އީދަށް މަރުހަބާކިޔައި އީދު ބަލައިގަންނާށެވެ!

އަދި މި އީދުގައި ވެސް އެންމެނަށް ބަރަކާތްލައްވާށިއެވެ!

އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަލުން އާލާވެދާހުށިކަމެވެ!

 

މިއީ 1982 ގައި ނިކުތް ފިލްމު ތީސްރީ އާންކްހ (ތިންވަނަ ލޯ) ގެ ‘އީދު ކޭ ދިން މިލް ލަގޭ ރާޖާ’ (އީދު ދުވަސް ބަލައިގަނެ [އެންމެނާ އީދުގެ ސަލާންކުރާށެވެ، އެކުވެރިޔާއެވެ!])، މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވައިގައި އީދު ދުވާހާއި މުނާސިބު ވަރަށް ރީތި ނަބީލު (ނޯބަލް) މާނައެއް އެކުލެވިގެންވެއެވެ. މި މާނައިގެ މައްޗަށް ކުރުގޮތަކަށް ނަމަވެސް އަލިއަޅުވާލަން ގަސްދުކުރަމެވެ.

 

ލަވަ ފެށެނީ ލަވައިގައި ފާޅުކުރެވޭ އެދުންތަކުގައާއި އުއްމީދުތަކުގައި ހަގީގަތަކަށްވެ، އެގޮތުން އެންމެންގެ އީދުގައިވެސް ބަރަކާތްލެއްވުމަށް، އާދެ، ލާބައާއި މަންފާ ލެއްވުމަށް، އެދި ދުއާކުރަމުންނެވެ.

 

ލަވައިގައި އެންމެ ފުރަތަމަ ފާޅުކުރެވޭ އެދުމަކީ މި ބަރަކާތްތެރި ދުވަހު، ބީރައްޓެހި ނުވެ، އެންމެން ވެސް އެކަކު އަނެކަކާ ސަލާންގަލާންކުރުމަށެވެ. އާދެ، އެންމެންގެ މެދުގައިވާ ތަފާތުތައް މަތިން ހަނދާންނައްތާލައި އެންމެންނަކީ ވެސް އަޚުވަންތަ ބައެއްކަން އަމަލީ ގޮތުން ދައްކާލުމަށެވެ. “ދޫރު ބައިޓާ ހޭ ކިޔޫ، ޕާސް އާޖާ، އީދު ކޭ ދިން ގަލޭ މިލޭ ރާޖާ!” ‘ދުރުގައި ތި ހުންނަނީ ކީއްވެ ހެއްޔެވެ؟ ކައިރިއަށް އައިސް އީދު ދުވަސް ބަލައިގަނެ އެކަކު އަނެކަކާއި ބައްދައި ސަލާން ކުރާށެވެ! ރަހުމަތްތެރިޔާއެވެ!” މިއީ އީދާއި ގުޅިފައި އޮންނަ އިސްލާމީ އާދައަކާއި ގުޅޭ ކަމެކެވެ. އީދު ދުވަހު ހެނދުނު އީދު ނަމާދުކޮށް އީދު ޚުތުބާ އިއްވުމަށްފަހު، އިމާމު އެންމެނާ މުޚާތަބުކޮށް ބުނާ ބުނުމަކާއި މިވާހަކަ ގުޅެއެވެ. އާދެ، އީދު ޚުތުބާ ނިމުމުން، އެންމެން ތެދުވެ އެކަކު އަނެކަކާއި ސަލާންކޮށް އީދުގެ ތަހުނިޔާ ކިޔުމަށް އިމާމު މީހާ ބުނާ ބުނުމާއިއެވެ.

