ތިއްޖެހި ތާކިހާކޮލި
މިއީ ރާއްޖޭގެ ފަރުތަކުގައި ހުންނަ ހޮހަޅަތަކުގައްޔާއި މުރަކަތަކުގެ ނިވަލުގައި އުޅޭ ކުޑައިސްކޮޅެއްގެ ތާކިހާކޮއްޔެކެވެ. މިމަސް އެންމެ ބޮޑުވަނީ 7.5 ސެންޓިމީޓަރަށެވެ. މިއީ ވަރަށް ބޮޑަށް ފިލައިގެން އުޅޭ މަހެއްކަމުން ޢާއްމުކޮށް ފަރުމައްޗަށް އެރިއުޅޭ ފަރާތްތަކަށާއި އަޑިއަށް ފީނާއުޅޭ މީހުންނަށް މިބާވަތުގެ ކޮލި ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިބާވަތުގެ ތާކިހާކޮއްޔަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްސަ ނަމެއް ކިޔާއުޅޭ ކަމަށް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ސިފައަށް ވިސްނާ މިމަހަށް “ތިއްޖެހި ތާކިހާކޮލި” ކިޔާ ނަންދީފައިވަނީއެވެ. މިއީ ވަރަށް ފަރި މަހެކެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ނުވަތަ 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައިވެސް 9 ނުވަތަ 10 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 16 އާއި 18 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ މުށިނާރިނގު ކުލައެކެވެ. މުޅި މަހުގައި ފަނޑު ފެހިނޫ ކުލައެއްގެ ތިއްތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. އަދި މިކުލައިގެ ރޮނގުތަކެއް ލޮލުގެ ވަށައިގެން ހުރެއެވެ. މަހުގެ ނިގޫފަތާއި ކޮތަރިތައް ހުންނަނީ ވަރަށް ފަނޑު މުށި ކުލައެއްގައެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިފަދަމަސް ކެއުމުން އިންސާނުން ވިހަވެ ނުރައްކަލާ ކުރިމަތިލާން ޖެހިދެއެވެ. ވުމާއެކު މިއީ އެއްގޮތަކަށްވެސް ކައިގެންވާނޭ މަހެއްނޫނެވެ.
ހަލުވި ތާކިހާކޮލި
މިއީ ތިލަފަރުމަތީގައްޔާއި ފަރުމައްޗަށް ރާޅު ބިންދާ ހިސާބުތަކުގައި ޢާއްމުކޮށް އުޅޭ ތާކިހާކޮލީގެ ބާވަތެކެވެ. މިއީ ތާކިހާކޮލީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބާރަށް ދަތުރުކުރާ ބާވަތްކަމަށްވެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއްނޫނެވެ. މިބާވަތުގެ ތާކިހާކޮއްޔަށް ވަކި ޚާއްސަ ނަމެއް ކިޔާ ނޫޅޭތީ މަހުގައި ފާހަގަކުރެވޭ އެންމެ ޚާއްސަ އެއްސިފަކަމަށްވާ ހަލުވި ޙަރަކާތްތަކަށް ބަލާ “ހަލުވި ތާކިހާކޮލި” ކިޔާ ނަންދީފައިވަނީއެވެ. ހަލުވި ތާކިހާކޮލި ޢާއްމުގޮތެއްގައި މޫދު ފެއްސާއި މޫދުއަޑީގައި އުޅޭ އެކިއެކި ކުދިކުދި ދިރުންތައް ކައިހަދައެވެ. މިކޮލި އެންމެ ބޮޑުވަނީ 15 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ނުވަތަ 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 10 ނުވަތަ 11 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 16 ނުވަތަ 17 މަޑުކަށިހުރެއެވެ. މަހުގެ ތުންހުންނަނީ މޫކޮށެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ކުޑަކޮށް ވަށްކޮށެވެ. މަހުގެ ކުލައަކީ މުށި ކުލައެވެ. މިކުލަ ބަނޑުދަށްފަރާތުގައި ހުންނަނީ ވަރަށް ފަނޑުކޮށެވެ. މަހުގައި ފަނޑު ނޫކުލައިގެ ތިކިތަކެއް ފާޅުކޮށްހުރެއެވެ. މަހުގެ ލޮލުގެ ވަށައިގެން ކައްޗަކަށް ހުންނަ މަޑުނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކޯތާފަތްމަތީގައި ކެނޑިކެނޑިފައި ހުންނަ ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ.
ލިޔުން ނެގީ: ފިޝަސް އޮފް ދަ މޯލްޑިވްސް
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