޝިހާބު އޭނާގެ ލޯބިވާ އަނބިމީހާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލިއެވެ. އަދި އެރީތި މޫނަށް ނަޒަރު ހުއްޓާލިއެވެ. ސަލްމާގެ ތުންފަތްމަތީ ކުޅެލަކުޅެލާހުރީ ޖާދުވީ ހިނިތުންވުމެކެވެ. ޝިހާބްގެ ހިތަށް އެރިއެވެ……

 

‘ޤިޔާމަތްދުވަހާ ހަމައަށްވެސް މިހެން ބަލަން ހުރެވޭނެނަމައެވެ.’

 

“މިއަދު ތިޔައުޅުއްވަނީ ކީއްވެގެންތޯއެވެ؟” ސަލްމާ ހީގެންފައި ބުނެފިއެވެ.

 

“ބުނަންވެސް ދައްޗެވެ. އަހަރެން ބޭސްކުރަމުން އަންނަ އަންހެންކުއްޖެކެވެ. ޒުވާންކަމާއި ރީތިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އޭނާގެ ހިތް އެހަށިގަނޑާ ބަހައްޓަންވީ ގުޅުން ކަނޑާލަނީއެވެ. ޢާއްމުގޮތެއްގައި އެބަލި ޖެހެނީވެސް ޒުވާން ރީތި އަންހެންކުދިންނަށެވެ. އަދި އެބަލީގެ ސަބަބުން މީހާގެ ރީތިކަމަށް ގެނެސްދެނީ އިތުރު ތަރައްޤީއެކެވެ. މޫނުމަތިން ފައުޅުވާ މަޑުރަތްކުލައަކުން އަޖައިބެއްކަހަލަ ޖާޒުބިއްޔަތެއް ހާމަކޮށްދެނީއެވެ. އެއީ އިންތިހާދަރަޖައަށް ލޯބިވާ ފިރިއެއްގެ އަންބެކެވެ. ފިރިމީހާއެއީ ކޮންމެވެސް ތަނެއްގައި ވަޒީފާ އަދާކުރާ އާދައިގެ މުވައްޒަފެކެވެ. އެފަކީރުގެ އަތުގައި ފައިސާއެއްނެތެވެ. މިބުނި ތާހިރު ލޯބި މަރުގެ ވަކިތަކުން ސަލާމަތްކުރެވޭނެ ނަމައެވެ…..”

 

“މަސައްކަތްކުރައްވާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބުވެލައްވާނެއެވެ.” ނުވެސް އެނގޭގޮތަކުން ސަލްމާގެ ހިތުގައި ހަމްދަރުދީގެ ޝުޢޫރުތައް ހޭލައިފިއެވެ.

 

“ވެވޭނެނަމަ ކިތަންމެހައިވެސް ރަނގަޅެވެ. އެދެމަފިރިންގެ ލޯތްބާ ދޭތެރޭ އަހަރެންގެ ހިތުގައި ރަތް އުފެދެއެވެ. އަހަރެން ސަލްމާދެކެވާ ލޯބީގެ ފެންވަރު އެއަށްވުރެ މާބޮޑަށް ދަށްކަމުގައި މިއަދު ހީވާގޮތް ވެއްޖެއެވެ.”

 

“އަނެއްކާ ހެދުން ވީއްދަވަމުން ދިވާނާއެއްގެ ގޮތުގައި މަގުމައްޗަށް ނުކުންނަވަންވީތޯއެވެ. އަޅުގަނޑު ގާއުކާ ކުދިންގެ ޙަރަކާތް ހުއްޓުވޭތޯ ބަލާނަމެވެ.” ސަލްމާ މިހެން ބުނެފައި ތަންކޮޅެއް ބާރަށް ހީގެންފިއެވެ. ޝިހާބް ގާތަށްވެސް ހިނިއަތުވެއްޖެއެވެ.

 

ސަލްމާ ސީރިއަސްވެލާފައި ބުނެފިއެވެ.

 

“ކަލާގެ މަތިވެރި ލޯބީގެ ޖަވާބު އަޅުގަނޑަކަށް ނުދެވުނެވެ. އެކަމާ އެއްޗެއް ހީނުކުރެއްވުން އެދެމެވެ.” ޝިހާބް ސަލްމާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ.

 

“އަޅުގަނޑު މިނަންގަންނަނީ ރަނގަޅު ތެދެކެވެ. ބައެއްފަހަރު އަޅުގަނޑުގެ ހިތުގައި އުފެދޭ އެދުންތަކާ ބޭނުންތަކުގެ ޖަޒްބާތު އޮއްބާލަމެވެ. އެއީ ކަލާގެ މަސައްކަތަށް ދަތިވެދާނެތީއެވެ. އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، ކަލާ ކޮންމެވެސް ދުވަހަކުން،  ދުނިޔޭގެ އެންމެ މަތީ ޑޮކްޓަރުންގެ ތެރޭގައި ހިމެނުމެވެ. އެރޮނގުން އަޅުގަނޑަށް ވެދެވޭނެ އެހީއެއް ނެތީމާ ވަރަށްދެރަވެސް ވެއެވެ. ކަލާ ޑޮކްޓަރީގޮތުން ކުރިއަށް ގެންދިއުމުގައި އަޅުގަނޑު ކިތަންމެ ޤުރުބާނީއެއްވެސް ވެދާނަމެވެ.”

 

“އަހަރެންނަށް ސަލްމާގެ ހިނިތުންވެލުމުން ފުދެއެވެ.” ޑޮކްޓަރ ޝިހާބް ސަމާސާ ރާގުގައި ބުނެފިއެވެ. އެވަގުތު، ނޯކަރު އަންހެންމީހާ ސައި ހިފައިގެން އަތުވެއްޖެއެވެ. ދެމަފިރިން އެތަކެއްޗަށް އިންސާފުކުރަން ފަށައިފިއެވެ.