 

ލަވައިގައި ދެން އެދެނީ އެންމެންވެސް ލަވައިގައި ބައިވެރިވުމަށެވެ. ލަވައިގެ މައިކަޑި ކިޔައި އަތްޖެހުމަށެވެ. އާދެ، އީދުގެ އުފާ އެންމެންވެސް ހިއްސާކުރުމަށެވެ. އަދި އެންމެންނަކީވެސް އެކުވެރި އެއްބައިވަންތަ ބައެއްކަން އިހުސާސުވެ ދިޔުމަށްޓަކައެވެ. މި އިހުސާސު އުފެދިއްޖެނަމަ، ނަތީޖާއަކީ ކޮބައިތޯއެވެ؟ ޒަޚަމް ބީހ ސިލް ގަޔޭ، ޕޫހލް ބީހ ކިލް ގަޔޭ – މީސްތަކުންގެ ހިތްތަކުގައި އިއްޔެ އުފެދި ބިންވަޅުނެގިފައިވާ ދެކޮޅުވެރިކަމާއި ދުޝްމަނުކަމުގެ ފާރުތައް ފަސޭހަވެ ނެތި ދިޔުމެވެ. އަދި މި އީދަކީ މާޒީވެދިޔަ ހުރިހާ ދެބަސްވުންތަކާއި ކޯޅުންތައް ހަނދާންނައްތާލައި ކުރިއަށްއޮތް ތަނުގައި ކުރެވިދާނެ ފައިދާހުރި ކަންތައްތަކާއި މެދު ވިސްނާ ފިކުރުކޮށްލަން ލިބޭ ވަރަށްވެސް ރަނގަޅު ފުރުސަތެކެވެ. “ސަބް ގިލޭ ބޫހލް ކަރް … އާގޭ ހޯތާ ހައި ކިޔާ ދޭކްތާ ޖާ”. އެހެންވެ އެކަކު އަނެކަކާއި ބައްދަލުކޮށް ހީލާއި ހިތްހެޔޮކަމާއި އެކު ވާހަކަ ދައްކާލަންވީއެވެ. ރީތި ގޮތްތައް އެންމެންގެ މެދުގައި ފަތުރައި ކުޑަނަމަވެސް ޚައިރާތެއް، ސަދަގާތެއްފަދަ ހެޔޮކަމެއް، ކޮށްލަންވީއެވެ.  އަދި، އެންމެން އުފާކުރަމުންގެންދާއިރު، އޭނާގެ ހާލަތު ނިޔާކުރާގޮތުން އީދުގެ އުފަލުގައި ބައިވެރިވުމުން މަހުރޫމުވެފައިވާ އަޚާގެ ލޮލަށް ފިނިކަމެއް ގެނެސްދީ އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދެވޭތޯވެސް މަސައްކަތްކުރަންވީއެވެ.

 

އާދެ، ރަހުމަތްތެރިއަކީ އޭނާގެ ރަހުމަތްތެރިންނަށް ކަމޭހިތާ އެހީ ފޯރުކޮށްދޭންޖެހޭ ވަގުތުތަކުގައި އެހީވެދޭ މީހާއެވެ. އީދު ދުވަހަކީ އެފަދަ ރަހުމަތްތެރިން މަތިން ވަކިން ޚާއްސަކޮށް ހަނދާންކޮށް އެމީހުންނާއި އީދުގެ ސަލާން ކޮންމެހެންވެސް ކުރަންޖެހޭނޭ ބައެކެވެ. އާދެ، “ޔާރު ހައި އުސްކާ ނާމް ޖޯ އާއޭ ޔާރޯނ ކާ ކާމް، އޭކް ދޯ ޗާރް ކިޔާ އުސްކޯ ލާކޯނ ސަލާމް”!

 