 

ރޭގަނޑު ކެއުމަށްފަހު، ވަރަށް ގިނައިރު ވާންދެން، މުޠާލިއާ ކުރުމަކީ ޝިހާބްގެ އާދައެވެ. އެރޭވެސް އެގޮތުގެ މަތިން މަސައްކަތްކުރިއެވެ.

 

ޖެހިގެން އައިދުވަހުގެ ހެނދުނެވެ. ޑޮކްޓަރ ޝިހާބް ހޮސްޕިޓަލަށް އައިސް އެންމެ ފުރަތަމަ ހުއްޓިލީވެސް ޗާންދްނީ އޮތް އެނދުގެ ކައިރިއަށެވެ. އެއިރުވެސް އޮތީ ލޯމެރިފައެވެ. މޫނުމަތީގައި ރީނދޫކުލަ ކުރީދުވަހަށްވުރެވެސް ގަދައެވެ. ލޯވެސް އިހަށްވުރެބޮޑަށް ވަޅުވަދެފައެވެ. ވިންދު ބަލާލަން އަތުކުރީގައި ހިފާލުމުން، ލޯ ހުޅުވާލިއެވެ.

 

“ޗާންދްނީއެވެ! ކޮން ޙާލެއް ހެއްޔެވެ؟” ޑޮކްޓަރ އޯގާވެރިކަމުގެ ނިހާޔަތުގައި ބުނެލިއެވެ.

 

ޗާންދްނީގެ ލޮލުގައި ކަރުނަ ގިނަވަމުން އައެވެ. އަނެއް ފަރާތަށް އެނބުރެން މަސައްކަތްކުރިއެވެ. ނަމަވެސް ޝިހާބް އެކަމަށް ހުއްދައެއް ނުދިނެވެ.

 

“ތިޔަވަރަށް ހާސްވާނެ ކަމެއް ނެތެވެ. އުއްމީދު ކަނޑާލާނެކަމެއްވެސް ނެތެވެ. ފަރުވާގެ ވަގުތު އަދި އޮތީ ކުރިއަށެވެ.”

 

ޗާންދާނީ ހަމައެއްވެސް ޖަވާބެއް ނުދިނެވެ. ނާރސް ޑޮކްޓަރއަށް ކިޔައިދޭން ފަށައިފިއެވެ…….. އިއްޔެ ޗަމަން މިތާނގައި އިނދެގެން ވަރަށް ރޮއި ހެދިއެވެ. އަޅުގަނޑުމެން ނަސޭޙަތްތެރިވީމުއެވެ. އެކަމަކު ހުއްޓައެއް ނުލިއެވެ. އޭނާ ބުނަނީ، ޗާންދްނީ ނުރުހުންވަނީ ކަމަށެވެ.

 

“އެއީ ތެދެއްހެއްޔެވެ. ކަލޭ ހަމަ ޙަޤީޤަތުގައިވެސް ޗަމަންއާ ނުރުހެނީ ހެއްޔެވެ؟” ޑޮކްޓަރ ޝިހާމް ހިނިތުންވެލާފައި ސުވާލުކުރިއެވެ.

 

“ޑޮކްޓަރއެވެ! އޭނާ މިހާރުވެސް އެހެރީ ވަރަށް ދެރަވަރުވެފައެވެ. އަދިވެސް އުޅެނީ ނިކަމެތި ވާށެވެ. އޭނާއަށް ވިސްނައި ދެއްވާށެވެ. އެގޮތް ނުހުއްޓަނިސް އަޅުގަނޑަކަށް މަރެއް ނުވެވޭނެއެވެ. އޭނާ އަޅުގަނޑުގެ ލޯބީގައި ދީނުންވެސް ބޭރުވަނީއެވެ. މާތްކަލާނގެ ނިޔާކުރައްވާގޮތަކާ ދެކޮޅު ހެދޭކަށް ނޯންނާނެއެވެ.” ޗާންދްނީ މަޑުމަޑުން ވާހަކަ ދެއްކިއެވެ.

 

“އޭނާ ކުރާ ހަނގުރާމައެއް ކުރަން ދޫކޮށްލާނީއެވެ. މާތްކަލާނގެ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވަންތަވެ ވޮޑިގަތުމުގައި ވަކި މިވެނި މިންވަރެއް ނެތެވެ. ޝަކުވާކުރާ އަޅުންނަށްވެސް ރަޙްމަތް ލައްވައެވެ. މިބާވަތުގެ ކަންތަކުގައި ކުރެވޭ ޝަކުވާއަކުން މުރުތައްދުވުމުގެ މާނައެއް ނުނެގޭނެއެވެ.”

 

ޑޮކްޓަރގެ މިވާހަކައަށް ޗާންދާނީ އެއްވެސް އެއްޗެއް ނުބުނެއެވެ. ޑޮކްޓަރ ޝިހާބް އެތަނުން ނުކުމެގެން ހިގައްޖެއެވެ. އެއްވެފައިތިބި މީހުންގެ ބައިގަނޑުގެ ތެރެއަށް ވަދެ ނިވާވެއްޖެއެވެ.