ލަވަ ނިންމާލަނީ މިހުރިހާ ވާހަކައެއް ޚުލާސާކޮށް އިއްވާލަމުންނެވެ. އީމާންކަމަކީ، އިލާހުވަންތަ ފަރާތެއް ވޮޑިގެންވާކަން ގަބޫލުކުރުމަކީ އެކަކު އަނެކަކަށް ލޮބުވަތައި ކަމޭހިތުމެވެ. މި ސިފައަކީ ހަމަ އެކަނި ވަކިބަޔަކަށް ލިބިފައިވާ ސިފައެއްނޫނެވެ. މިއީ އިންސާނީ ސިފައެކެވެ. އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ސިފައެކެވެ. ކޮންމެ މީހެއްވެސް އޭނާ އިންސާނަކަށްވިޔަތީވެ، އޭނާގެ ކިބައިގައި ހެޔޮލަފާ މީހަކަށްވެ، އެހެން މީހުންނަށް ކަމޭހިތުމުގެ އެކަށޭނަކަން ލިބިގެންވެއެވެ. މިސިފަ ފަހަރެއްގައި އޭނާގެ ނަފްސުގައި ފޮރުވިފައި އޮވެދާނެއެވެ. މި އީދަކީ މިކަމާ ދޭތެރޭވިސްނާލައި، މުއުމިނާގެ މިސިފަ ދައްކާލުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެކެވެ. އާދެ، ލަވައިގައި ބުނެފައިވާ ފަދައިން، “ޕިޔާރު  ޕަރްދޭސޭ ބާހަރް ތޫ އާޖާ”. އެކަކު އަނެކަކަށް ލޮބުވަތައި، ކަމޭހިތުމުގެ ސިފަ، ތިމާގެ ހަށިގަނޑުގައި ފޮރުވިފައިވާ ފަރުދާގެ ތެރެއިން ނެރެ ބޭރުކޮށްލައި، އެކަން އަމަލީގޮތުން މިއަދު ދައްކާލަން ވީއެވެ. އީދު ބަލައިގަނެ އެކަކު އަނެކަކާއި އީދުގެ ސަލާން ކުރަމުންނެވެ! އީދު މުބާރިކުގެ ތަހުނިޔާ ކިޔަމުންނެވެ. އާދެ، އެންމެންގެ އީދުގައިވެސް ބަރަކާތް، ލާބައާއި މަންފާ ލެއްވުމަށް އެދި ދުއާކުރާ ހާލުއެވެ.

 

ދެން ލަވައިގެ ތަރުޖަމާއެއް ހުށަހަޅާލަމެވެ.

 

ޔެ އަރްމާނު މުބާރަކް ހޯ

ޔެ އުއްމީދު މުބާރަކް ހޯ

ސަބްކޯ އީދު މުބާރަކް ހޯ

އީދު ކޭ ދިން ގަލޭ މިލް ލެ ރާޖާ

ދޫރު ބޭޓާހ ހައި ކިޔޫ، ޕާސު އާޖާ

މި އެދޭ އެދުންތަކުގައި ބަރަކާތްލައްވައި (މިކަންކަން ހަގީގަތަކަށް ވެދާ) ހުށިކަމެވެ!

މި އުއްމީދުތަކުގައި ބަރަކާތްލައްވައި (މިކަންކަން ހަގީގަތަކަށް ވެދާ) ހުށިކަމެވެ!

އެންމެންގެ އީދުގައި ވެސް ބަރަކާތް ލައްވާހުށިކަމެވެ!

 

ޗޭހޅު ކަހލީ ޒަރާ ދޭކެ ތަލީ ޒަރާ

ރަންގު ޕެ އާޔީ ފިރް ކަވާލީ ޒަރާ

ޒަޚަމް ބީހ ސިލް ގަޔޭ

ޕޫހލް ބީހ ކިހލް ގަޔޭ

ސަބް ގިލޭ ބޫހލް ކަރް ހަމް ގަލޭ މިލް ގަޔޭ

އާގެ ހޯތާ ހައި ކިޔާ ދެކްގހތާ ޖާ

(މި ލަވައިގެ) މައިކަޑީގައި އެންމެންވެސް ހިފައި ކިޔައި (ލަވައިގައި ބައިވެރިވެ) އަތްޖަހާށެވެ!

އޭރުން މި ކައްވާލީގެ ކުލަޖެހި، އެއަށް ދިރުން ލިބޭނެއެވެ!

(މިހާރު، ހިތުގެ) ޒަޚަމުތައް ފަސޭހަވެއްޖެއެވެ!

(އަދި، ހަޔާތުގެ މާބަގީޗާގައި އެކުވެރިކަމުގެ) މާތައް ފޮޅި (އުފާވެރިކަން އަތުވެއްޖެއެވެ)

އަދި ހުރިހާ ޝަކުވާތަކެއްގެ މަތީން ހަނދާންނެތި ކަރާއިކަރުޖައްސައި ސަލާންކުރެވިއްޖެއެވެ!