 

ގަޑިއެއްހާ އިރުފަހުން، ކުއްލިއަކަށް ހޮސްޕިޓަލްގެ ތެރޭގައި ހާސްކަމުގެ ރާޅެއް ހިނގައިގަތެވެ. ހުރިހާ ސްޓާފުން އެމީހުންގެ މަސައްކަތް ދޫކޮށްފައި، ޑޮކްޓަރ ޝިހާބުގެ ކޮޓަރިއާއި ދިމާއަށް ދުވަނީއެވެ. އާދޭހެވެ! މިސިޒް ޝިހާބް އިލެކްޓްރިކް ޝޮކްއަކުން ހޭނެތުނީއެވެ. ހަމަދެންމެއަކު ޓެލެފޯނުން އެޚަބަރު ޑޮކްޓަރ ޝިހާބް އަށް ލިބިއްޖެއެވެ. ލިބުނު ހިތާމަވެރި ޚަބަރާއި ގުޅިގެން، ޑޮކްޓަރ ޝިހާބުގެ ބުއްދިއަށް ވަރަށް ބޮޑު އުނިކަމެއް ލިބުނެވެ. ހަމައެވަގުތު ކާރުގައި ގެއަށްދާން ނުކުމެއްޖެއެވެ. އޭނާ އެކަންޏެއް ނޫނެވެ. ޑޮކްޓަރ ރަތުނާކަރު، ޑޮކްޓަރ ޝޫރުޝީދު، އަދި ޑޮކްޓަރ ޑޭވެސް އެކުގައި ދިއައެވެ. ކާރުގެ ފަހަތުން ހޮސްޕިޓަލްގެ އެމްބިއުލެންސް ސްޓާޓްކޮށްފިއެވެ. މަދު މިނިޓް ކޮޅެއްގެ ތެރޭގައި އެމީހުން މިސިޒް ޝިހާބް ގޮވައިގެން ހޮސްޕިޓަލަށް އަތުވެއްޖެއެވެ.

 

ޑޮކްޓަރ ޝިހާބްގެ ގޭގައި އުޅޭ ޚާދިމާބުނަނީ، ހިނގަހިނގާ ހުރި މޭޒުމަތީ ފަންކާއެއް އަނބުރާލަން ސަލްމާ މަސައްކަތްކުރީކަމަށެވެ. ފަންކާއަށް ހުރީ ކަރަންޓް އައިސްފައިކަމެއް އޭނާ ނުދެނަހުއްޓެވެ. ސަލްމާ ވިއްސައިގެން ގޮސް ކުރިމަތީ ހުރި ފާރެއްގައި ޖެހުނީއެވެ. ބޮލަށް ވަރަށް ބޮޑަށް ހާނިއްކަވިއެވެ. ހޭނެތިގެން، ހަމައެވަގުތު ވެއްޓިއްޖެއެވެ.

 

ޑޮކްޓަރުން އެއްބަސްވަނީ، ސިކުނޑިއަށް ގުޑުންއަރާ ނުހަނު ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. ބޯދާޅުވަމުން އަންނަނީ އަވަސްކަމާއެކުގައެވެ. ޑޮކްޓަރ ޝިހާބު ބުއްދި ފަސްވާގޮތް ވެއްޖެއެވެ. ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުން މިސިޒް ޝިހާބްގެ ޚިދްމަތުގައި ވަގުތުތައް ހޭދަކުރަނީއެވެ. ކުރެވެން ހުރި އެންމެ މޮޅު ތަދުބީރުތައް ކުރެވުނެވެ. ނަމަވެސް އެގޮތަށް ހޭނާރާ އޮންނަތާ 24 ގަޑިއިރު ހަމަވުމާއެކު އެޒުވާން ޖިންސުއްލަތީފްގެ ހިތުގެ ޙަރަކާތް ހުއްޓިއްޖެއެވެ.

 

ލިބުނު ހިތާމައިގެ ބޮޑުކަމުން ޑޮކްޓަރ ޝިހާބުގެ އެއްވެސް ހިތްވަރެއް ނެތެވެ. ބުނެ އުޅެނީ އޭނާގެ ބުއްދިވެސް ހަމަނޫންކަމަށެވެ. މިގޮތް ދިމާވުމުން ޗަމަން އަދި މާބޮޑަށް ދެރަވިއެވެ. ޗާންދްނީއަށްޓަކައި އުފެދިފައިވާ އުއްމީދުގެ ދޯދިފަށް ކަޅު އަނދިރިކަމަކަށް ބަދަލުވެއްޖެއެވެ. ޗާންދްނީގެ ހިތާމަވެސް ކުޑައެއްނޫނެވެ. އޭނާ އޮންނަނީ ކަށްވަޅުގެ ތުންފަތްމަތީގައެވެ.

 

ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުންވެސް އަދި މުވައްޒަފުންވެސް ނިހާޔަތުގެ ދަރަޖައަށް ދެރަވެއްޖެއެވެ. އެންމެންކަހަލަ ގޮތަކަށް ޑޮކްޓަރ ޝިހާބް ފެންނަ ފަށުގައި އައިސް ތިބެނީއެވެ. ކަރުނައިން ތެމިފައިނުވާ ލޮލެއް ނެތެވެ. މިވަރުގަދަ ހިމޭންކަމުން އުފައްދާފައި އޮތީ ވޭނީ މަންޒަރެކެވެ. އިރުކޮޅެއް މިގޮތުގައި ވޭތުވެގެން ހިނގައްޖެއެވެ. އެންމެފަހުން، ޑޮކްޓަރ ރަތުނާގަރު، ކުރިއަށް ޖެހިލައި ޝިހާބްއަށް މުޚާތަބްކޮށްފިއެވެ.

 

“ހޮސްޕިޓަލަކީ ހަމަކޮންމެ ދުވަހަކުވެސް މިބާވަތުގެ ހާދިސާތައް މެދުވެރިވާ ތަނެކެވެ. އަހަރެމެން އަބަދުވެސް ޖެހެނީ ތަޤްދީރަށް ބޯލަނބާނެވެ. އަހަރެމެން އަބަދުވެސް ކެތްތެރިވުމަށް ނަސޭޙަތްދެމެވެ. ނަމަވެސް މިއަދު ކަލާއަށް ދޭނެ ނަސޭޙަތެއް ނުވިސްނުނެވެ. ޚުދު އަހަރެމެން މިތިބީ އަހަރެމެންނަށް ހިތްވަރުގެ ބަސްތަކުން ހަމްދަރުދީގެ ވާހަކަ ދައްކާނޭ މީހަކަށް ބޭނުންވެފައެވެ.”

 

މިއަށްވުރެ އިތުރު އެއްޗެއް ޑޮކްޓަރ ރަތުނާގަރަށް ނުބުނެވުނީކަމަށް ހީވެއެވެ. މޫނުގައި ރުމާއަޅައިގެން ދުރަށް ޖެހިލައިފިއެވެ. ހޮސްޕިޓަލަށް އައިސް ތިބި ބަލިމީހުންނަށްވެސް، މިހިތާމަވެރި މަންޒަރުން އަސަރުކޮށްފައިވާކަން އެނގެއެވެ.

 

ޑޮކްޓަރ ޝިހާބް އިސްއުފުލާލިއެވެ. އަދި ހިތާމައިގެ ނަޒަރުން އެންމެންނަށް ބަލައިލިއެވެ. ކުޑަރުމާލުން މޫނު ފުހެލަމުން ޑޮކްޓަރ ރަތުނާގަރުގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހިނގައިގަތީ އޮޕަރޭޝަން ތިއޭޓަރއާ ދިމާއަށެވެ. ސަލްމާގެ ހަށިގަނޑު އެތާނގައި ހުދުފޮށަޔަކުން ނިވާކޮށްފައި އޮތެވެ. ޑޮކްޓަރ ރަތުނާކަރު ވެސް ފަހަތުން އައެވެ. ޝިހާބް އޭނާގެ ފުރާނައަށްވުރެ ލޯބިވާ އަނބިމީހާގެ މޫނުމަތިން ފޮށާ ދުރުކޮށްލިއެވެ. ސަލްމާ ހިވަނީ އަރާމްގެ ނިދީގައި އޮތްހެނެވެ. ފުރާނަ ނެތެއްކަމަކު، އެރީތި މޫނުން، މަރުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ޑޮކްޓަރޝިހާބްގެ ހިތަށް ލިބެމުންދާނެ އަނިޔާ އެހިތެއްގައި ރަޙުމްގެ ކުޑަވެސް ކަންފުޅެއްވާ ހިތަކަށްނަމަ އިޙްސާސްކުރެވޭނެކަން ކަށަވަރެވެ. ވަރަށް ހިމޭންކަމާއެކު އިރުކޮޅަކު ބަލަން ހުރެއްޖެއެވެ. ސަލްމާގެ އަބަދީ ނިންޖަށެވެ.

 

“އަޅުގަނޑުމެން އެންމެން ކަލާގެ ޖަޒްބާތަށް ޤަދަރުކުރަމެވެ. ނަމަވެސް……..” ޑޮކްޓަރ ޚުރުޝިދުގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ޑޮކްޓަރ ޝިހާބް އެވާހަކައާ މެދު ވިސްނާލަމުން ބުންޏެވެ.

 

“ޗާންދާނީ ހަމަމިހާރު ގެންނާށެވެ.” މިހެން ބުނީ ރޮމުންނެވެ.

 

ހަމައެވަގުތު ޗާންދަނީ ގެނެސްފިއެވެ. އޭނާގެ ހާލު ސީރިއަސްކަމުގެ ނިހާޔަތުގައި ވަނިކޮށެވެ. ހިތްބަދަލުކުރުމުގެ ހުރިހާ ސާމާނު، މަދު ސިކުންތުކޮޅެއްގެ ތެރޭގައި، ތައްޔާރުވެ ހަމަޖެހިއްޖެއެވެ. ޑޮކްޓަރ ޝިހާބް އޭނާގެ މަސައްކަތަށް ފަށައިފިއެވެ. ހުރިހާ ޑޮކްޓަރުން ތިބީ ބިރުންނެވެ. ނަމަވެސް ޑޮކްޓަރ ޝިހާބާ އިދިކޮޅަށް އެއްވެސް އެއްޗެއް ބުނަން ނުކެރިފައެވެ. ނަތީޖާއަކަށްވީ އެހެން ޑޮކްޓަރުން މާބޮޑަށް ސަމާލުގައި ތިބެން ޖެހުމެވެ.

 

ހިތްބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދަނީ ވަރަށް ފުރިހަމަކޮންނެވެ. ނަމަވެސް ދެފަހަރެއްގެ މަތިން، ޑޮކްޓަރ ޝިހާބުގެ ބޮލަށް އެނބުރުން އެރިއެވެ. އެހެން ޑޮކްޓަރުން އެކަމަށް ވިސްނާ ތިބިކަމުން އެއްވެސް ނުބައެއް ނުކުންނަ ގޮތެއް ނުވިއެވެ. ހުއްޓުމެއްނެތި ހަގަޑިއިރު މަސައްކަތްކޮށްގެން، ހިތްބަދަލުކޮށް ނިންމާލައިފިއެވެ. ޑޮކްޓަރ ރަތުނާކަރައާއި ޑޮކްޓަރ ޚުރުޝިދު ޗާންދްނީއާ ޙަވާލުވެއްޖެއެވެ.

 

ސަލްމާގެ ކަށުކަމާކެމީގެ ކަންތައްވެސް އެހާތަނަށް ފެށިއްޖެއެވެ. އެކަންތައް އޮތީ ޑޮކްޓަރ ޝިހާބްގެ ގޭގައެވެ. ސަލްމާ ގެއަށް ގެނައުމުން ރަޙްމަތްތެރިންނާ ޢާއިލާގެ މީހުން ތަޢުޒިޔާކިއުމަށް ޙާޟިރުވިއެވެ. ޝިހާބްގެ ހާލު ހައްތަހާވެސް ދިއައީ ދަށަށެވެ. ޑޮކްޓަރ ޝިހާބްއާ ސަލްމާގެ މަންމައާ ބައްޕަ ޙައިރާންވެ އަންތަރީސްވެފައި ތިއްބެވެ. އެމީހުންގެ ހިތަށް ކުރި ކެކުޅުން ޑޮކްޓަރ ޝިހާބްގެ ވޭނާ އެއްވަރުނުވިނަމަވެސް ފާހަގަކޮށްލަން ޖެހޭ ވަރުވެއެވެ. މި މަޤާމްގައި އިސްކުރަންވީ ކޮންކަމެއް ބާވައެވެ. އާދޭހެވެ! ޑޮކްޓަރ ޝިހާބް އެކުރި އަގުބޮޑު ޚިދުމަތަށްޓަކައި މުބާރަކްބާދު ދިނުންބާވައެވެ. ނުވަތަ މިމެދުވެރިވި ހިތާވެރި ހާދިސާއަށްޓަކައި ހިތާމަ ފާޅުކުރުން ބާވައެވެ.