އަދި ކުރިމަގުގައި ކަންތައްތައް ވާނޭގޮތް ދެކެމާ އަންނާށެވެ!

 

ޔޫ މުލާގާތު ކަރް ހާނސް ކެ ތޫ ބާތު ކަރް

ހުސްނު ކޯ ބާތު ދޭ ޚައިރާތު ކަރް

އުސްކި މަޖުބޫރިޔާން އާޖު ބީހ ދޫރިޔާނ

ހަރް ތަރަފް ރޯޝަނީ ދިލް މެ ބޭ ނޫރިޔާނ

ނޫރު ބަން ކޭ ނަޒަރް މޭ ޝަމާ ޖާ

އެންމެންވެސް އައިސް އެކަކު އަނެކަކާއި ބައްދަލުކޮށް ހީނލާފައި ވާހަކަދައްކަމާ އަންނާށެވެ!

އަދި، އޭނާގެ (ހާލަތު އޭނާ) ދުރުގައި ހުންނަން މަޖުބޫރުކުރުވާ މީހާއެވެ.

މުޅި ހުރިހާ ދިމާއެއް އަލިކޮށްފައިވާއިރުވެސް، އޭނާގެ ހިތްވަނީ އަލިކަމުން، އުފަލުން، މަހުރޫމުވެފައެވެ.

އެހެންވެ، އޭނާގެ ލޮލަށްވެސް އަލިކަން ގެނެސް އޭނާގެ ނަފްސުގައިވެސް އުފާވެރިކަން އަށަގެންނަވާލާށެވެ!

 

ޔާރު އުސް ކޯ ނާމް ޖޯ އާޔޭ ޔާރޯނ ކެ ކާމް

އޭކު ދޯ ޗާރު ކިޔާ ލާކޯހނ ސަލާމް

ޕިޔާރް އިމާނު ހައި ޕިޔާރު ބަހގްވާނު ހައި

ޕިޔާރު ނާ ހިނދު ހައި ޕިޔާރު ނާ މުސްލިމާނު ހައި

ޕިޔާރު ޕަރުދާ ސެ ބާހަރު ތު އާޖާ

ރަހުމަތްތެރިއެކޭ އެމީހަކަށް ކިއެނީ އެހެން މީހުންގެ ކަންތައްތައް ކޮށްލަދީ އެހީތެރިވެ އުޅޭ މީހާއަށެވެ.

އެފަދަ މީހުންނާއި އެއްފަހަރު، ދެފަހަރު، އަދި ހަތަރު ފަހަރު ކީއްކުރަން ހެއްޔެވެ؟ ހާސްފަހަރުވެސް (އީދުގެ) ސަލާންކޮށް މަރުހަބާކިޔަމެވެ!

އީމާންތެރިކަމުގެ ޖައުހަރަކީ، ހަގީގަތަކީ، އެކަކު އަނެކަކަށް ލޮބުވަތައި ކަމޭހިތުމެވެ. އަދި ކަލަކު ވޮޑިގެންވާކަން ގަބޫލުކުރުމުގެ އަސްލަކީ، އަސާސަކީ، ވެސް  އެކަކު އަނެކަކަށް ލޮބުވަތައި ކަމޭހިތުމެވެ.

އެކަކު އަނެކަކަށް ލޮބުވަތައި ކަމޭހިތުމުގެ ސިފައަކީ ހަމައެކަނި ހިންދީންގެ ކަމެއް ނޫނެވެ. އަދި އެއީ ހަމައެކަނި އިސްލާމީ ކަމެއްވެސް ނުމެނޫންމެއެވެ.

(އެކަކު އަނެކަކަށް ލޮބުވަތައި ކަމޭހިތުމަކީ މީހާގެ އިންސާނިވަންތަކަމާއި ގުޅިފައިވާ ކަމަކަށް ވާއިރު،) ފަރުދާގެ ތެރެއިން މި ސިފަ ބޭރަށް ނެރެ އެންމެންގެ ތެރޭގައި އެކަން ފަތުރާލަމާ އަންނާށެވެ!

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.