 

ސަލްމާ ވަޅުލުމުގެ ކަންތައް ނިމިއްޖެއެވެ. ވަރަށް ގިނަޢަދަދެއްގެ މީހުން ޑޮކްޓަރ ޝިހާބްގެ ހިތާމައިގައި ޢަމަލީގޮތުން ބައިވެރިވިއެވެ. ޤަބުރުސްތާނަށްވެސް އެހާގިނަ ބަޔަކު ޒިޔާރަތްކުރިއެވެ. ކޮންމެ މީހަކުވެސް ޑޮކްޓަރ ޝިހާބުއާއި ސަލްމާގެ ޢާއިލާގެ މެމްބަރުންނަށް ކެތްތެރިކަން ދެއްވުމަށް ދުޢާކުރިއެވެ. ޑޮކްޓަރ ޝިހާބްގެ ޙާލަތު އެއްގޮތަކަށްވެސް ރަނގަޅުވަމަކުން ނާދެއެވެ. ސިކުނޑި މާހަމައެއްނޫނެވެ. މިކަމާ ދޭތެރޭ ފިކުރުކުރާންޖެހޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ޗާންދްނީ ބަލަހައްޓަނީ ހޮސްޕިޓަލްގެ އެހެން ޑޮކްޓަރުންނެވެ. ޑޮކްޓަރ ރަތުނާކަރައާއި ޑޮކްޓަރ ޝޫރުޝީދު ތިބެނީ ޑޮކްޓަރ ޝިހާބްގެ ޞިއްޙީ ޙާލަތުގެ މައްޗަށް ސަމާލުކަން ދީގެންނެވެ. ޑޮކްޓަރ ޝިހާބް ޗާންދްނީއާ ބައްދަލުވާން އެދެއެވެ. ނަމަވެސް އެހެން ޑޮކްޓަރުންގެ ނަޒަރުގައި، އެއީ އެދެމީހުންނަށްވެސް ގެއްލުން ހުރި ކަމެކެވެ.

 

ޑޮކްޓަރ ޝިހާބުގެ ބުއްދި ރަނގަޅުނަމަ އޭނާވެސް އެގޮތް ޤަބޫލުކުރާނެއެވެ. އެކަމުގައި ހުރި ގެއްލުންވެސް ވިސްނާނެއެވެ. އެކަމަކު ޑޮކްޓަރ ޝިހާބް އުޅެނީ ހިތުގެ ހަމަނުޖެހުމެއްގައެވެ. އެކަންތައް ބައްޔަކަށް ވެގެންނެވެ. އިރުއިރުކޮޅުން ހޮސްޕިޓަލަށް ދާން ތެދުވަނީއެވެ. މިގޮތް ދިމާވުމުން އޭނާ އޮބެހެއްޓުން ދަތިވާ ހިސާބަށް ކަންތައް ދުއްވާލައެވެ. ފަރުވާކުރުމުގެ ގޮތުން އެކަށީގެންވާ އިންޖެކްޝަނެއް ބޭނުންކުރެއެވެ. ހަމަޖެހިލައިގެން އޮވެ ނިދެނީ ޑޮކްޓަރުން އެތައް ފަރުވާއެއް ދީގެންނެވެ.

 

ޗާންދްނީ ހޭއަރައިފިއެވެ. ޗަމަން އޭނާގެ ކައިރީގައި އިނެވެ. އެކަމަކުވެސް އަނގަޔަކުން ނުބުނެއެވެ. ހޮސްޕިޓަލްގައި އަދިވެސް ކުރަނީ ފުންހިތާމައެވެ. ނޫސްތަކުގެ ހެޑްލައިންތައް ކަޅުކޮށްފައިވަނީ ޑޮކްޓަރ ޝިހާބްގެ ލާމަސީލު ޤުރުބާނީއާ ޚިދްމަތުގެ ވާހަކަ އިންނެވެ. ޗާންދްނީ ދުށުމަށާއި ޑޮކްޓަރ ޝިހާބްއަށް ތަޢުރީފާއި ޝުކުރުގެ ޖިޒީ އަދާކުރާމީހުން ގެއާއި ހޮސްޕިޓަލްގައި ފުނިޖެހިފައި ތިބެއެވެ. މިދެންނެވި ދެތަންވެސް ފުލުހުން ވަރަށް ރަނގަޅަށް ގާޑްކޮށް ބަލަހައްޓައެވެ. ކައިރިއާއި ދުރުން ސިޓީތަކާއި މެސެޖްތައް އާދެއެވެ. ޓެލެފޯން ރަނގަބީލުގެ އަޑު ނުއިވެނީ ހަމައެކަނި އެންގޭޖްގައި ހުންނަ ހިނދުކޮޅުތަކުގައެވެ.

 

ޑޮކްޓަރ ޝިހާބްގެ ޞިއްޙީ ޙާލަތު މަޑުމަޑުން ރަނގަޅުވަމުން ހަމައަކަށް އެޅެމުން އަންނަނީއެވެ. ހަމައެފަދައިން ޗާންދްނީވެސް އަންނަނީ ރަނގަޅުވަމުންނެވެ. ދެމީހުންވެސް ތިބެނީ ޑޮކްޓަރުންގެ ބެލެހެއްޓުމުގެ ދަށުގައެވެ. އެންމެ އެކަށީގެންވާ ބޭސްތައް ބަރާބަރަށް ބޭނުންކުރެއެވެ.

މަހާ ފަނަރަދުވަސް ވޭތުވެ ހިނގައްޖެއެވެ.

 

ޑޮކްޓަރ ޝިހާބުގެ ބުއްދިއާއި ވިސްނުން ހަމަޖެހުމުން އޭނާ އަމިއްލަގޮތުންވެސް އިޚްތިޔާރުކުރީ ހޮސްޕިޓަލަށް ނުގޮސް ހުރުމެވެ. ޗާންދްނީއާ ބައްދަލުވުމުގެ ޚިޔާލު ހިތުގައި އުފެދެއެވެ. ނަމަވެސް ކެތްތެރިކަމާއެކު އޮބަހައްޓާލަނީއެވެ. މިކަހަލަގޮތަކަށް ހަތަރު ދުވަސް ވޭތިވެއްޖެއެވެ. ޑޮކްޓަރުން ކުރި ވަރަށް ފުރިހަމަ ޓެސްޓްތަކަކަށްފަހު، އެންމެން އެއްބަސްވީ ޗާންދްނީއާ ޑޮކްޓަރު ޝިހާބް ބައްދަލުވެ އުޅުމުން ގެއްލުމެއް ނެތްކަމަށެވެ. އެހާވަރަށް އެދެމީހުންގެ ޞިއްޙީ ޙާލަތު ރަނގަޅުވެއްޖެކަމަށެވެ.

 

ދުވަހަކީ ޑޮކްޓަރ ޝިހާބާއި ބައްދަލުވުމަށް، ޗާންދްނީ ގެންނަ ދުވަހެވެ. ކަނޑައެޅިފައިވަނީ މެންދުރުކުރީގެ ވަގުތެކެވެ. ޝިހާބް އޭނާގެ މަންމަ ގާތުގައި ބުންޏެވެ.

 

“މަންމާއެވެ! މިގެ ޒީނަތްތެރިކުރާށެވެ. ސަލްމާ މިގެއަށް ގެންނަން އުޅުނު ދުވަހު މިގެ ޒީނަތްތެރިކުރިފަދައިންނެވެ. ޗާންދްނީ އަހަރެންނާ ބައްދަލުކުރަން ގެންނަންވާނީ މަންމަގެ އަތުން ނަލަހައްދައިގެންނެވެ. އެކަންވެސް ކުރަންވާނީ ސަލްމާގެ އަލަތު ކައިވެނީގެ ރެއާ ހަމައެއްގޮތަށެވެ. ސަލްމާގެ ހުރިހާ ގަހަނާތައް ޗާންދްނީގެ ގައިގާ އަޅުވާށެވެ.”

 

ޑޮކްޓަރ ޝިހާބް މިވާހަކަތައް ދައްކަމުން ގެންދިއައިރު، އޭނާގެ މަންމަގެ ހިތުގައި، ހިތާމައިގެ ކަނޑެއް އުފެދެމުން އައެވެ. އެކަމަކު ލޮލުން ހަމައެންމެ ކަރުނަތިއްކެއްވެސް ދައްކައެއްނުލައެވެ. އެއީ، ހިތާމަ އޭގެ ހައްދުފަހަނަޅާ ދިއުމުން ވާގޮތެއްކަމަށް ވެދާނެއެވެ. މިހާތަނަށް ޑޮކްޓަރ ޝިހާބްގެ މަންމަ ޗާންދްނީއާ ބައްދަލުވެފައެއް ނެތެވެ. ސަލްމާގެ ހިތްއޮތީ ޗާންދާނީގެ ހަށިގަނޑުގައިކަން އެނގުމުން ވެސް ޗާންދްނީ، ދެކިލާހިތްވިއެވެ.

 

ޑޮކްޓަރ ޝިހާބްގެ މަންމަ، އަމުރުކުރުމުން ގޭތެރެ ޒީނަތްތެރިކޮށްފިއެވެ. ހޮސްޕިޓަލަށް ޗާންދްނީ ބަލާދިއައީވެސް ޝިހާބްގެ މަންމައެވެ. ޑޮކްޓަރ ޝިހާބް ހަނުހިމޭންކަމާއެކު ޗާންދްނީއަށް އިންތިޒާރުކުރަނީއެވެ. ތަފާތު ޚިޔާލްތައް އޭނާގެ ހިތުގައި އެނބުރެމުންދެއެވެ. ކޮންމެއަކަސް އެހިތަށް ވެރިވެފައިވާ ޝުޢޫރުތަކެއްގެ ބާވަތުން އުފަލެއްވެސް ނުވެއެވެ. އަދި ހިތާމައެއްވެސް ނުކުރެއެވެ. ރަޙްމަތްތެރިންނާ ގާތްމީހުން، އަދި ޢާއިލާގެ ވަރަށް ގިނަމީހުން، އެވަގުތު އެގެއަށް ޙާޟިރުވިއެވެ. ޑޮކްޓަރ ޝިހާބްގެ މައިދައިތައާއި ބަފާކަލޭގެވެސް އެގޭގައި އުޅެއެވެ. ގިނަމީހުން ތިބިނަމަވެސް ގޭތެރެއަށް ވެރިވެފައިއޮތީ ހިމޭންކަމެވެ. އަޖައިބެއްފަދަ ހިމޭންކަމެކެވެ. އެންމެންވެސް އިންތިޒާރުކުރަނީ ޗާންދްނީއަށެވެ. މާގިނައިރެއް ނުވެއެވެ. ކާރުއައިސް ޕޯޓިކޯއަށް މަޑުކޮށްލައިފިއެވެ.

 

ޑޮކްޓަރ ޝިހާބްގެ މަންމަ ކާރުން ނުކުތީ ޗާންދްނީގެ އަތުގައި ހިފައިގެންނެވެ. ޗާންދްނީގެ ކައިރީގައި ޗަމަން ހުއްޓެވެ. ޗާންދްނީ ހުރީ ވަރަށް ބޮޑަށް ނަލަހައްދާފައެވެ. ސަލްމާގެ ހުރިހާގަހަނާތަކުން ޒީނަތްތެރިކޮށްފައެވެ. އާދޭހެވެ! ރަންގަހެއްހެން ހައްދާލާފައެވެ. އިސްޖަހާލައިގެން ހުރެ މަޑުމަޑުން ޑޮކްޓަރ ޝިހާބާ ދިމާއަށް އަންނަނީއެވެ. އޭނާގެ ރީތި ދެލޮލުން ކަރުނަ އޮހޮރެއެވެ. އަލަތު އަންބަކު ތިމާއުޅެ ބޮޑުވިގެއާ، މަންމައާ ބައްޕަ ދޫކޮށް ފިރިމީހާގެ ގެއަށް ދާން އުޅޭކަހަލައެވެ. މިއަދު ޗާންދްނީ އަޅައިގެން ހުރީ ސަލްމާ އަލަތު ކައިވެނީގެ ރޭގައި އޭނާ ބޭނުންކުރި ސާޅީއެވެ. އެއީ ބަނާރަސްގެ އެންމެ އަގުބޮޑު އަދި އެންމެ ރީތި އެންމެ މޮޅުވައްތަރެވެ. ޑޮކްޓަރ ޝިހާބް އިސްތިޤުބާލަށް ތެދުވެއްޖެއެވެ. އެހެން އެންމެންވެސް ތެދުވެއްޖެއެވެ. ޗާންދްނީ އައިސް ޑޮކްޓަރ ޝިހާބުގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. ފަހަތުގައި މަންމަ ހުއްޓެވެ.

 

ޑޮކްޓަރ ޝިހާބްއަށް ޗަންދްނީ ފެނުނީ މުޅިން އައުމީހެއްގެ ގޮތުގައެވެ. ކޯތާފަތުން ފައުޅުވަނީ ރަތްވިލާގެ މަޑުކުލައެވެ. ތުންފަތާ ދޭތެރޭ ދަންނަވާނެ ފުރިހަމަ މިސާލެއް ނުވިސްނޭކަމުން ދެންނެވޭނީ ފިނިފެންމަލެއްގެ ފިޔައިގެ ވާހަކައެވެ. އަދި އެތުންފަތުގައި ކުޑަކުޑަ ތުރުތުރުއެޅުމެއްވެސް ހުރިކަމަށްވެއެވެ. ލަދުރަކިކަމާއި ވޭންއެކުލެވިފައިވާ ގޮތެއްގައި ލޮލުގެ އެސްފިޔަތައް މަޅާލެވިފައިވެއެވެ. ޑޮކްޓަރ ޝިހާބްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޗާންދްނީ ޑޮކްޓަރގެ ދެފައިތިލައާއި ދިމާއަށް ގުދުވިއެވެ. އަދި ހަމަރީތިކޮށްވެސް ރޯންފަށައިފިއެވެ. ޑޮކްޓަރ ޝިހާބްގެ ހިތަށް ވެރިވެގެން އައީ ނުހިމޭންކަމާއި ކެތްމަދުކަމެވެ. ނަމަވެސް ހައިބަތުހުރި ގޮތެއްގައެވެ.

 

އަވަސްއަވަހަށް ޗާންދްނީގެ ދެއަތުގެ މުލައްދަނޑީގައި ހިފައިމައްޗަށް ނަގައިފިއެވެ. އޭނާ އެއިރުވެސް ރޮނީއެވެ. ޑޮކްޓަރ ޝިހާބްގެ ހިތުގެ ޖަޒުބާތު އޭނާއަށް އަމުރުކުރީ ޗާންދްނީގެ ގައިގާ އޮޅުލައިގަތުމަށެވެ. އެކަމަކު އޭނާ ކަންތައްކުރީ އެހެނެއް ނޫނެވެ. ޗާންދްނީގެ އަތުން ދޫކޮށްލީއެވެ. އަދި ބުންޏެވެ.

 

“ޗަމަންއެވެ. މީ އަހަރެންގެ ސަލްމާއެވެ. މިހާރުން ފެށިގެން ސަލްމާ އެއީ ކަލޭގެ މިލްކެކެވެ. މީނާގެ ހިތް ވަރަށް ނާޒުކްވާނެއެވެ. އެގޮތް ދަންނަން ވާނެއެވެ. ހަނދާން ބަހައްޓަންވާނެއެވެ. ލޯބި ކޮންޓްރޯލް ނުކުރެވިގެންގޮސް މީނާގެ ހިތް ވަސްވާސްތަކާ ޝައްކުގެ ޝިކާރައަކަށް ނިކަން ފަސޭހައިން ވެދާނެއެވެ. އެކަމާ ކަލޭ އެއްގޮތަކަށްވެސް ހިތްނުބައިކޮށްގެން ނުވާނެއެވެ. މީނާގެ ހިތަކީ އިންތިޒާރުގެ ގަޑިތަކަށް ކެތްކުރެވޭނެ ހިތެއް ނޫނެވެ. ކަލޭ ފަހަރެއްގައިވެސް އެގޮތް މެދުވެރިކޮށްގެން ނުވާނެއެވެ. މީނާގެ އޭގެތެރޭގައި މިހާރު އޮތް ހިތުގައި ކުރިންވެސް އުޅުނީ އަހަރެންނެވެ. ނަމަވެސް އެހިތުގައި ދެން އުޅެންވީ ކަލެއެވެ. މީނާގެ ހިތުގައި އުޅޭ މީހަކާ ބެހޭގޮތުން ބޮޑެތި ހުވަފެންތައް ދެކޭނެއެވެ. އެއީ ފަހަރެއްގައިވެސް ދޮގުވާނެ ހުވަފެނެއް ނޫނެވެ. ހަމައެއްގޮތަކަށްވެސް، އެހުވަފެންތަކާމެދު މަލާމާތުގެ ބަހެއް ބޭނުންކޮށްގެން ނުވާނެއެވެ. މީނާ ވަރަށް ބޮޑަށް ފިނިފެންމަލަށް ލޯބި ކުރާނެއެވެ. ކޮންމެ ހެނދުނެއްގައި މިނާއަށް ފިނިފެންމަލެއް ބޭނުންވާނެއެވެ. އެފިނިފެންމާ ކޮންމެ ދުވަހަކުވެސް ދޭނީ އަހަރެންނެވެ.”

 

ޑޮކްޓަރ ޝިހާބް ގުލްދަސްތާއިން ފިނިފެން މަލެއް ބިނދެލިއެވެ. އެއާއެކު ޗާންދްނީގެ ރީތި ހެދުމުގައި ހަރުކޮށްލަދީފިއެވެ.

 

މިހާރު ޗާންދްނީގެ ލޮލުން އޮހޮރެމުން އައިކަރުނައަށް ހިފޭއްޓުމެއް ލިބިއްޖެއެވެ. ދެން ޝިހާބް އޭނާގެ މަންމައާ ބައްޕައަށް އިޝާރާތްކުރަމުން ޗާންދްނީ ގާތު ބުންޏެވެ.

 

“މިތިބީ ކަލޭގެ ބަފައިކަލޭގެއާއި މައިދައިތައެވެ. ކަލެއަކީ އެމީހުންގެ ޅީދަރިފުޅުކަމަށް ބުނާށެވެ…….. ސަލްމާ ކަމަށްވެސް ބުނާށެވެ!”

 

ޗާންދްނީ ޑޮކްޓަރ ޝިހާބްގެ މަންމައާ ބައްޕަގެ އަތުގައި ބޮސްދީފިއެވެ. އޭގެ ފަހުގައި ސަލްމާގެ މަންމައާއި ބައްޕައަށްވެސް، ހަމައެގޮތަށް ތަޢާރަފްކޮށް ދިނެވެ. އެވާހަކައިގެ ތެރޭގައި ޝިހާބް ޗާންދްނީއާއި މުޚާޠަބްކޮށް ބުންޏެވެ.

 

“ޗާންދްނީއެވެ! ތިޔައީ ކަލޭގެ މަންމައާއި ބައްޕައެވެ. މިމީހުން މިތިބެނީ އެމީހުންގެ ދަރިފުޅު މަރުވި ކަމުގެ ހިތާމައިގައެވެ. އެމީހުންގެ ގާތު ބުނެދޭށެވެ. ސަލްމާގެ ހިތް އިހެކޭވެސް އެއްފަދައިން އަހަރެންގެ މޭގެ ތެރޭގައި އެބަ ހަރަކާތްކުރެއެވެ. އެހެންވީމާ ސަލްމާ މަރެއްނުވެއެވެ. ޗާންދްނީ ސަލްމާގެ މަންމަގެ ގައިގައި އޮޅުލައިގެންފިއެވެ. އެދެމައިންގެ ލޮލުން ކަރުނަތައް އޮހެމުން ދިޔަ މަންޒަރު ސިފަކޮށްދިނުމަށް ދުލާއި ޤަލަމް ނުކުޅެދޭ ކަމާމެދަކު އެއްވެސް ވަސްވާހެއް ނެތެވެ. ޑޮކްޓަރ ޝިހާބް ޗަމަންއާ މުޚާތަބްކޮށް އަނެއްކާވެސް ވާހަކަ ދައްކަން ފަށައިގަތެވެ.

 

ޗަމަންއެވެ! މިހާރުން ފެށިގެން ކަލެއަކީ ޝިހާބެވެ. އަހަރެންނަކީ ޗަމަންއެވެ. ކަލޭގެ ސަލްމާ މަރެއްނުވެއެވެ. އަހަރެންގެ ޗާންދްނީ މަރުވީއެވެ.”

 

ޗާންދްނީ މަންމައާ ވަކިވެގެން އައިސް އަނެއްކާވެސް ޑޮކްޓަރ ޝިހާބްގެ ފައިތިލަމައްޗަށް ގުދުވެއްޖެއެވެ. އޭނާ ރޮވިފައިވާ އަޑަކުން ބުނަނީއެވެ.

 

“ތިޔައީ ހެއުކަމާ ތަޤްވާގެ ލާމަސީލު ނަމޫނާއެކެވެ. ތިޔަފަދަ މީހަކަށް ހުރިހާ ހިތަކުންވެސް މަޤާމް ލިބޭނެއެވެ. އަޅުގަނޑު ކޮންމެ ހެނދުނެއްގައި، ކަލާގެ ފިނިފެންމަލަށް އިންތިޒާރުކުރާނަމެވެ.”

 

ޑޮކްޓަރ ޝިހާބް ނޭވާ ހިފަހައްޓާލައިގެން ހުއްޓެވެ. އެންމެން ރޮނީއެވެ. ނަމަވެސް ޗާންދްނީ ރޮނީ ކަމަކަށް ނުދެންނެވޭނެއެވެ. އޭނާއަށް ރޮވެމުންގޮސް ވަރުބަލިވެ ގިސްލެވެނީއެވެ.

ނިމުނީ

 

ލިޔުން ނެގީ: ދިވެހި ޑައިޖެސްޓްގެ 31 ވަނަ ޢަދަދުން

ޢަލިބެ ދޮހޮއްކޮ ދޮން ޢަލިފުޅު (ޢ.ދ.ޢ)

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.